ވ. ފުލިދޫގެ ގެސްްޓްހައުސްއެއް: މި ކެޓެގަރީގެ ގެސްޓްހައުސްތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރު، ބޭންކަކަށް މާރުކުރަން ޖެހޭނެ
ޑޮލަރު މާރުކުރުމުގައި ވަކި ހާލަތްތަކެއްގައި ރިސޯޓާއި ގެސްޓްހައުސްތަކަށް ލުއި ލިބޭ
ރާއްޖެ އަންނަ ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރާއި 500 ޑޮލަރު ރާއްޖޭގެ ބޭންކަކަށް މާރުކުރަން މަޖުބޫރުކޮށް އެމްއެމްއޭއިން މިދިޔަ އަންގާރަ ދުވަހު ތަންފީޒްކުރަން ފެށި ގަވާއިދުގައި ރިސޯޓްތަކާއި ގެސްޓްހައުސްތަކަށް ލުއި ލިބޭ ހާލަތްތަކެއް ވެސް ވަނީ ހިމަނައިފަ އެވެ.
ވީ ކިހިނެއް؟ - ރާއްޖޭގައި ޑޮލަރު ލިބުމުގެ ދަތިކަން ބޮޑުވެ ރަސްމީ ރިޒާވަށް ވެސް އޭގެ ނުބައި އަސަރު ވަނީ ކޮށްފަ އެވެ. އެކަން ހައްލުކުރުމުގެ ފިޔަވަޅެއްގެ ގޮތުން މަރުކަޒީ ބޭންކް އެމްއެމްއޭއިން ވަނީ 'ބޭރު ފައިސާއާ ބެހޭ ގަވާއިދު'ގެ ނަމުގައި އާ ގަވާއިދެއް މިދިޔަ އަންގާރަ ދުވަހު ގެޒެޓްކޮށް ހަމަ އެ ދުވަހު ތަންފީޒުކުރަން ފަށައިފަ އެވެ.
ތަފްސީލް - އާ ގަވާއިދުގައި އޭ ކެޓެގަރީ އާއި ބީ ކެޓެގަރީއެއް ހިމަނައި، އޭ ކެޓެގަރީގައި ހިމެނޭ ރިސޯޓް ފަދަ ތަންތަނުން އެ ތަންތަނުގައި ޗުއްޓީ ހޭދަކުރާ ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރު، ރާއްޖޭގެ ބޭންކެއްގައި މާރުކުރަން ޖެހޭނެ އެވެ.
ބީ ކެޓެގަރީގައި ހިމެނޭ ގެސްޓްހައުސް ފަދަ ތަންތަނަށް ކަނޑައަޅާފައި ވަނީ ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރެވެ.
އެކަމަކު ގަވާއިދުގައި ބުނާ ގޮތުން ވަކި ހާލަތްތަކެއްގައި އެ އަދަދަށް މާރުނުކޮށް އެއަށް ވުރެ ކުޑަ އަދަދަކަށް ވެސް ހަމަޖެއްސިދާނެ އެވެ. އެގޮތުން ގަވާއިދުގައި ހިމަނާފައިވާ ހާލަތްތަކަކީ:
-
ބޭރު ފައިސާއިން އަދާކުރަން ޖެހިފައިވާ ޓެކްސް
-
މާލީ އިދާރާއަކަށް ބޭރު ފައިސާއިން އަދާކުރަން ޖެހިފައިވާ ދަރަނި
-
ކޯޓު ހުކުމެއްގައި ދައްކަން ކަނޑައަޅާފައިވާ ބޭރު ފައިސާގެ އިލްތިޒާމްތައް
-
އެމްއެމްއޭއިން ހުއްދަ ދޭ އެހެން ވެސް ބޭރު ފައިސާގެ އިލްތިޒާމްތައް
ގަވާއިދުގައި ބުނެފައިވާ ގޮތުގައި މި އިސްތިސްނާތައް ލިބޭނީ މިހާރު ކަނޑައަޅާފައިވާ މިންވަރަށް ޑޮލަރު މާރުކޮށްފި ނަމަ މަތީގައި އެ އޮތް ހާލަތްތަކުގައި ދައްކަން ޖެހޭ މިންވަރަށް ބޭރު ފައިސާ ނުހުންނަ ނަމަ އެވެ. އެކަން ސާބިތުކޮށްދޭން އެ ތަނަކުން އެމްއެމްއޭއަށް ލިއުންތައް ހުށައަޅަން ޖެހޭނެ އެވެ.
އެމްއެމްއޭއަށް އެކަން ގަބޫލުކުރެވޭ ނަމަ، ކޮންމެ ޓޫރިސްޓަކަށް މާރުކުރަން ޖެހޭ "އަދަދަށް ވުރެ މަދު އަދަދެއް މާރުކުރުމުގެ ހުއްދަ އޮތޯރިޓީން ދެވިދާނެ" ކަމަށް، ގަވާއިދުގައި ވަނީ ކަނޑައަޅައިފަ އެވެ.
ގުޅުން ހުރި - ރާއްޖޭގައި ޗުއްޓީ ހޭދަކުރާ ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރާއި 500 ޑޮލަރު ރާއްޖޭގެ ބޭންކަކަށް މާރުކުރަން މަޖުބޫރުކުރުމުން ޓޫރިޒަމް ދާއިރާގެ ގިނަ ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ނަމަވެސް އަނެއް ބަޔަކު ދެކޭ ގޮތުގައި މިއީ ޑޮލަރުގެ ކަޅު ބާޒާރު ނައްތާލަން ސަރުކާރުން ކޮންމެހެން ވެސް އަޅަން ޖެހޭ ފިޔަވަޅުތަކުގެ ބައެކެވެ.
އެމްއެމްއޭއިން ބުނެފައިވާ ގޮތުގައި ޓޫރިޒަމް ދާއިރާއިން ލިބޭ އާމްދަނީ ރާއްޖޭގެ ބޭންކްތަކަށް ވަންނަ މިންވަރު ދަނީ މަދުވަމުންނެވެ. އެގޮތުން:
-
2019ގައި ޓޫރިޒަމްގެ ދާއިރާއަށް ސޭލްސްގެ ގޮތުގައި ލިބުނު 3 ބިލިއަން ޑޮލަރުގެ %74 ނުވަތަ 2.2 ބިލިއަން ޑޮލަރު ބޭންކިން ނިޒާމަށް ވަދެފައިވޭ
-
ނަމަވެސް 2023ގައި ޓޫރިޒަމްގެ ދާއިރާއިން ލިބުނު 4.5 ބިލިއަން ޑޮލަރުގެ ތެރެއިން ބޭންކިންގެ ނިޒާމަށް ވަދެފައި ވަނީ %52 ނުވަތަ 2.3 ބިލިއަން ޑޮލަރު
ޑޮލަރުގެ މައްސަލައާ ބެހޭ ކަވަރޭޖް
ބޭރު ފައިސާގެ އުސޫލު ކަނޑައެޅީ މަޓީގެ ހިޔާލުތަކާ ދެކޮޅަށް
2 އޮކްޓޯބަރު 2024
'ބަދަލުތަކުގެ އަސަރު ފެންނާނީ މާލީ އިސްލާހުތައް ތަންފީޒުކޮށްގެން'
2 އޮކްޓޯބަރު 2024
ބޮލަކަށް 500 ޑޮލަރު ބޮޑު، އާމްދަނީގެ ޕަސެންޓް ނެގިދާނެ: ފައްޔާޒު
2 އޮކްޓޯބަރު 2024
'އާ ގަވާއިދާއެކު ބޭންކުތަކަށް ބޭރު ފައިސާގެ ބޮޑު ބައެއް ވަންނާނެ'
2 އޮކްޓޯބަރު 2024
ޑޮލަރު ގަނެ ވިއްކަން ބިދޭސީންނަށް ނުތިބެވޭ ގޮތަށް ގަވައިދެއް
1 އޮކްޓޯބަރު 2024
ރިސޯޓުތަކުން ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރު މާރުކުރަން ޖެހޭނެ
1 އޮކްޓޯބަރު 2024