މި ސަރުކާރަށް އެއް އަހަރު ފުރުން ފާހަގަކުރަން ބޭއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒު. (ފޮޓޯ/ރައީސް އޮފީސް)
'ޑޮލަރު މާރުކުރަން ޖެހޭނެ' ބިލު: މާޔޫސްވެ ރިސޯޓުތައް ދެން ވާ ގޮތް ބަލަން
މި ސަރުކާރަށް އެއް އަހަރު ފުރުން ފާހަގަކުރަން 17 ނޮވެމްބަރު 2024ގައި ބޭއްވި ޖަލްސާގައި ރައީސް މުހައްމަދު މުއިއްޒު، އަޑަށް ބާރު ލައްވައި ވިދާޅުވި އެވެ:
"މިކަމުގައި އަޅުގަނޑުމެން ނެތިން މި ގަވާއިދު ބަދަލުކުރާކަށް. ނުކުރާނަން ބަދަލެއް. ވަރަށް ސާފުކޮށް މި ދެންނެވީ، ގަވާއިދު ބަދަލެއް ނުކުރާނަމޭ. 500 ޑޮލަރު މާރުކުރައްވަން ޖެހިވަޑައިގަންނަވާނޭ. ގަވާއިދަށް ތަބާވުމަކީ އެންމެންގެ މައްޗަށް ލާޒިމު ކަމެކޭ. މިކަން ކުރައްވަން ޖެހިވަޑައިގަންނަވާނޭ."
ރައީސްގެ އެންގެވުމުގެ ފަހަތުގައި އޮތީ ރިސޯޓުތަކަށް އަންނަ ކޮންމެ ފަތުރުވެރިޔަކަށް 500 ޑޮލަރު މާރުކުރަން މަޖުބޫރުކޮށް، އޮކްޓޫބަރުގައި އަމަލުކުރަން ފެށި އެމްއެމްއޭގެ ބޭރު ފައިސާއާ ބެހޭ ގަވާއިދެވެ. އެ ގަވާއިދަށް 50 އަށް ވުރެ ގިނަ ރިސޯޓުތަކުން ދެކޮޅުހަދައި، އެއީ ނުވާނެ ކަމެއް ކަން އެމްއެމްއޭއަށް ސިޓީއަކުން އެންގި އެވެ. އަދި އޭރު ބައެއް ސިޔާސީ ބޭފުޅުން ވެސް ގެންދެވީ އެކަމަށް ފާޑުވިދާޅުވަމުންނެވެ. ރައީސް އެ ގަވާއިދު ދިފާއުކުރެއްވީ އެހެންވެ އެވެ.
އިތުރަށް ކިޔާލަން
އޭގެ ގާތްގަނޑަކަށް ތިން ހަފްތާ ފަހެވެ. ރާއްޖޭގެ ރިސޯޓުތަކުން އަންނަ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރަން ނިންމި ނިންމުން އިހުތިޔާރީ ކަމަކަށް ހަދައި، އިތުރު އިހުތިޔާރެއްގެ ގޮތުގައި މަހެއްގެ މައްޗަށް ލިބޭ ގްރޮސް ސޭލްސްގެ %20 މާރުކުރެވޭ ގޮތަށް ހިމަނައިގެން ބޭރު ފައިސާއާ ބެހޭ ބިލެއް އިއްޔެ މަޖިލީހަށް ވަނީ ހުށަހަޅާފަ އެވެ.
އާ ބިލާ އެކު ދެން އުފެދޭ ސުވާލަކީ ޑޮލަރު މާރުކުރަން އަލަށް ހިމެނި އާމްދަނީގެ %20އާ މެދު ރިސޯޓުތަކުން ދެކެނީ ކިހިނެއް ހެއްޔެވެ؟ އެއީ ރަނގަޅު މިންވަރެއް ހެއްޔެވެ؟ ނުވަތަ އެ ގޮތް އިހުތިޔާރު ކުރާނެ ހެއްޔެވެ؟
އެ ބިލު މަޖިލީހަށް ވެއްދުމާ އެކު ގިނަ މީހުން ސިފަކުރީ އެއީ މި ސަރުކާރުން ކަންކަން ނިންމުމަށް ފަހު އާދައިގެ މަތިން ނަގާ ގޮތަށް 'ޔޫ-ޓާން' އެއް ނެގީ ކަމަށެވެ. ނަމަވެސް ރައީސް މުއިއްޒު މާލެ ކައިރި އަތޮޅުތަކަށް މިހާރު ކުރައްވަމުން ގެންދަވާ، ކެމްޕޭނެއް ފަދަ ދަތުރުފުޅުގައި އިއްޔެ ވަނީ މިހާރު އަމަލުކުރާ ގަވާއިދާއި އާ ބިލު ވެސް ދިފާއުކުރައްވާފަ އެވެ.
ކ. ހުރާގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވި ގޮތުގައި އާ ބިލުގައި ދީފައިވާ ދެ އިހުތިޔާރުން ވެސް ނުކުންނާނީ އެއް ނަތީޖާއެކެވެ. ކޮންމެ ގޮތެއް އިހުތިޔާރު ކުރިޔަސް ޑޮލަރު މާރުކުރަން ޖެހޭނީ، އެމަނިކުފާނު ވިދާޅުވި ގޮތުގައި، ދާދި އެއް މިންވަރަކަށެވެ.
"ބިލުގައި އޮންނާނީ އަޅުގަނޑު ދެންނެވި ގޮތަށް. ރިސޯޓުތަކުން 500 ޑޮލަރު މާރުކުރަން ޖެހޭ ގޮތަށް. އަދި އަޅުގަނޑު ދެންނެވިން އެއީ 20 އިންސައްތައޭ ގާތްގަނޑަކަށް ރިސޯޓުތަކުގެ އާމްދަނީގެ. ރިސޯޓުތަކުގެ ބޭފުޅުންނާ މަޝްވަރާކޮށްގެން ޖުމްލަ ޕަސެންޓެއް ވެސް މި ދެނީ. އަޅުގަނޑު ދެންނެވި ގޮތަށް އެ އޮތީ،" ރައީސް ވިދާޅުވި އެވެ.
އިތުރަށް ކިޔާލަން
ދާދި އެއް ގޮތެއް؛ ގާނޫނުން ލުއި ލިބޭނީ އާދައިގެ ތަންތަނަށް
އެ ދެ އިހުތިޔާރުން ވެސް އެއް ނަތީޖާއެއް ނުކުންނަ ނަމަ، އިހުތިޔާރެއް ދޭންވީ ކީއްވެގެން ހެއްޔެވެ؟ އެންމެ އާދައިގެ ވިސްނުމަކުން ވިސްނާ ނަމަ އެއީ ދެކޮޅުޖެހޭ ވާހަކައެއް ނޫނެވެ. ސަބަބަކީ ރިސޯޓުތަކުގައި ވެސް މި ހުންނަނީ އެކި ފަންތީގެ ތަންތަނެވެ. ރޫމް ރޭޓު މި ހުންނަނީ އެކި އަގުތަކުގަ އެވެ.
ފަތުރުވެރިކަމުގެ ސިނާއަތުގެ އެކި ބޭފުޅުން ވިދާޅުވާ ގޮތުގައި އިއްޔެ ހުށަހެޅި ބިލު ތަސްދީގު ކުރާ ހިސާބުން މިހާރު އަމަލުކުރަމުން އަންނަ ގަވާއިދު އުވުނަސް، ރިސޯޓު ވިޔަފާރިވެރިންގެ ކަންބޮޑުވުން އޮތް މައްސަލަ މި ބިލުގައި ވެސް އެބަ އޮތެވެ. އިތުރުވަނީ ގަވާއިދުގައި މިހާރު ނެތް، އެހެން އިހުތިޔާރެކެވެ. ނަމަވެސް، އެއީ މަތީ ފަންތީގެ ރިސޯޓުތަކަށް ތަސައްލީއަކަށް ނުވެ އެވެ.
އެއް ބޭފުޅަކު ވިދާޅުވާ ގޮތުގައި ވަކި އިންސައްތައެއް މާރުކުރެވޭ ގޮތް ހިމެނުމުން އޭގެ ލުއި ލިބޭނީ އަގުހެޔޮކޮށް ކޮޓަރި ވިއްކާ ރިސޯޓުތަކާއި ގެސްޓުހައުސްތަކަށެވެ. އެއީ މުޅިއަކުން މައްސަލައެއް ވެސް ނޫނެވެ. އެ ތަނަކަށް ނުލިބޭ އެއްޗެއް މާރެއް ވެސް ނުކުރެވޭނެ އެވެ.
އަނެއްކޮޅުން ދެ ވަނަ ގޮތުގައި ބަލަނީ ވެސް މަހެއްގެ މައްޗަށް ލިބޭ ގްރޮސް ސޭލްސް ޕްރޮސީޑްސްއަށެވެ. މިއީ އެ ތަނެއްގެ ޕްރޮޑަކްޓެއް ނުވަތަ ހިދުމަތެއް ވިއްކައިގެން ހަރަދުތަކަށް ކެނޑުމުގެ ކުރިން ޖެހޭ އާމްދަނީ އެވެ. ފަތުރުވެރިކަމަށް ބަލާއިރު މީގެ ތެރޭގައި ހިމެނެނީ ކޮޓަރީގެ އަގު އެކަންޏެއް ނޫނެވެ. ރޫމް އަގުބޮޑުކޮށް ވިއްކާ ތަންތަނުން، މިސާލަކަށް ހައި ސީޒަނުގައި މި ގޮތް ހިޔާރުކޮށްފި ނަމަ، ބޮލަކަށް 500 ޑޮލަރަށް ވުރެ ޖުމްލަކޮށް ބޮޑު އަދަދެއް ވެސް މާރުކުރަން ޖެހިދާނެ އެވެ.
އެހެންކަމުން ދެ އިހުތިޔާރުގެ ތެރެއިން ދެން އޮންނާނީ ހަމަ ރައީސް ވިދާޅުވި ގޮތެވެ. ޖެހޭނީ ހަމަ 500 ޑޮލަރު މާރުކުރާށެވެ. މިއީ ހަމަ 'ޑޮލަރު މާރުކުރަން ޖެހޭނެ' ބިލެވެ.
ޓެކްސް މައްޗަށް ޓެކްސް؛ މިއީ އިންވެސްޓަރުންނަށް ނުރަނގަޅު މެސެޖެއް
ނަން ނުޖަހާ ގޮތަށް ވާހަކަދެއްކެވި އެހެން ބޭފުޅަކު ވިދާޅުވި ގޮތުގައި މި ބިލަކީ ބޮޑު ކަންބޮޑުވުމެކެވެ. އޭނާ ވެސް ވިދާޅުވީ މި ބިލު ގާނޫނަކަށް ވުމުން އަގުބޮޑު ނުވަތަ މަތީ ފަންތީގެ ރިސޯޓުތަކަށް ލިބޭނެ ލުޔެއް ނެތް ކަމަށެވެ. ސަބަބަކީ އަލަށް އިތުރުކުރާ އާމްދަނީގެ %20 މާރުކުރާ ގޮތް ހިޔާރުކުރުމަކީ އާދައިގެ ރިސޯޓުތަކަށް ނުވަތަ އަގުހެޔޮކޮށް ރޫމް ވިއްކާ ތަންތަނަށް އެކަނި ދެކޮޅުޖެހޭ ކަމަކަށް ވުމެވެ.
ނަމަވެސް ރައީސް ވިދާޅުވި ގޮތަށް، މަތީ ފަންތީގެ ރިސޯޓުތަކުން ކޮންމެ ގޮތެއް ހިޔާރުކުރިޔަސް ދާދި އެއްވަރަކަށް މާރުކުރަން ޖެހޭނެ ކަމަށް އޭނާ ވެސް އެއްބަހެވެ.
ބޭރު ފައިސާގެ ގާނޫނެއް އޮތުމަކީ، އޭނާ ވެސް ގަބޫލުކުރައްވާ ގޮތުގައި، މައްސަލައެއް ނޫނެވެ. ކަންބޮޑުވުން އޮތީ ބިލުގައި ބޭރު ފައިސާ މާރުކުރުމަށް ދޭން ހުށަހަޅާ ދެ ވަނަ ގޮތުގައި އޮތް އާމްދަނީގެ ނިސްބަތެވެ. އޭނާ ވިދާޅުވާ ގޮތުގައި %20އަކީ، ދެކޮޅުޖެއްސޭނެ މިންވަރެއް ނޫނެވެ.
"އާމްދަނީގެ %10 އަސްލު ދެކޮޅުޖެއްސޭނެ މިންވަރަކީ،" އޭނާ ވިދާޅުވި އެވެ.
އެއީ ކީއްވެގެންކަން އޮޅުންފިލުވައިދެއްވައި އޭނާ ވިދާޅުވީ:
-
މިހާރު ވެސް ރިސޯޓުތަކުން ގިނަ އަދަދެއްގެ ޓެކްސްތަކެއް ސަރުކާރަށް ދައްކާ؛ މިސާލަކަށް އައިލެންޑް ރެންޓް، ބީޕީޓީ، ޓީޖީއެސްޓީ، ރިޓަޔަމަންޓް ޕެންޝަން އަދި އިމްޕޯޓް ޓެކްސް
-
އާމްދަނީގެ ގާތްގަނޑަކަށް %30 ދަނީ ޓެކުހުގެ ގޮތުގައި ސަރުކާރަށް
-
ޓެކުހުގެ އިތުރުން އެހެނިހެން ގިނަ ހަރަދުތައް ވެސް ކުރަން ޖެހެނީ ޑޮލަރުން
"މި ހުރިހާ ޓެކްސްތަކެއް ކިހިނެއް ވިޔަފާރިއަކުން އެބްސޯބް ކުރާނީ؟" ކަންބޮޑުވުން ފާޅުކުރައްވަމުން އޭނާ ވިދާޅުވި އެވެ.
"ކަންބޮޑުވާ ކަމަކީ، މި ހުރިހާ ޓެކްސްތަކެއް ލައިގެން ބޭރުގެ ބޮޑެތި އިންވެސްޓަރުން ރާއްޖޭގައި އިންވެސްޓު ކުރާނެތޯ؟ ނޫނީ ފްރީ މާކެޓެއް އޮތް ތަނަކަށް ދާނީތޯ ނޫންތޯ."
އޭނާ ވިދާޅުވި ގޮތުގައި ސިނާއަތް ހިނގާ ގޮތް ކިރިޔާ ވެސް އެނގޭ ނަމަ، އިރުއިރުކޮޅާ މިފަދަ ބަދަލުތަކެއް ނުގެންނާނެ އެވެ. ފަތުރުވެރިކަމުގެ ސިނާއަތުގައި ކޮންޓްރެކްޓުތައް ހަދަނީ ދޮޅު އަހަރު ނުވަތަ ދެ އަހަރު ކުރިއަށެވެ. އިރުއިރުކޮޅާ މި ގޮތަށް ބަދަލު ގެނައުމުން އެއިން ދޭހަވަނީ މި ސިނާއަތުގައި ސްޓެބިލިޓީ ނުވަތަ ހަމަޖެހުމެއް ނެތް ކަމެވެ. މިއީ އިންވެސްޓަރުންނަށް ލިބޭ ނުރަނގަޅު މެސެޖެކެވެ.
"މިވީ ހަތަރު އަހަރުގެ ތެރޭގައި ދެ ފަހަރަށް ޓެކްސް ބޮޑުކޮށްފި. ބޭރުގެ އިންވެސްޓަރުން މިކަންކަން ބަލާނީ ވަރަށް ގޯސްކޮށް. މި އިންޑަސްޓްރީ ސްޓޭބަލް ނޫންކަން އެ ދޭހަވަނީ،" އޭނާ ވިދާޅުވި އެވެ.
ޝަކުވާ އަޑެއް ނޭހި: މި ވާހަކަ ދެއްކުމުގެ ބޭނުމަކީ ކޮބާ؟
ސަރުކާރުން އަޅާ ފިޔަވަޅުތަކުން ދޭހަވަނީ، އޭނާ ވިދާޅުވި ގޮތުގައި، ފަތުރުވެރިކަމުގެ ސިނާއަތުގެ އެއްވެސް އަގެއް ނެތް ކަމެވެ. ޑޮލަރުގެ ތާށިކަމެއް ކުރިމަތިވާއިރަށް ފިޔަވަޅު ހަރުކަށި ކުރަންވީ، މިހާރު ވެސް ބޮޑެތި އަދަދުތަކުން ޓެކްސް ދައްކާ ފަތުރުވެރިކަމުގެ ސިނާއަތަށް އަމާޒުކޮށްގެނެއް ނޫނެވެ.
ގަވާއިދާ ހިލާފަށް، ރަޖިސްޓްރީ ވެސް ނުކޮށް ހިންގާ ވިޔަފާރިތަކުން ރާއްޖެއިން ބޭރުކޮށްލަނީ ކިހާ އަދަދެއްގެ ބޭރު ފައިސާ ހެއްޔެވެ؟ މިސާލެއްގެ ގޮތުގައި އޭނާ ދެއްކެވީ އެންމެން ވެސް ދަންނަ، ރާއްޖޭގައި އާންމުވެފައިވާ އޮންލައިން ޖުވާގެ ވިޔަފާރި އެވެ. މި ވިޔަފާރީގައި ރާއްޖެއިން ފައިސާ ބޭރުވާ މިންވަރު އެނގެން ވެސް ނެތެވެ.
ކަންބޮޑުވުންތަކާ އެކު އޭނާ ވިދާޅުވީ ޝަކުވާ ކުރުމުގެ ބޭނުމެއް ނެތް ކަމަށެވެ. ކުރިޔަސް ބަދަލެއް ނާންނާތީ އެވެ. ކަންކަން ހިނގަނީ އަދިވެސް އެއް މަގަކުންނެވެ.
"އިހަކަށް ދުވަހު އަނެއްކާވެސް ކޮންމެވެސް އަތޮޅެއްގައި އެއާޕޯޓެއް އަޅާ ވާހަކަ. އެއް މަގަކުން ނޫންތޯ މި ދަނީ؟" އޭނާ ވިދާޅުވި އެވެ.
މައްސަލައަކީ ބަރާބަރަށް ޓެކްސް ދައްކާ ފަރާތްތަކަށް އިތުރު ބުރައެއް ޖައްސާތީ އެވެ. ސަރުކާރުތަކާއި ސިޔާސީ ޑީލް ހަދައިގެން ޓެކުހަށް ފިލައިގެން އުޅެނީ ކިތައް މީހުން ހެއްޔެވެ؟ ބަރާބަރަށް ޓެކްސް ދައްކާ މީހުން ހަމަ ޓެކްސް ދައްކާލަ، ދައްކާލަ އަވަދިވަނީ އެވެ.
"ޓެކްސް ފައިސާ ވެސް ރަނގަޅު ގޮތަކަށް ބޭނުން ނުކުރާތީ މައްސަލައަކީ. ދިރިއުޅުމަށް ހެޔޮ ބަދަލެއް ނާންނާތީ ކަންބޮޑުވޭ [ރައްޔިތެއްގެ ގޮތުގައި]. ސަރުކާރަށް ކިތަންމެ ފައިސާއެއް ލިބުނަސް ބޭނުން ކަމަކަށް ހޭދަކޮށް ހުސްކޮށްލަނީ."
ކޮމެންޓް (9)
ކޮސް
ހަސީން
ހިމާރުލްގައުމު
ތެފައާސާ.
ލޮރީފާ
ރިސޯޓް ފަޅުން އާދަން ނަސީރު
ހިރިގޭ
މިޒޭ
ހުވަދޫ އަހައްމަދޭ