ރާއްޖެ އާއި މޮރިޝަސްގެ މައްސަލަ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސްގައި ކުރިއަށް ދަނީ. (ފޮޓޯ/އިޓޮލްސް)

ރާއްޖެ-ޗާގޯސް ކަނޑުގެ އިން ވަކިކުރުމުގެ މައްސަލަ ރާއްޖޭން ކާމިޔާބުކޮށް، ބޮޑު ބައި ހޯދައިފި

ރާއްޖޭން ވަކާލާތުކުރީ މޮރިޝަސްގެ އީއީޒެޑް ކަނޑައަޅަން ޖެހޭނީ ބްލެންހެމް ފަރުން ފެށިގެން ނޫން ކަމަށް އަދި އޭގެ ބަދަލުގައި ޗާގޯސްގެ އައްސޭރިފަށުން ފެށިގެން ކަމަށް؛ އިޓްލޮސް އިން ބުރަވީ ރާއްޖެ ކޮޅަށް
28 އޭޕްރީލު 2023
1

ރާއްޖެ އާއި މޮރިޝަސްގެ ބައެއް ކަމަށް ބައިނަލްއަގުވާމީ ގޮތުން ބަލައިގެންފައިވާ ޗާގޯސްއާ ދެމެދު ފުށުއަރާ ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރުމުގެ މައްސަލައިގައި، ރާއްޖޭން ވަކާލާތުކުރި ގޮތަށް، ކަނޑުގެ ސަރަހައްދުގެ އިން ވަކިކުރުމުގައި ބޮޑަށް ބަލަން ޖެހޭނީ ޗާގޯސްގެ ރަށްތަކުގެ އައްސޭރިފަށުން ފެށިގެން ކަަމަށް، އެ މައްސަލަ ބަލަމުން އަންނަ ބައިނަލްއަގުވާމީ ކަނޑުގެ ގާނޫނާ ބެހޭ ޓްރައިބިއުނަލުން ދެންމެ ހުކުމްކޮށްފި އެވެ. އެއާ އެކު، ފުށުއަރާ ސަރަހައްދުން ބޮޑު ބައެއް ރާއްޖެއަށް ވަނީ ލިބިފަ އެވެ.

މައްސަލައިގެ ފެށުން - އިނގިރޭސިވިލާތުން 1965ގައި މޮރިޝަސް އިން ޗާގޯސް ވަކިކުރި މައްސަލައިގައި ޗާގޯސްއަކީ މޮރިޝަސްގެ ސިޔާދަތީ ބާރު އޮތް ތަނެއް ކަމަށް އެ ގައުމުން ދައުވާކުރެ އެވެ.

އެ މައްސަލައިގައި:

  • އދ.ގެ އާންމު މަޖިލީހުން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)ގެ އިސްތިޝާރީ ލަފަޔަކަށް އެދުމުން، 2019ގައި އިސްތިޝާރީ ލަފާ ދިނީ ޗާގޯސް ރަށްތަކަކީ މޮރިޝަސްގެ ސިޔާދަތީ ބާރުގެ ދަށުގައިވާ ތަނެއް ކަމަށް 

  • ހަމަ އެ އަހަރު، ހަ މަސްދުވަހުގެ ތެރޭގައި މޮރިޝަސްއާ ޗާގޯސް ހަވާލުކުރުމަށް އިނގިރޭސިވިލާތަށް ގޮވާލައި ގަރާރެއް އދ.ގެ އާންމު މަޖިލީހުން ފާސްކުރި 

  • ރާއްޖެއާ އިން ވަކިކުރުމަށް މޮރިޝަސް އިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އަށް ދިޔައީ ވެސް އައިސީޖޭގެ އިސްތިޝާރީ ލަފަޔަށް ބިނާކޮށް

މައްސަލައިގެ ހުލާސާ

  • މޮރިޝަސް އިން ހުށައެޅީ ފުށުއަރާ 95،600 އަކަ ކިލޯމީޓަރު ދެ ބަޔަށް ބަހާލަން؛ އޭރުން ރާއްޖެއަށް 47،172 އަކަކިލޯމީޓަރު އަދި މޮރިޝަސްއަށް 48،458 އަކަ ކިލޯމީޓަރު ލިބޭނެ

  • މޮރިޝަސް އިން ވަކާލާތުކުރީ، ޗާގޯސް އާކިޕެލެގޯގެ އައްޑުއާ އެންމެ ކައިރިން އޮންނަ ބްލެންހެމް ފަރުގެ އުތުރުކޮޅުން ފެށިގެން 200 މޭލަކީ އެ ގައުމުގެ އީއީޒެޑްގެ ތެރޭގައި ހިމެނޭ ބައެއް ކަމަށް؛ އެހެންވެ، ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ކަމަށް މިހާރު ބަލާ ސަރަހައްދާ ފުށުއަރާ ކަމަށް

  • މޮރިޝަސް އިން މިދިޔަ އަހަރުގެ ފެބްރުއަރީގައި ޓީމެއް ފޮނުވައިގެން އެ ފަރުގެ ދިރާސާއެއް ކުރި؛ އެ ދިރާސާ އިން އެ ފަރުގައި ހިކި ދިޔައިގައި ފެނުން މަތީގައި ހުންނަ ބޮޑެތި ސަރަހައްދުތަކެއް ފާހަގަކުރެވިފައިވާ ކަމަށް މޮރިޝަސް އިން އިޓޮލްސްގައި ކުރިން ބުނެފައިވޭ

  • ރާއްޖޭން ބުނީ، އެ ފަރަކީ ބޮޑު ދިޔައިގައި ފެނުން މަތީގައި އޮންނަ ތަނެއް ނޫން ކަމަށް އަދި އެއީ ޗާގޯސްގެ ސީދާ ބައެއް ވެސް ނޫން ކަމަށް؛ އެ ފަރުން ފެށިގެން 200 ނޯޓިކަލް މޭލު ބަލާ ނަމަ، މޮރިޝަސްއަށް ނުހައްގުން 4،690 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ލިބޭނެ ކަމަށް ރާއްޖޭން ބުނޭ

  • އެހެންވެ، ރާއްޖޭން ވަކާލާތުކުރީ 200 ނޯޓިކަލް މޭލު ބަލަން ޖެހޭނީ ކުރިން އިނގިރޭސިވިލާތާ އެކު ވެސް އެއްބަސްވެފައިވާ ގޮތަށް އަދި ރާއްޖޭގެ ކަނޑުތަކުގެ ގާނޫނުގައި ކަނޑައަޅާފައިވާ ގޮތަށް ކަމަށް

ވީ ކިހިނެއް؟ - މި މައްސަލައިގައި މިދިޔަ އަހަރު ބޭއްވި އަޑުއެހުންތަކަށް ފަހު، އިޓްލޮސް އިން ކުރި ހުކުމް އިއްވުމުގެ މަޖިލިސް، ޖަރުމަނުގެ ހެމްބާގުގައި ހުންނަ އެ ޓްރައިބިއުނަލްގެ މައި އޮފީހުގައި، މިއަދު މެންދުރު ފަހު ރާއްޖެ ގަޑިން 2 ޖެހިއިރު ވަނީ ފަށާފަ އެވެ. އެ ޝަރީއަތުގެ މަޖިލީހުގައި ރާއްޖެ ތަމްސީލުކުރައްވަން ވަޑައިގެން ތިއްބެވީ:

  • ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު

  • ޑެޕިއުޓީ އެޓާނީ ޖެނެރަލް ހަދީޖާ ޝަބީން

  • ރާއްޖޭގެ ގާނޫނީ ޓީމުގައި އިސްކޮށް ހުންނެވި ޕްރޮފެސަރު ޕާޔަން އަހަވަން

  • ރާއްޖޭގެ ގާނޫނީ ޓީމުގައި ހިމެނިވަޑައިގެންނެވި ޖީން-މާކް ތައުވެނިން

ތަފްސީލް - އިޓްލޮސްގެ ނުވަ މެމްބަރުންގެ މައްޗަށް އެކުލެވިގެންވާ ޗެމްބަރަކުން ބެލި މި މައްސަލައިގައި މިހާރު އިއްވަމުން އަންނަ ހުކުމްގައި ނިންމާފައި ވަނީ، ރާއްޖެ އާއި ޗާގޯސްއާ ދެމެދުގައިވާ ފުށުއަރާ ކަނޑުގެ ސަރަހައްދު ބެހުމުގައި ބޮޑަށް ބަލަން ޖެހޭނީ ރާއްޖޭން ވަކާލާތުކުރި ގޮތަށް ޗާގޯސްގެ ރަސްމީ ސަރަހައްދުގައި ހިމެނޭ ރަށްރަށުގެ އައްސޭރިފަށުން ފެށިގެން ކަމަށެވެ.

ހިކި ދިޔައިގައި ބްލެންހެމް ފަރު ފެނުން މަތީގައި އޮންނަ ކަމަށް މޮރިޝަސް އިން ބުނާ ބުނުމަށް ބާރު ލިބޭއިރު، އެ ފަރަކީ މޮރިޝަސްގެ އައްސޭރިފަށުގެ ބައެއްގެ ގޮތުގައި މި މައްސަލައިގައި ބެލިދާނެ ކަމަށް ހުކުމްގައިވެ އެވެ.

ރާއްޖެ އާއި ޗާގޯސްއާ ދެމެދުގައިވާ ކަނޑުގެ ސަރަހައްދުން ފުށުއަރާ ބައި ދައްކައިދޭ ޗާޓެއް.

ނަމަވެސް، އެ ކަމަށް އެކަނި ބަލައިގެން، އިން ވަކި ކުރުމުގައި ބްލެންހެމް ފަރަކީ ބޭސްޕޮއިންޓެއް ކަމަށް ބަލައިނުގަނެވޭނެ ކަމަށް ހުކުމްގައިވެ އެވެ. އެއީ، އިން ވަކިކުރުމަކީ ސޮފްޓްވެއާ ޕްރޮގްރާމަކުން ކުރެވޭ ވަރަށް ވުރެ އަދި ފަންނީ މަސައްކަތަކަށް ވުރެ މާ ބޮޑު، މާ ގިނަ ކަންކަމަށް ބަލަން ޖެހޭ ކަމެއް ކަމަށް ހުކުމްގައިވެ އެވެ.

"ގަބޫލުކުރެވޭ ވަރުގެ ވަރަށް ވަރުގަދަ ހެއްކެއް ނެތް ހާލަތުގައި ބްލެންހެމް ފަރަކީ ބޭސްޕޮއިންޓެއް ކަމަށް ބެލުމަށް ޗެމްބަރުން ފަސްޖެހޭ،" ބްލެންހެމް ފަރަކީ ބޭސްޕޮއިންޓެއް ކަމަށް ނުބެލޭނެކަން ފާހަގަކުރަމުން ހުކުމްގައިވެ އެވެ.

ރާއްޖެ އާއި ޗާގޯސްއާ ދެމެދުގައިވާ ކަނޑުގެ ސަރަހައްދު ބަހަން ނިންމި ގޮތް ދައްކައިދޭ ޗާޓެއް.

މީގެ އިތުރުން، ޗެމްބަރުގެ ރިޔާސަތު ބެލެހެއްޓެވި ޓްރައިބިއުނަލްގެ މެމްބަރު ޖިން-ހިއުން ޕައިކް އިއްވެވި ހުކުމްގައިވާ ގޮތުން:

  • އާކިޕެލޭގޯ ނުވަތަ ޖަޒީރާ ގައުމުތަކުގެ އައްސޭރިފަށުގެ ގޮތުގައި ފެނުން މަތީގައި ހުންނަ ފަރުތައް ހިމެނިދާނެެ ކަމަށް ބައިނަލްއަގުވާމީ ކަނޑުތަކާ ބެހޭ ގާނޫނުގައި ބުންޏަސް، އިން ވަކިކުރުން ފަދަ ކަންކަމުގައި އެފަދަ ފަރުތަކުން ބޭސްޕޮއިންޓް ނެގިދާނެ ކަމަށް ގާނޫނުގައި ކަނޑައެޅިގެން ބުނެފައެއް ނުވޭ

  • ފެނުން މަތީގައި އޮންނަ ފަރަކީ، ބޭސްޕޮއިންޓް ކަނޑައެޅުމުގައި ރަށެއްގެ ދަރަޖަ ދެވިދާނެ ތަނެއް ކަމަށް ގާނޫނުގެ ދަށުން ބެލޭކަށް ނެތް

  • ހިކި ދިޔައިގައި ފެނުން މަތީގައި ހުންނަ ފަރުގެ ތަންތަންކޮޅު، ކަނޑުއަޑިން ފަރުގެ ބައިތަކާ ގުޅިލާމެހި، އެއީ ފެނުން މަތީގައި އޮންނަ އެއް ފަރެއް ކަމަށް ބެލޭނެ ކަމަށް މޮރިޝަސް އިން ވަކާލާތު ކުރިޔަސް، ޗެމްބަރުން ނިންމީ އެ ނުކުތާއާ ދެކޮޅަށް؛ އެ ނުކުތާއަށް ބާރުދިނުމަށް މޮރިޝަސް އިން ހުށަހެޅި ޗާޓުތަކަކީ "ގަބޫލުކުރެވޭ ވަރުގެ ހަރުދަނާ ހެއްކެއް" ކަމަށް ގަބޫލުނުކުރަން ވެސް ޗެމްބަރުން ނިންމި

ނަމަވެސް، މޮރިޝަސް އިން ބްލެންހެމް ފަރުގައި ކުރި ދިރާސާތަކުން، އެ ފަރުގެ ވަރަށް ބޮޑު ބައެއް ހިކި ދިޔައިގައި ފެނުން މަތީގައި އޮންނަ ކަމަށް ދައްކާފައިވާކަން ހުކުމްގައި ފާހަގަކޮށްފައިވެ އެވެ. އެހެންވެ، ބޭސްޕޮއިން ކަނޑައެޅުމުގައި އެ ފަރަށް ނުބެލިޔަސް، އިކުއިޑިސްޓެންސް ލައިން ދެމުމުގައި އެ ފަރަށް ވެސް "ދެބައިކުޅަ އެއްބައި" ނުވަތަ "ހާފް އިފެކްޓް"ގެ ހައިސިއްޔަތެއް ދީ، އިކުއިޑިސްޓެންސް ރޮނގަށް ކޮންމެވެސް ވަރެއްގެ ބަދަލެއް ގެންނަން ޖެހޭ ކަމަށް އިޓްލޮސް އިން ބުންޏެވެ.

އެ ގޮތަށް ބެލުމުން:

  • މޮރިޝަސްގެ 200 ނޯޓިކަލް މޭލުގެ ސަރަހައްދު ކަނޑައެޅުމުގައި، ބްލެންހެމް ފަރުގެ ވަށައިގެންވާ ސަރަހައްދު ފިޔަވައި އެހެން ތަންތަނުގައި ބަލާފައި ވަނީ މޮރިޝަސްގެ އައްސޭރިފަށުގެ ބޭސްޕޮއިންޓްތަކުން

  • ބްލެންހެމް ފަރުގެ ވަށައިގެންވާ ސަރަހައްދުން ބޭސްޕޮއިންޓް ކަނޑައަޅާފައި ވަނީ، ހިކި ދިޔައިގައި ލޮނުގަނޑު ހުންނަ ވަރަށް ބަލައިގެން ފަރުގެ އުތުރު ފަރާތުން 12 ނޯޓިކަލް މޭލުގެ ސަރަހައްދެއް

