ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) ދައުރުއަށް އިންޓަވިއުއެއް ދެއްވަނީ (ފޮޓޯ/ދައުރު)
ޗަމްޕާ މުހައްމަދު މޫސާގެ ވިޔަފާރިތަކުން އާ ގަވައިދަށް ޑޮލަރު މާރުކުރަން ދެކޮޅު ހަދައި އެކަން ސަރުކާރަށް އަންގައިފި
ބޭރު ފައިސާގެ މުއާމަލާތްތައް ކުރުމަށް މިފަހުން މަރުކަޒީ ބޭންކް، އެމްއެމްއޭއިން އެކުލަވާލި އާ ގަވައިދުތަކާ އެއްގޮތަށް ޑޮލަރު މާރުކުރުމަކީ ކުރެވޭނެ ކަމެއް ނޫންކަން ފާހަގަކޮށް އެ ގަވައިދު އުވާލަން ރާއްޖޭގެ އެންމެ ބޮޑު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު)ގެ ކުންފުނިތަކުން ސަރުކާރުގައި އެދިއްޖެ އެވެ.
ވީ ކިހިނެއް؟ - މުހައްމަދު މޫސާ ސޮއިކުރައްވައި އޭނާގެ ރިސޯޓްތައް ހިންގާ ތިން ކުންފުނި ކަމަށްވާ ޗަމްޕާލާސް ހޯލްޑިންގްސް، ކޮމަންޑޫ ހޯލްޑިންގްސް އަދި ކުރެއްދޫ ހޯލްޑިންގްސްއިން ވަނީ އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރަށް އެޑްރެސްކޮށް އިއްޔެ ސިޓީއެއް ފޮނުވައިފަ އެވެ.
ތަފްސީލް - 'ދައުރު'އަށް ކޮޕީ ލިބިފައިވާ އެ ސިޓީގައި ބުނެފައި ވަނީ އެމްއެމްއޭއިން މިފަހުން ގެޒެޓްކޮށް އަމަލުކުރަން ފަށާފައިވާ ބޭރު ފައިސާގެ މުއާމަލާތްތައް ކުރުމުގެ ގަވައިދަކީ ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކަށް ވަރަށް ބޮޑު ގޮންޖެހުމެއް އަދި ބޭއިންސާފެއް ކަމަށެވެ.
އެ ގަވައިދުގައި ކަނޑައަޅާފައިވާ ގޮތަށް ކޮންމެ ރިސޯޓަކަށް އަންނަ ޓޫރިސްޓެއްގެ ބޮލަށް 500 ޑޮލަރު މާރުކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް ވަނީ ފާހަގަކޮށްފަ އެވެ. އަދި އެކަމުގެ ސަބަބުން ރިސޯޓްތަކަށް ލިބޭ އާމްދަނީއަށް ވުރެ އިތުރަށް ހަރަދުކުރަން ޖެހި، ރިސޯޓްތަކަށް މާލީ ގެއްލުމާ ކުރިމަތިލާން ޖެހިދާނެ ކަމަށް ވެސް ސިޓީގައިވެ އެވެ.
"އެކި ފަންތީގެ ރިސޯޓްތަކުގެ އެވްރެޖް ޑެއިލީ ރޭޓް (އޭޑީއާރު) ތަފާތު ނަމަވެސް އެމްއެމްއޭގެ އާ ގަވައިދުގައި އެކަމަށް ބެލުމެއް ނެތި ހުރިހާ ރިސޯޓްތަކުން އެއްވަރަކަށް ބޭރު ފައިސާ މާރުކުރަން ވަނީ މަޖުބޫރުކޮށްފައި. އަދި މިއީ ރިސޯޓް ވިޔަފާރި ހިނގާ އުސޫލުތަކާ ދިމާނުވާ ގަވައިދެއް. މިކަމުގެ ސަބަބުން ހާއްސަކޮށް ދަށް ފަންތީގެ ރިސޯޓްތަކަށް އުފުލަން ޖެހޭ މާލީ ގެއްލުން ބޮޑުވާނެ،" ސިޓީގައި ފާހަގަކޮށްފައިވެ އެވެ.
އެހެންވުމުގެ ސަބަބުން، ދެން ރިސޯޓްތަކަށް މަޖުބޫރުވާނީ އެ ގެއްލުން ކުޑަކުރަން ބައެއް ހަރަދުތައް ކުޑަކުރަން ކަމަށް ވެސް ސިޓީގައިވެ އެވެ. އެގޮތުން:
-
މުވައްޒަފުންނަށް ދޭ ބައެއް އިނާޔަތްތައް ކުޑަކުރުން ފަދަ ކަންކަން ކުރަން ޖެހިދާނެ
-
އެކަމުގެ ސަބަބުން އޭގެ ނޭދެވޭ އަސަރުތައް މުޅި އިގްތިސާދަށް ކުރާނެ
-
ދިގު މުއްދަތެއްގައި ޓޫރިޒަމް ސިނާއަތުގައި އިންވެސްޓްކޮށްގެން ތިބި ފަރާތްތަކަށް ލިބޭ ފައިދާ ދަށްވެ، އިންވެސްޓަރުންގެ އިތުބާރު މިކަމުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް ދާއިރާއަށް ގެއްލިގެން ދާނެ
"މި ގަވާއިދަކީ ދިވެހި ސަރުކާރުގެ ދަރަނީގެ މައްސަލަ ހައްލުކުރުމަށް ވަގުތީ ގޮތުން ހޯދި ހައްލެއް. މިކަމުގެ ސަބަބުން ދިގު މުއްދަތެއްގައި ރާއްޖޭގެ އިގްތިސާދަށް ވަރަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކުރާނެ،" ސިޓީގައި ފާހަގަކޮށްފައިވެ އެވެ.
އެ ސިޓީގައި އިތުރަށް ބުނެފައި ވަނީ:
-
40 އަހަރަށް ވުރެ ގިނަ ދުވަހު ރާއްޖޭގައި ރިސޯޓް ހިންގަމުން އަންނަ ފަރާތްތަކުގެ ހައިސިއްޔަތުން ގައުމުގެ މަސްލަހަތަށްޓަކައި ސަރުކާރަށް އެއްބާރުލުން ދެމުން ދިޔަ ނަމަވެސް، މިހާރު އޮތް ގަވައިދަކީ ދެމެހެއްޓެނިވި ގޮތެއްގައި ބޭރު ފައިސާ މާރުކުރެވޭނެ ގޮތަށް އޮތް ގަވައިދެއް ނޫން
-
އެ ގަވައިދު އެކުލަވާލުމުގައި ޓޫރިޒަމް ދާއިރާ އާއި މަސްލަހަތުވެރިންގެ އެކަށީގެންވާ މަޝްވަރާ އާއި ލަފާ ހޯދާފައެއް ނެތް
-
އެ ގަވައިދު ގެޒެޓުގައި ވަގުތުން ޝާއިއުކޮށް އަމަލުކުރަން ފެށުމުގެ ސަަބަބުން ވިޔަފާރިތަކަށް އެ ގަވައިދުގައި ބުނާ ކަންކަމަށް ފައްތަން އެކަށީގެންވާ ވަގުތެއް ވެސް ނުލިބޭ
"މިދެންނެވި ކަންކަމަށް ރިއާޔަތްކޮށް، މި ގަވައިދަށް އަމަލުކުރުން މިހާރުން މިހާރަށް ހުއްޓާލުމަށް އަޅުގަނޑުމެން އެދެން. އަދި މުޅި ރާއްޖޭގެ އިގްތިސާދަށް ދެމެހެއްޓެނިވި ގޮތެއްގައި ފައިދާހުރި އަސަރުތަކެއް ކުރާނޭ ގޮތަށް ބޭރު ފައިސާގެ މުއާމަލާތައް ބެލެހެއްޓުމުގެ އުސޫލު ކަނޑައެޅުމަށް ސަރުކާރަށް އިލްތިމާސްކުރަން،" ސިޓީގައިވެ އެވެ.
ކޮމެންޓް (19)
ހިމާރުލްގައުމު
ޖަޒުބާތު
ޢިސްހާގު
ހުވަދޫ އަހައްމަދޭ
ހިރިގާރީ
މާކޮސް
އަލީ
ދެކޮޅު
އަބޫ
ވަތައޮޑި
ާއަހްމަދު
އަލިފްހާ
ޖާސިދާ
ސައްލޭ
ކަމަސަލަމަ
އައިޖޭ
އެދުރު
ޑޮލަރ
އެދުރު