ޗާގޯސް އައިލެންޑްސް (ފޮޓޯ/ ގެޓީ)
ދެކުނުން ރާއްޖޭގެ އީއީޒެޑް ކަނޑައެޅުން މިއަދު
މިއަދު ދިވެހިންގެ ހަޔާތުގައި ފުރަތަމަ ފަހަރަށް ރާއްޖޭގެ ސަރަހައްދުން ބައެއް 'އުނިވާކަމު'ގެ ހަބަރު ލިބުން ވަރަށް ކައިރި އެވެ. އެކަމަކު ކަނޑު ސަރަހައްދުން ގައުމުތަކުގެ އިން ވަކިކުރުމާ މެދު އުފެދޭ ހިލާފުތަކަށް އެންމެ ފަހު ބަސް ބުނާ، ދުނިޔޭގެ ކަނޑުތަކުގެ ގާނޫނާ ބެހޭ ބައިނަލްއަގުވާމީ ޓްރައިބިއުނަލް، އިޓްލޮސްއަށް މޮރިޝަސްއިން ހުށައެޅި މައްސަލާގައި، އެ ނަތީޖާއާ ހަމައަށް ދިޔަސް، ހަގީގަތުގައި އެ ގެއްލެނީ، ކަނޑުތަކާ ބެހޭ ބައިނަލްއަގުވާމީ ގާނޫނުން ރާއްޖެއަށް މީގެ ކުރިން މިލްކުކޮށްދީފައި އޮތް ސަރަހައްދެއް ނޫނެވެ.
ކަނޑުގެ އައްސޭރި ފަށުގައި އޮންނަ ގައުމުތަކަށް އިގުތިސާދީ ހާއްސަ ސަރަހައްދު (އީއީޒެޑް)ގެ ގޮތުގައި 200 ނޯޓިކަލް މޭލު ލިބެ އެވެ. އެކަމަކު އެއީ އެހެން ގައުމެއްގެ އީއީޒެޑްއާ ފުށުއެރުމެއް ނެތް ނަމަ އެވެ. ފުށުއަރާ ނަމަ އެކަން ނިންމަނީ ގައުމުތަކުން ވާހަކަ ދައްކައިގެންނެވެ. އެގޮތަށް ހައްލެއް ނުލިބިއްޖެ ނަމަ އިޓްލޮސްއިންނެވެ.
މޮރިޝަސްއިން ރާއްޖެއާ ދެކޮޅަށް އިޓްލޮސްއަށް ހުށައެޅި މައްސަލާގައި މިއަދު ވަކި ގޮތެއް ނިންމާއިރު، މިކަމުގައި ގިނަ ދިވެހިންގެ އޮޅުންތަކެއް އެބަ ހުއްޓެވެ؛ އެއީ ރާއްޖޭގެ ދެކުނުން އީއީޒެޑްގެ ގޮތުގައި ރާއްޖެއަށް 200 ނޯޓިކަލް މޭލު ލިބިފައި އޮތް ކަމަށް ގަބޫލުކުރެވޭ ގަބޫލުކުރުމެވެ. ރާއްޖޭގެ ހުޅަނގު ފަރާތުން ނޫން ދިމާލަކުން އީއީޒެޑްއަށް 200 ނޯޓިކަލް މޭލެއް ނުލިބެ އެވެ. އުތުރުން ރާއްޖެ އޮންނަނީ އިންޑިއާއާ އިންވެގެންނެވެ. އެހެންވެ ދެ ގައުމުގެ ދެމެދު އީއީޒެޑް ބަހާލުމުން ރާއްޖެއަށް ލިބެނީ ގާތްގަނޑަކަށް 60 ނޯޓިކަލް މޭލުގެ ސަރަހައްދެކެވެ. އިރުމަތީ ފަރާތުން ސްރީ ލަންކާގެ އީއީޒެޑާއި ރާއްޖޭގެ އީއީޒެޑް ފުށުއަރާ ހިސާބުން ރާއްޖޭގެ އީއީޒެޑްގެ ބޮޑުމިނަކީ 140 ނޯޓިކަލް މޭލެވެ. އިރުމަތީ ފަރާތުން ސްރީ ލަންކާއިން ނެއްޓޭ ހިސާބުން 200 ނޯޓިކަލް މޭލު ލިބެ އެވެ.
މޮރިޝަސްއިން މައްސަލަ ޖައްސާ ޗާގޯސް ރަށްތަކާއި ރާއްޖެއާ ދެމެދު ދެކުނުން އީއީޒެޑްގެ ގޮތުގައި ކުރިންސުރެ ބަލަމުން އަންނަނީ 140 ނޯޓިކަލް މޭލެވެ. އެކަމަކު ޗާގޯސްއަކީ އިންސާނުން ދިރިއުޅޭ ތަނަކަށް ނުވާތީ، ރާއްޖޭގެ ބައެއް ތަޖުރިބާކާރުން ގަބޫލުކުރަނީ ދެކުނުން ރާއްޖެއަށް 200 ނޯޓިކަލް މޭލުގެ އީއީޒެޑްއެއް ލިބެން ޖެހޭނެ ކަމަށެވެ.
އެމެރިކާގެ ބޮޑު އަސްކަރީ މަރުކަޒު ހިންގާ ފޯޅަވަހި ވެސް ހިމެނޭ ޗާގޯސްގެ ސަރަހައްދާއި ރާއްޖެއާ ދެމެދު މިފަދަ މައްސަލައެއް ކުރިން އުފެދިފައި ނެތީ އިނގިރޭސިންގެ ތަނެއްގެ ގޮތުގައި ޗާގޯސް ބަލާތީ އެވެ. ނަމަވެސް ޗާގޯސްއަކީ މޮރިޝަސްގެ ސިޔާދަތީ ބާރު އޮންނަ ތަނެއް ކަމަށް، އދ. އިން ނިންމުމުން، މޮރިޝަސްއިން ދިޔައީ އިން ކަނޑައެޅުމުގެ މައްސަލަ ހިފައިގެން އިޓްލޮސްއަށެވެ. އިޓްލޮސްގައި އޮތް އިބުތިދާއީ އަޑުއެހުންތަކުގައި ޗާގޯސްގެ މައްޗަށް މޮރިޝަސްގެ މިލްކުވެރިކަން އޮތްކަމާ ދެކޮޅަށް ރާއްޖެއިން ވާހަކަ ދެއްކި އެވެ. ނަމަވެސް އިޓްލޮސްއިން ނިންމީ މޮރިޝަސްއިން ހުށައެޅި މައްސަލަ އެތަނުން ބެލޭނެ ކަމަށެވެ.
މިއަދު އެ އިއްވަނީ އެ މައްސަލަ ބެލުމަށް މިދިއަ އަހަރު ބޭއްވި އަޑުއެހުންތަކަށް ފަހު އިޓްލޮސްއިން ނިންމާ ނިންމުމެވެ.
ޗާގޯސް އާއި ރާއްޖެއާ ދެމެދު އީއީޒެޑް ބަހާއިރު ހިޔާލު ތަފާތުވުން އުފެދިފައި އޮތީ ޗާގޯސްގެ ސަރަހައްދުން މިން އަޅަން ފަށާނެ ހިސާބަކާ މެދުގަ އެވެ. މޮރިޝަސްއިން ބުނަނީ އެ މިން ފަށަން ޖެހޭނީ އައްޑުއާ އެންމެ ކައިރިއަށް އޮންނަ ބެހިމް ފަރުގެ އުތުރުކޮޅުން ކަމަށެވެ. ރާއްޖެއިން ބުނަނީ އެއީ ބޮޑު ދިޔާގައި ހިކިފައި އޮންނަ ތަނަކަށް ނުވާތީ އެ ހިސާބުން މިން އަޅައިގެން ނުވާނެ ކަމަށެވެ.
އިޓްލޮސްއިން އެކަމާ މެދު ގޮތެއް ނިންމާނެ އެވެ. މޮރިޝަސްއަށް ކާމިޔާބުވެއްޖެ ނަމަ، ފުށޫއަރާ ބައިން 4،690 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް މޮރިޝަސް ކޮޅަށް އިތުރުވާނެ ކަމަށް ބެލެވެ އެވެ.
މައްސަލައިގެ ހުލާސާއެއް
-
މޮރިޝަސްއިން ހުށައަޅާފައި ވަނީ ފުށުއަރާ 95،600 އަކަކިލޯމީޓަރު ދެ ބަޔަށް ބަހާލަން. އޭރު ރާއްޖެއަށް 47،172 އަކަކިލޯމީޓަރު އަދި މޮރިޝަސްއަށް 48،458 އަކަކިލޯމީޓަރު ލިބޭނެ
-
މޮރިޝަސް އިން ވަކާލާތުކުރަނީ، ޗާގޯސް އާކިޕެލެގޯގެ އައްޑުއާ އެންމެ ކައިރިން އޮންނަ ބެހިމް ފަރުގެ އުތުރުކޮޅުން ފެށިގެން 200 މޭލަކީ އެ ގައުމުގެ އީއީޒެޑްގެ ތެރޭގައި ހިމެނޭ ބައެއް ކަމަށް؛ އެހެންވެ، ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ކަމަށް މިހާރު ބަލާ ސަރަހައްދާ ފުށުއަރާ ކަމަށް
-
މޮރިޝަސް އިން މިދިޔަ ފެބްރުއަރީގައި ޓީމެއް ފޮނުވައިގެން އެ ފަރުގެ ދިރާސާއެއް ކުރި؛ އެ ދިރާސާ އިން އެ ފަރުގައި ހިކި ދިޔައިގައި ފެނުން މަތީގައި ހުންނަ ބޮޑެތި ސަރަހައްދުތަކެއް ފާހަގަކުރެވިފައިވާ ކަމަށް މޮރިޝަސް އިން އިޓޮލްސްގައި ބުނެފައިވޭ
-
ރާއްޖޭން ބުނަނީ، އެ ފަރަކީ ބޮޑު ދިޔައިގައި ވެސް ފެނުން މަތީގައި އޮންނަ ތަނެއް ނޫން ކަމަށް އަދި އެއީ ޗާގޯސްގެ ސީދާ ބައެއް ވެސް ނޫން ކަމަށް؛ އެ ފަރުން ފެށިގެން 200 ނޯޓިކަލް މޭލު ބަލާ ނަމަ، މޮރިޝަސްއަށް ނުހައްގުން 4،690 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ލިބޭނެ ކަމަށް ރާއްޖޭން ބުނޭ
-
އެހެންވެ، ރާއްޖޭން ބުނަނީ 200 ނޯޓިކަލް މޭލު ބަލަން ޖެހޭނީ ކުރިން އިނގިރޭސިވިލާތާ އެކު ވެސް އެއްބަސްވެފައިވާ ގޮތަށް އަދި ރާއްޖޭގެ ކަނޑުތަކުގެ ގާނޫނުގައި ކަނޑައަޅާފައިވާ ގޮތަށް ކަމަށް
ޕީޕީއެމްގެ ފާޑުކިއުން
އިދިކޮޅު ޕީޕީއެމުން ގެންދަނީ މޮރިޝަސްއަށް ރާއްޖޭގެ ސަރަހައްދުން ބައެއް މި ސަރުކާރުން ދޫކޮށްލަނީ ކަމަށް ތުހުމަތުކުރަމުންނެވެ. އިޓްލޮސްގައި މައްސަލަ ކުރިއަށް ދަނިކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅަކީ، 'ގައުމު ވިއްކާލުން' ކަމަށް ވެސް، ޕީޕީއެމް އިން ތުހުމަތުކުރެ އެވެ.
ޕީޕީއެމުން މިދިއަ ބުދަދުވަހު ވަނީ އިޓްލޮސްއަށް، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ނަންފުޅުގައި ސިޓީއެއް ވެސް ފޮނުވައިފަ އެވެ. އެ ސިޓީގައި އެދުނީ ރައީސް ސޯލިހުގެ ސިޓީފުޅުގައި ގާނޫނީ މައްސަލަތަކެއް ހުރުމާ އެކު އެއާ މެދު ގޮތެއް ނިމުމުގެ ކުރިން އިޓްލޮސް އިން އިގުތިސާދީ ސަރަހައްދުގެ މައްސަލަ ނިންމުން ފަސްކޮށްދިނުމަށެވެ.
ޕީޕީއެމްއަށް ސަރުކާރުން އިއްޔެ ވަނީ ރައްދުދީފަ އެވެ. އެ ރައްދުގައި ޕިޕީއެމްގެ 'ދެފުށްކެހެރިކަން' ދެއްކުމުގެ ގޮތުން ބައެއް މިސާލުތައް ވެސް ހިމެނި އެވެ. އެގޮތުން:
-
އދ.ގައި މޮރިޝަސްއާ ދެކޮޅަށް މި ސަރުކާރުން ވޯޓު ދިނުމަކީ އެ ގައުމުގެ ރައްޔިތުންގެ ކިބައިން ދިވެހި ސަރުކާރުން މައާފަށް އެދެން ޖެހޭނެ ކަމެއް ކަމަށް، 24 މޭ 2019ގައި ޕީޕީއެމުން ނެރުނު ބަޔާނެއްގައި ބުނުން
-
ޕީޕީއެމް ވެރިކަމުގައި މޮރިޝަސްއިން ޗާގޯސްގެ ސިޔާދަތީ ބާރާ މެދު އދ.ގެ އާންމު މަޖިލިހަށް ހުށައެޅި ގަރާރާ ދެކޮޅަށް 22 ޖޫން 2017ގައި ރާއްޖެއިން ވޯޓު ދިނުން
މޮރިޝަސްއިން އެ ގަރާރު 2019ގައި ހުށައެޅުމުން މި ސަރުކާރުން ވެސް، އިނގިރޭސިންނާއި އިތުރު ހައެއްކަ ގައުމާ އެކު، ގަރާރާ ދެކޮޅަށް ވޯޓު ދިނެވެ. ނަމަވެސް ރާއްޖޭގެ އެ ސްޓޭންޑް މިދިއަ އަހަރު ބަދަލުވެ، ރައީސް ސޯލިހު، މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅުގައި ވިދާޅުވެފައި އޮތީ، ދެން އޭގެ ގަރާރެއް އދ. އަށް މޮރިޝަސްއިން ފޮނުވައިފި ނަމަ ރާއްޖެއިން އެއާ އެއްކޮޅަށް ވޯޓު ދޭނެ ކަމަށެވެ.
ދުނިޔޭގެ ކަނޑުތަކުގެ ގާނޫނާ ބެހޭ ރާއްޖޭގެ އެންމެ ބޮޑު އެއް ތަޖުރިބާކާރަކީ އެ ދާއިރާއިން ކިޔަވާވިދާޅުވެފައި ހުންނެވި ކުރީގެ އެޓާނީ ޖެނެރަލް ޑރ. މުހައްމަދު މުނައްވަރެވެ. އޭނާ ވެސް ވަނީ ރައީސްގެ އެ ސިޓީފުޅާ މެދު ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.
"މިއީ ދެ ފަރާތުން މައްސަލައެއްގައި ކޯޓަށް ގޮސް، އެއް ފަރާތުން އެ ދައްކަނީ ރަނގަޅު ވާހަކައޭ، އެ ގޮތަށް ނިންމައިދޭށޭ ބުނުން ކަހަަލަ ކަމެއް،" މިދިއަ އަހަރު 'ދައުރު'އަށް ދެއްވި އިންޓަވިއުއެއްގައި މުނައްވަރު ވިދާޅުވި އެވެ.
"ދެ މައްސަލައިގެ އަސާސަކީ ވެސް އެކައްޗެއް. މޮރިޝަސްއަށް ޗާގޯސް ލިބެން ޖެހޭނެ ކަމަށް ރާއްޖޭން ގަބޫލުކުރިޔަސް، ހިނގަމުންދާ މައްސަލައިގެ ތެރެއިން އެ ކަމަށް ރުހުން، އެ ގޮތަށް ގަބޫލުކުރާ ކަމަށް ބުނުމަކީ ވަރަށް ހެއްވާ ކަމެއް. މިއީ ޖޯކެއް ނޫން. މިއީ ޑީލެއް ނޫން. މި ދައްކަނީ ދިވެހި ދައުލަތުގެ، ދިވެހިރާއްޖޭގެ ބައެއް ބައިކުރަން ޖެހޭ މައްސަލައިގެ އަސާސް ރާއްޖޭން ހަމަ ހުރެފައި ގަބޫލުކުރާ ވާހަކަ."
އެކަމަކު ސަރުކާރުން ބުނަނީ އިޓްލޮސްގައި އޮތް މައްސަލައަށް ރާއްޖޭގެ އެ ނިންމުމުން އަސަރެއްނުކުރާނެ ކަމަށެވެ.
މިއީ ދުނިޔޭގެ ކަނޑުތަކާ ބެހޭ ގާނޫނުގެ ދަށުން އިޓްލޮސްއިން ރާއްޖޭގެ އީއީޒެޑްއާ މެދު ގޮތެއް ނިންމާ ފުރަތަމަ ފަހަރެވެ. އިންޑިއާ އާއި ސްރީ ލަންކާއާ ދެމެދު ރާއްޖޭގެ އީއީޒެޑް ކަނޑައެޅީ، އިޓްލޮސްއަށް ނުގޮސް، މީގެ 40 އަހަރު ކުރިން އެ ދެ ގައުމާ އެކު ހެދި އެއްބަސްވުމުގެ ދަށުންނެވެ.