އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވާހަކަ ދައްކަވަނީ (ދައުރު ފޮޓޯ/ އަޒްމީ އަހުމަދު)
ބޮލަކަށް 500 ޑޮލަރު މާ ބޮޑު، ބޮލަކަށް ޖެހޭ އާމްދަނީން ޕަސެންޓެއް ނެގިދާނެ: ފައްޔާޒު
ފަތުރުވެރިންނަށް ހިދުމަތް ދޭ ތަންތަނަށް ލިބޭ އާމްދަނީ، އެމްއެމްއޭ އިން އެކުލަވާލާފައިވާ ގަވައިދުގައި ބުނާ ގޮތަށް ރާއްޖޭގައި ހިންގާ ބޭންކުތަކަށް މާރުކުރަން ޖެހޭ ގޮތަށް އިއްޔެ އެކުލަވާލައި އާންމު ކުރި ގަވައިދުގައި ބުނެފައިވާ ބައެއް ކަންތައްތަކާ މެދު، މައި އިދިކޮޅު ޕާޓީ ކަމަށްވާ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
ވީ ކިހިނެއް؟ - ފަތުރުވެރިންނަށް ހިދުމަތް ދޭ ތަންތަނުން، އެތަނަކަށް އަންނަ ކޮންމެ ފަތުރުވެރިއަކަށް ވަކި ރޭޓަކުން ރާއްޖޭގެ ބޭންކަކަށް ޑޮލަރު މާރުކުރަން ޖެހޭ ގޮތަށް ބޭރު ފައިސާއާ ބެހޭ ގަވާއިދު އެކުލަވާލައި ތަންފީޒު ކުރަން ވަނީ ފަށައިފަ އެވެ.
އެނގުން މުހިއްމު - އެފަދަ ގަވައިދެއް އެކުލަވާލާފައިވަނީ ރާއްޖެއަށް ލިބޭ ބޭރު ފައިސާގެ އާމްދަނީ ރާއްޖޭގައި ހިފެހެއްޓުމަށާއި ރާއްޖެއަށް ދިމާވެފައިިވާ ބޭރު ފައިސާގެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ތެރެއިިންނެވެ.
ތަފްސީލް - އިއްޔެ އެކުލަވާލި އެ ގަވައިދާ އެކު ޓޫރިޒަމް ދާއިރާއާ ގުޅުން ހުރި މުދަލާއި ހިދުމަތްތައް ފޯރުކޮށް ދޭ ފަރާތްތަކުން ވިއްކާ ހިދުމަތް ނުވަތަ މުދަލަށް ކޮންމެ މަހަކު ލިބޭ ބޭރު ފައިސާގެ ޖުމްލަ އާމްދަނީ ރާއްޖޭގައި އޮންނަ ބޭންކް އެކައުންޓަކަށް ޖަމާކުރަން ޖެހެ އެވެ.
މީގެ އިތުރުން، ފަތުރުވެރިންނަށް ހިދުމަތް ދޭ ތަންތަނުން، އެ ތަނަކަށް އަންނަ ކޮންމެ ފަތުރުވެރިއަކަށް ވަކި ރޭޓަކުން ރާއްޖޭގެ ބޭންކަކަށް ޑޮލަރު މާރުކުރަން ޖެހޭ ގޮތަށް ވެސް ވަނީ ހިމަނައިފަ އެވެ.
-
ކެޓަގަރީ އޭގައި ހިމެނޭ ފަތުރުވެރިކަމުގެ ހިދުމަތް ދޭ ތަންތަނުން މަހެއްގެ ތެރޭގައި އަންނަ ކޮންމެ ފަތުރުވެރިއަކަށް 500 ޑޮލަރުގެ ރޭޓުން އެ މަހެއްގެ ތެރޭގައި އައިސްފައިވާ ޖުމްލަ ފަތުރުވެރިންނަށް ޖެހޭ އަދަދު، އެ މަހަށް ފަހު ހިނގާ ތިން ވަނަ މަހުގެ 28 ވަނަ ދުވަހު ކުރިން ބޭންކެއް މެދުވެރިކޮށް ދިވެހި ރުފިޔާއަށް މާރުކުރަން ޖެހޭނެ
-
ކެޓަގަރީ ބީގައި ހިމެނޭ ފަތުރުވެރިކަމުގެ ހިދުމަތް ދޭ ތަންތަނުން ވެސް ހަމަ މިގޮތަށް ބޭރު ފައިސާ މާރުކުރަން ޖެހޭނެ؛ ނަމަވެސް އެއީ ކޮންމެ ފަތުރުވެރިއަކަށް 25 ޑޮލަރުގެ ރޭޓުން
ކެޓަގަރީ އޭގައި ހިމެނެނީ ޓޫރިޒަމާ ބެހޭ ގާނޫނުގެ ދަށުން ގްރީން ޓެކްސް ދައްކަން ޖެހޭ ފަތުރުވެރިން އަންނަ ތަންތަނުގެ ތެރެއިން ރިސޯޓު، އިންޓަގްރޭޓަޑް ރިސޯޓު، ރިސޯޓް ހޮޓާ، ހޮޓާ، ޓޫރިސްޓް އުޅަނދު އަދި އެ ނޫނަސް އެފަދަ ތަންތަނެވެ.
ކެޓަގަރީ ބީގައި ހިމެނެނީ ގެސްޓުހައުސްތަކާއި މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ހޮޓާތަކުގެ ތެރެއިން 50 ކޮޓަރި ނުވަތަ އެއަށް ވުރެ މަދު އަދަދެއްގެ ކޮޓަރި ރަޖިސްޓްރީކޮށްފައިވާ ތަންތަނެވެ.
ފަތުރުވެރިންނަށް ހިދުމަތް ދޭ ތަންތަނުން، އެ ތަނަކަށް އަންނަ ކޮންމެ ފަތުރުވެރިއަކަށް ވަކި ރޭޓަކުން ރާއްޖޭގެ ބޭންކަކަށް ޑޮލަރު މާރުކުރަން ޖެހޭ ގޮތަށް ގަވައިދުގައި ބަޔާންކޮށްފައިވާތީ ޓޫރިޒަމް ސިނާއަތުގެ ބައެއް ބޭފުޅުންނާއި އިދިކޮޅުން ވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ބުނީ ކީކޭ؟ - އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެމްއެމްއޭގެ ގަވައިދު އެކުލަވާލީ ރާއްޖެއަށް ދިމާވެފައިވާ ބޭރު ފައިސާގެ މައްސަލަ ހައްލު ކުރުމަށް ނަމަވެސް، ވަކި ރޭޓަކުން ޑޮލަރު މާރުކުރަން ޖެހޭ ގޮތަށް ގަވައިދުގައި ހިމެނުމަކީ ދެކޮޅު ޖެހޭ ގޮތަށް އޮތް ކަމެއް ނޫން ކަމަށެވެ.
މީގެ ކުރިން 2022 ވަނަ އަހަރު ވެސް ކެބިނެޓު ބައްދަލުވުމެއްގައި ޓޫރިޒަމް އާމްދަނީގެ ވަކި ޕަސެންޓެއް ރާއްޖޭގެ ބޭންކުތަކަށް ޖަމާކުރަން ޖެހޭ ގޮތަށް ނިންމި ކަމަށާއި ނަމަވެސް އޭރުގެ އިގްތިސޯދީ ހާލަތާއި ޓީޖީއެސްޓީއަށް ގެނައި ބަދަލާ އެކު އެ ނިންމުން އޮތީ އެމްއެމްއޭ އިން ތަންފީޒު ނުކޮށް ކަމަށް ފައްޔާޒު ވިދާޅުވި އެވެ.
"މި ނިންމުމުން އެކަނި ޑޮލަރު މައްސަލަ ހައްލެއް ނުވާނެ. ސަރުކާރުގެ ބޭކާރު ހަރަދުތައް ކުޑަކޮށް ފައިސާ މާރުކުރާ ތަންތަން މޮނީޓާކުރުން ފަދަ ކަންތައް ހަރުދަނާކޮށްގެން ނޫނީ މިކަމަށް ދާއިމީ ހައްލެއް ނުލިބޭނެ،" ފައްޔާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޓޫރިސްޓެއްގެ ބޮލަކަށް ވަކި އަދަދެއް މާރުކުރާ ގޮތަށް ގަވައިދުގައި އޮތް އޮތުން ބަދަލު ކުރަން ޖެހޭ ކަމަށެވެ. އޭގެ ބަދަލުގައި އެ ތަނަށް އަންނަ ފަތުރުވެރިންގެ ޖުމްލަ އަދަދަށް ބަލައި އާމްދަނީގެ ވަކި ޕަސެންޓެއް މާރުކުރާ ގޮތަށް ހެދިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާރު އޮތް ގޮތުން ގެސްޓުހައުސްތަކާއި މެދު ފަންތީގެ ރިސޯޓުތަކަށް ވާނީ ބޮޑު ބުރައަކަށް. އެ ތަންތަނަށް ގިނަ ފަތުރުވެރިން ފައިސާ ދައްކަނީ ދިވެހި ރުފިޔާ އިން. މީގެ އިތުރުން، ގެސްޓުހައުސްތަކާއި ސަފާރީތަކާ މެދު ގަވައިދުގައި އޮތް ތަފާތު ކުރުމަކީ ބޯޓިން އިންޑަސްޓްރީއަށް ވެސް ގޮންޖެހުމަކަށް ވާނެ،" މިދިޔަ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ވިދާޅުވި އެވެ.
ފައްޔާޒު ވަނީ އެ ގަވައިދު އިސްލާހު ކުރުމަށް ކަމާ ގުޅުންހުރި އިދާރާތަކާއި މީހުންނާ އެކު މަޝްވަރާ ކުރުމަށް ގޮވާލައްވައިފަ އެވެ. ގަވައިދު އޮތް ގޮތުން، ކުދި އަދި މެދުފަންތީގެ ޓޫރިޒަމް ވިޔަފާރިތައް ހަލާލުވެދާނެ ކަމަށާއި އެއީ މުސްތަގުބަލުގައި ބޭރުގެ އިންވެސްޓުމެންޓުތައް އައުން ހުއްޓިދާނެ ކަމެއްގެ ގޮތުގައި އޭނާ ވަނީ ސިފަކުރައްވައިފަ އެވެ.
ކޮމެންޓް (2)
ބޮއްބެ
ހިތަދޫ ހުސެން