ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް ބިލެއް ތަސްދީގު ކުރައްވަނީ. (ފޮޓޯ/ ރައީސް އޮފީސް)

ނޫސްވެރިކަން

މަސްދަރު ހާމަކުރަން މަޖުބޫރު ކުރާ ބިލު ތަސްދީގު ކުރުމުން ބޭރުގެ ނުރުހުން

މަޖިލީހުން ފާސްކުރި ބިލު ރައީސް މިހާރު ގާނޫނަކަށް ހައްދަވާފައި ވާއިރު، އެކަމާ ގުޅިގެން ނޫސްވެރިކަމާ ގުޅޭ ބައިނަލްއަގުވާމީ އެކި ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން
20 ޖުލައި 2022

ނޫސްވެރިންނަށް މަސްދަރު ހާމަ ކުރަން މަޖުބޫރު ކުރެވޭ ގޮތަށް އެކުލަވާލައި ރައްޔިތުންގެ މަޖިލީހުން ފާސްކުރި ހެއްކާ ބެހޭ ބިލު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރެއްވުމުން ބައިނަލްއަގުވާމީ އެކި ފަރާތްތަކުގެ ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

މައްސަލައިގެ ފެށުން - ބައެއް ހާލަތްތަކުގައި ނޫސްވެރިން ލިޔާ ހަބަރުތަކުގެ މަސްދަރު ހާމަ ކުރަން މަޖުބޫރު ކުރަން ކޯޓުން ކަނޑައެޅޭނެ ގޮތަށް އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުން ފާސް ކުރި ހެއްކާ ބެހޭ ބިލު މިދިޔަ އާދީއްތަ ދުވަހު ރައީސް ސޯލިހު ވަނީ ތަސްދީގު ކުރައްވައިފަ އެވެ. އެގޮތުން:

  • މައްސަލައެއްގައި ހިމެނޭ މީހަކު ހުށަހަޅާ ހުށަހެޅުމުގެ މައްޗަށް ބިނާކޮށް ޝަރީއަތުން ކަނޑައަޅާ ގޮތެއްގެ މަތިިން ނޫސްވެރިޔާގެ މައްޗަށް ނުވަތަ މީޑިއާއަކަށް މަސްދަރު ހާމަކުރަން މަޖުބޫރު ކުރެވިދާނެ ކަމަށް އެ ގާނޫނުގައި ބަޔާންކޮށްފައިވޭ

  • ޓެރަރިޒަމްގެ ކުށްތަކާއި ގައުމީ ސަލާމަތާ ގުޅުންހުރި ކަންކަމުގައި މަސްދަރު ހާމަ ކުރަން ކޯޓު އަމުރެއްގެ ދަށުން އެންގިދާނެ ކަމަށް އޮވޭ

  • ނޫސްވެރިން ފާޅުކުރާ މައިގަނޑު ކަންބޮޑުވުމަކީ މަސްދަރު ހާމަކުރަން މަޖުބޫރު ކުރެވޭ ހާލަތްތައް ސަރީހަކޮށް މާނަ ކޮށްފައި ނެތުމުން އެ ހާލަތްތައް ފުޅާކޮށް މާނަކޮށްގެން ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއަޅާފާނެތީ

ވީ ކިހިނެއް؟ - މަޖިލީހުން ފާސްކުރި ބިލު ރައީސް މިހާރު ގާނޫނަކަށް ހައްދަވާފައި ވާއިރު، އެކަމާ ގުޅިގެން ނޫސްވެރިކަމާ ގުޅޭ ބައިނަލްއަގުވާމީ އެކި ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެެވެ.

ތަފްސީލު - ނޫސްވެރިންގެ ހައްގުގައި މަސައްކަތް ކުރާ ބައިނަލްއަގްވާމީ ޖަމިއްޔާއެއް ކަމަށްވާ އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސް (އައިއެފްޖޭ) އިން ބުނީ، ބިލު ތަސްދީގު ކުރަން ނިންމި ނިންމުން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއާ)އާ އެކު އެ ފެޑެރޭޝަނުން ވެސް ކުށްވެރި ކުރާ ކަމަށެވެ.

ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް (ސީޕީޖޭ) އިން ބުނީ، އެ ބިލު ތަސްދީގު ކުރަން ރައީސް ސޯލިހު ނިންމެވި ނިންމެވުމާ މެދު ކަންބޮޑުވާ ކަމަށެވެ.