އެނގުން މުހިންމު - އެ ކަންކަމަށް ބިނާކޮށް، އިޓްލޮސް އިން ނިންމީ ދެ ގައުމުގެ ދެމެދު ބަހަން ޖެހޭ 92،563 އަކަ ކިލޯމީޓަރުގެ ސަރަހައްދުން:

  • ރާއްޖެއަށް - 47،232 އަކަ ކިލޯމީޓަރު

  • މޮރިޝަސްއަށް - 45،331 އަކަ ކިލޯމީޓަރު

ރާއްޖެ އާއި ޗާގޯސްއާ ދެމެދުގައިވާ ކަނޑުގެ ސަރަހައްދު ބަހަން ނިންމި ގޮތް ދައްކައިދޭ ޗާޓެއް.

ކޮންޓިނެންޓަލް ޝެލްފްގެ މައްސަލައިގައި ގޮތެއް ނުނިންމާ

ރާއްޖޭގެ ކޮންޓިނެންޓަލް ޝެލްފް ނުވަތަ ކަނޑުގެ ބިމުގެ އަޑި 200 ނޯޓިކަލް މޭލަށް ވުރެ އިތުރުކުރުމަށް ކޮމިޝަން އޮން ދަ ލިމިޓްސް އޮފް ދަ ކޮންޓިނެންޓަލް ޝެލްފް (ސީއެލްސީއެސް)އަށް ރާއްޖޭން ވަނީ 26 ޖުލައި 2010ގައި ހުށަހަޅާފަ އެވެ.

މިކަމާ ގުޅޭ ގޮތުން 2010 ވަނަ އަހަރު ރާއްޖެއާ މަޝްވަރާކުރި ނަމަވެސް، ރާއްޖޭން ސީއެލްސީއެސްއަށް ހުށަހެޅި ހުށަހެޅުމަށް އިސްލާހް ގެނެސްފައިނުވާތީ، އެ ހުށަހެޅުމަށް މޮރިޝަސް އިން އިއުތިރާޒުކޮށް، 'ފޯމަލް ޕްރޮޓެސްޓް' ވަނީ ހުށަހަޅާފަ އެވެ.

މި މައްސަލައިގައި ސީއެލްސީއެސް އިން އަދި ވަކި ގޮތެއް ނުނިންމަ އެވެ.

ނަމަވެސް، ބައިނަލްއަގުވާމީ ކަނޑުތަކާ ބެހޭ ގާނޫނު ނުވަތަ އަންކްލޮސްގައިވާ ގޮތުން، އީއީޒެެޑްގެ މައްސަލައިގައި ފުށުއަރާ ބައި އިކުއިޑިސްޓެންސް އުސޫލުން ބެހިޔަސް، ކޮންޓިނެންޓަލް ޝެލްފް 200 ނޯޓިކަލް މޭލަށް ވުރެ ބޭރަށް ދާ ނަމަ، އެ ހިސާބަކަށް ބަލައިގެން އިމަށް ބަދަލު ގެނެވެ އެވެ.

އެހެންވެ، އެކަމާ ގުޅޭ ގޮތުން ވެސް އިޓްލޮސްގެ މައްސަލައިގައި އަލިއަޅުވާލާފައިވެ އެވެ. އެގޮތުން:

  • ކޮންޓިނެންޓަލް ޝެލްފް 200 ނޯޓިކަލް މޭލަށް އިތުރުކުރުމުގެ މައްސަލައިގައި އެއްވެސް ގޮތެއް ނިންމުމުގެ ބާރު އިޓްލޮސްއަށް ލިބިފައި ނުވާ ކަމަށް ރާއްޖޭން ވަކާލާތުކުރިޔަސް، އޭގެ ސަބަބުން އީއީޒެޑްގެ ފުށުއަރާ ސަރަހައްދު ބެހުމުގެ މައްސަލައަށް އަސަރުކުރާތީ އެކަމާ ގުޅޭ ގޮތުން އިޓްލޮސްއަށް ވެސް ގޮތްތަކެއް ނިންމިދާނެ ކަމަށް ޗެމްބަރުން ނިންމި

