ކޮންޓްރޯލު ބިލާ ދެކޮޅަށް ނޫސްވެރިން މަޖިލިސް ދޮށުގައި އަޑުއުފުލަނީ

ކޮންޓްރޯލް ބިލު ފާސްކޮށްފި؛ މިނިވަން ނޫސްވެރިކަމަށް ކަޅު ދުވަހެއް

އެ ބިލު ފާސްކުރީ މަޖިލީހުގެ ތަޅުމުގައި އިދިކޮޅު މެމްބަރުން އަދި ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކާއި މަޖިލީހުގެ އިދާރާ ވަށައިގެން ނޫސްވެރިންނާއި ގިނަ އަދަދެއްގެ އާންމުން އެ ބިލު ބޭރުކުރަން ގޮވާލާ އިހުތިޖާޖު ކުރަމުންދަނިކޮށް
16 ސެޕްޓެމްބަރު 2025
2

މީޑިއާ ރެގިއުލޭޓުކުރުމުގެ ނަމުގައި އަމިއްލަ މެމްބަރެއް ލައްވާ ސަރުކާރުން ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

ތަފްސީލު - އެ ބިލު ފާސްކުރީ މަޖިލީހުގެ ދައުރުން ބޭރުން މިއަދު ބޭއްވި ޖަލްސާގައި، 60 މެމްބަރެއްގެ ވޯޓާ އެކީގަ އެވެ. ބިލާ ދެކޮޅަށް ވޯޓު ދެއްވީ އެންމެ މެމްބަރެކެވެ. ވޯޓުގައި ބައިވެރިވީ ޖަލްސާއަށް އެ ގަޑީގައި ހާޒިރުވެ ތިއްބެވި ޖުމްލަ 63 މެމްބަރުންގެ ތެރެއިން 61 މެމްބަރުންނެވެ.

ވޯޓަށް އެހުމުގެ ކުރިން، ބިލާ ދެކޮޅަށް ތަޅުމުގައި އިހުތިޖާޖު ކުރި އިިދިކޮޅު މެމްބަރުންގެ ނަން އިއްވައި، ތަޅުމުން ވަނީ ބޭރުކޮށްފަ އެވެ.

ބިލު ފާސްކުރީ ކޮމިޓީ މަރުހަލާގައި ބަންޑާރަ ނައިބު ހުށަހެޅުއްވި އިސްލާހުތަކާއި މިއަދު ތަޅުމުގައި ފޮނަދޫ ދާއިރާގެ މެމްބަރު މުހައްމަދު މަމްދޫހު ހުށަހެޅުއްވި އިތުރު ހަތަރު އިސްލާހަކާ ވެސް އެކީގަ އެވެ. އެ އިސްލާހުތަކަށް ތާއީދުކުރެއްވީ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު އެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހްމަދު ނަސީމްގެ ނަން އިއްވައި، ތަޅުމުން ބޭރުކޮށްލާފައިވާތީ، އޭނާ ހުށަހެޅުއްވި ދެ އިސްލާހަށް ވޯޓަކަށް ނާހަ އެވެ.

ފާހަގަކުރެވޭ - މި ބިލާ ގުޅޭ މަސައްކަތްތައް މަޖިލީހުން ނިންމާލީ އަވަސް އަރުވާލައިގެންނެވެ. އެގޮތުން:

  • މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ބިލު ފާސްކުރީ އިއްޔެ

  • ކޮމިޓީން ބިލު ފާސްކުރީ އެ ބިލާ މެދު ނޫސްވެރިންގެ ފާޅުކުރި ކަންބޮޑުވުންތަކަށް ރިއާޔަތްނުކޮށް؛ ކޮމިޓީން ފާސްކުރި ބިލު ވެބްސައިޓުގައި ޝާއިއުނުކޮށް، މަޖިލިސް ވެބްސައިޓު ވަނީ 'ޑައުން' ކޮށްލާފައި

  • މަޖިލީހުގެ ޕެޓިޝަން ކޮމިޓީން ވަނީ، 151 ނޫސްވެރިއަކު ސޮއިކޮށް، އެ ބިލާ ދެކޮޅަށް ހުށަހެޅި ޕެޓިޝަން ބޭރުކޮށްލާފައި

  • ބިލު ފާސްކުރަން ކުއްލި ގޮތަކަށް މިއަދު ދައުރުން ބޭރުން ޖަލްސާއެއް ތާވަލުކުރި؛ އެ ޖަލްސާގެ އެޖެންޑާ މެމްބަރުންނަށް ވެސް ލިބުނީ އެތައް ގަޑިއިރެއް ފަހުން

  • ކޮމިޓީ ރިޕޯޓު ފާސްކުރަން މިއަދު ކުއްލި ގޮތަކަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އިތުރު ބައްދަލުވުމެއް ތާވަލުކުރި

  • އެ ބައްދަލުވުން 2 ޖަހާއިރަށް ތާވަލުކުރި ނަމަވެސް، ފެށީ 3 ޖެހި ފަހުން؛ ބިލު ކިޔާލުމުގެ ފުރުސަތު ނުދީ، ކޮމިޓީން ވަނީ ރިޕޯޓު ފާސްކޮށްފައި

މި ކަންކަން ހިނގަމުންދިޔައިރު، މަޖިލިސް އިދާރާ ދޮށުގައި ނޫސްވެރިންނާއި އެ ބިލާ ދެކޮޅު އާންމުންގެ ގިނަ އަދަދެއްގެ މީހުން ވަނީ ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކޮށްފަ އެވެ. އެގޮތުން:

  • އިހުތިޖާޖު ކުރަމުންދަނިކޮށް ވަކިވަކި ނޫސްވެރިންނަށް މަރުގެ އިންޒާރު ދީ، ސަރުކާރު ވަޒީފާތަކުގައި އުޅޭ، ނޫސްވެރިންގެ އާއިލާ މެމްބަރުންނަށް ވަޒީފާގެ ބިރު ދައްކާ މައްސަލައެއް ފެންމަތިވި

  • އޭގެ ފަހުން މެންދުރުފަހު ފުލުހުން ވަނީ ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށް، ވަކިވަކިން ފަހަރަކު މީހެއް ގެންގޮސް، އިހުތިޖާޖު މަޖީދިއްޔާ ސްކޫލާ ހަމައަށް ފަހަތަށް ޖައްސާފައި

  • ބާރުގެ ބޭނުން ކުރުމުގެ ތެރޭގައި ރާއްޖެ ޓީވީގެ މުދަލަށް ފުލުހުން ވަނީ ގެއްލުންދީފަ

  • 'އަދަދު' ނޫހުގެ ނޫސްވެރިޔާ އަދި މީޑިއާ ކައުންސިލްގެ މެމްބަރު ލީވާން އަލީ ނަސީރު އާއި ޓެކްސީ ޑްރައިވަރެއް ކަމަށްވާ މުހައްމަދު ޝާމިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔުމަށް ފަހު މިހާރު ވަނީ ދޫކޮށްލާފައި

ކޮމެންޓް (2)

ތެފައާސާ.

16 ސެޕްޓެމްބަރު 2025
ﷲގެ އިރާދަފުޅާއި މިންވަރުފުޅުން، 16 ސެޕްޓެމްބަރ 2025 އަކީ ރައީސް މުއިއްޒުގެ ވެރިކަމުގެ ނިމުން ފެށުުނު ދުވަހުގެ ގޮތުގައި ތާރީޚު ލިޔާމީހުން ލިޔާނެތެވެ.
7 5

މުއްތޭ

18 ސެޕްޓެމްބަރު 2025
@ތެފައާސާ. ނޫން! އެއީ ސާފު ތެދު މަޢުލޫމާތު ހާމަކަން ބޮޑު ގޮތެއްގައި ލިބެން ފެށި ދުވަސް
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް