ވަޒީރުންގެ މަޖިލީހުގައި ރައީސް މުހައްމަދު މުއިއްޒު. (ފޮޓޯ/ރައީސް އޮފީސް)
ޕާޓީ ބަދަލުކުރުމުން މެމްބަރުކަން ގެއްލޭ ގާނޫނުއަސާސީގެ އިސްލާހު ތަސްދީގުކޮށްފި
ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު އިންތިހާބުވާ ޕާޓީން ވަކިވެއްޖެ ނަމަ، މަޖިލީހުގެ ގޮނޑި ގެއްލޭ ގޮތަށް، ގާނޫނުއަސާސީއަށް މިއަދު ހުށަހަޅައި އަދި މިއަދު ފާސް ވެސް ކުރި އިސްލާހު ރައީސް މުހައްމަދު މުއިއްޒު ދެންމެއަކު ތަސްދީގު ކުރައްވައިފި އެވެ.
ވީ ކިހިނެއް؟ - މަޖިލީހުގެ މެންބަރަކު ޕާޓީން ވަކިކުރިޔަސް އެ މެންބަރެއްގެ ގޮނޑި ގެއްލުމާ އެކު ހަތަރު ހާލަތެއް ބަޔާންކޮށް، ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅި ގާނޫނުއަސާސީގެ އިސްލާހު މިއަދު ފާސްކޮށްފައިވަނީ އެއް ދުވަސް ތެރޭގަ އެވެ.
ތަފްސީލް - ކުއްލި ގޮތަކަށް މަޖިލީހަށް ރޭ ހުށަހަޅައި މިއަދުގެ ޖަލްސާގައި ފުރަތަމަ ކިިޔުން އިއްވާ އަދި އިބްތިދާއީ ބަހުސް ވެސް ނިންމި މި ބިލު، ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު، ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު އެވެ. އެ ބިލު މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ބަލައިގަތުމަށް ފަހު، އަވަސް ކުރުމުގެ ގޮތުން ފޮނުވީ މުޅި މަޖިލީހުގެ ކޮމިޓީއަކަށެވެ.
ބިލް ފާސްކޮށްފައިވަނީ މިއަދު މެންދުރު ފަހު ބޭއްވި އެ ކޮމިޓީ ބައްދަލުވުމުގަ އެވެ. އޭގެ ފަހުން މިއަދު ހަވީރު ބޭއްވި ޖަލްސާގައި އެ އިސްލާހު ވަނީ މަޖިލީހުން ފާސް ވެސް ކޮށްފަ އެވެ.
ސަރުކާރުން ބިލު ހުށަހެޅިއިރު، މެންބަރުކަން ގެއްލޭނެ ހަތަރު ހާލަތެއް އިސްލާހުގައި ބަޔާންކޮށްފައިވެ އެވެ. އެއީ:
-
ޕާޓީއެއްގެ ޓިކެޓްގައި ވާދަކުރައްވައި އިންތިހާބުވެވަޑައިގަތުމަށް ފަހު، އެ މެންބަރަކު ތަމްސީލުކުރައްވާ ސިޔާސީ ޕާޓީން އަމިއްލައަށް ވަކިވެވަޑައިގަތުން
-
މެންބަރަކު ތަމްސީލު ކުރައްވާ ސިޔާސީ ޕާޓީ ނޫން އެހެން ސިޔާސީ ޕާޓީއެއްގެ މެންބަރަކަށްވެވަޑައިގަތުން
-
މެންބަރަކު ނިސްބަތްވެވަޑައިގަންނަވާ ސިޔާސީ ޕާޓީން ގާނޫނުގައި ބަޔާންކުރާ ގޮތުގެ މަތިން އެ ބޭފުޅާ ޕާޓީން ވަކިކުރުން
-
އަމިއްލަ ގޮތުން ވާދަކުރައްވައިގެން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެވަޑައިގަތުމަށް ފަހު، އެ މެންބަރަކު ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެވަޑައިގެންނެވި މަޖިލީހުގެ އުމުރުގެ ތެރޭގައި ސިޔާސީ ޕާޓީއެއްގެ މެންބަރަކަށްވެވަޑައިގަތުން
އެނގުން މުހިންމު - ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލުމުގެ އިތުރުން ވެސް، މި އިސްލާހުގައި ހިމެނެނީ:
-
ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ނުވަތަ އީއީޒެޑްއާ ގުޅޭ މާއްދާ ކުރިއަށް ވުރެ ހަރުކަށި ކުރުން
-
ރައްޔިތުންގެ މަޖިލީހުގެ ޖުމުލަ މެންބަރުންގެ އަގުލަބިއްޔަތުން ރުހުން ދީގެން ނޫނީ ބޭރުގެ ސިފައިންނަށް ރާއްޖޭގައި ނުތިބެވޭ ގޮތަށް ހެދުން
މި އިސްލާހުތަކާ އެކު ފާސްކުރި ބިލް ރައީސް މިއަދު ތަސްދީގު ކުރެއްވުމާ އެކު، މިހާރު އެ ވަނީ ގެޒެޓްގައި ޝާއިއުކޮށްފަ އެވެ.
ކޮމެންޓް