ކޮންޓްރޯލު ބިލާ ދެކޮޅަށް ނޫސްވެރިން މަޖިލިސް ދޮށުގައި އަޑުއުފުލަނީ. (ދައުރު ފޮޓޯ/އަނޫފް ޖުނައިދު)
ކޮންޓްރޯލް ބިލާ ދެކޮޅު ނޫސްވެރިންނަށް މަރުގެ އިންޒާރު؛ އާއިލާ މެމްބަރުންނަށް ވަޒީފާގެ ބިރު
މީޑިއާތައް ރެގިއުލޭޓުކުރުމުގެ ނަމުގައި ސަރުކާރުން ފާސްކުުރަން އުޅޭ މީޑިއާ ކޮންޓްރޯލު ބިލާ ދެކޮޅަށް މިހާރު މުޒާހަރާ ކުރަމުން އަންނަ ބައެއް ނޫސްވެރިންނަށް މަރުގެ އިންޒާރާއި ނޫސްވެރިންގެ އާއިލާ މެމްބަރުންނަށް ވަޒީފާގެ ބިރު ދައްކައި، ގޮތް ނޭނގޭ މެސެޖުތަކެއް ފޮނުވަން ފަށައިފި އެވެ.
ވީ ކިހިނެއް؟ - މަޖިލިސް ޗުއްޓީގައި އޮއްވާ އިއްޔެ ބޭއްވި މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވަނީ އަވަސް އަރުވާލައިގެން ބިލު ފާސްކޮށްފަ އެވެ. ނޫސްވެރިން ނުވައްދާ ބޭއްވި އެ ބައްދަލުވުމުގައި އެ ބިލު ފާސްކުރީ ނޫސްވެރިންގެ ހުރި ކަންބޮޑުވުންތަކަށް ހައްލެއް ނުލިބޭ، އާ އިސްލާހުތަކާ އެކު އެވެ.
ދައުރުން ބޭރުން މިއަދު ވެސް ޖަލްސާއެއް ބާއްވަން ނިންމާފައިވާތީ ނޫސްވެރިން މިއަދު ހެނދުނު 8:30 އިން ފެށިގެން މަޖިލިސް ދޮށަށް އެއްވެ، ދަނީ ކަންބޮޑުވުންތައް އިއްވަމުންނެވެ.
ބުނީ ކީކޭ؟ - ވަކިވަކި ނޫސްވެރިންނާއި އާއިލާ މެމްބަރުންނަށް އެކި ކަހަލަ އިންޒާރު ދެމުން ދާކަން މުޒާހަރާގެ ތެރެއިން ހާމަކުރީ 'ދައުރު'ގެ ސީނިއާ އެސޯސިއޭޓް އެޑިޓަރު އަދި އެމްޖޭއޭގެ ރައީސް އަހްމަދު ނާއިފް އެވެ.
"އަޅުގަނޑުމެން މިތަނުގައި އިހުތިޖާޖު ކުރާތީ ރައީސް މުހައްމަދު މުއިއްޒުއަށް ކެތްތެރިވެވަޑައިނުގެންނެވި. މިހާރު، އަޅުގަނޑުމެންނަށް މައުލޫމާތު ލިބެނީ އަޅުގަނޑުމެންގެ [މުޒާހަރާގައި ތިބި] ވަކިވަކި ނޫސްވެރިންނަށް އިންޒާރުގެ މެސެޖުތައް އެބަ އާދޭ. މަރާލާނަމޭ، ވަޅި ޖަހާނަމޭ،" ނާއިފް ވިދާޅުވި އެވެ.
"ނޫން، ތިއުޅެނީ އޮޅިވަޑައިގެން. އަޅުގަނޑުމެން މަރާލިޔަސް، ވައްޓާލިޔަސް، އަޅުގަނޑުމެންގެ ގައިން ލޭ އޮހޮރުވާލިޔަސް، މި ތަނަކުން ނުދާނަން. ބައެއް ނޫސްވެރިންގެ އާއިލާތަކަށް ގުޅައި ސަރުކާރުގެ ވަޒީފާތަކުގައި ތިބި އެ ނޫސްވެރިންގެ އާއިލާ މީހުން ވަކިކުރާނެ ކަމަށް، ސީދާ ރައީސް މުހައްމަދު މުއިއްޒު ގުޅުއްވައިގެން ދަނީ ބިރުދައްކަވަމުން."
ތަކުރާރުކޮށް އިންޒާރު ދިން ނަމަވެސް، ނާއިފް ވިދާޅުވީ ފަހަތަށް ނުޖެހި، ބިލާ ދެކޮޅަށް ނޫސްވެރިން މަސައްކަތް ކުރާނެ ކަމަށެވެ.
ތަފްސީލު - މަޖިލިސް ކުރިމަތީގައި ރާއްޖޭގެ ބޮޑެތި، ގިނަ ނޫސްތަކާއި ޓީވީ ސްޓޭޝަންތަކުގެ ނޫސްވެރިން އިސްވެ ކުރަމުން އަންނަ މުޒާހަރާގައި އާންމު ރައްޔިތުންނާއި ސިޔާސީ އެކި ޕާޓީތަކުގެ މެމްބަރުންނާއި އިސް ބޭފުޅުން ވެސް ބައިވެރިވެ އެވެ.
މަޖިލިސް ދޮށުގައި މުޒާހަރާ ކުރާ ނޫސްވެރިން އެ ސަރަހައްދުން ފުލުހުން ވަނީ ދުރަށް ޖައްސައި ބެރިކޭޑު ޖަހައި ބަންދުކޮށްފަ އެވެ. ނޫސްވެރިން ދުރަށް ޖައްސަން މަސައްކަތްކުރިއިރު ހާލަތާ ނުބައްދަލު ބާރު ފުލުހުން ބޭނުންކުރުމުން ބައެއް ނޫސްވެރިންނަށް އަނިޔާ ވެސް ވި އެވެ. އެކަމަކު އަދިވެސް ނޫސްވެރިން އަންނަނީ އެ ސަރަހައްދުގައި އަޑުއުފުލަމުންނެވެ.
މިއަދު ބާއްވާ ޖަލްސާގެ އެޖެންޑާ އާންމުކޮށްފައެއް ނުވެ އެވެ. ބައެއް މެންބަރުން ވިދާޅުވާ ގޮތުގައި ޖަލްސާއެއް އޮންނާނެކަން އެންގިޔަސް، އޮންނާނެ ވަގުތަކާއި އެޖެންޑާ މެންބަރުންނާ އަދި ހިއްސައެއް ނުކުރެ އެވެ.
މި ސަރަހައްދަށް ވަޑައިގެންނެވި ބައެއް އިދިކޮޅު މެންބަރުން ފާހަގަކުރެއްވި ގޮތުގައި، އެ މެންބަރުންނަށް ވެސް ޖަލްސާ އޮންނާނެ ގަޑިއެއް އަންގާފައެއް ނުވެ އެވެ. އެކަމަކު ޕީއެންސީ ބައެއް މެންބަރުންނަށް ގުޅުމުން މިއަދު މެންދުރު ފަހަށް ޖަލްސާއެއް ބާއްވަފާނެ ކަމަށް ވިދާޅުވި ކަމަށް އެ މެންބަރުން ވިދާޅުވި އެވެ.
ކޮމެންޓް (5)
ދިހަރެއި
އަހުމަދު
ތެފައާސާ.
އަރަބިއްޔާ ޕޭރަންޓް
ސްޓޫޑެންޓް