ރައީސް މުހައްމަދު މުއިއްޒު ބިލެއް ތަސްދީގު ކުރައްވަނީ (ފައިލް ފޮޓޯ/ރައީސް އޮފީސް)

ރައީސް އޮފީސް

އަވަސް އަރުވާލައިގެން ފާސްކުރި ފަނޑިޔާރުން ވަކިކުރާ ބިލު ތަސްދީގުކުރުން މަޑުޖެހިފައި

އާންމު ގޮތެއްގައި މިގޮތަށް އަވަހަށް ފާސް ކުރާ ބިލެއް އެ ދުވަހުން އެ ދުވަހަށް ތަސްދީގު ކުރާއިރު، މި ބިލު މަޑުޖެހިފައި އޮތް ސަބަބާ ގުޅޭ ގޮތުން ރައީސް އޮފީހުގެ ބަހެއް އަދި ނުލިބޭ

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކުރާ ގޮތަށް ކޯޓުތަކާ ބެހޭ ގާނޫނު އިސްލާހުކުރަން ކުއްލި ގޮތަކަށް ހުށަހަޅައި އަވަސް އަރުވާލައިގެން މިދިޔަ ހަފްތާގައި މަޖިލީހުން ފާސް ކުރި ބިލު ތަސްދީގުނުކޮށް ރައީސް އޮފީހުގައި މަޑުޖެހިއްޖެ އެވެ.

ވީ ކިހިނެއް؟ - ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ފުލް ބެންޗުން މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ ގާނޫނުއަސާސީގެ އިސްލާހުގެ މައްސަލަ ބަލަމުންދަނިކޮށް، އެ ކޯޓުގެ ބެންޗު ފަސް ފަނޑިޔާރުންނަށް މަދުކޮށް، ދެ ފަނޑިޔާރަކު ވަކިކުރާ ގޮތަށް ކޯޓުތަކާ ބެހޭ ގާނޫނަށް ޕީއެންސީގެ ހޮޅުދޫ ދާއިރާގެ މެންބަރު އިސްލާހު ހުށަހެޅުއްވީ މިދިޔަ ހޯމަ ދުވަހު އެވެ. އެގޮތުން:

  • އެ ބިލުގެ ބަހުސް ޖެހިގެން އައި އަންގާރަ ދުވަހު ފަށައި ހަމަ އެ ދުވަހު މަޖިލީހަށް ބަލައިގަނެ، ދިރާސާ ކުރުމަށް ކޮމިޓީއަށް ފޮނުވި

  • ހަމަ އެ ދުވަހު އެއްވެސް އުނި އިތުރެއް ނުގެނެސް، ހުށަހެޅި ގޮތަށް ފާސް ކުރަން ކޮމިޓީން ނިންމި

  • އެއާ އެކު، ޖެހިގެން އައި ބުދަ ދުވަހު އެ ބިލު މަޖިލީހުން ފާސް ކުރި

ތަފްސީލު - ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުން ތްރީލައިން ވިޕެއް ނެރެފައި އޮތް އެ ބިލު މަޖިލީހުން ފާސްކޮށްފައި ވަނީ 68 މެންބަރުންގެ ތާއީދާ އެކު އެވެ.

ބިލު ފާސް ކުރިތާ މިއަދަށް ފަސް ދުވަސް ވެފައިވާއިރު މިހާތަނަށް ރައީސް މުހައްމަދު މުއިއްޒު ބިލު ތަސްދީގުކުރައްވާފައެއް ނުވެ އެވެ.

ކޯޓުތަކާ ބެހޭ ގާނޫނުގެ ބިލު ތަސްދީގުނުކޮށް، ރައިސް އޮފީހުގައި މަޑުޖެހިފައިވާތީވެ، އެކަމާ ގުޅޭ ގޮތުން އެ އޮފީހުގެ ބަހެއް ހޯދާލުމަށް މަސައްކަތް ކުރި ނަމަވެސް ރަސްމީ ބަހެއް އަދި ނުލިބެ އެވެ.

ގާނޫނުއަސާސީގެ 91 ވަނަ މާއްދާގައިވާ ގޮތުން، ބިލެއް ތަސްދީގުކުރުމަށް ރައީސްއަށް 15 ދުވަހުގެ މުއްދަތެއް ލިބިވަޑައިގަންނަވަ އެވެ. އެ މުއްދަތުގެ ތެރޭގައި ތަސްދީގު ނުކުރައްވާ ނަމަ، އަނބުރާ މަޖިލީހަށް ފޮނުވަން ޖެހިވަޑައިގަންނަވަ އެވެ.

އާންމުގޮތެއްގައި ސަރުކާރުން މިގޮތަށް ކުއްލި ގޮތަށް އަވަސް އަރުވާލައިގެން ގާނޫނަށް ގެންނަ ބަދަލުތައް ހަމަ އެ ދުވަހުން އެ ދުވަހަށް ފާސްކުރެ އެވެ. އޭގެ އެއް މިސާލަކީ ޕާޓީ ބަދަލު ކުރާ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް މިދިޔަ ނޮވެމްބަރު މަހު ގެނައި އިސްލާހެވެ.

ފާހަގަކޮށްލެވޭ ކަމެއް - ކޯޓުތަކާ ބެހޭ ގާނޫނު މަޖިލީހުން މިދިޔަ ބުދަ ދުވަހު ފާސް ކުރިތާ ކުޑަ ވަގުތު ކޮޅެއް ތެރޭ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑްކޮށްފައިވެ އެވެ. އެއާ އެކު، އެ ކޯޓުގެ ހަތް ފަނޑިޔާރުންގެ ބެންޗަކުން ބަލަމުން އައި ގާނޫނުއަސާސީ އިސްލާހު ކުރުމުގެ މައްސަލަ ވެސް މިހާރު ވަނީ މަޑުޖެހިފަ އެވެ.

އެގޮތަށް ފަނޑިޔާރުން ސަސްޕެންޑް ކުރުމާ އަދި ކޯޓުތަކާ ބެހޭ ގާނޫނު އިސްލާހުކޮށްގެން ދެ ފަނޑިޔާރަކު ވަކިކުރަން އުޅޭތީވެ އެކަމާ ބައެއް ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.


ކޮމެންޓް (1)

ސިކުނޑި

3 މާރިޗު 2025
ރައީސް ދިދަޔަށް މުޚާތަބުކޮށް ވި ވައުދާއި ޚިލާފަށް މިސަރުކާރުން ޝަރުއީ ދާއިރާއަށް އަތް ފޯރުވައިފި! މި ރައީސެއް ހެޔޮ ވެރިކަމެއް ނުކުރާނެ! ސަބަބަކީ ނޭފަތުކުރިއަށް ވިސްނުން ނުހުންނާތީ!
1 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް