މަރުކަޒީ ބޭންކް، އެމްއެމްއޭގެ މައި އިދާރާ (ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)
500 ޑޮލަރު މާރުކުރަން އެންގުމުގެ ބާރު އެމްއެމްއޭއަކަށް ނެތް: ގާނޫނީ ވަކީލުން
މިދިޔަ 1 އޮކްޓޯބަރުގައި އަމަލުކުރަން ފެށި 'ބޭރު ފައިސާއާ ބެހޭ' ގަވައިދާ ޓޫރިޒަމްގެ ފަރާތްތަކުން ދެކޮޅު ހަދައި އަމަލުކުރެވެން ނެތްކަން މަރުކަޒީ ބޭންކް، އެމްއެމްއޭއަށް އަންގަމުންދާއިރު، ގާނޫނީ ވަކީލުން ވެސް އެ ގަވައިދުގެ ސައްހަ ކަމާ މެދު ބޮޑެތި ސުވާލުތަކެއް މި ވަނީ ކުރިމަތިކުރަން ފައްޓަވައިފަ އެވެ.
އެ މައްސަލަ ދިރާސާކުރެއްވި ގާނޫނީ ވަކީލުންގެ ނަޒަރުގައި ޓޫރިސްޓެއްގެ ބޮލަށް 500 ޑޮލަރު މާރުކުރަން އެންގުމުގެ އެއްވެސް ގާނޫނީ ބާރެއް އެމްއެމްއޭއަކަށް ނެތެވެ. އަދި އެ ގަވައިދު އެކުލަވާލާފައި ވަނީ ގާނޫނު ނުބައިކޮށް މާނަކޮށްގެން އެމްއެމްއޭއަށް ލިބިފައިނުވާ ބާރެއްގެ ބޭނުން ހިފައިގެންނެވެ.
މިކަމުގައި އެބޭފުޅުން ދައްކަވާ ގާނޫނީ ސަބަބުތަކަކީ ކޮބައިހެއްޔެވެ؟
ބޭރު ފައިސާ މާރުކުރުމުގެ ނިޒާމު ތަންފީޒުކުރުމަށްޓަކައި ރާއްޖޭގައި ބޭރު ފައިސާއިން ކުރާ މުއާމަލްތަކާ ގުޅޭ އުސޫލުތައް ކަނޑައެޅުމަށާއި އެކަމާ ގުޅޭ އެހެން ވެސް ސިޔާސަތުތައް ކަނޑައެޅުމުގެ މަގުސަދުގައި 'ބޭރު ފައިސާއާ ބެހޭ' އެ ގަވައިދު އެކުލަވާލާފައި ވަނީ އެމްއެމްއޭގެ ގާނޫނުގެ 24 އަދި 28 ވަނަ މާއްދާއިން ބާރުލިބިގެން ކަމަށް އެ ގަވައިދުގައި ބުނެ އެވެ.
އެމްއެމްއޭގެ ގާނޫނުގެ 24 ވަނަ މާއްދާގައި ބަޔާންކުރަނީ:
-
އެކްސްޗޭންޗް ރޭޓުގެ ނިޒާމު ކަނޑައެޅުމުގެ ބާރު ރައީސްއަށް ލިބިގެންވާ ކަމާއި އަދި އެ ކަނޑައަޅާ ރޭޓާ ހިލާފަށް ބޭރު ފައިސާގެ މުއާމަލާތު ކުރާ މީހުންނަށް ދެވޭނެ އަދަބުތައް
ދެން އެ ގަވައިދު އެކުލަވާލުމަށް ބާރު ހޯދާފައިވާ އެމްއެމްއޭ ގާނޫނުގެ 38 ވަނަ މާއްދާއަކީ އެ ގާނޫނު ތަންފީޒުކުރަން ހަދަން ޖެހޭ އުސޫލުތަކާއި ގަވައިދުތައް ހެދުމަށް އެ އިދާރާއަށް ބާރުދީފައިވާ އަސާސީ މާއްދާ އެވެ. އެގޮތުން އެ މާއްދާގައި ބުނަނީ:
-
އެމްއެމްއޭގެ ގާނޫނުގައި ބަޔާންކުރާ ކަންކަން ފުރިހަމައަށް ތަންފީޒުކުރުމަށް ގަވާއިދުތަކާއި އުސޫލުތަކާއި އިރުޝާދު އަދި ސަރިކިއުލާ އެކުލަވާލައި ތަންފިޒުކުރުމުގެ ބާރު އެމްއެމްއޭއަށް ލިބިގެންވާ ކަމަށް
އެ ގަވައިދު ދިރާސާކުރެއްވި ރާއްޖޭގެ ތަޖުރިބާކާރު ކޯޕަރޭޓް ލޯޔަރަކު މިއަދު 'ދައުުރު'އަށް ވިދާޅުވި ގޮތުގައި، އެ ގަވައިދު ހެދުމުގައި ބާރު ހޯދާފައިވާ އެމްއެމްއޭ ގާނޫނުގެ
"ގާނޫނުއަސާސީގައި ވަރަށް ސާފުކޮށް ބުނޭ ރައްޔިތުން އަމަލުކުރަން ޖެހޭ ހުރިހާ ގަވައިދުތަކަކީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނަކުން އެ ގަވައިދުތައް ހެދުމުގެ ބާރު ލިބިގެން ހަދާ ގަވައިދުތަކަކަށް ވާންވާނެ ކަމަށް. ގާނޫނަކުން ނުދޭ ބާރަކަށް އިދާރާއަކަށް އެއްވެސް ގަވައިދެއް ނުހެދޭނެ. މި ގަވައިދަކީ ގާނޫނުން ނުލިބޭ ބާރެއް އެމްއެމްއޭން ބޭނުންކޮށް ހަދާފައިވާ ގަވައިދެއް،" ރާއްޖޭގެ ވިޔަފާރިތަކަށް ގާނޫނީ ލަފާ ދެއްވާ މައްސަލަތަކުގައި ވެސް ކޯޓުގައި ވަކާލާތުކުރައްވާ އެ ގާނޫނު ވަކީލް، ނަން ނުޖަހާ ގޮތަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގާނޫނުން އެމްއެމްއޭއަށް ލިބެނީ ފޮރިން އެކްސްޗޭންޖް ރޭޭޓް ކަނޑައެޅުމުގެ ބާރު ކަމަށާއި މީސް މީހުންނަށް ލިބޭ ވިޔަފާރީގެ އާމްދަނީއާ މެދު ވަކި ގޮތަކަށް ކަންކުރަން އެންގުމުގެ ބާރެއް އެ އިދާރާއަށް ނޯންނަ ކަމަށެވެ.
މީގެ ކުރިން އެޓާނީ ޖެނެރަލްކަމާއި ޓޫރިޒަމް މިނިސްޓަރުކަން ވެސް ކުރެއްވި ޑރ. އަހުމަދު އަލީ ސަވާދު ވެސް ވިދާޅުވަނީ އެމްއެމްއޭގެ ގާނޫނުން އެ އިދާރާއަށް ލިބެނީ ބޭރު ފައިސާގެ ރޭޓް ކަނޑައެޅުމާއި އެ ރޭޓް ރެގިއުލޭޓް ކުރުމުގެ ބާރު އެކަނި ކަމަށެވެ. އޭގެ ބޭރުން އިތުރު ބާރުތަކެއް އެމްއެމްއޭއަށް ލިބި ނުދޭ ކަމަށް އޭނާ ވެސް ވިދާޅުވި އެވެ.
"ވިޔަފާރިއެއްގައި ބެހެއްޓޭނީ ކިހާ ވަރެއްގެ ބޭރު ފައިސާއެއް ކަމާއި އަދި އެ އާމްދަނީ ބަހައްޓާނީ ކޮން ފައިސާއެއްގައިކަން ކަނޑައެޅުމުގެ ބާރު އެމްއެމްއޭއަކަށް ގާނޫނަކުން ނުދޭ...އެހެންވުމުން މި ގަވައިދުގެ ގާނޫނީ ސައްހަކަމާ މެދު މި ވަނީ ސުވާލު އުފެދިފައި،" ސަވާދު 'އެކްސް'ގައި ލިޔުއްވާފައިވެ އެވެ.
The new forex Regulation (2024/R-91) derives its authority from S. 24 & S. 38 of Maldives Monetary Authority Act (Law No.6/81).
— ahmad ali sawad (@DrSawad) November 18, 2024
S.24 gives MMA the power to decide foreign exchange rate & related policies.
S.38 gives MMA power to make regulations to enforce this law.
🧵 1/13
އޭނާ ވިދާޅުވި ގޮތުގައި، މިހާރުގެ ގަވައިދު އޮތްގޮތުން ވިޔަފާރީގެ ބޭނުމަށް ބޭރު ފައިސާގެ އާމްދަނީ ބޭނުންވިޔަސް އެފަދަ އާމްދަނީއެއް ހޯދުމުގެ ހައްގުން ވެސް ވިޔަފާރިތައް މަހުރޫމްކޮށްފައިވާ ކަމަށެވެ. އަދި ރާއްޖޭގެ ގާނޫނުތަކުން ވިޔަފާރިތަކަށް ލިބިދޭ އިހުތިޔާރެއް މިގޮތަށް ހަދާ ގަވައިދަކުން ނިގުޅައި ނުގަނެވޭނެ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.
"ރިސޯޓްތަކާއި ޓޫރިސްޓް ވިޔަފާރިތަކަކީ ގާނޫނީ ގޮތުން ހިންގާ ގާނޫނީ ބާރުވެރިކަން ލިބިފައިވާ ސަހުސުތަކެއް. އަދި ލާޒިމް ކުރާ ކުއްޔާއި ފީތަކާއި ޑިއުޓީ އަދި ކަމާ ގުޅޭ ހުރިހާ ޓެކްސްއެއް ދައްކައިގެން އޮޕަރޭޓް ކުރާ ވިޔަފާރިތަކަށް ގާނޫނީ ގޮތުން ލިބޭ ހުރިހާ ހައްގުތަކެއް ލިބިދޭން ޖެހޭ،" ސަވާދު ލިޔުއްވާފައިވެ އެވެ.
މީގެ ކުރިން ވާހަކަ ދެއްކެވި ގާނޫނީ ވަކީލު ވިދާޅުވި ގޮތުގައި، އެކްސްޗޭންޖް ރޭޓް ކަނޑައަޅައި ތަންފީޒު ކުރުމާ ގުޅޭ އުސޫލުތައް ހެދޭނޭ ކަމަށް ގާނޫނުގައި ބުނާތީ އެމްއެމްއޭން ނުވަތަ ދައުލަތުން ހިތުހުރި ގޮތަކަށް އެ އިބާރާތް މާނަކޮށްގެން ނުވާނެ އެވެ. އަދި އާންމު ފަރުދުންނާއި ވިޔަފާރިތަކުގެ އާމްދަނީއަށް ހަދަންވީ ގޮތް އެންގުމުގެ ބާރު މަރުކަޒީ ބޭންކަށް އޮންނަ ކަމަށް މާނަކުރަން ވާނީ ރައްޔިތުންގެ މަޖިލީހުން ގާނޫނު ފަރުމާކުރިއިރު އެ ބާރު ދިނުމުގެ ނިޔަތް މަޖިލީހުގައި އޮތް ނަމަ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެކަމަކު އަޅުގަނޑަކަށް ފާހަގައެއް ނުވި މަޖިލީހުން ގާނޫނު ހެދިއިރު އެފަދަ އެއްވެސް ނިޔަތެއް އޮތް ކަމަކަށް. މަޖިލީހުގެ އޭރުގެ ބަހުސްތަކުގެ ތެރެއިން ފެންނަން ހުރި ކަންކަމަށް ބަލާއިރު އެފަދަ ކަމެއް ފާހަގައެއް ނުވޭ،" ގާނޫނީ ވަކީލް ވިދާޅުުވި އެވެ.
މަޖިލީހުގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލް އަލީ ހުސެއިން ވެސް އެ ވަކީލުންގެ ވާހަކަތަކަށް އެއްބަސްވެ ވަޑައިގަންނަވަ އެވެ. އޭނާ ވިދާޅުވީ ޑޮލަރު މާރުކުރުން މަޖުބޫރުކޮށް މަރުކަޒީ ބޭންކުން އެކުލަވާލާފައިވާ ގަވާއިދަކީ ގާނޫނީ ގޮތުން ނުލިބޭ ބާރުތަކެއް އަމިއްލައަށް އަތަށް މަހާލައިގެން އެމްއެމްއޭން ކޮށްފައިވާ ގައިރު ދުސްތޫރީ އަމަލެއް ކަމަށެވެ.
"ޝައްކެއް ނެތް މިއީ ގާނޫނާ ހިލާފަށް ހަދާފައިވާ ގައިރު ދުސްތޫރީ ގަވާއިދެއް،" އަލީ ހުސެއިން ވިދާޅުވި އެވެ.
ޑޮލަރު މާރުކުރުން މަޖުބޫރުކޮށް މަރުކަޒީ ބޭންކުން އެކުލަވާލާފައިވާ ގަވާއިދަކީ ގާނޫނީ ގޮތުން ނުލިބޭ ބާރުތަކެއް އަމިއްލައަށް އަތަށް މަހާލައިގެން އެމް އެމްއޭގެ ގާނޫނާއި ޚިލާފަށް ހަދާފައިވާ ޣައިރު ދުސްތޫރީ ގަވާއިދެއް
— Ali Hussain (@AleeVoice) November 17, 2024
މި ވަކީލުންގެ ވާހަކަތަކަށް ގާނޫނުއަސާސީގެ އެހެން މާއްދާތަކުން ވެސް ބާރުލިބިދެ އެވެ. ގާނޫނުތަކާ ހިލާފުނުވާ ގޮތެއްގެ މަތިން މުދާ ހޯދުމާއި ވިޔަފާރި ކުރުމާއި މަންފާ ލިބިގަތުމަކީ ގާނޫނުއަސާސީން ކޮންމެ ރައްޔިތަކަށްމެ ދީފައިވާ ހައްގެކެވެ. އަދި ވިޔަފާރިތަކުން އަދާކުރަން ޖެހޭ ގާނޫނީ ޒިންމާ އަދާކުރުމަށް ފަހު އެ މީހުންނަށް ލިބޭ އާމްދަނީއަކީ އެ މީހުންގެ ފަރުދީ ހައްގެކެވެ. އެހެންވެ، އަމިއްލަ ފަރުދުންގެ މުދަލާއި ހައްގުތައް ދައުލަތުން ނިގުޅައިގަތުމަކީ ގާނޫނުއަސާސީގެ ރޫހާ މުޅިން ހިލާފު ކަމެއް ކަމަށް ގާނޫނީ ވަކީލުން ވިދާޅުވެ އެވެ.
މީގެ އިތުރަށް، ގާނޫނަކުން ބާރުލިބިގެން މެނުވީ ދައުލަތުގެ އެއްވެސް މުވައްޒަފަކު އެއްވެސް މީހަކަށް އަމުރެއް ކޮށްގެނެއް ނުވާނެ ކަމަށް ވެސް ގާނޫނުއަސާާސީގައި ބުނެ އެވެ. އަދި ގައިރު ގާނޫނީ އެއްވެސް އަމުރަކަށް ތަބާނުވުމުގެ ހައްގު ކޮންމެ މީހަކަށްމެ ގާނޫނުއަސާސީން ވަނީ ލިބިދީފަ އެވެ. އެހެންކަމުން، ވަކި ކަމެއް ކުރުމަށް ނުވަތަ ނުކުރުމަށް ވެސް އެއްވެސް މީހަކަށް އަމުރެއް ކުރެވޭނީ ގާނޫނަކުން އެކަން ހުއްދަކުރާނަމަ އެވެ.
އެމްއެމްއޭގެ އާ ގަވައިދުގެ ސައްހަ ކަމާ މެދު ގާނޫނީ ވަކީލުން ސުވާލުތައް ކުރިމަތިކުރުމާ ދިމާކޮށް ރައީސް މުހައްމަދު މުއިއްޒު މިހާރު ވިދާޅުވެފައި ވަނީ ރާއްޖޭގައި ބޭރު ފައިސާ ގެންގުޅުމާއި މާރުކުރުމާ ގުޅޭ، ފޮރެކްސް ގާނޫނެއް ވަރަށް އަވަހަށް ވުޖޫދު ކުރައްވާނޭ ކަމަށެވެ. އެ ގާނޫނަކީ މިހާރުގެ ގަވައިދަށް ސައްހަކަން ގެނުވާނޭ ގާނޫނަކަށް ވާނެ އެވެ. އެހެން ނަމަވެސް އެ ގާނޫނުގެ ކުރިން މި ގަވައިދަކީ ސައްހަ ގަވައިދެއް ކަމާ މެދު މި ވަނީ ސުވާލު އުފެދިފަ އެވެ.
ކޮމެންޓް (8)
ކޮސް
މަރުކަޒީ ބޭންކް
ލޮލް
ސިކުނޑި
ލޮލް
އަޅި އަލީ
ސިކުނޑި
ހިމާރުލްގައުމު