މަސްދަރު ހާމަކުރަން ޖެހޭ އިސްލާހާ ދެކޮޅަށް ނޫސްވެރިން މަޖިލިސް ދޮށުގައި 30 ޖޫން 2022 ވަނަ ދުވަހު އިހުތިޖާޖު ކުރަނީ. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ނޫސްވެރިކަން

މަސްދަރު ހާމަކުރަން އެންގޭނީ ހައި ކޯޓަށް ކަމަށް ކަނޑައަޅަން ގާނޫނު އިސްލާހު ކުރަނީ

ގައުމީ ސަލާމަތަށް ނުރައްކާވާ ހާލަތްތަކާއި ޓެރަރިޒަމްގެ އަމަލުތަކަކީ ކޮބައިކަން ގާނޫނުގައި ސާފުކޮށް ބަޔާންކުރަން އިސްލާހު ހުށަހަޅަން ވެސް ވަނީ ނިންމާފައި
25 ސެޕްޓެމްބަރު 2022

ނޫސްވެރިންނަށް މަސްދަރު ހާމަކުރަން އެންގޭނީ ހައި ކޯޓަށް އެކަނި ކަމަށް ކަނޑައަޅަން ހެއްކާ ބެހޭ ގާނޫނަށް ގެންނަ އިސްލާހު މި ހަފްތާގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމާފައިވާ ކަމަށް އެޓާނީ ޖެނެރަލް (އޭޖީ)ގެ އޮފީހުން މިއަދު ބުނެފި އެވެ.

މައްސަލައިގެ ފެށުން - ނޫސްވެރިންނަށް މަސްދަރު ހާމަކުރަން މަޖުބޫރުކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ހެއްކާ ބެހޭ ބިލު މަޖިލީހުން ފާސްކޮށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު 18 ޖުލައިގައި ތަސްދީގު ކުރެއްވި އިރު، ނޫސްވެރިން ދިޔައީ އެކަމާ މެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެ ގާނޫނު މިހާރު އޮތް ގޮތުން:

  • މައްސަލައެއްގައި ހިމެނޭ މީހަކު ހުށަހަޅާ ހުށަހެޅުމުގެ މައްޗަށް ބިނާކޮށް ޝަރީއަތުން ކަނޑައަޅާ ގޮތެއްގެ މަތިިން ނޫސްވެރިޔާގެ މައްޗަށް ނުވަތަ މީޑިއާއަކަށް މަސްދަރު ހާމަކުރަން މަޖުބޫރު ކުރެވިދާނެ؛ އެ ގާނޫނުގައި ވަކި ކޯޓެއް ކަނޑައަޅާފައެއް ނެތް

  • ގައުމީ ސަލާމަތަށް ނުރައްކާވާ ހާލަތްތަކާއި ޓެރަރިޒަމްގެ އަމަލުތަކަކީ ކޮބައިކަން އެ ގާނޫނުގައި ސާފުކޮށް ބުނެފައެއް ނުވޭ

  • ބިލުގެ 136 ވަނަ މާއްދާ އަކީ ނޫސްވެރިންނާއި މައުލޫމާތު ދޭން ތިބޭ ފަރާތްތަކަށް ކުރިމަތިވާނެ ގޮންޖެހުމަކަށް ވާތީ މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އާއި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ން އެ މާއްދާ އުނި ކުރުމަށް ގޮވާލާފައިވޭ

  • ނޫސްވެރިޔާ އާއި ނޫސްވެރިޔާގެ މަސްދަރު ވެސް ނުރައްކަލަށް ހުށަހެޅިގެން ހިނގައިދާނެ ފަދަ ހާލަތެއް މި ގާނޫނުގައިވާ ކަމަށާއި އެކަމުގެ ސަބަބުން ނޫސްވެރިން ޖަލަށްލުމުގެ ފުރުސަތު ވެސް އެބަ އޮތް ކަމަށް ނޫސްވެރިންގެ ޖަމިއްޔާތަކުން ބުނެފައިވޭ

ހެއްކާ ބެހޭ ގާނޫނާ ގުޅޭ ގޮތުން ނޫސްވެރިންގެ ކަންބޮޑުވުންތައް އެމްޖޭއޭގެ ފަރާތުން ރައީސް ސޯލިހާ ހިއްސާކުރަން މީގެ ކުރިން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން. (ފޮޓޯ/ރައީސް އޮފީސް)

ވީ ކިހިނެއް؟ - އޭޖީ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ ހެއްކާ ބެހޭ ގާނޫނަށް އިސްލާހު ގެންނަން ނިންމީ އެ ގާނޫނުގެ 136 ވަނަ މާއްދާގެ ދަށުން، ނޫސްވެރިންނަށް މައުލޫމާތު ދޭ މަސްދަރު ހާމަކުރަން މަޖުބޫރު ކުރެވުމުގެ ސަބަބުން ނޫސްވެރިންގެ މެދުގައި ކަންބޮޑުވުންތަކެއް އުފެދިފައިވާތީ، އެކަން ކަމަށް ހައްލެއް ހޯދައިދިނުމަށެވެ.

ތަފްސީލް - ސަރުކާރުން ހުށަހަޅާ އިސްލާހުތަކުގެ ތެރޭގައި ހިމެނެނީ، އޭޖީ އޮފީހުން ބުނި ގޮތުގައި:

  • ގައުމީ ސަލާމަތާ ގުޅުން ހުރި ކުށްތަކަކީ ރާއްޖޭގެ ސިޔާދަތަށާއި އިސްްތިގުލާލަށް އަދި މީހެއްގެ ނުވަތަ ބައެއްގެ ޖިސްމާއި ފުރާނައަށް ނުވަތަ މުދަލަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާން މަގުފަހިކުރާ އަމަލުތައް އެކުލެވޭ ކުށްތައްކަން އިތުރަށް ސާފުވާނެ ފަދައިން ބަޔާން ކުރުން

  • ޓެރަރިޒަމްގެ ކުށްތަކަކީ ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައި ބަޔާންކުރާ ކުށްތައް ކަމަށް ކަނޑައެޅުން 

  • ނޫސްވެރިންނަށް މައުލޫމާތު ދޭ މަސްދަރު ހާމަކުރުމަށް ލާޒިމްކުރުމުގައި ކޯޓުން ރިއާޔަތް ކުރަން ޖެހޭ ކަންކަން ކަނޑައެޅުން

  • ނޫސްވެރިންނަށް މައުލޫމާތު ދޭ މަސްދަރު ހާމަކުރަން ޖެހޭ ކަމަށް ނިންމާނީ ހައި ކޯޓުން ކުރާ އަމުރެއްގެ ދަށުން ކަމަށް ކަނޑައެޅުން

އޭޖީ އޮފީހުން ބުނި ގޮތުގައި، މި އިސްލާހުތަކުގެ ބިލު އެކުލަވާލާފައި ވަނީ އެމްޖޭއޭގެ އިތުރުން، މޯލްޑިވްސް އެޑިޓާސް ގިލްޑް (އެމްއީޖީ) އާއި އެ ނޫން ވެސް ކަމާ ބެހޭ ފަރާތްތަކާ އެކު މަޝްވަރާ ކުރުމަށް ފަހު އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް