ރާއްޖެ އާއި މޮރިޝަސްގެ މައްސަލަ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސްގައި ކުރިއަށް ދަނީ. (ފޮޓޯ/އިޓޮލްސް)
ރާއްޖެ-މޮރިޝަސް މައްސަލަ: 2 މައްސަލައެއް؛ 1 އަސާސެއް
މުހިންމު ނުކުތާތައް
ޗާގޯސް މައްސަލައިގައި ރާއްޖޭން މިހާތަނަށް ވޯޓު ދެމުން އައިސްފައިވަނީ މޮރިޝަސްއާ ދެކޮޅަށް
ސިޔާސަތު ބަދަލުވީ ސީދާ ކީއްވެ ކަމެއް ސަރުކާރުން އަދި ނުބުނޭ
ސަރުކާރުން ބުނަނީ މިއީ ތަފާތު ދެ މައްސަލަ ކަމަށް
"ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދު (އީއީޒެޑް) ކަނޑައަޅާފައި ވަނިކޮށް، އެއަށް އުނިކަމެއް އަތުވެދާނެ ފަދަ ގޮތަކަށް އދ.ގެ އާންމު މަޖިލީހަށް ނުވަތަ އެ ނޫން މަޖިލީހަކަށް ހުށަހެޅޭ ހުށަހެޅުމަކަށް ދިވެހި ސަރުކާރަށް ތާއީދެއް ނުކުރެވޭނެ،" ރާއްޖެއިން އދ.އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ތިލްމީޒާ ހުސައިން އދ.ގެ އާންމު މަޖިލީހުގައި 2019ގައި ވިދާޅުވި އެވެ.
އެއީ، ރާއްޖޭން މޮރިޝަސްއާ ދެކޮޅަށް އަދި އިނގިރޭސިވިލާތަށް ތާއީދުކޮށް ވޯޓު ދިނީ ކީއްވެގެންކަން ހާމަކުރަން ސަރުކާރުން އޭރު ބުނި ބަހެވެ.
އޭރު ވެސް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓް (އައިސީޖޭ) އިން ލަފާދީފައިވަނީ، އިނގިރޭސިވިލާތުގެ ބައެއް ކަމަށް އެ ގައުމުން ދައުވާކުރާ ޗާގޯސްގެ މައްޗަށް އިނގިރޭސިންނަށް އެއްވެސް ހައްގެއް ނެތް ކަމަށެވެ. ޗާގޯސްގެ ސިޔާދަތީ ބާރު އޮތީ، އައިސީޖޭގެ އެޑްވައިޒަރީ ލަފާގައިވާ ގޮތުން، މޮރިޝަސް އަށެވެ. އދ.ގެ އާންމު މަޖިލީހުގައި ވޯޓު ނެގީ އައިސީޖޭގެ އެ ނިންމުމާ ގުޅިގެންނެވެ.
ފުރަތަމަ ގޮސްފައި މި ބުނަނީ މޮރިޝަސް އިން ޓްރައިބިއުނަލަށް ދިޔައީ [ޗާގޯސްއަށް] ސޮވެރެނިޓީ ގާއިމްކުރާށޭ. އޭގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލިގެން ހިނގައިދާނެތީ މޮރިޝަސް އިން [ޗާގޯސްގެ މައްޗަށް] ކުރާ ކްލެއިމްއަށް ތާއީދުކުރެވޭކަށް ނެތޭ. އޭގެ ފަހުން މި ބުނަނީ ތާއީދުކުރަމޭ. ޖޯކަރުންތަކަކަށް ބަދަލުވީނުންތޯ؟
މައްސަލަ ފެށުނީ ކިހިނެއް؟
އައްޑޫގެ ދެކުނުން ރާއްޖޭގެ އިގްތިސާދީ ސަރަހައްދު، މޮރިޝަސްގެ ސިޔާދަތުގެ ދަށުގައިވާ ކަމަށް އެ ގައުމާއި ބައިނަލްއަގުވާމީ ޓްރައިބިއުނަލްތަކުން ނިންމާފައިވާ ޗާގޯސް އާކިޕެލެގޯގެ ކަނޑުގެ ސަރަހައްދާ ފުށުއަރާ ކަމަށް ބުނެ މޮރިޝަސް އިން ކަނޑުތަކުގެ ގާނޫނާ ބެހޭ ބައިނަލްއަގުވާމީ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅީ 2019ގަ އެވެ. އެއީ އައިސީޖޭގެ ލަފަ އާއި އދ.ގެ އާންމު މަޖިލީހުގެ ނިންމުމާ ގުޅިގެންނެވެ.
އޭގެ ފަހުން:
-
އެ މައްސަލައިގައި އިޖުރާއީ ގޮތުން ރާއްޖޭން ފާހަގަކުރި ކަންކަން ބަލައިނުގަތުމަށް 28 ޖެނުއަރީ 2021ގައި ވަނީ ޓްރައިބިއުނަލުން ނިންމާފައި
-
ޗާގޯސްގެ މައްޗަށް ސިޔާދަތީ ބާރުތައް އޮތް ކަމަށް އިނގިރޭސިވިލާތުން ބުނަމުން ގެންދިޔަ ނަމަވެސް، ކަނޑުގެ ސަރަހައްދުގެ ބައުންޑަރީ ކަނޑައެޅުމުގެ އިހްތިސޯސް ޓްރައިބިއުނަލަށް ލިބިގެންވާ ކަމަށް ވެސް ކަނޑައެޅި
-
މޮރިޝަސް އިން ހުށަހެޅި ކަންކަމަށް ރާއްޖޭން ވަނީ މިދިޔަ ނޮވެމްބަރު 25ގައި ޖަވާބުދާރީ ވެފައި
-
މިހާރު ކުރިއަށްދަނީ ދެ ފަރާތުން ވަކާލާތުކުރާ ކަންކަން ޓްރައިބިއުނަލަށް ހުށަހަޅައި އިއްވުން
ޓްރައިބިއުނަލުން ރާއްޖެއާ ދެކޮޅަށް ނިންމުން އެއީ އަދި ވަކި ކަމެއް. އެހެން ނިންމުމުގެ ފުރުސަތު އޮންނާނެ. އެކަމަކު، އެހެން ނިންމުމުގެ ކުރިން ރާއްޖޭން ކުރިން ދެއްކި ވާހަކަ ދޫކޮށް، މި މައްސަލައިގެ ވެސް އަސާސް ބިނާވާ ޗާގޯސް މައްސަލައިގައި މޮރިޝަސްއަށް ތާއީދުކުރުމުން ރާއްޖޭން ދައްކާ ވާހަކަތަކުގެ ބުރަދަނަށް އަސަރު ކުރާނެ.
މޮރިޝަސް އިން އެދެނީ ކޮން ކަމަކަށް؟
މޮރިޝަސް އިން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓޮލްސް)އަށް ހުށަހެޅީ:
-
ދަ ލޯ އޮފް ދަ ސީސްއާ އެއްގޮތްވާ ގޮތުގެ މަތިން، ފުށުއަރާ ސަރަހައްދު ރާއްޖެ އާއި މޮރިޝަސްއާ ދެމެދު ބަހަން
-
މޮރިޝަސް އިން ވަކާލާތުކުރަނީ، ޗާގޯސް އާކިޕެލެގޯގެ އައްޑުއާ އެންމެ ކައިރިން އޮންނަ ބެހިމް ފަރުގެ އުތުރުކޮޅުން ފެށިގެން 200 މޭލަކީ އެ ގައުމުގެ އީއީޒެޑްގެ ތެރޭގައި ހިމެނޭ ބައެއް ކަމަށް؛ އެހެންވެ، ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ކަމަށް މިހާރު ބަލާ ސަރަހައްދާ ފުށުއަރާ ކަމަށް
-
މޮރިޝަސް އިން މިދިޔަ ފެބްރުއަރީގައި ޓީމެއް ފޮނުވައިގެން އެ ފަރުގެ ދިރާސާއެއް ކުރި؛ އެ ދިރާސާ އިން އެ ފަރުގައި ހިކި ދިޔައިގައި ފެނުން މަތީގައި ހުންނަ ބޮޑެތި ސަރަހައްދުތަކެއް ފާހަގަކުރެވިފައިވާ ކަމަށް މޮރިޝަސް އިން އިޓޮލްސްގައި ބުނެފައިވޭ
-
ރާއްޖޭން ބުނަނީ، އެ ފަރަކީ ބޮޑު ދިޔައިގައި ވެސް ފެނުން މަތީގައި އޮންނަ ތަނެއް ނޫން ކަމަށް އަދި އެއީ ޗާގޯސްގެ ސީދާ ބައެއް ވެސް ނޫން ކަމަށް؛ އެ ފަރުން ފެށިގެން 200 މޭލު ބަލާ ނަމަ، މޮރިޝަސްއަށް ނުހައްގުން 4،690 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ލިބޭނެ ކަމަށް ރާއްޖޭން ބުނޭ
-
އެހެންވެ، ރާއްޖޭން ބުނަނީ 200 މޭލު ބަލަން ޖެހޭނީ ކުރިން އިނގިރޭސިވިލާތާ އެކު ވެސް އެއްބަސްވެފައިވާ ގޮތަށް އަދި ރާއްޖޭގެ ކަނޑުތަކުގެ ގާނޫނުގައި ކަނޑައަޅާފައިވާ ގޮތަށް ކަމަށް
-
މޮރިޝަސް އިން ހުށަހަޅާފައިވަނީ ފުށުއަރާ 95،600 އަކަ ކިލޯމީޓަރުގެ ސަރަހައްދު ދެ ބައިކޮށް، ރާއްޖެއަށް 47،172 އަކަ ކިލޯމީޓަރު އަދި މޮރިޝަސްއަށް 48،458 އަކަ ކިލޯމީޓަރު ކަނޑައަޅަން
މިއީ ތަފާތު ދެ މައްސަލަތަ؟
ޗާގޯސް އަކީ މޮރިޝަސްގެ ބައެއްގެ ގޮތުގައި ބަލައިގަންނަން ދިވެހި ސަރުކާރުން ނިންމި ނަމަވެސް ރާއްޖެއަށް ގެއްލުމެއް ނެތް ކަމަށާއި ކަނޑުގެ ސަރަހައްދު ކަނޑައެޅުމުގެ މައްސަލައިގައި އަދިވެސް ރާއްޖޭގެ ސްޓޭންޑް ބަދަލު ނުވާ ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން އިއްޔެ ވަނީ ބުނެފަ އެވެ.
މިއީ އޭގެ ޒާތުގައި، ސަރުކާރުން ބުނާ ގޮތަށް، ދެ މައްސަލައެކެވެ. މޮރިޝަސްއަށް ޗާގޯސްގެ ސިޔާދަތީ ބާރު ލިބޭ ކަމަށް އައިސީޖޭ އާއި އދ.ގެ އާންމު މަޖިލީހާއި ޓްރައިބިއުނަލުން ވެސް ވަނީ ނިންމާފަ އެވެ. އެކަމަކާ ގުޅޭ ގޮތުން ދެބަސްވުމެއް ނެތެވެ. ސަރުކާރުން ބުނަނީ ރާއްޖޭގެ ނިންމުން ބަދަލުވީ ޗާގޯސްގެ ސިޔާދަތީ ބާރު ލިބިގެންވާ ފަރާތާ ގުޅޭ ގޮތުން ކަމަށެވެ.
ދެން އޮތީ، ޓްރައިބިއުނަލްގައި މިހާރު ކުރިއަށްދާ މައްސަލަ އެވެ. އެއީ ރާއްޖެ އާއި މޮރިޝަސްގެ އީއީޒެޑް ނުވަތަ އިގްތިސާދީ ސަރަހައްދުން ފުށުއަރާ ބައި ބެހުމާ ގުޅޭ މައްސަލަ އެވެ. ސަރުކާރުން ބުނަނީ އެ މައްސަލައިގައި ރާއްޖޭގެ ވިސްނުން އެއްވެސް ވަރަކަށް ބަދަލުނުވާ ކަމަށެވެ.
އެއާ އެކު، މިކަމާ ގުޅުން ހުރި އަދި އިތުރު ނުވަތަ ތިން ވަނަ މައްސަލައެއް ވެސް އެބަ އޮތެވެ. އެއީ ރާއްޖޭގެ ކޮންޓިނެންޓަލް ޝެލްފް ފުޅާ ކަމަށް ކަނޑައަޅައިދިނުމަށް އެދި ރާއްޖޭން ޖުލައި 2010ގައި އދ.ގެ ކޮމިޝަން އޮން ދަ ލިމިޓްސް އޮފް ދަ ކޮންޓިނެންޓަލް ޝެލްފް (ސީއެލްސީއެސް)އަށް ހުށަހެޅި ހުށަހެޅުމެވެ. އެ ހުށަހެޅުމުގައި މޮރިޝަސް އިން ދައުވާކުރާ ކޮންޓިނެންޓަލް ޝެލްފްގެ ބަޔާ ފުށުއަރާ ކަމަށް ބުނެ އެ ގައުމުން ވަނީ އެ މައްސަލައަށް ވަދެފަ އެވެ.
ނަމަވެސް މިއީ ތަފާތު މައްސަލަތަކަކަށް ވިޔަސް، މި ތިން މައްސަލައިގައި ވެސް އަދި ހާއްސަކޮށް މިހާރު ޓްރައިބިއުނަލްގައި ކުރިއަށްދާ މައްސަލައިގައި ވެސް އަސާސަކީ މޮރިޝަސް އިން ޗާގޯސް އަކީ އެ ގައުމުގެ ބައެއް ކަމަށް ކުރާ ދައުވާ އެވެ. އިގްތިސާދީ ސަރަހައްދު ފުށުއަރަނީ ވެސް ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ލިބޭ ހިސާބުންނެވެ.
"މިއީ ދެ ފަރާތުން މައްސަލައެއްގައި ކޯޓަށް ގޮސް، އެއް ފަރާތުން އެ ދައްކަނީ ރަނގަޅު ވާހަކައޭ، އެ ގޮތަށް ނިންމައިދޭށޭ ބުނުން ކަހަަލަ ކަމެއް،" ރާއްޖޭގެ ކުރީގެ ބަންޑާރަ ނައިބު އަދި ކަނޑުތަކާ ބެހޭ ގާނޫނުގެ މާހިރެއް ކަމަށްވާ ޑރ. މުހައްމަދު މުނައްވަރު މިއަދު 'ދައުރު'އަށް ވިދާޅުވި އެވެ.
"ދެ މައްސަލައިގެ އަސާސަކީ ވެސް އެކައްޗެއް. މޮރިޝަސްއަށް ޗާގޯސް ލިބެން ޖެހޭނެ ކަމަށް ރާއްޖޭން ގަބޫލުކުރިޔަސް، ހިނގަމުންދާ މައްސަލައިގެ ތެރެއިން އެ ކަމަށް ރުހުން، އެ ގޮތަށް ގަބޫލުކުރާ ކަމަށް ބުނުމަކީ ވަރަށް ހެއްވާ ކަމެއް. މިއީ ޖޯކެއް ނޫން. މިއީ ޑީލެއް ނޫން. މި ދައްކަނީ ދިވެހި ދައުލަތުގެ، ދިވެހިރާއްޖޭގެ ބައެއް ބައިކުރަން ޖެހޭ މައްސަލައިގެ އަސާސް ރާއްޖޭން ހަމަ ހުރެފައި ގަބޫލުކުރާ ވާހަކަ."
ކަނޑުތަކާ ބެހޭ ގާނޫނުގެ ދާއިރާ އިން މާސްޓާސް ހައްދަވާފައިވާ ބޭފުޅަކު، ނަން ނުޖަހާ ގޮތަށް، 'ދައުރު'އަށް ވިދާޅުވީ ޗާގޯސްގެ ސިޔާދަތީ ބާރާ ގުޅޭ މައްސަލައިގައި ރާއްޖޭގެ ސިޔާސަތު ބަދަލުވުމުން، އިޓޮލްސްގައި މިހާރު ކުރިއަށްދާ މައްސަލައިގައި ރާއްޖޭން ވަކާލާތުކުރާ ކަންކަން "ބަލިކަށިވާނެ" ކަމަށެވެ.
"ޓްރައިބިއުނަލުން ރާއްޖެއާ ދެކޮޅަށް ނިންމުން އެއީ އަދި ވަކި ކަމެއް. އެހެން ނިންމުމުގެ ފުރުސަތު އޮންނާނެ. އެކަމަކު، އެހެން ނިންމުމުގެ ކުރިން ރާއްޖޭން ކުރިން ދެއްކި ވާހަކަ ދޫކޮށް، މި މައްސަލައިގެ ވެސް އަސާސް ބިނާވާ ޗާގޯސް މައްސަލައިގައި މޮރިޝަސްއަށް ތާއީދުކުރުމުން ރާއްޖޭން ދައްކާ ވާހަކަތަކުގެ ބުރަދަނަށް އަސަރު ކުރާނެ. މި ދަނޑިވަޅުގައި މަޑުން ވެސް ތިބެވިދާނެ،" އޭނާ ވިދާޅުވި އެވެ.
ދެން ވާނީ ކިހިނެއް؟
މިކަމުގައި ރާއްޖެ އާއި މޮރިޝަސްއާ ދެމެދު އެއްގަލަކަށް އަރާ ކަންތައްތަކެއް ވެސް އެބަ ހުއްޓެވެ. އެއީ:
-
ބައިނަލްއަގުވާމީ ކަނޑުތަކުގެ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން، އީއީޒެޑްގެ ފުށުއަރާ ސަރަހައްދު ބައިކުރުން
-
އެގޮތަށް ބައިކުރާއިރު ބައިނަލްއަގުވާމީ ގޮތުން ބަލައިގެންފައިވާ ތުރީ ސްޓޭޖް އުސޫލު ބޭނުންކޮށްގެން، ހާއްސަ ހާލަތެއް ނެތް ނަމަ، ފުށުއަރާ ސަރަހައްދު ހަމަހަމައަށް ބެހުން
މައްސަލަ ޖެހިގެން އުޅެނީ އިން ކަނޑައެޅުމުގައި ބަލާނެ ބޭސް ޕޮއިންޓުތަކާ ގުޅޭ ގޮތުންނެވެ. މި މައްސަލައިގައި ރާއްޖެއަށް އޮތީ ދެ ގޮތެކެވެ. އެއީ:
-
ޓްރައިބިއުނަލްގައި ކުރިއަށްދާ މައްސަލައިގެ ނިންމުމަކަށް އިންތިޒާރުކުރުން
-
މޮރިޝަސްގެ ސިޔާދަތު ބަލައިގަތުމުގެ ބަދަލެއްގެ ގޮތުގައި އީއީޒެޑް ކަނޑައަޅާ ގޮތާ ގުޅޭ ގޮތުން މޮރިޝަސްއާ އެކު މަޝްވަރާކުރުން
ޓްރައިބިއުނަލުން ކޮންމެ ގޮތަކަށް މައްސަލަ ނިމުނަސް، ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން ބައެއް އުނިވާނެ އެވެ. މޮރިޝަސް ކޮޅަށް ނިންމައިފި ނަމަ، އުނިވާ ބައި ބޮޑުވާނެ އެވެ. ރާއްޖެ ކޮޅަށް ނިންމައިފި ނަމަ، ބޮޑު ބައި ރާއްޖޭގެ އަތުގައި ބޭއްވޭނެ އެވެ.
މި ދެބަސްވުމުގައި މިހާތަނަށް ކަން ހިނގާފައިވާ ގޮތުން އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ، މުނައްވަރު ވިދާޅުވި ގޮތުގައި، ސަރުކާރުން ރައްޔިތުންނަށް ހަގީގަތް ކިޔައިދިނުމުގެ ބަދަލުގައި، ދެ މައްސަލައެއް ކަމަށް ބުނެ އޮޅުވާލަން މަސައްކަތް ކުރުމެވެ. ޓްރައިބިއުނަލުން ނިންމާ ގޮތެއްގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެދާނެ ގޮންޖެހުންތައް އޮޅުންފިލުވައިނުދިނުމެވެ.
"ފުރަތަމަ ގޮސްފައި މި ބުނަނީ މޮރިޝަސް އިން ޓްރައިބިއުނަލަށް ދިޔައީ [ޗާގޯސްއަށް] ސޮވެރެނިޓީ ގާއިމްކުރާށޭ. އޭގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލިގެން ހިނގައިދާނެތީ މޮރިޝަސް އިން [ޗާގޯސްގެ މައްޗަށް] ކުރާ ކްލެއިމްއަށް ތާއީދުކުރެވޭކަށް ނެތޭ. އޭގެ ފަހުން މި ބުނަނީ ތާއީދުކުރަމޭ. ޖޯކަރުންތަކަކަށް ބަދަލުވީނޫންތޯ؟،" މުނައްވަރު ވިދާޅުވި އެވެ.
"ދިވެހި ދައުލަތަކީ، ދިވެހި އިގްތިސާދީ ސަރަހައްދަކީ އެތައް ބައެއްގެ ގުރުބާނީއެއް. ހަމަ އެހެން ހުރެފައި ސަރުކާރަށް ނިންމާލެވޭނެ ކަމެއް ނޫން މިއީކީ."
ކޮމެންޓް (1)
ޒިއުކް