ކޮންޓްރޯލު ބިލާ ދެކޮޅަށް ނޫސްވެރިން މަޖިލިސް ދޮށުގައި މިއަދު އަޑުއުފުލަނީ

150 ނޫސްވެރިންގެ ސޮޔާ އެކު ހުށަހެޅި ޕެޓިޝަން ވެސް ބޭރުކޮށްލައިފި

ޕެޓިޝަން ބޭރުކޮށްލެއްވުމަށް ފަހު މުގައްރިރު ވިދާޅުވީ ނޫސްވެރިންގެ އިހްތިޖާޖުން ދަރިވަރުންނަށް ނުބައި މެސެޖެއް ލިބޭ ކަމަށް
16 ސެޕްޓެމްބަރު 2025

މީޑިއާ ރެގިއުލޭޓްކުރުމުގެ ނަމުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލު ބޭރުކުރަން ގޮވާލާ 151 ނޫސްވެރިންގެ ސޮޔާއެކު ހުށަހެޅި ޕެޓިޝަން، މަޖިލީހުގެ ޕެޓިޝަން ކޮމިޓީއިން މިއަދު ބޭރުކޮށްލައިފި އެވެ.

ވީ ކިހިނެއް؟ - ސަރުކާރުގެ ބާރު ފޯރުވޭ ގޮތަށް އޮންނަ ކޮމިޝަނަކުން މީޑިއާތަކާއި ނޫސްވެރިންނާއި ސޯޝަލް މީޑިއާގައި ހިޔާލުފާޅުކޮށް މައުލޫމާތު ފަތުރާ މީހުންނަށް ހަރުކަށި ފިޔަވަޅުތަކެއް އެޅޭ ގޮތަށް ހުށަހަޅާފައިވާ އެ ބިލު ބޭރުކޮށްލުމަށް ގޮވާލައި 151 ނޫސްވެރިއަކު ސޮއިކޮށް މި ޕެޓިޝަން ރައީސް އޮފީހާއި މަޖިލީހަށް ހުށަހެޅީ މިމަހުގެ 3 ވަނަ ދުވަހު އެވެ.

ޕެޓިޝަން ކޮމިޓީއިން، އެތަނާ ހަވާލުކޮށްފައިވާ ޒިންމާ އަދާކުރަން މި ފެށީ އެކަން ލަސްވެ، ނޫސްވެރިން ކަންބޮޑުވުން ފާޅުކުރަން ފެށުމުންނެވެ.

ނޫސްވެރިން ސޮއިކުރި 'މީޑިއާ ކޮންޓްރޯލްކުރާ ބިލު ބޭރުކުރަން ގޮވާލާ ޕެޓިޝަން' ރައީސް އޮފީހަށް ހުށަހެޅުމުގެ ކުރިން އެތަނުގެ ކުރިމަތީގައި ހަދާފައިވާ މީޑިއާ ފެންޑާގައި ނޫސްވެރިންތަކެއް ޕެޓިޝަނާއެކު ހުއްޓިލައިގެން - (ފޮޓޯ/ ވިރާސީ)

ތަފްސީލް - ބިލް ފާސްކުރުމާ ގުޅޭ ގޮތުން ދައުރުން ބޭރުން މިއަދު ވެސް ޖަލްސާއެއް ބާއްވަން އުޅޭތީ، ރައްޔިތުންގެ މަޖިލީހުގެ ބޭރުގައި ނޫސްވެރިން އިހްތިޖާޖު ކުރަމުން ދަނިކޮށް، ކޮމިޓީއިން ޕެޓިޝަން ބޭރުކޮށްލީ އެކަން ކުރުމުގެ އިހްތިޔާރު އެތަނަށް ލިބިގެން ނުވާ ކަމަށް ބުނަމުންނެވެ.

މުގައްރިރު މުހައްމަދު އަލީ ވިދާޅުވީ ބިލެއް ބޭރުކޮށްލުމުގެ ބާރު އެތަނަށް ލިބިގެން ނުވާ ކަމަށާއި ކޮމިޓީގެ ޒިންމާއަކީ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުން ކަމަށެވެ. އެހެންވެ، ނޫސްވެރިންގެ އެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށް، މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި އިއްޔެ އެދިފައިވާ ކަމަށާއި އަދި އޭގެ ޖަވާބު ވެސް ލިބިފައިވާ ކަމަށް ވިދާޅުވި އެވެ.

އެއާ އެކު، މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު މުހައްމަދު އަބްދުއްރަހްމާން ހުށަހެޅުއްވީ، ކަންބޮޑުވުންތަކަށް ޖަވާބު ލިބިފައިވުމުން ޕެޓިޝަން، ކޮމިޓީއިން ބޭރުކޮށްލުމަށެވެ.

އެ ހުށަހެޅުއްވުމަށް:

  • ކޮމިޓީގައި އިންނެވި ހަތް މެމްބަރުންގެ ތެރެއިން ފަސް މެމްބަރުން ތާއީދު ކުރެއްވި، އެއީ ހުސް ސަރުކާރަށް ނިސްބަތްވާ މެމްބަރުން

  • އެއް މެމްބަރަކު ވޯޓު ދެއްވީ އިދިކޮޅަށް

  • އެއް މެމްބަރު ވޯޓުގައި ބައިވެރިވެ ވަޑައިނުގަނޭ

ނޫސްވެރިންގެ ކަންބޮޑުވުންތައް ކޮމިޓީއިން ބޭރުކޮށްލެއްވުމަށް ފަހު ދެން މުގައްރަރު ފާޑުކިޔުއްވީ، މަޖިލީހުގެ ބޭރުގައި އެ ވަގުތު ނޫސްވެރިން އިހްތިޖާޖު ކުރައްވަމުން ގެންދަވާތީ އެކަމަށެވެ.

"ނިކަން ވިސްނަވާލައްވާ، ސްކޫލުތައް ކައިރީ، ނުބައި މެސެޖެއް ދަރިވަރުންނަށް ތި ދެނީ،" މުހައްމަދު އަލީ ވިދާޅުވި އެވެ.

"މިކަމާ މެދު ވިސްނަވާ ވަކި ގޮތެއް ނިންމަވާ."

އިތުރު އާޓިކަލް

އިތުރު އާޓިކަލް