މަނީ އެކްސްޗޭންޖެއްގައި މީހަކު ބޭރު ފައިސާ މާރު ކުރަނީ (ދައުރު ފޮޓޯ/މުހައްމަދު އަމާން)
ބިދޭސީންނަށް ހަރަކާތްތެރި ނުވެވޭ ގޮތަށް ބޭރު ފައިސާ ގަނެ ވިއްކުމުގެ ހަރުކަށި ގަވައިދަކަށް އަމަލުކުރަން ފަށައިފި
ރާއްޖޭގައި އަމަލުކުރާތާ 37 އަހަރުވެފައިވާ ބޭރު ފައިސާ ގަނެ ވިއްކުމުގެ ގަވައިދު އުވާލާ ހަރުކަށި އުސޫލުތަކަކާ އެކު މުޅިން އާ ބޭރު ފައިސާ ގަނެ ވިއްކުމުގެ ވިޔަފާރިއާ ގުޅޭ ގަވައިދެއް މަރުކަޒީ ބޭންކް، އެމްއެމްއޭން މިއަދު ތައާރަފްކޮށް އަމަލުކުރަން ފަށައިފި އެވެ.
ވީ ކިހިނެއް؟ - އަލަށް އަމަލުކުރަން ފެށި "މަނީ ޗޭންޖިން ވިޔަފާރިއާ ބެހޭ ގަވާއިދު"ގެ ދަށުން ބޭރު ފައިސާ މާރުކުރުމުގެ ވިޔަފާރި ކުރުމަށް ހާއްސަ ކުންފުންޏެއް އުފައްދަން ޖެހެ އެވެ. އާ ގަވައިދުން ދެ ބާވަތެއްގެ ލައިސަންސެއް ދޫކުރާނެ އެވެ. އެއީ:
-
ޓިއާ-1: ބޭރު ފައިސާ ގަތުމާއި ވިއްކުމުގެ ވިޔަފާރިކުރުމުގެ ލައިސަންސް
-
ޓިއާ-2: ބޭރު ފައިސާ ހަމައެކަނި ވިއްކުމުގެ ވިޔަފާރިކުރުމުގެ ލައިސަންސް
އާ ގަވައިދުގައިވާ ގޮތުން ޓޫރިޒަމާ ބެހޭ ގާނޫނުގެ ދަށުން ރަޖިސްޓަރީކޮށްގެން ޓޫރިސްޓުންނަށް ހިދުމަށް ދިނުމަށް ހިންގާ ތަންތަނުން ލައިސަންސަކާ ނުލާ ޓޫރިސްޓުންގެ އަތުން ބޭރު ފައިސާ ގަނެ އަދި ޓޫރިސްޓުންނަށް ބޭރު ފައިސާ ވިއްކުން ހުއްދަ އެވެ.
ތަފްސީލް - ގަވައިދުގެ ދަށުން ޓިއާ-1ގެ ލައިސަންސް ދޫކުރާ ވިޔަފާރިތަކުން އަމަލުކުރަން ޖެހޭ އުސޫލުތަކަކީ:
-
ވިޔަފާރީގައި ހަރަކާތްތެރިވާ ހުރިހާ މުވައްޒަފުން ވެސް ވާންވާނީ ދިވެހިނަށް
-
އެފަދަ ވިޔަފާރިއަކުން ދުވާލެއްގެ މައްޗަށް އެއް ކަސްޓަމަރަކަށް ނަގުދު ފައިސާއިން އެންމެ ގިނަވެގެން މުއާމަލާތްކުރެވޭނީ 50،000ރ. ނުވަތަ އެއާ އެއްވަރުގެ ބޭރު ފައިސާގެ އަދަދަކަށް
-
ބޭރު ފައިސާ ގަތުމާއި ވިއްކުމުގެ ހުރިހާ މުއާމަލާތްތަކެއް މޮނިޓާ ކުރެވޭނެ އިލެކްޓްރޯނިކް ނިޒާމެއް ގާއިމުކުރަން ޖެހޭ
-
މި ލައިސަންސް ދޫކުރާނީ 5 އަހަރަށް
-
މި ލައިސަންސްގެ ފީއަކީ 20،000ރ.؛ އަދި ލައިސަންސް އަހަރީ ފީގެ ގޮތުގައި 24،000ރ. ދައްކަން ޖެހޭނެ
ޓިއާ-2ގެ ލައިސަންސް ދޫކުރާނީ ޓޫރިސްޓު ރިޒޯޓް ހިންގަން ހުއްދަ ނުވަތަ ލައިސަސް ލިބިފައިވާ ކުންފުނިތަކަށް އެކަނި ކަމަށް ގަވައިދުގައިވެ އެވެ. ޓިއާ-2 ލައިސަންސް ދޭ ވިޔަފާރިތަކުން އަމަލުކުރަން ޖެހޭ އުސޫލުތަކަކީ:
-
ލައިސަންސްގެ މުއްދަތަކީ ޓޫރިސްޓް ރިޒޯޓް ހިންގަން ލިބިފައިވާ ހުއްދައިގެ ނުވަތަ ލައިސަންސްގެ މުއްދަތު
-
މި ފަރާތްތަކުން ބޭރު ފައިސާ ވިއްކުމުގެ މުއާމަލާތް ކުރަންވާނީ ބޭންކަކާ އެކު ނުވަތަ ޓީއާ-1ގެ ލައިސަންސް އޮންނަ ފަރާތްތަކަކާ އެކު
-
މި ލައިސަންސް ދީފައިވާ ތަންތަނުން ބޭރު ފައިސާ ވިއްކުމަށްފަހު ކަސްޓަމަރަށް ރަސީދެއް ދޭން މަޖުބޫރު
-
މި ޓިއާގެ ލައިސަންސް އެޕްލިކޭޝަން ފީއަކީ 1،300 ޑޮލަރު؛ އަދި ލައިސެންސްގެ އަހަރީ ފީއަކީ 1،800 ޑޮލަރު
ލައިސަންސް ލިބިފައިވާ ކޮންމެ ފަރާތަކުން ވެސް ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި 50،000 ޑޮލަރު ބަހައްޓަން ޖެހެ އެވެ.
ފާހަގަކޮށްލެވޭ - ކުރިން ލައިސަންސް އޮތް ފަރާތްތަކުން އާ ގަވާއިދުގެ ދަށުން ޝަރުތުތައް ފުރިހަމަކޮށް އަލުން ލައިސަންސަށް ހުށަހަޅަން ޖެހެ އެވެ. ލައިސަންސަށް އެދި ހުށަހަޅައި އެމްއެމްއޭން ވަކި ގޮތެއް ނިންމައި އަންގަންދެން މިހާރު ހުރި ލައިސަންސުތަކުގެ ދަށުން ވިޔަފާރި ކުރިއަށް ގެންދެވޭނެ ކަމަށް ގަވައިދުގައިވެ އެވެ.
ކޮމެންޓް (1)
ބޮއްބެ