27 އޮގަސްޓު 2025: 'މީޑީއާ ކޮންޓްރޯލް ބިލު' ބޭރުކުރުމަށް ގޮވާލައި، ނުސްވެރިން މަޖިލިސް ސަރަހައްދުގައި ކުރި މުޒާހަރާގެ ތެރެއިން (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ކޮންޓްރޯލް ގާނޫނާ އެކު ނޫސްވެރިކަމުގެ މިނިވަންކަމުގައި ރާއްޖެ 4 ދަރަޖަ ފަހަތަށް

ރިޕޯޓާސް ވިތައުޓް ބޯޑާސް އިިން ކޮންމެ އަހަރެއްގެ މިނިވަން ނޫސްވެރިކަމުގެ ދުވަހަށް ނެރޭ އިންޑެކްސްގައި ރާއްޖެ ފަހަތަށް ދިޔަ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ހިމެނެނީ މަސްދަރު ހާމަކުރުން މަޖުބޫރުކުރި މާއްދާ މި ސަރުކާރުން އިސްލާހުނުކުރުމާއި ސަރުކާރުން މީޑިއާތައް ކޮންޓްރޯލްކުރަން ހެދި ގާނޫނު
30 އޭޕްރީލު 2026

މިިނިވަން ނޫސްވެރިކަމުގެ އިންޑެކްސްގައި ރާއްޖެ ހަތަރު ދަރަޖަ ފަހަތަށް ސޮއްސާލައިފި އެވެ.

ވީކިހިނެއް؟ - ދުނިޔޭގެ ކޮންމެ ގައުމެއްގައި ނޫސްވެރިކަމުގެ މިނިވަންކަން އޮންނަ މިންވަރު ބަލައި ރިޕޯޓާސް ވިތައުޓް ބޯޑާސް އިން ކޮންމެ އަހަރެއްގެ މިނިވަން ނޫސްވެރިކަމުގެ ދުވަހާ ދިމާކޮށް އާންމުކުރާ 'ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސް'ގެ މި އަހަރުގެ ރިޕޯޓް މިއަދު ވަނީ އާންމުކޮށްފަ އެވެ.

ތަފްސީލް - 3 މެއިގައި ފާހަގަކުރާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ދިމާކޮށް މިއަދު އާންމުކުރި އިންޑެކްސްގައި ރާއްޖެ އޮތީ 108 ވަނައިގަ އެވެ. އެއީ މިދިޔަ އަހަރަށް ވުރެ 4 ދަރަޖަ ދަށް ވަނައެކެވެ. 

މި އަހަރު ރާއްޖެ ދަށަށް ދިޔަ ސަބަބުތަކުގެ ތެރޭގައި ހިމެނެނީ:

  • މިދިޔަ ސަރުކާރުގައި ހެދި ހެއްކާ ބެހޭ ގާނޫނުގައި ނޫސްވެރިންގެ މަސްދަރު ހަމާކުރަން މަޖުބޫރުވާ ގޮތަށް ހިމެނި މާއްދާ، ސަރުކާރު ބަދަލުވެ މި ސަރުކާރުގެ ސުޕަ މެޖޯރިޓީ މަޖިލީހަށް ލިބުނު ފަހުން ވެސް އެ މާއްދާ އިސްލާހުނުކުރުން

  • ސަރުކާރުގެ ކޮންޓްރޯލް އޮންނަ ކޮމިޝަނަކުން މީޑިއާތައް ކޮންޓްރޯލްކޮށް ހަރުކަށި ފިޔަވަޅުތަކެއް އެޅޭ ގޮތަށް ގާނޫނެއް ހެދުން

  • ސަރުކާރުގެ ސަބްސިޑީ ދިނުމާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ދޭ އިޝްތިހާރު މެދުވެރިކޮށް މީޑިއާ އައުލެޓްތަކުގެ މާލީ ބަލިކަށިކަން އޭރެއްގެ އޮންނަ ސަރުކާރުން މީޑިއާތައް ކޮންޓްރޯލްކުރުމުގެ ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރަމުން އައުން މި ސަރުކާރުން ވެސް ހުއްޓާނުލުން

މީގެ އިތުރުން، ރާއްޖޭގެ ޖުމްލަ ސްކޯ ވެސް ވަނީ 52.46 އިން 49.23އަށް ދަށަށް ގޮސްފަ އެވެ. އަދި މި އިންޑެކްސްގެ މައިގަނޑު މިންގަނޑުތަކަށް ބަލާއިރު، އެންމެ މިންގަނޑަކުން ފިޔަވައި ހުރިހާ މިންގަނޑަކުން ރާއްޖެ ވަނީ ފަހަތަށް ގޮސްފަ އެވެ. އެއީ:

  • ސިޔާސީ މާހައުލުގެ މިންގަނޑު - 123 އިން 129އަށް؛ 6 ދަރަޖަ ފަހަތަށް

  • އިގްތިސޯދީ މާހައުލުގެ މިންގަނޑު - 118 އިން 157އަށް؛ 39 ދަރަޖައިގެ ބޮޑު ވެއްޓުމެއް

  • ގާނޫނީ އޮނިގަނޑުގެ މިންގަނޑު - 103 އިން 126އަށް؛ 23 ދަރަޖަ ދަށަށް

  • ސަލާމަތާއި ރައްކާތެރިކަމުގެ މިންގަނޑު - 56 އިން 77އަށް؛ 21 ދަރަޖަ ފަހަތަށް

  • އިޖުތިމާއީ މާހައުލުގެ މިންގަނޑު -133 އިން 118އަށް؛ ކިރިޔާ ވެސް ކުރިއެރުމެއް ލިބުނު މި މިންގަނޑުން 15 ދަރަޖައިގެ މަތިވުމެއް

އެނގުން މުހިންމު - ވޭތުވެދިޔަ އަހަރުތަކުގައި ރާއްޖެ މިނިވަން ނޫސްވެރިކަމުގެ އިންޑެކްސްގައި ފަަހަތަށް ދަމުންދާ ގޮތް:

  • މެއި 2021 - 72 ވަަނަ

  • މެއި 2022 - 87 ވަނަ

  • މެއި 2023 - 100 ވަނަ

  • މެއި 2024 - 106 ވަނަ

  • މެއި 2025 - 104 ވަނަ

  • މެއި 2026 - 108 ވަނަ

މި ފަހުގެ ތާރީހެއްގައި ރާއްޖެ އެންމެ ދަށުގައި ހިމެނުނު އަހަރަކީ 2018ގަ އެވެ. މެއި 2018އަށް ނެރުނު އިންޑެކްސްގައި ރާއްޖެ އޮތީ 120ގަ އެވެ. މި އަހަރުގެ އިންޑެކްސްގައި މި ހިމެނުނީ އެއާ ޖެހިގެން މިދިޔަ 8 އަހަރުގެ ތެރޭގައި އެންމެ ދަށްކޮށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް