މަރުކަޒީ ބޭންކް، އެމްއެމްއޭގެ އިމާރާތް: ޑޮލަރު މާރުކުރަން ހެދި އާ ގަވައިދާ ޓޫރިޒަމްގެ ފަރާތްތައް އަންނަނީ ދެކޮޅު ހަދަމުން (ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)
50އަށް ވުރެ ގިނަ ރިސޯޓުން ޑޮލަރު މާރުކުރާ އާ ގަވައިދާ ދެކޮޅުކަން ހާމަކޮށްފި
ރިސޯޓަށް އަންނަ ކޮންމެ ޓޫރިސްޓެއްގެ ބޮލަށް 500 ޑޮލަރުގެ މަގުން ޑޮލަރު މާރުކުރަން މަޖުބޫރުކޮށް ހަދާފައިވާ ބޭރު ފައިސާ މާރުކުރުމުގެ ގަވައިދާ ދެކޮޅުކަން ރާއްޖޭގައި ހިންގާ 50އަށް ވުރެ ގިނަ ރިސޯޓުން ހާމަކޮށް މަރުކަޒީ ބޭންކް، އެމްއެމްއޭއަށް ސިޓީ ފޮނުވައިފި އެވެ.
ވީ ކިހިނެއް؟ - ރާއްޖޭގައި އެންމެ ގިނަ ރިސޯޓް ހިންގާ ކުންފުނިތަކުގެ ވެރިން ސޮއިކޮށް އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރަށް އިއްޔެއިން ފެށިގެން ވަކިވަކިން ވަނީ ސިޓީ ފޮނުވަން ފަށައިފަ އެވެ.
ތަފްސީލް - މިހާތަނަށް 'ދައުރު'އަށް ހޯދުނު މައުލޫމާތުތަކުން އެނގޭ ގޮތުގައި، 52 ރިސޯޓަކުން މިހާތަނަށް ވަނީ އެމްއެމްއޭއަށް ސިޓީ ފޮނުވަން ތައްޔާރުވެފަ އެވެ. އޭގެ ތެރެއިން ބައެއް ކުންފުނިތަކުން ވަނީ މިހާރު ސިޓީ ފޮނުވައިފަ އެވެ.
އެ ސިޓީތަކުގައި ފާހަގަކޮށްފައިވާ އެންމެ ބޮޑު ކަންބޮޑުވުމަކީ ކޮންމެ ޓޫރިސްޓެއްގެ ބޮލަށް 500 ޑޮލަރު މާރުކުރުމަކީ ޓޫރިޒަމް ވިޔަފާރި ހިނގާގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އޭގެ ސަބަބުތަކުގެ ގޮތުގައި ފާހަގަކޮށްފައި ވަނީ:
-
އެކި ގެސްޓުން ރިސޯޓްތަކަށް ހޭދަކުރާ މިންވަރު ތަފާތުއިރު އެކަމަށް ގަވައިދުގައި ރިއާޔަތް ނުކޮށް ކޮންމެ ޓޫރިސްޓެއްގެ ބޮލަށް އެއް އަދަދެއް މާރުކުރަން މަޖުބޫރުކުރުން؛ މިކަމުގެ ސަބަބުން ޑޮލަރުން ރިސޯޓްތަކަށް ލިބޭ އާމްދަނީއަށް ވުރެ ބޮޑު އެއްޗެއް މާރުކުރަން ޖެހޭނެ
-
އެކި ފަންތީގެ ރިސޯޓްތަކުން ކޮޓަރި ވިއްކާ އަގު ނުވަތަ އެވްރެޖް ޑެއިލީ ރޭޓް (އޭޑީއާރު) ތަފާތު ނަމަވެސް އެމްއެމްއޭގެ އާ ގަވައިދުގައި އެކަމަށް ބެލުމެއް ނެތި ހުރިހާ ރިސޯޓްތަކުން އެއްވަރަކަށް ބޭރު ފައިސާ މާރުކުރަން މަޖުބޫރުކުރުން؛ އަދި މިއީ ރިސޯޓް ވިޔަފާރި ހިނގާ އުސޫލުތަކާ ދިމާނުވާ ގަވައިދެ ކަމާއި މިކަމުގެ ސަބަބުން ހާއްސަކޮށް ދަށް ފަންތީގެ ރިސޯޓްތަކަށް އުފުލަން ޖެހޭ މާލީ ގެއްލުން ބޮޑުވާނެ
-
ރިސޯޓްތަކަށް އަންނަ ބައެއް ފަރާތްތަކަކީ ހިލޭ ބައިތިއްބާ ފަރާތްތައް، މިސާލަކަށް ފޭމް ދަތުރުތަކާއި ވަކި އުމުރަކުން ދަށުގެ ކުދިންނަށް ޕެކޭޖްތަކުގެ ދަށުން ތިބުން ވަނީ ހިލޭކޮށްފައި؛ އެހެން ނަމަވެސް މިހާރު ގަވައިދު އޮތްގޮތުން އެފަދަ ފަރާތްތަކަށް ޑޮލަރު އެމްއެމްއޭއަށް މާރުކުރަން ޖެހުން
-
ރިސޯޓްތައް ހަދާފައިވަނީ ރާއްޖެއިން ބޭރުގެ އެކި ފަރާތްތަކުން ލޯނު ނަގައިގެން ކަމަށްވުމާއި ބޭރަށް ދައްކަން ޖެހޭ ވަރަށް ގިނަ ފައިސާގެ މުއާމަލާތްތައް ޑޮލަރުން ކުރަން ޖެހޭއިރު މިގޮތަށް ޑޮލަރު މާރުކުރުމުން އެކަމަށް ބޭރު ފައިސާ ބާކީ ނުކުރެވޭ؛ އަދި އެކަމަށް ބޭނުންވާ ބޭރު ފައިސާ ރާއްޖޭގެ ބޭންކިން ނިޒާމަކުން ނުލިބޭ
މީގެ އިތުރަށް ވެސް އެ ސިޓީތަކުގައި ފާހަގަކޮށްފައިވާ ގޮތުގައި ޑޮލަރުން މާރުކުރަން މަޖުބޫރު ކުރުވުމުގެ ސަބަބުން މުވައްޒަފުންނަށް ދޭ މުސާރަ އާއި އެހެން ވެސް އިނާޔަތްތަކަށް ބަދަލުތައް ގެންނަން ރިސޯޓްތަކަށް މަޖުބޫރުވާނެ އެވެ. ހާއްސަކޮށް ޑޮލަރުން ދޭން މަޖުބޫރުކޮށްފައިވާ ސާވިސްޗާޖް ދިނުން އަދި މުސާރަ ދިނުން ފަދަ ކަންކަން ކުރުމަށް ވަރަށް ބޮޑަށް ދަތިވާނޭ ކަމަށް ވެސް ފާހަގަކޮށްފައިވެ އެވެ.
ފާހަގަކޮށްލެވޭ - ރާއްޖޭގެ އެންމެ ބޮޑު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު)ގެ ތިން ކުންފުނިން ވެސް މިދިޔަ އަންގާރަ ދުވަހު ވަނީ އެ ގަވައިދަށް އަމަލުކުރުމަކީ ޕްރެކްޓިކަލީ ކުރެވޭނެ ކަމެއް ނޫން ކަމަށް ބުނެ އެމްއެމްއޭއަށް ސިޓީ ފޮނުވައިފަ އެވެ. އަދި އެ ގަވައިދަށް އަމަލުކުރުން ހުއްޓާލައި ބޭރު ފައިސާގެ މައްސަލަ ދިގު މުއްދަތެއްގައި ހައްލުވާނޭ ފަދަ އުސޫލުތަކަކަށް އަމަލުކުރަން ވަނީ އެދިފަ އެވެ.
ކޮމެންޓް (6)
އަބްދުލް ޝަކޫރު
ވަށަފަރު އުނބު ބަންޑާރައިން
ދުންބޯ އައިސާނިކެ
ރަދުން
ޢަބްދުﷲ
ނޮޓް