އެމްއެމްއޭގެ ގަވަރުނަރު ކަމުގެ މަގާމަށް މުނައްވަރު އައްޔަން ކުރުމަށް ރައީސް އޮފީހުގެ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން (ފޮޓޯ/ ރައީސް އޮފީސް)
ބަދަލުތަކުގެ ހެޔޮ އަސަރު ފެންނާނީ މާލީ އިސްލާހުތައް ތަންފީޒުކޮށްގެން: ގަވަރުނަރު
ބޭރު ފައިސާ އާ ގުޅުން ހުރި ގަވައިދުތަކަށް ގެނައި ބަދަލުގެ ހެޔޮ އަސަރު ފެންނަން ފަށާނީ މާލީ ސިޔާސަތުތައް ވެސް ބަދަލުކޮށް ސަރުކާރުން ރާވާފައިވާ ކަންތައް ތަންފީޒު ކުރަން ފެށުމުން ކަމަށް ގަވަރުނަރު އަހުމަދު މުނައްވަރު ރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މަރުކަޒީ ބޭންކުން އިއްޔެ ވަނީ ބޭރު ފައިސާ އާ ގުޅުން ހުރި ދެ ގަވައިދެއް އެކުލަވާލައިފަ އެވެ. އެ ގަވައިދުތައް އެކުލަވާލީ ރާއްޖޭގައި ބޭރު ފައިސާ ދައުރުވުން ހަރުދަނާކޮށް ބޭރު ފައިސާއަށް އޮތް ދަތިތަކަށް ހައްލު ގެނައުމަށް ރާވާފައިވާ ކަންތަކުގެ ތެރެއިންނެވެ.
ތަފްސީލް - އެ ބަދަލުތަކާ ގުޅޭގޮތުން ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ގަވަރުނަރު ވިދާޅުވީ ކުރީ ސަރުކާރުން 8 ބިލިއަނެއްހާ ރުފިޔާ ޗާޕުކުރިއިރު، ބޭންކިން ސިސްޓަމުގެ ތެރޭ ޑޮލަރަށް ވުރެ އިތުރަށް 5-6 ބިލިއަން ރުފިޔާ ދައުރުވަމުންދާ ކަމަށެވެ.
"އެއީ މިހާރުވެސް ބޭންކިން ނިޒާމުގެ ތެރޭ މި ފައިސާ ހުރީ. އަޅުގަނޑުމެން އެމްއެމްއޭގެ އަމާޒެއް އެއީ، މަނިޓަރީ ޕޮލިސީގެ އެއް ސިޔާސަތެއްގެ ދަށުން އިތުރުވެފައި ހުރި ރުފިޔާ މަދުކުރުން ވެސް. އެހެންވީމާ މި އަހަރު ތެރޭ، ނޮވެމްބަރުގައި މަނިޓަރީ ޕޮލިސީ އެކްޓިވްކޮށް އިތުރަށް ހުރި ދިވެހި ރުފިޔާ މަދު ކުރުމަށް އޯޕަން މާކެޓު އޮޕަރޭޝަނެއް ފަށާނެ،" ގަވަރުނަރު ވިދާޅުވި އެވެ.
މުނައްވަރު ވިދާޅުވީ، ރާއްޖެ އަށް ލިބޭ ބޭރު ފައިސާ އިން ރާއްޖޭގެ ބޭންކުތަކަށް ވަންނަނީ %25 ކަމަށާއި އަނެއް %75 މާރުކުރަނީ އެހެން ގޮތްގޮތަށް ކަމަށެވެ.
"މެކްރޯލެވެލްގައި މީގެ އެންމެ މުހިއްމު މައްސަލައަކަށް މިއޮތީ ސަރުކާރަށް ލިބޭ އާމްދަނީއަކުން ހަރަދުތައް ފޫބެއްދުން. އަޅުގަނޑުމެން މި ގެންނަ ބަދަލުތަކުން ބަދަލެއް ފެންނާނީ މެކްރޯ ފްރޭމްވޯކަށް ވެސް ބަދަލުތައް އައިސްގެން،" ގަވަރުނަރު ވިދާޅުވި އެވެ.
"ހަމައެކަނި މަނިޓަރީ ޕޮލިސީ، ފޮރިން އެކްސްޗޭންޖަށް އަޅުގަނޑުމެން މިކުރާ ކަމަކުން ބަދަލުތަކެއް އެއްކޮށް ނާންނާނެ. ފިސްކަލް ސިޔާސަތުތަކަށް ސަރުކާރުން ރާވާފައި ހުރި ކަންތައް. ހާއްސަކޮށް ސަބްސިޑީ ޓާގެޓް ކުރުމާ، އާސަންދަ ރިފޯމާ، ސަރުކާރު ކުންފުނިތަކަށް ގެނެވޭ ރިފޯމާ، ސަރުކާރުގެ ހަރަދު ވެސް ލިބޭ އާމްދަނީއާ އެއްވަރަށް ހިފެހެއްޓުމާ އަދި ދަރަނި ވެސް ސަސްޓެއިނެބަލްކޮށް ހިފެހެއްޓުމަކީ މި މައްސަލަ ޖުމްލަކޮށް ހައްލުވެގެންދާނެ ކަމެއް."
އޭނާ ވިދާޅުވީ، އުއްމީދަކީ މަނިޓަރީ ޕޮލިސީ އާއި ފިސްކަލް ޕޮލިސީ ވަރަށް ބޮޑަށް ކޯޑިނޭޓު ކުރެވިގެން މައްސަލަތައް ހައްލުވެގެން ދިޔުން ކަމަށެވެ.