  • މޮރިޝަސް އިން އެކަށީގެންވާ މުއްދަތެއްގައި ސީއެލްސީއެސްއަށް ހުށަހަޅަން ޖެހޭ ހުށަހެޅުންތައް ހުށަހަޅާފައި ނުވާތީ، ކޮންޓިނެންޓަލް ޝެލްފް 200 ނޯޓިކަލް މޭލަށް އިތުރުކުރުމުގެ މައްސަލައިގައި އިޓްލޮސްއަށް ގޮތެއް ނުނިންމޭނެ ކަމަށް ރާއްޖޭން ނެގި ނުކުތާ ބަލައިނުގަތުމަށް ވެސް ޗެމްބަރުން ނިންމި

  • ކޮންޓިނެންޓަލް ޝެލްފްގެ މައްސަލައިގައި ދެ ގައުމުގެ ދެމެދު ބޮޑު އުފެދިފައިވާ ހިޔާލު ތަފާތުވުން ބޮޑުކަން ފާހަގަކޮށް، އިޓްލޮސް އިން ބުނީ ދެ ގައުމުން ސީއެލްސީއެސްއަށް ހުށަހަޅާފައިވާ ހުށަހެޅުންތަކާ މެދު ގޮތެއް ނިންމުމަށް ދެ ގައުމުން އަދި އެ ކޮމިޝަނަށް ހުއްދަ ވެސް ނުދޭ ކަމަށް

  • އެހެންވެ، ކޮންޓިނެންޓަލް ޝެލްފްގެ މައްސަލައިގައި އިޓްލޮސްއަށް ވެސް ގޮތްތަކެއް ނިންމޭނެ ކަމަށް ކަނޑައެޅިޔަސް، ސީއެލްސީއެސްގައި މައްސަލަ ކުރިއަަށް ދާތީ، މޮރިޝަސްއަށް ލިބޭ ކޮންޓިނެންޓަލް ޝެލްފްގެ ބަަައި ކަނޑަނާޅަން އިޓްލޮސް އިން ނިންމި

ޗެމްބަރުގެ ރިޔާސަތު ބެލެހެއްޓެވި ޓްރައިބިއުނަލްގެ މެމްބަރު ޖިން-ހިއުން ޕައިކް. (ފޮޓޯ/އިޓްލޮސް)

އެނގުން މުހިންމު - މޮރިޝަސް އިން ރާއްޖެއާ ދެކޮޅަށް އިޓްލޮސްއަށް ހުށައެޅި މައްސަލައިގައި މިއަދު ވަކި ގޮތެއް ނިންމާފައި ވާއިރު، ރާއްޖޭގެ ހުޅަނގު ފަރާތުން ނޫން ދިމާލަކުން އީއީޒެޑްއަށް 200 ނޯޓިކަލް މޭލެއް ނުލިބެ އެވެ. އެގޮތުން:

  • އުތުރުން ރާއްޖެ އޮންނަނީ އިންޑިއާއާ އިންވެގެން؛ އެހެންވެ، ދެ ގައުމުގެ ދެމެދު އީއީޒެޑް ބަހާލުމުން ރާއްޖެއަށް ލިބެނީ ގާތްގަނޑަކަށް 60 ނޯޓިކަލް މޭލުގެ ސަރަހައްދެއް 

  • އިރުމަތީ ފަރާތުން ސްރީ ލަންކާގެ އީއީޒެޑާއި ރާއްޖޭގެ އީއީޒެޑް ފުށުއަރާ ހިސާބުން ރާއްޖޭގެ އީއީޒެޑްގެ ބޮޑުމިނަކީ 140 ނޯޓިކަލް މޭލު 

  • އިރުމަތީ ފަރާތުން ސްރީ ލަންކާއިން ނެއްޓޭ ހިސާބުން 200 ނޯޓިކަލް މޭލު ލިބޭ

އިތުރަށް ކިޔާލަން -

ކޮމެންޓް (1)

އަދުރޭ

28 އޭޕްރީލު 2023
ޝުކުރިއްޔާ ރައިސް ޔާމިން
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް