އިއްޔެ ބޭއްވި މިނިވަން މުވައްސަސާތަކުގެ ކޮމިޓީ ބައްދަލުވުމުގެ ތެރެއިން(ފޮޓޯ/ދައުރު)

މަޖިލީހުގެ ކައުންސެލް ޖެނަރަލްގެ ހުށަހެޅުންތައް ކިޔާލަން ވެސް ފުރުސަތު ނުދީ ބިލު ކޮމިޓީން ފާސްކޮށްފި

މި ބިލު ދެންމެ ބޭއްވި މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކުރީ ކައުންސެލް ޖެނަރަލް ފިލްޒާގެ ހުށަހެޅުންތައް ކިޔާލަން ފުރުސަތު ދޭން މެންބަރު މީކާއިލް އާދޭސްކުރައްވަމުން ދަނިކޮށް އެ އަޑު ނާހާ
16 ސެޕްޓެމްބަރު 2025

މީޑިއާ ކޮންޓްރޯލު ބިލަށް ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނަރަލް ފާތިމަތު ފިލްޒާ ހުށަހެޅުއްވި ހުށަހެޅުންތައް ކިޔާލަން ވެސް ފުރުސަތު ނުދެއްވާ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އެ ބިލު އަނެއްކާވެސް ފާސްކޮށްފި އެވެ.

ވީ ކިހިނެއް؟ - ކަމާ ބެހޭ ތަޖުރިބާކާރުންނާއި ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ބެލުމެއް ނެތި، ދައުރުން ބޭރުން ކޮމިޓީ ބައްދަލުވުމެއް ބާއްވައިގެން، މީޑިއާ ކޮންޓްރޯލު ބިލު އިއްޔެ ފާސްކުރި އެވެ.

މިއަދު އަނެއްކާވެސް އިތުރު ބައްދަލުވުމެއް ބާއްވައި އެ ބިލު އާ އިސްލާހުތަކަކާ އެކު ފާސްކުރީ، ކައުންސެލް ޖެނަރަލް ފިލްޒާ އެ ބިލަށް ލަފާ ހުށަހަޅާފައިވަނިކޮށް، އެ ލަފާ ކިޔާލަން ފުރުސަތު ދެއްވުމަށް އެ ކޮމިޓީގައި އިންނަވާ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް ނަސީމް ތަކުރާރުކޮށް އެދިވަޑައިގަންނަވަމުން ދަނިކޮށެވެ.

"މިހާ ހިސާބުން ކޮމިޓީ ނިމުނީ" ކަމަށް ވިދާޅުވެ އެ ބައްދަލުވުން ނިންމާލެއްވީ ވެސް، އެކަމާ ހިތްހަމަޖެހިވަޑައިނުގަތް މީކާއިލް ވާހަކަދައްކަވަމުން ދަނިކޮށެވެ.

ތަފްސީލް - މިއަދު ކޮމިޓީ ބައްދަލުވުމެއް ބޭއްވީ އެ ބިލަށް ލިބިފައިވާ ކައުންސެލް ޖެނަރަލްގެ ލަފައާ އެއްގޮތަށް ބިލަށް އިސްލާހުތައް ގެނައުމަށެވެ.

މިއަދު 2:30ގައި ބާއްވަން ހަމަޖެއްސި އެ ބައްދަލުވުން ފެށީ ވެސް ތިނެއް ޖެހި ފަހުންނެވެ. ކޮމިޓީ ފެއްޓެވުމަށް ފަހު މުގައްރިރު، ގުރައިދޫ ދާއިރާގެ ޕީއެންސީ މެންބަރު ހުސެއިން ރިޒާ ވިދާޅުވީ އެ ލަފާ މިއަދު ލިބިފައިވާ ކަމަށެވެ.

ފިލްޒާގެ ލަފާތައް ކޮމިޓީގައި ނުވެސް އިއްވައި އުޅެނިކޮށް، ފުރުސަތެއް ހޯއްދަވައި ބާރަށު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވީ ކޮމިޓީން އިއްޔެ ބިލަށް ގެނައި އިސްލާހުތަކުގައި ގާނޫނާ ފުށުއަރާ އެއްވެސް މާއްދާއެއް ނެތް ކަމަށެވެ.

"ނަމަވެސް އިއްޔެ އަޅުގަނޑުމެން ފާސްކޮށްފައިވާ ބިލަށް ކައުންސެލް ޖެނަރަލްގެ ހުށަހެޅުންތަކެއް ހުރުމާ އެކު، އެ ހުށަހެޅުންތަކާ އެއްގޮތަށް މި ބިލު ފާސްކުރުމަށް އަޅުގަނޑު ހުށަހަޅަން،" ޝުޖާއު ވިދާޅުވި އެވެ.

ފިލްޒާ ދެއްވި ލަފާގައި އޮތް އެއްޗެއް މެންބަރުންނަށް ދައްކާ ވެސް ނުލައި އެ ހުށަހެޅުންތަކާ އެކު ބިލު އަވަސް އަރުވާލައިގެން ފާސްކުރަން އުޅުއްވުމުން މީކާއިލް ފުރުސަތަކަށް އެދިވަޑައިގަތީ ފިލްޒާގެ ލަފާގައި އޮތް އެއްޗެއް ވިދާޅުވާށެވެ. 

"މިހާރު ގަޑިން 3:12. ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އެޖެންޑާކުރެވިފައި ވަނީ 4 ޖަހާއިރަށް. އަދި އަޅުގަނޑުމެންނަށް މި ރިޕޯޓު ކިޔާލަން ނުލިބޭ. ދެން ނުކިޔާ ރިޕޯޓަކަށް ކިހިނެއްތޯއޭ ވޯޓު ދޭނީ؟ ބިލަށް އެބަހުރި ނޫންތޯ ހުށަހެޅުންތައް ހުށަހަޅާފައި. އަޅުގަނޑުމެންނަށް ވަގުތުކޮޅެއް ދެއްވާށޭ ތި ހުށަހެޅުންތަކާ އެކު މި ރިޕޯޓު ކިޔާލަން،" މީކާއިލް ވިދާޅުވި އެވެ.

އެކަމަކު ވެރިކަންކުރާ ޕީއެންސީގެ މެޖޯރިޓީ އޮތް އެ ބައްދަލުވުމުގައި އެ ފުރުސަތު ނުދެއްވާ، މެންބަރުން ވިދާޅުވަމުން ދިޔައީ މީކާއިލް އިއްޔެގެ ބައްދަލުވުމުގައި ބިލު ފާސްކުރިއިރު ބައިވެރިވެވަޑައިިގެންނެވި ނަމަ އޭގައި އޮތް އެއްޗެއް އެނގިވަޑައިގަންނަވާނެ ކަމަށެވެ. 

މީކާއިލް ވިދާޅުވީ އެ ބިލު ކޮމިޓީން ފާސްކުރީ، ކޮމިޓީ ފެށުން ލަސްވާތީ ބޭރަށް ވަޑައިގަތް ވަގުތު ބައްލަވާފައި ކަމަށެވެ. އަދި ފިލްޒާ އެ ބިލަށް ހުށަހެޅުންތައް ހުށަހެޅުއްވީ މިއަދު ކަމަށް ވާއިރު އިއްޔެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތަސް އެ ހުށަހެޅުންތަައް އެނގިވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު މިދަންނަވަނީ ކައުންސެލް ޖެނަރަލްގެ ލަފާ ލިބުނީ މިއަދު ނޫންހޭ. މިއަދު ލިބުނު ލަފާ އިއްޔެ ކިހިނެއްތޯ ބަލާނީ؟ އެހެންވީމާ މިއަދު އެބަ ޖެހޭ ނޫންތޯ އަޅުގަނޑުމެންނަށް އެ ލަފާ ކިޔާލަން ވަގުތު ދޭން. ގާނޫނުއަސާސީގައި ބުނަނީ އެކަށީގެންވާ މުއްދަތު ދޭން ޖެހޭނޭ،" މީކާއިލް ވިދާޅުވި އެވެ.

"ބައްލަވާ މިހާރު ގަޑި 3:17. ހަތަރެއް ޖަހާއިރު މިއަދު ޖަލްސާއެއް ތިބާއްވަނީ މި ރިޕޯޓު ފާސްކުރަން ތަޅުމުން. ކޮން ކަހަލަ ކަމެއްތޯ ތިކުރައްވަނީ؟ ބައްލަވާ މިއީކީ ޕީޕީއެމް، އެމްޑީޕީގެ ކަމެއް ނޫނޭ، މިއީ މުއައްސަސާއެއް. މިއީ ދައުލަތުގެ އެއް ބާރު. މިތަން ފުނޑާލައްވަނީ. ތިހެން ނަހައްދަވާށޭ، މި އާދޭސް ދަންނަވަނީ. ތިހެން ނަހައްދަވާށޭ."

ބިލު ފާސްކުރަން ކޮމިޓީގައި ވޯޓަށް މިއަދު އައްސަވަނީ ކަނޑައެޅިގެން ގަވާއިދާ ހިލާފަށް ކަމަށާއި، އެގޮތަށް ފާސްކުރާ ބިލެއް ގާނޫނީ ގޮތުން ރަނގަޅު ވެސް ނުވާނެ ކަމަށް މީކާއިލް ގެންދެވީ ވިދާޅުވަމުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް