އެމްޑީޕީ ގައުމީ މަޖިލީހުގެ ބައްދަލުުވުމުގައި ރައީސް ސޯލިހު(ދައުރު ފައިލް ފޮޓޯ/ހުސެއިން ސުނޭން)
ސަރުކާރުން ރަންބިސް އަޅާ ކުކުޅު މަރާލައިގެން ނުވާނެ: ސޯލިހް
ޓުއަރިޒަމް ވިޔަފާރިތަކަށް ލިބޭ ބޭރު ފައިސާއިން ބޮޑު ބައެއް ބޭންކަށް މާރުކުރަން މަޖުބޫރުވާ ގޮތަށް މިފަހުން މަރުކަޒީ ބޭންކް، އެމްއެމްއޭއިން އެކުލަވާލި އާ ގަވައިދު އޮތީ ރަނގަޅަށް ނޫން ކަމަށާއި ރާއްޖޭގެ އިގުތިސޯދުގެ ރަންބިސް އަޅާ ކުކުޅު ކަމަށްވާ ފަތުރުވެރިކަމުގެ ވިޔަފާރި މަރާނުލުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ސަރުކާރަށް ގޮވާލައްވައިފި އެވެ.
ވީ ކިހިނެއް؟ - ރިސޯޓަށް އަންނަ ކޮންމެ ޓޫރިސްޓެއްގެ ބޮލަށް 500 ޑޮލަރު މާރުކުރަން އަލަށް ހަދާފައިވާ ގަވާއިދުގައި ލާޒިމު ކުރި ނަމަވެސް އެކަން ކުރަން ގިނަ ރިސޯޓު ވިޔަފާރިވެރިން ދަނީ ދެކޮޅު ހަދަމުންނެވެ. ބޭރު ފައިސާ މާރުކުރުމުގެ މި ގަވައިދާ ދެކޮޅުކަން ހާމަކޮށް މަރުކަޒީ ބޭންކް، އެމްއެމްއޭއަށް ރާއްޖޭގައި ހިންގާ 50އަށް ވުރެ ގިނަ ރިސޯޓުން މިހާތަނަށް ވަނީ ސިޓީ ފޮނުވާފަ އެވެ.
އެ ސިޓީތަކުގައި ފާހަގަކޮށްފައިވާ އެންމެ ބޮޑު ކަންބޮޑުވުމަކީ ކޮންމެ ޓޫރިސްޓެއްގެ ބޮލަށް 500 ޑޮލަރު މާރުކުރުމަކީ ޓޫރިޒަމް ވިޔަފާރި ހިނގާ ގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
އިތުރަށް ކިޔާލަން
ބުނީ ކީކޭ؟ - މިކަމާ ގުޅޭ ގޮތުން ރާއްޖެ ޓީވީގެ 'ފަށާއިރު' ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ސޯލިހް މިއަދު ވިދާޅުވީ ރާއްޖެއަށް ވަންނަ ޑޮލަރު ދައުރުކުރުމަށް މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށާއި އެކަމަކު އެކަން ކުރަން މިހާރު ނެރެފައި އޮތް ގަވާއިދަކީ އެންމެ ރަނގަޅު އުސޫލު ކަމަށް ގަބޫލުނުކުރާ ކަމަށެވެ.
ސޯލިހު ވިދާޅުވީ:
-
އެފަދަ ކަމެއް ނިންމަންވާނީ ޓޫރިޒަމް ދާއިރާގެ ހުރިހާ ބޭފުޅުންނާ މަޝްވަރާކޮށްފައި
-
ނަގަން ޖެހޭ އެއްޗެއް ނަގަންވާނީ ޓޫރިޒަމް ވިޔަފާރިވެރިންނަށް ލިބޭ އާމްދަނީ އާއި ކުރަން ޖެހޭ ހަރަދާއި ލޯނަށް އުފުލަން ޖެހޭ ބުރަ ފަދަ ކަންކަން ދިރާސާކޮށް ހިސާބުކޮށްފައި
-
އެކަމަށް ޓޫރިޒަމް ދާއިރާގެ އެއްވެސް ވިޔަފާރިވެރިޔަކު ދެކޮޅެއް ނުހަދާނެ
-
އެންމެ ފުރަތަމަ ކުރަންވީ ކަމަކީ ސަރުކާރުގެ ހަރަދުތައް ކުޑަކުރުން؛ މިހާރު ވެސް މަހެއްގެ މައްޗަށް މުސާރައަށް 1 ބިލިއަން ރުފިޔާ ސަރުކާރުން ހަރަދުކުރޭ
"އެހެންވީމާ ހަރަދުތައް ކުރުމަށްޓަކައި ވިޔަފާރިވެރިންގެ އަތުން ޓެކްސް ނަގަން ޖެހޭނެ. މިހާރު ވެސް އެ ބޭފުޅުންނަށް ލިބޭ އާމްދަނީން %30 އެ ދަނީ ހަމަ ޓެކްސްއަށް ދައްކަމުން،" ސޯލިހު ވިދާޅުވި އެވެ.
"ވިޔަފާރިތައް މަރުނުވާ ގޮތަށް، އަނެއްކާ ރަންބިސް އަޅާ ކުކުޅުގެ ވާހަކަ އަޅުގަނޑުމެން މި ދައްކަނީ އެ މަރާލައިގެން ނުވާނެ އިނގޭތޯ. އެ ބިސް އެޅޭނެ ގޮތަށް ރަނގަޅު ސިއްހަތުގައި ބައިންދަން ޖެހޭނެ."
ސޯލިހް ވިދާޅުވީ އެފަދަ މަޝްވަރާތަކެއް ކުރެވިއްޖެ ނަމަ ފަތުރިވެރިކަމުގެ ދާއިރާގެ ވިޔަފާރިވެރިން ޑޮލަރު މާރުކުރުމަށް ދެކޮޅެއް ނަހަދާނެ ކަމަށެވެ.
ސަރުކާރަށް ވަންނަ ޑޮލަރުގެ އަދަދު އިތުރުކުރުމަށް އެ މަނިކުފާނުގެ ސަރުކާރުގައި ވެސް ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރިވެރިންނާ މަޝްވަރާތަކެއް ކޮށްފައިވާނެ ކަމަށް ސޯލިހް ވިދާޅުވި އެވެ. އޭރު ސަރުކާރުން ހުށަހެޅީ ދެ ހުށަހެޅުމެއް ކަމަށް އެ މަނިިކުފާނު ވިދާޅުވި އެވެ.
އެ ދެ ހުށަހެޅުމަކީ:
-
ފަތުރުވެރިކަމުގެ ވިޔަފާރިއަށް ލިބޭ އާމްދަނީން ވަކި އިންސައްތައެއް ބޭންކުތަކަށް މާރުކުރުން؛ އޭރު އެއްބަސްވެވުނީ %10އަށް މާރުކުރަން
-
ފަތުރުވެރިކަމުގެ ވިޔަފާރީއަށް ރެވެނިއު ގޮތުގައި ލިބޭ ވަކި އިންސައްތައެއް ރާއްޖޭގެ ބޭންކުތަކުގައި ވަކި މުއްދަތަކަށް ބަހައްޓައިދިނުމަށް؛ ތިން މަސް ފަހުން އެ އަދަދު އަނބުރާ ވިޔަފާރިވެރިންނަށް ލިބޭ ގޮތަށް
ސޯލިހް ވިދާޅުވި ގޮތުން އޭރު ވެސް ވިޔަފާރިވެރިންގެ ބަހުސަކަށްވީ އެކަމަށް އޮތް ޔަގީންކަމަކީ ކޮބައިތޯ އެވެ. އެ މަޝްވަރާތައް އޭރު ކުރެވެމުން ގޮސް، ދެގޮތުން ކުރެ ވަކި ގޮތެއް ނުނިންމާ އޮއްވާ ވެރިކަން ބަދަލުވީ ކަމަށް ސޯލިހް ވިދާޅުވި އެވެ. އެ މަޝްވަރާތައް ކުރަން ލިބުނީ ވެސް ދޮޅު އަހަރު ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
މިދިޔަ ސަރުކާރުގައި ކަނޑައެޅި މިނިމަމް ވޭޖަކީ ވެސް އެކަމާ ގުޅޭ ހުރިހާ ފަރާތްތަކާ ވަރަށް ދިގު މަޝްވަރާތަކެއް ކުރުމަށް ފަހު ހަދާފައިވާ ގަވާއިދެއް ކަމަށް ސޯލިހް ވިދާޅުވި އެވެ.
"އެކަހަލަ އުސޫލެއްގެ ދަށުން [ފަތުރުވެރިކަމުގެ ދާއިރާގެ ހުރިހާ ފަރާތްތަކާ މަޝްވަރާކުރުމަށް ފަހު] ކުރެވިއްޖެއްޔާ އަޅުގަނޑު ހިތުން ރަނގަޅުވާނެ،" އެ މަނިކުފާނު ވިދާޅުވި އެވެ.
ފާހަގަކޮށްލެވޭ ކަމެއް - ރާއްޖޭގެ އެންމެ ބޮޑު އެއް ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު)ގެ ތިން ކުންފުނިން ވެސް ވަނީ އެ ގަވައިދަށް އަމަލުކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ބުނެ އެމްއެމްއޭއަށް ސިޓީ ފޮނުއްވައިފަ އެވެ. އަދި އެ ގަވައިދަށް އަމަލުކުރުން ހުއްޓާލައި ބޭރު ފައިސާގެ މައްސަލަ ދިގު މުއްދަތެއްގައި ހައްލުވާނޭ ފަދަ އުސޫލުތަކަކަށް އަމަލުކުރަން ވަނީ އެދިވަޑައިގެންފަ އެވެ.
ކޮމެންޓް (1)
ައިއްލަ