ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި ފަތުރުވެރިން. (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

އެމްއެމްއޭ

ބޭރު ފައިސާގެ އާ ގަވައިދު: ރިސޯޓުތަކުން ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރު މާރުކުރަން މަޖުބޫރުކޮށްފި

ރިސޯޓުތަކުގެ އިތުރުން ހޮޓާ އަދި ގެސްޓުހައުސްތަކާއި ސަފާރީ ފަދަ އުޅަނދުތަކުން ވެސް ކޮންމެ ފަތުރުވެރިއަކަށް 500 ޑޮލަރު މާރުކުރަން ޖެހޭއިރު، 50 ކޮޓަރި ނުވަތަ އެއަށްވުރެ މަދު ކޮޓަރި ހުންނަ ހޮޓާތަކުން މާރުކުރަން ޖެހޭނީ ފަތުރުވެރިއަކަށް 25 ޑޮލަރުގެ ރޭޓުން
1 އޮކްޓޯބަރު 2024
3

ފަތުރުވެރިންނަށް ހިދުމަތްދޭ ތަންތަނުން، އެތަނަކަށް އަންނަ ކޮންމެ ފަތުރުވެރިއަކަށް ވަކި ރޭޓަކުން ރާއްޖޭގެ ބޭންކަކަށް ޑޮލަރު މާރުކުރަން ޖެހޭ ގޮތަށް ބޭރު ފައިސާއާ ބެހޭ ގަވާއިދު އެކުލަވާލައިފި ތަންފީޒުކުރަން ފަށައިފި އެވެ. 

ތަފްސީލް - މަރުކަޒީ ބޭންކު އެމްއެމްއޭއިން މިއަދު ގެޒެޓުކުރި އެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގައި މިއަދުން ފެށިގެން ޓޫރިޒަމް ދާއިރާގެ މުދާ ވިއްކާ އަދި ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ގޮތުގައި މީރާގައި ރަޖިސްޓްރީ ކުރާ ކޮންމެ ވިޔަފާރިއެއް ވެސް 30 ދުވަހުގެ ތެރޭގައި އެމްއެމްއޭގައި ރަޖިސްޓްރީ ކުރަން ހުށަހަޅަންޖެހޭނެ އެވެ.

އޭގެ އިތުރުން ޓޫރިޒަމް ދާއިރާގެ މުދާ ވިއްކާ އަދި ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން ކޮންމެ މަހެއްގެ ތެރޭގައި ވިއްކާ ނުވަތަ ފޯރުކޮށްދޭ ހިދުމަތާއި މުދަލުގެ ތަފްސީލު ޖެހިގެން އަންނަ މަހުގެ 28 ވަނަ ދުވަހުގެ ކުރިން އެމްއެމްއޭއިން ކަނޑައަޅާ ގޮތަކަށް އެ އޮތޯރިޓީއާ ހިއްސާކުރަން ވެސް ޖެހޭނެ އެވެ.

މަރުކަޒީ ބޭންކު އެމްއެމްއޭ. (ދައުރު ފޮޓޮ/ އަބްދުﷲ އަނޫފް ޖުނައިދް)

އެ ގަވާއިދުގައިވާ ގޮތުން އޭގެ އިތުރުން ބޭރު ފައިސާ ލިބޭ އާމްދަނީގެ ވަކި މިންވަރެއް، ވަކި އަދަދެއްގެ ތެރޭގައި މާރުކުރަން ޖެހޭނެ އެވެ. އެގޮތުން:

  • ކެޓަގަރީ އޭގައި ހިމެނޭ ފަތުރުވެރިކަމުގެ ހިދުމަތް ދޭ ތަންތަނުން މަހެއްގެ ތެރޭގައި އަންނަ ކޮންމެ ފަތުރުވެރިއަކަށް 500 ޑޮލަރުގެ ރޭޓުން އެ މަހެއްގެ ތެރޭގައި އައިސްފައިވާ ޖުމްލަ ފަތުރުވެރިންނަށް ޖެހޭ އަދަދު، އެ މަހަށް ފަހު ހިނގާ ތިންވަނަ މަހުގެ 28 ވަނަ ދުވަހު ކުރިން ބޭންކެއް މެދުވެރިކޮށް ދިވެހި ރުފިޔާއަށް މާރުކުރަން ޖެހޭނެ

  • ކެޓަގަރީ ބީގައި ހިމެނޭ ފަތުރުވެރިކަމުގެ ހިދުމަތް ދޭ ތަންތަނުން ވެސް ހަމަ މިގޮތަށް ބޭރު ފައިސާ މާރުކުރަން ޖެހޭނެ؛ ނަމަވެސް އެއީ ކޮންމެ ފަތުރުވެރިއަކަށް 25 ޑޮލަރުގެ ރޭޓުން

ކެޓަގަރީ އޭގައި ހިމެނެނީ ޓޫރިޒަމާ ބެހޭ ގާނޫނުގެ ދަށުން ގްރީން ޓެކްސް ދައްކަންޖެހޭ ފަތުރުވެރިން އަންނަ ތަންތަނުގެ ތެރެއިން ރިސޯޓު، އިންޓަގްރޭޓަޑް ރިސޯޓު، ރިސޯޓް ހޮޓާ، ހޮޓާ، ޓޫރިސްޓް އުޅަނދު އަދި އެ ނޫނަސް އެފަދަ ތަންތަނެވެ.

ކެޓަގަރީ ބީގައި ހިމެނެނީ ގެސްޓުހައުސްތަކާއި މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ހޮޓާތަކުގެ ތެރެއިން 50 ކޮޓަރި ނުވަތަ އެއަށްވުރެ މަދު އަދަދެއްގެ ކޮޓަރި ރަޖިސްޓްރީކޮށްފައިވާ ތަންތަނެވެ.

މީގެ އިތުރުން ފަތުރުވެރިކަމުގެ ހިދުމަތް ދޭ ތަންތަނުން ވިއްކާ ނުވަތަ ފޯރުކޮށްދޭ މުދަލާއި ހިދުމަތަށް މަހެއްގެ ތެރޭގައި ލިބޭ ޖުމްލަ ބޭރު ފައިސާ އެ މަހަށް ފަހު އަންނަ ތިން ވަނަ މަހުގެ 28 ވަނަ ދުވަހުގެ ކުރިން ބޭންކެއްގައި ހުޅުވާފައިވާ ބޭރު ފައިސާގެ އެކައުންޓަކަށް ޖަމާކުރަން ޖެހޭނެ ކަމަށް ވެސް އެ ގަވާއިދުގައިވެ އެވެ.

މި ގޮތަށް ފައިސާ ޖަމާކުރަން ޖެހޭނީ ޑޮލަރުން ނުވަތަ އެމްއެެމްއޭއިން ހުއްދަކުރާ އެހެން ބޭރު ފައިސާއަކުންނެވެ.

މި ގަވާއިދުގައި ބުނާ ގޮތަށް ބޭރު ފައިސާ މާރުނުކޮށްފި ނަމަ އެ ފަރާތެއް 5،000ރ. އާއި 1 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދުން ޖޫރިމަނާ ކުރެވޭނެ އެވެ.

ކޮމެންޓް (3)

profile-image-placeholder

ދިވެހީންގެ ރާއްޖެ

2 އޮކްޓޯބަރު 2024
މިގަވާއިދު ހެއްދެވި ބޭފުޅަކު ހަންނެތުނީ ރާއްޖޭގައި ހުރި ލަގްޒަރީ ރިސޯރޓްތަކުން ރެއަކަށް 10،000 ޑަރަލުރައްވުން ބޮޑުކޮށް އެދެ ވިއްކާކަން. މިރިސޯރޓްތަކަށް އަންނަ ފަތުރުވެރިން މަދުވެގެން 20-30،000 ޑޮލަރު ހަރަދުކުރާނެ ރާއްޖޭގައި ޗުއްޓީ ހޭދަކުރަން. މިތަންތަނުން މިހަކަށް 500 ޑަލަރު ރާއްޖޭގެ ބެންކަކަށް މާރުކުރަން ބުނުމަކީ މިގަވާއިދުވެސް މިއޮތީ މިދާއިރާގައި މަސައްކަތްކުރާ ކުދި\ކުންފުނިތައް ތަޅުއެޅުމުގެ ނިޔަތް. މިގަވާއިދު އެކުލަވާލުމުގެ ނިޔަތް ރަގަޅު ނޫންކަން މިއޮތީ ފެންނަން.

ސިކުނޑި

2 އޮކްޓޯބަރު 2024
ޓެކްސް ނިޒާމު ރެގިއުލޭޓް ނުކުރެވިގެން އުޅޭ ތަނެއްގައި މިފަދަ ގަވައިދެއް ހިންގޭނެ ކަމާމެދު ޝައްކު! ގަވައިދު އޮތްގުން އޮތޯރިޓީން ބޭނުން ބަޔަކަށް ބޭނުން ކަރަންސީއަކުން ފައިސާ ދެއްކޭ! އަނެއްކާވެސް ދާނީ ގަދަ މީހާ ގަދަކޮށް ބަލިމީހާ ހަލާކަށް!!

ސިކުނޑި

2 އޮކްޓޯބަރު 2024
ދައުލަތުގެ މުއައްސަސާތަކުން ނެރޭ އުސޫލުތައް / ގަވައިދުތައް މިއަށްވުރެ ހަރުދަނާ ވާންޖެހޭ! ލިޔުމުގައިވެސް ތަފުސީލު ދެއްވާފައިވަނީ މުޅި މައުޟޫގެ މާނަ އޮޅޭގޮތަށް! ގަވައިދުގައި ކަނޑައެޅިގެން ދެ މާއްދާއެއް ވަކީން ލިޔެފައިވަނީކޮށް އޭގެތެރެއިން އެއްމާއްދާ!!

އިތުރު އާޓިކަލް

އިތުރު އާޓިކަލް