ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ޖަލްސާއެއް ކުރިއަށް ދަނީ (ފޮޓޯ/ މަޖިލިސް)

ރައްޔިތުންގެ ހިޔާލު ހޯދުމުގެ މާއްދާ މަޖިލީހަށް އެކަނި އިސްލާހު ނުކުރެވޭ ގޮތަށް ހަދަނީ

މިހާރު އޮންނަ ގޮތުން މަޖިލީހުން ބޭނުންވާ ނަމަ، އެ މާއްދާއަށް އިސްލާހެއް ގެނެސް، އެ ކަންކަމަށް ހިޔާލު ހޯދުމަށް ނުޖެހޭ ގޮތަށް ހެދުމުގެ ފުރުސަތު އޮވޭ

ގާނޫނުއަސާސީގެ ހައްގުތަކާއި މިނިވަންކަމުގެ ބާބާއި ރައީސް އަދި މަޖިލިސް މެންބަރުންގެ މަގާމުގެ މުއްދަތު ފަދަ ގާނޫނުއަސާސީގެ މުހިންމު މާއްދާތަކަށް އިސްލާހު ގެންނަން ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓަކަށް ދާން ނުވަތަ ރިފަރަމްޑަމްއަކަށް ދާން ޖެހޭ ކަމަށް ބުނާ މާއްދާ އިސްލާހު ކުރަން ވެސް ރައްޔިތުންގެ ހިޔާލު ހޯދަން ޖެހޭ ގޮތަށް ގާނޫނުއަސާސީ އިސްލާހު ކުރަން ހުށަހަޅައިފި އެވެ.

ވީ ކިހިނެއް؟ - ކުއްލި ގޮތަކަށް މަޖިލީހަށް ރޭ ހުށަހަޅައި މިއަދުގެ ޖަލްސާގައި ފުރަތަމަ ކިިޔުން އިއްވާ އަދި ބަހުސް ވެސް ފެށުމަށް މިހާރު ތާވަލްކޮށްފައިވާ ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ މި ބިލު، ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު، ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު (ޝާޑު) އެވެ.

ތަފްސީލު - ގާނޫނުގެއަސާސީގެ 262 ވަނަ މާއްދާގެ (ށ)ގައިވާ ގޮތުން މައިގަނޑު ތިން ކަމަކަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރާ އެއްވެސް ބިލެއް ރައީސް ތަސްދީގު ކުރައްވަން ވާނީ އެ އިސްލާހެއް ގެނައުމަށް ރައްޔިތުން ރުހޭތޯ ބެލުމަށް ނަގާ ހިޔާލު ހޯދުމުގެ އާންމު ވޯޓުން އެ ކަމަށް އަގުލަބިއްޔަތު ލިބިއްޖެ ނަމަ އެވެ. އެ ތިން ކަމަކީ:

  • 1-

     ގާނޫނުއަސާސީގެ އަސާސީ ހައްގުތަކާއި މިނިވަންކަން ހިމެނޭ ބާބުގެ އެއްވެސް މާއްދާއެއް 

  • 2-

     ރައްޔިތުންގެ މަޖިލީހުގެ އުމުރު

  • 3-

     ރިޔާސީ ދައުރާއި ރައީސް އިންތިހާބު ކުރާ ގޮތް

މިހާރު އެ އޮތް ގޮތުން މަޖިލީހުން ބެނުންވާ ނަމަ، 262 (ށ)ގެ ބާރު ކެނޑޭ ގޮތަށް އެ މާއްދާއަށް އިސްލާހެއް ގެނެސް، އެ ކަންކަމަށް ހިޔާލު ހޯދަން ނުޖެހޭ ގޮތަށް ހެދުމުގެ ފުރުސަތު މަޖިލީހަށް އޮންނާނެ އެވެ.

ސަރުކާރުގެ ފަރާތުން ގާނޫނުއަސާސީއަށް އިސްލާހު ހުށަހެޅުއްވި މެންބަރު ޝާހިދު މަޖިލިސް ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ (ފޮޓޯ/ މަޖިލިސް

ޝާހިދު ހުށެހުޅުއްވި އިސްލާހަކީ، ރައްޔިތުންގެ ހިޔާލު ހޯދަން ޖެހޭ އެ ތިން ކަމުގެ އިތުރުން، 262 ވަނަ މާއްދާގެ (ށ) ވެސް އިސްލާހު ކުރުމަށް ރައްޔިތުންގެ ހިޔާލު ހޯދަން ޖެހޭ ގޮތަށް ހެދުމަށެވެ. 

ފާހަކޮށްލެވޭ ކަމެއް - ރައީސް މުހައްމަދު މުއިއްޒު ވަނީ މިފަހުން ހިޔާލު ހޯދުމުގެ އާންމު ވޯޓަކަށް ދާން ބޭނުންފުޅުވާ ބައެއް ކަންކަން ހާމަކުރައްވާފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު އުވާލައި އެއް ބުރުން އިންތިހާބު ނިމޭ ގޮތަށް ހެދުން

  • ރިޔާސީ ދައުރު ފެށޭ ދުވަހަކީ 11 ނޮވެމްބަރު ކަމުގައި ހަމަޖެއްސުން

  • ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށް ބޭއްވުން

އީއީޒެޑް ބަދަލު ކުރުމުގެ މާއްދާ ވެސް އިތުރަށް ހަރުކަށި ކުރަން އިސްލާހެއް

ޝާހިދު ދެން އިސްލާހު ގެންނަން ހުށަހެޅުއްވީ، ގާނޫނުއަސާސީގެ ތިން ވަނަ މާއްދާއަށެވެ. އެއީ ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ނުވަތަ އީއީޒެޑްއާ ގުޅޭ މާއްދާ އެވެ. އެެ މާއްދާގެ (ހ)ގައި މިހާރު ބުނަނީ:

  • "ރާއްޖޭގެ ސަރަހައްދަކީ ގާނޫނުގައިވާ ގޮތުގެ މަތިން ދަމާލެވޭ، ރާއްޖޭގެ އާކިޕެލަޖިކް ބޭސްލައިންތަކުގެ ތެރޭގައިވާ ބިމާއި ޖައްވާއި ކަނޑާއި ކަނޑުގެ އަޑީގައިވާ ބިމާއި އެ ބޭސްލައިންތަކުން ފެށިގެން ބޭރުގައިވާ ސަރަހައްދީ ކަނޑާއި އެ ކަނޑުގެ އަޑީގައިވާ ބިމާއި އެ ކަނޑާއި ގުޅިފައިވާ ޖައްވެވެ."

  • "ރާއްޖޭގެ ސަރަހައްދަށް އެއްވެސް ބަދަލެއް ގެނެވޭނީ ރައްޔިތުންގެ ޖުމްލަ މެންބަރުންގެ މަދުވެގެން ތިންބައިކުޅަ ދެބައިގެ އަގުލަބިއްޔަތުން ފާސްވާ ގާނޫނަކުންނެވެ."

އެ މާއްދާ މިހާރު އޮތް ގޮތުން ވެސް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ބަދަލެއް ގެންނަ ނަމަ ގާނޫނުއަސާސީއަށް އިސްލާހު ގެންނަން ޖެހެ އެވެ. ޝާހިދު ހުށަހަޅުއްވާފައިވަނީ،  (ހ)ގެ ތިރިއަށް އަކުރެއް އިތުރުކޮށް، އެކަން ހަރުކަށި ކުރުމަށެވެ. އެ އިސްލާހުގައި ބުނަނީ:

  • "ގާނޫނުގައި ކަނޑައަޅާފައިވާ ރާއްޖޭގެ އެތެރޭގެ ކަނޑާއި ރާއްޖޭގެ އާކިޕެލަޖިކް ކަނޑާއި ރާއްޖޭގެ ސަރަހައްދީ ކަނޑާއި އެ ކަނޑާ ގުޅިފައިވާ ކަނޑާއި ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދަށް އެއްވެސް ބަދަލެއް ގެނެވޭނީ ނުވަތަ އުނިކަމެއް އަންނަ ފަދަ އެއްވެސް ކަމެއް ކުރެވޭނީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ މަދުވެގެން ތިންބައިކުޅަ ދެބައި އަގުލަބިއްޔަތުން ފާސްވާ ގާނޫނަކުންނެވެ."

މި އިސްލާހު ކުރިއަށް ވުރެ ހަރިކަށި ކަމަށް ބެލެވެނީ ހާއްސަ އިގުތިސާދީ ސަރަހައްދަށް 'އުނިކަމެއް ފަދަ އެއްވެސް ކަމެއް ކުރަން' މިހެން އޮތުމުންނެވެ. މިހާރު އެ މާއްދާގައި އެބައެއް ނެތެވެ.

ގުޅުން ހުރި - މޮރިޝަސްގެ ބައެއް ކަމަށް ބައިނަލްއަގުވާމީ ގޮތުން ބަލައިގެންފައިވާ ޗާގޯސް އާއި ރާއްޖެއާ ދެމެދު ފުށުއަރާ ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރުމުގެ މައްސަލައިގައި، ރާއްޖޭން ވަކާލާތުކުރި ގޮތަށް، ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރުމުގައި ބޮޑަށް ބަލަން ޖެހޭނީ ޗާގޯސްގެ ރަށްތަކުގެ އައްސޭރިފަށުން ފެށިގެން ކަަމަށް، ބައިނަލްއަގުވާމީ ކަނޑުގެ ގާނޫނާ ބެހޭ ޓްރައިބިއުނަލް (އިޓްލޮސް) އިން ވަނީ ހުކުމްކޮށްފަ އެވެ.

އެއާ އެކު، ފުރަތަމަ ފަހަރަށް ރާއްޖޭގެ ދެކުނުން އިން ވަކިކޮށް، ރާއްޖޭގެ ކަނޑުގެ އިގްތިސޯދީ ސަރަހައްދު (އީއީޒެޑް) ވަނީ ރަސްމީކޮށް ކަނޑައަޅާފަ އެވެ.  

ނަމަވެސް އޭރު އިދިކޮޅުގައި ތިއްބެވި އަދި މިހާރު ސަރުކާރުގައި ތިއްބެވި ބޭފުޅުން ގެންދެވީ އޭރުގެ ސަރުކާރުން ރާއްޖޭގެ ކަނޑުގެ ބައެއް ގެއްލުވާލީ ކަމަށް ވިދާޅުވަމުންނެވެ. މި ސަރުކާރުން އަންނަނީ ހާއްސަ ކޮމިޓީއެއް އުފައްދައިގެން އިޓްލޮސްގެ ނިންމުން މުރާޖައާކުރަން ހުށަހަޅަން މަސައްކަތް ކުރަމުންނެވެ.

ކޮމެންޓް (1)

ސިކުނޑި

20 ނޮވެމްބަރު 2024
މިހާރު އޮތް ގާނޫނު އަސާސީގެ އެއްވެސް މާއްދާއެއް ނުވަތަ އަކުރެއްވިޔަސް ބަދަލު ކުރަންވާނީ ރައްޔިތުންގެ ޚިޔާލު ހޯދައިގެން!! ގާނޫނު އަސާސީއަކީ ޕާޓީކުދިން ކުޅޭ ބޯޅައަކަށް ވެގެން ނުވާނެ!! އެހެންނޫނަސް މިހާރު މަޖިލީހުގައި މަދުވާނެ ގާނޫނު އަސާސީގެ މަފްހޫމުވެސް އިނގޭ މެންބަރުން!
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް