ރައީސް މުހައްމަދު ނަޝީދު - ޑޮލަރު މާރުކުރަން މަޖުބޫރު ނުކުރެވޭނެ ކަމަށް ވިދާޅުވެއްޖެ (ދައުރު ފޮޓޯ/ހުސައިން ސުނޭން)
ޑޮލަރު މާރުކުރަން މަޖުބޫރުކުރާ ގަވާއިދާ ނަޝީދު ވެސް ދެކޮޅު
ޓުއަރިޒަމް ވިޔަފާރިތަކަށް ލިބޭ ބޭރު ފައިސާއިން ބޮޑު ބައެއް ބޭންކަށް މާރުކުރަން މަޖުބޫރުވާ ގޮތަށް އޮތް ގަވާއިދަށް ތާއީދު ނުކުރައްވާ ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ރިސޯޓަށް އަންނަ ކޮންމެ ޓުއަރިސްޓަކަށް 500 ޑޮލަރުގެ މަގުން ޑޮލަރު މާރުކުރަން ގަވައިދު މިހާރު ލާޒިމު ކުރި ނަމަވެސް އެ ކަން ނުވާނެ ކަމަށް ބުނެ ގިނަ ރިސޯޓު ވިޔަފާރިވެރިން ދަނީ ސަރުކާރަށް އެކަން އަންގަމުންނެވެ.
ބުނީ ކީކޭ؟ - ޓުއަރިޒަމް ވިޔަފާރިވެރިން ތިބޭ ވަޓްސް އެޕް ގްރޫޕަކަށް ނަޝީދު ފޮނުއްވި ޓެކްސްޓް މެސެޖެއްގައި ވިދާޅުވީ ޓެކްސްގެ ބޭރުން ދެން އިތުރު އެއްވެސް ކަމެއް ކުރަން ސަރުކާރުން އަންގައިގެން ނުވާނެ ކަމަށެވެ.
"އަޅުގަނޑުގެ ދެކޭ ގޮތުގައި، ރައްޔިތުން އަމިއްލަ ފައިސާއިން ކުރަން ޖެހޭ ކަންކަން ސަރުކާރަކަށް ނުނިންމޭނެ. ރިސޯޓްތަކުގެ ވެރިން ޓެކްސް ދައްކާ. ބާކީ އެއީ އެމީހުންގެ އަމިއްލަ ފައިސާ. ބަހައްޓަން ބޭނުންވާ ތަނެއްގައި ބެހެއްޓެން ވާނެ. ހަރަދުކުރަންވީ ގޮތެއް ވެސް އެ މީހުންނަށް ނިންމެން ވާނެ،" ނަޝީދު ލިޔުއްވާފައިވެ އެވެ.
އެ މަނިކުފާނު ވިދާޅުވީ ފޮރިން ރިޒާވު ސަރުކާރަށް އިތުރު ނުކުރެވޭ ކަމުގެ ހަގީގަތް ވެސް ގަބޫލު ކުރައްވާ ކަމަށެވެ. މި ހުރިހާ ކަމަކަށް އޮތް ހައްލަކީ، ދަރަނި ދެއްކުން ފަސްކުރުމާއި މުރާޖާ ކުރުމެވެ.
"2018ގައި އެމްޑީޕީ ސަރުކާރަށް އައި އިރު ވެސް އަންދާޒާ ކުރެވުނު ކަމެއް އެއީ ލޯނު ރީސްޓްރަކްޗާ ކުރަން އެބަ ޖެހޭ ކަން. އެ ގޮތަށް ވައުދު ވެފައި ވެސް އެ ގޮތަށް ސަރުކާރުން އަމަލުނުކޮށް ދޫކޮށްލީ،" ނަޝީދު ވިދާޅުވި އެވެ.
މިހާރުގެ ސަރުކާރަށް ދައްކަން ޖެހިފައިވާ ދަރަންޏަށް ބަލާއިރު ކިތަންމެ ވަރަކަށް ޓެކްސް ބޮޑުކޮށްވެން ވެސް އެ ވަރުގެ އާމްދަނީއެއް ހޯދޭނެ ކަމަށް ގަބޫލުކުރަން ދަތި ކަމަށް ނަޝީދު ވިދާޅުވި އެވެ.
ކޮމެންޓް (3)
މަހުވެއި
ބަލަކްސީ
ނުން