ބިލު ތަސްދީގު ކުރި ކަމުގެ ހަބަރެއްގެ ލިންކަކާ އެކު އިންޓަނޭޝަނަލް ޕްރެސް އިންސްޓިޓިއުޓް (އައިޕީއައި) އިން ކުރި ޓްވީޓެއްގައި ބުނީ، ނޫސްވެރިންނަށް މަސްދަރު ހާމަ ކުރަން މަޖުބޫރު ކުރެވޭ ގޮތަށް އޮތް ހެއްކާ ބެހޭ ބިލު ރައީސް ތަސްދީގު ކުރުުން ކުށްވެރި ކުރާ ކަމަށެވެ. އެކަމުގެ ސަބަބުން ނޫސްވެރިކަމުގެ މިނިވަންކަމަށް ވަރަށް ބޮޑު ނުރައްކަލެއް އޮތް ކަމަށް ވެސް އެ ތަނުން ބުންޏެވެ.

ހިއުމަން ރައިޓްސް ވޮޗްގެ އެސޯސިއޭޓް އޭޝިއާ ޑިރެކްޓާ ޕެޓްރީޝިއާ ގޮސްމަން ވިދާޅުވީ، އެ ބިލު ތަސްދީގު ކުރުމަކީ ރާއްޖޭގެ މީޑިއާގައި ފަހަތަށް އެޅުނު ފިޔަވަޅެއް ކަމަށެވެ.

އެމްނެސްޓީ އިންޓަނޭޝަނަލްގެ ދެކުނު އޭޝިއާގެ ކެމްޕެއިނާ ސާދު ހައްމާދީ އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެ ގާނޫނުގެ ސަބަބުން އާންމު ފަރާތްތަކުން އާންމު މަސްލަހަތާ ގުޅުން ހުރި ކަންކަމުގެ މައުލޫމާތު ސިއްރުން ނޫސްވެރިންނަށް ފޯރުކޮށްދިނުމުގައި އެޅޭނެ ހުރަސްތަކަށް ވިސްނަން ޖެހޭނެ ކަމަށެވެ. އެގޮތުން، މަސްދަރު ހާމަވުމުން އިންޒާރުތަކާ ވެސް ކުރިމަތިލާން ޖެހިދާނެކަން އޭނާ ފާހަގަކުރެއްވި އެވެ

އެނގުން މުހިންމު -  ހެއްކާ ބެހޭ ބިލު މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި އޮތް އިރު، އެ ބިލުގެ 136 ވަނަ މާއްދާއަކީ ނޫސްވެރިންނާއި މައުލޫމާތު ދޭން ތިބޭ ފަރާތްތަކަށް ކުރިމަތިވާނެ ގޮންޖެހުމަކަށް ވާތީ ނޫސްވެރިންގެ ޖަމްއިއްޔާ، އެމްޖޭއޭ އާއި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ން ވަނީ އެ މާއްދާ އުނި ކުރުމަށް ގޮވާލައިފަ އެވެ. އަދި ފަހުން ބިލަށް ގެންނަން ބޭނުންވާ ބަދަލުތައް ވެސް ހުށަހެޅި އެވެ.

މަސްދަރު ހާމަކުރަންޖެހޭ އިސްލާހާ ދެކޮޅަށް ނޫސްވެރިން މަޖިލިސް ދޮށުގައި އިހުތިޖާޖު ކުރަނީ. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ޖަމިއްޔާތަކުން އެދުނު ގޮތަށް ބެލުމެއް ނެތި ބިލު ފާސް ކުރަން ފޮނުުމުން ނޫސްވެރިން އެ ދުވަހު ވަނީ މަޖިލިސް އިދާރާ ކުރިމަތީގައި އެކަމާ ގުޅިގެން އިހްތިޖާޖު ވެސް ކޮށްފައިވެ އެވެ.

ރައީސް އެ ބިލު ތަސްދީގު ނުކޮށް ބަދަލުތައް ގެނައުމަށް އަލުން ފޮނުވާލުމަށް ގޮވާލައި 158 ނޫސްވެރިއަކު ސޮއިކޮށް ރައީސް އޮފީހަށް ޕެޓިޝަނެއް ވެސް ހުށަހެޅި އެވެ. ނަމަވެސް، ބިލު ތަސްދީގު ކުރީ އެ ޕެޓިޝަނާ ގުޅިގެން ރައީސް ސޯލިހު އެއްވެސް އެއްޗެއް ވިދާޅުވުމެއް ނެތި އެެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް