ރާއްޖެ، މޮރިޝަސް އަދި ޗާގޯސް އައިލެންޑްސް (ބްރިޓިޝް އިންޑިއަން އޯޝަން ޓެރިޓަރީ) ފެންނަ ޗާޓެއް: ޗާގޯސް އޮންނަ ފަޅިން ރާއްޖެއަށް ދުވަހަކު ވެސް 200 ނޯޓިކަލް މޭލުގެ އީއީޒެޑެއް ލިބިފައެއް ނުވޭ

200 ނޯޓިކަލް މޭލު ލިބެން އޮތީ ކޮން ތާކުން؟

އުތުރާއި ދެކުނުން ރާއްޖެއަށް ދުވަހަކު ވެސް 200 ނޯޓިކަލް މޭލުގެ އީއީޒެޑްގެ ސަރަހައްދެއް ލިބިފައެއް ނުވޭ
30 އޮކްޓޯބަރު 2022
6

މުހިންމު ނުކުތާތައް

އިންޑިއާއާ ދެމެދުން، 60 ނޯޓިކަލް މޭލް، ސްރީ ލަންކާއާ ދެމެދުން ލިބެނީ 140 ނޯޓިކަލް މޭލު

200 ނޯޓިކަލް މޭލު ލިބެނީ ހަމައެކަނި ހުޅަނގު ފަރާތާއި އިރުމަތީ ފަރާތުން ބަޔަކުން

މައްސަލަ ހޫނުވީ ރައީސްގެ ނިންމެވުން ދިވެހިންނަށް ކުރިން ނޭންގުމުގެ ސަބަބުން

ދެކުނުން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ކަނޑައެޅުމުގެ މައްސަލާގައި، ސަރުކާރާ ދެކޮޅު އަދި ސަރުކާރާ އެއްކޮޅުވިޔަސް، ސަރުކާރުގެ ސިޔާސަތަށް ގެނައި ކުއްލި ބަދަލުގެ ސަބަބުން ހިތްހަމަނުޖެހިފައި ތިބި މީހުން، 200 ނޯޓިކަލް މޭލެއްގެ ވާހަކަ އެބަ ދައްކަ އެވެ. އެކަމަކު ރާއްޖެއާ އިންވެގެން އޮތް އެއްވެސް ގައުމަކާ ދެމެދުން ރާއްޖެއަށް އެއްވެސް އިރަކު 200 ނޯޓިކަލް މޭލުގެ އީއީޒެޑް ލިބިފައެއް ނުވެ އެވެ.

ރާއްޖޭގެ ދެކުނުން އީއީޒެޑަށް 200 ނޯޓިކަލް މޭލު ލިބެން ޖެހޭނެ ކަމަށް ބުނާ ވާހަކައަކީ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުން ފެށިގެން މިހާ ހިސާބަށް އުފެދުނު ހުރިހާ ސަރުކާރެއްގެ ސިޔާސީ ބައެއް ބޭފުޅުން ގަސްދުގައި ހައްދަވާ އިތުރުފުޅެކެވެ. ނުވަތަ ހަނދުމަފުޅު ނެތީ އެވެ. ނޫން ނަމަ ތާރީހުގައި ކަން ހިނގާފައި އޮތް ގޮތް ބައްލަވަން ބޭނުންނުވަނީ އެވެ.

ފެންނަން އޮތް ހަގީގަތް ތަފާތެވެ. ރާއްޖެއަށް އީއީޒެޑުން 200 ނޯޓިކަލް މޭލް ލިބެން އޮތީ ހަމައެކަނި ހުޅަނގު ފަރާތުންނާއި، އިރުމަތީ ފަރާތުން ސްރީ ލަންކާގެ ސަރަހައްދުން ނެއްޓިފައި އޮންނަ ބައިން އެކަންޏެވެ. އެ ދެ ފަރާތުގައި ވެސް ރާއްޖެއާ ކައިރީގައި އެހެން ގައުމެއްގެ އީއީޒެޑް ފުށެއް ނާރަ އެވެ.

އައްޑޫގެ މަސްވެރިން މަސް ބާލަނީ: ދެކުނުން މަސްވެރިކަން ކުރަން ލިބެނީ140 ނޯޓިކަލް މޭލް

އިންޑިއާ އާއި ސްރީ ލަންކާއާ އެކު މީގެ 40 އަހަރު ކުރިން އެކުލަވާލި އެއްބަސްވުންތަކުގައި، އިންޑިއާ އާއި ރާއްޖެއާ ދެމެދުން ރާއްޖެއަށް ލިބެނީ ގާތްގަނޑަކަށް 60 ނޯޓިކަލް މޭލުގެ އީއީޒެޑް ސަރަހައްދެކެވެ. ސްރީ ލަންކާ އާއި ރާއްޖެއާ ދެމެދުން ރާއްޖެއަށް ލިބޭ ހާއްސަ އިގުތިސާދީ ސަރަހައްދު ދެމިގެންދަނީ ގާތްގަނޑަކަށް 140 ނޯޓިކަލް މޭލަށެވެ.

މޮރިޝަސް އިން ރާއްޖެއާ ދެކޮޅަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އަށް މައްސަލަ ހުށައެޅުމުގެ ކުރިން އިނގިރޭސިވިލާތާއި ރާއްޖެއާ ދެމެދު އޮތް ދެނެގަތުމުގެ ތެރެއިން ވެސް ދެކުނުން ރާއްޖެއަށް ލިބެނީ ގާތްގަނޑަކަށް 140 ނޯޓިކަލް މޭލުގެ އީއީޒެޑްއެކެވެ. އިނގިރޭސިން ތައްޔާރުކޮށް ދުނިޔެ ގަބޫލުކުރަމުން އަންނަ ޗާޓުތަކުގައި ވެސް އޮތީ އެހެން ކަމަށް، ނަން ނުޖަހާ ގޮތަށް 'ދައުރު'އާ ވާހަަކަދެއްކެވި ކަނޑުގެ ގާނޫނާ ބެހޭ މާހިރުން ވިދާޅުވި އެވެ.

އެހެންކަމުން ދެކުނުން 200 ނޯޓިކަލް މޭލުގެ ސަރަހައްދެއް ރާއްޖެއަށް ލިބިފައި އޮތް ކަން ދައްކަން ބައެއް ބޭފުޅުންގެ ވާހަކަތައް ހުރީ، ހަގީގަތުގެ މައްޗަށް ބިނާކުރައްވާފައެއް ނޫނެވެ.

މާހިރަކު ވިދާޅުވި ގޮތުގައި އިނގިރޭސިންގެ ތަނެއް ކަމަށް އެ ގައުމުން ބަލާ ރަށްތަކެއްގެ ވަށައިގެން ވެސް، ދުނިޔޭގެ ގާނޫނުން ލިބިދޭ އެންމެ ބޮޑު ސަރަހައްދެއް ހޯދަން ބޭނުންވާނެ އެވެ. މީހުން އުޅުނަސް ނޫޅުނަސް މެ އެވެ. އިނގިރޭސިންނާއި ރާއްޖެއާ ދެމެދު އެއްބަސްވުމެއް އެކުލަވާލެވޭތޯ 1992 ގައި ބެލީ ވެސް އެހެންވެ ކަމަށް، އޭނާ ވިދާޅުވި އެވެ.

"އޭގެ ފަހުން އިނގިރޭސިން އެ ޗާޓުތައް ހެދީ. އިނގިރޭސިންނާއި ރާއްޖެއާ ދެމެދު ކުރި މަޝްވަރާތައް އެހެރީ ލިއެފައި. އޭގައި [އެގްރީމެންޓުގައި] ސޮއިނުކުރާކަން އެކަނި،" އޭނާ ވިދާޅުވި އެވެ.

ރާއްޖެ އާއި މޮރިޝަސްއާ ދެމެދުގައިވާ ފުށުއަރާ ކަނޑުގެ ސަރަހައްދު

އޭރު އިނގިރޭސިންނާ އެކު ރާއްޖެއިން އެއްބަސްވުމެއް ނުހަދާ އޮތީ، މޮރިޝަސްއިން ވެސް ޗާގޯސްގެ ރަށްތަކުގެ މިލްކުވެރިކަމަށް ދައުވާކުރާތީ އެވެ. މިހާރު މި އޮތީ އެ ދައުވާގައި މޮރިޝަސް ކޮޅަށް އދ.ގެ ބަސް ދުނިޔެއަށް އިއްވައިފަ އެވެ. ކަނޑުގެ އިން ކަނޑައަޅަން މައްސަލަ ހިފައިގެން މޮރިޝަސްއިން އިޓްލޮސްއަށް ދިޔައީ ވެސް 2019ގެ އެ ނިންމުމަށް ފަހު އެވެ. ޗާގޯސްއަކީ މޮރިޝަސް ކަމަށް އިޓްލޮސްއިން ވެސް ވަނީ ނިންމައިފަ އެވެ. އެހެންކަމުން ކުރިންސުރެ ދިވެހި ސަރުކާރުން އަމަލްކުރަމުން އައި، އަދި ދިވެހި މަސްވެރިން ދުވަހަކު ވެސް އަދި މަސްވެރިކަން ނުކުރާ، ސަރަހައްދެއް ވެސް، ރާއްޖޭގެ އީއީޒެޑްއަށް ލައިގެން، ދައްކާ ވާހަކަތަކުން ހަގީގަތް ވަރަށް ބޮޑަށް އޮޅޭ ކަމަށް، 'ދައުރު'އާ ވާހަކަ ދެއްކެވި ބައެއް ބޭފުޅުން ވިދާޅުވި އެވެ.

ދެކުނުން 200 ނޯޓިކަލް މޭލު ހޯދަން އިންތަކެއް ޖަހައިގެން ނުކުތީ، ބައެއް ތަޖުރިބާކާރުންގެ ނަޒަރުގައި، 2010 ގައި އދ.ގެ ކޮމިޝަން އޮން ދަ ލިމިޓްސް އޮފް ދަ ކޮންޓިނެންޓަލް ޝެލްފް (ސީއެލްސީއެސް) އަށް ރާއްޖެ އިން ހުށައެޅި މައްސަލަ ކާމިޔާބުކުރެވިދާނެ 'އުކުޅެއް'ގެ ގޮތުގަ އެވެ. ރާއްޖޭގެ ކޮންޓިނެންޓަލް ޝެލްފް ނިމެނީ، 1992ގައި އިނގިރޭސިންނާއި ރާއްޖެއާ ދެމެދު މަޝްވަރާކޮށް ނުރަސްމީކޮށް ވަކިކޮށްފައި އޮތް އިމަށް ވުރެ ޗާގޯސްއާ ކައިރިއަށް ކަމަށް، ރާއްޖެއިން ގަބޫލުކުރެ އެވެ.

އެ މައްސަލައަށް އިނގިރޭސިން ވެސް ދެކޮޅުހެދި އެވެ. ސަބަބަކީ، ސީއެލްސީއެސް އިން ނިންމާ ގޮތެއްގެ ސަބަބުން، ޗާގޯސް އާއި ރާއްޖެއާ ދެމެދު އޮތް ކަނޑުގެ އިމުން ބައެއް ރާއްޖެއަށް ލިބިދާނެތީ އެވެ. މި މައްސަލައިގެ ތެރެއަށް 2011 ގައި މޮރިޝަސް ވެސް ރަސްމީކޮށް ވަދެ، ދެކޮޅުހެދި އެވެ.

"އަސްލު އޭރު ރާއްޖެއިން ގަބޫލުކުރީ ޗާގޯސްގައި މީހުން ނޫޅޭތީ ރާއްޖެއަށް ކާމިޔާބުކުރެވިދާނެއޭ، ސީއެލްސީއެސްގައި. އެގޮތަށް ވިސްނައިގެން ޖެހި ހިސާބެއް 200 ނޯޓިކަލް މޭލަކީ،" ސީއެލްސީއެސްއަށް މައްސަލަ ހުށައެޅިއިރުގެ މައުލޫމާތު ހުރި ބޭފުޅަކު ވިދާޅުވި އެވެ.

"އެކަމަކު ދުނިޔޭގެ ކަނޑުތަކާ ބެހޭ ގާނޫނުގައި އޮންނަ އެއްޗެއް ނޫން، މީހުން އުޅުމާއި ނޫޅުމަކީ. އިންސާނުންނަށް ދިރިއުޅެވޭނެ ތަނެއް ވިއްޔާ އެތަނަކުން މިން ނަގާނީ."

އެ ވާހަކައިގެ މާނައަކީ ޗާގޯސް އާއި ރާއްޖެއާ ދެމެދު ކަނޑުގެ އިމެއް ކަނޑައަޅާ ނަމަ ހިކިފަސް އޮތް ތަނަކުން ފެށިގެން މިން އެޅުމެވެ. އިނގިރޭސިންނާއި ރާއްޖެއިން 1992 އިން ފެށިގެން އަމަލްކުރަމުން އެ އަންނަނީ އެގޮތުން ކަނޑައަޅާފައިވާ އިމެއްގެ ތެރެއިން ދެ ބަޔަށް ބަހާލައިގެންނެވެ. އެ ބަހާލުމުގައި އެއްވެސް ބަޔަކަށް 200 ނޯޓިކަލް މޭލުގެ ސަރަހައްދެއް ނުލިބެ އެވެ.

މައްސަލައަކީ ރައީސްގެ ނިންމެވުން ނޭންގުން

އިޓްލޮސްގައި އޮތް މައްސަލަ ދިވެހިންގެ ތެރޭގައި ހޫނުވާން ދިމާވި މައިގަނޑު ސަބަބަކީ ޗާގޯސްއަކީ މޮރިޝަސްގެ ތަނެއް ކަމަށް ގަބޫލުކޮށް، އދ. ގައި ރާއްޖޭގެ ވޯޓު މޮރިޝަސްއާ އެއްކޮޅަށް ދޭން ސަރުކާރުން ނިންމި ނިންމުން، ރައްޔިތުންނަށް ނޭންގުމެވެ. އެކަން އެނގުނީ އިޓްލޮސްގެ އަޑުއެހުންތަކުގައި ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު ވިދާޅުވުމުންނެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެ ނިންމެވުން، މޮރިޝަސްގެ ބޮޑުވަޒީރަށް އެންގެވުމުގެ ކުރިން ދިވެހި ރައްޔިތުންނަށް އެނގެން ޖެހޭ ސަބަބަކީ، ރާއްޖޭގެ ސަރަހައްދެއްގެ އިން ކަނޑައަޅަން ބައިނަލްއަގުވާމީ ކޯޓަކަށް މޮރިޝަސް އިން ހުށައަޅައިގެން ކުރިއަށް ގެންދާތީ އެވެ. ރާއްޖެއިން އދ. ގައި ކުރިން މޮރިޝަސްއާ ދެކޮޅަށް ވޯޓު ދިނީ ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ހިމާޔަތްކުރާށެވެ. އެެހެންކަމުން މޮރިޝަސްއާ އެއްކޮޅަށް ރާއްޖެ ޖެހެން ނިންމާ ނަމަ އޭގެ ތަފުސީލެއް ދެއްވުމަކީ، ރައީސުލްޖުމްހޫރިއްޔާގެ ޒިންމާއަކަށް ނުވާނެ ގޮތެއް ނެތެވެ.

ރާއްޖެ މި އޮތީ ސިޔާސީ ގޮތުން ވަރަށް ބޮޑަށް ބެހިފަ އެވެ. އިންޑިއާގެ ނުފޫޒު ސަރުކާރަށް އޮތް މިންވަރު މާ ބޮޑު ކަމަށް ދެކޭ މީހުން މަދެއް ނޫނެވެ. އެފަދަ ރައްޔިތުންގެ ތެރޭގައި ވެސް ކަންބޮޑުވުން އުފެދޭ ގޮތަށް ވާހަކަ ދެއްކުމުގެ ފުރުސަތު ސިޔާސީ ފަރާތްތަކަށް ލިބުނީ ރައީސް ސޯލިހުގެ ނިންމެވުން ހާމަނުކުރެއްވުމުންނެވެ. އެ ފުރުސަތުގައި ދޮގާއި އޮޅުވާލުން އޮންނާނެ އެވެ. އެކަމާ ރައީސް ސޯލިހު ކޯފާއިސްވިޔަސް، ރާއްޖޭގެ ސިޔާސީ ދާއިރާގެ ހަގީގަތަކީ އެ އެވެ؛ ދޮގުން އޮތީ ފުރިފަ އެވެ.

ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރަން މިދިއަ ބުދަދުވަހުގެ ރޭ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވާހަކަފުޅު ދައްކަވަނީ (ފޮޓޯ/ރައީސް އޮފީސް)

ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު އެ ދޮގު ގަބޫލުކުރެ އެވެ. އެހެންކަމުން މޮރިޝަސްއަށް ރާއްޖޭގެ ބައެއް، އެއީ ނެތް ސަރަހައްދަކަށް ވިޔަސް، ދޭން ސަރުކާރުން އެއްބަސްވިއްޔޭ ކިޔައިގެން ދައްކާ ހުރިހާ ވާހަކައެއް، ދެވަނަ ވިސްނުމަކަށް ނުގޮސް އެ ތިބީ ބަލައިގަނެގެންނެވެ. އެހެންކަމުން 200 ނޯޓިކަލް މޭލު އެ އޮތީ، އެތައް ބައެއްގެ ނަޒަރުގައި، ދެކުނުން ރާއްޖޭގެ "މިލްކަކަށް" ވެފަ އެވެ. އިޓްލޮސްގެ ފަނޑިޔާރުން އިން ވަކިކުރާ އިރު ރާއްޖެއަށް ގެއްލޭ ކޮންމެ ތަންކޮޅަކީ، ސަރުކާރުން މޮރިޝަސްއަށް، އިންޑިއާ ރުއްސަން، ނުވަތަ އިންޑިއާ އިން ބުނެގެން ދިން ތަނެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރާނެ އެވެ.

ރައީސް އާއި ސަރުކާރުގެ ބައެއް ނިންމުންތައް މުޅި ގައުމުގެ މަސްލަހަތާ ގުޅެ އެވެ. ހުރިހާ އަޑެއް އަރައި، ހުރިހާ ތުހުމަތެއްކޮށް، ހުރިހާ އެއްޗެއް ގޮވާ ހަދާ ފަހުން، ގައުމީ މަސްލަހަތު ހިމާޔަތްކުރާނަމޭ ސަރުކާރުން ބުންޏަކަސް، ރައްޔިތުންނަކަށް އެ އިތުބާރެއް، ސިޔާސީ ވެރިންގެ މައްޗަކަށް ނޯވެ އެވެ. 

ގައުމީ އެންމެ މަތީ މަސްލަހަތު ހިމެނޭ ކަމެއް، އދ.ގެ އެހެން ވޯޓުތަކާ ވަރަށް ބޮޑަށް ތަފާތުކަން ސަރުކާރަށް 'ވިސްނުނު' ނަމަ ކަނޑުގެ އިން ވަކިކުރުމުގެ މި މައްސަލަ ރާއްޖޭގައި އެހާ ހޫނުވީސްތޯ، 'ދައުރު'އާ ވާހަކަ ދެއްކެވި ބައެއް މާހިރުން ވެސް ސުވާލު އުފެއްދެވި އެވެ. ނުވަތަ އެ މައްސަލައިގެ ބާވަތުން ސަރުކާރުން ތަފުސީލީ މައުލޫމާތު ކުރިއާލައި ދިން ނަމަ، ޝައްކުތައް ކުޑަވުން ވެސް ކައިރި އެވެ.

މިހާރު މި އޮތީ ދެކުނުން 200 ނޯޓިކަލް މޭލަކީ ރާއްޖޭގެ އީއީޒެޑްގެ ސަރަހައްދެއް ކަމަށް، އެތައް ބަޔަކު ކަނޑައަޅައި، ނިންމައިފަ އެވެ. ކުރިންސުރެ ވެސް އެތަނުން ލިބެނީ 140 ނޯޓިކަލް މޭލުކަން ގިނަ ބަޔަކަށް ނުވެސް އެނގެ އެވެ. މަސްވެރިކަމުގައި ގެންގުޅެން ޖެހޭ ހާއްސަ ޓްރާންސްޕޮންޑާ ހަރުކޮށްފައި ހުރި ދޯންޏެއް، ދެކުނުން އެއަށް ވުރެ ދުރަށް ހިނގައްޖެ ނަމަ، ކޯސްޓް ގާޑާއި ފިޝަރީޒް މިނިސްޓްރީއަށް ވަގުތުން މިހާރު ވެސް ސިގުނަލް ލިބޭނެ އެވެ. އަދި ތި ތިބީ ރާއްޖޭގެ އީއީޒެޑުން ނުކުމެ ކަމަށް، އެ ބަޔަކަށް އަންގަ އެވެ.

ސިޔާސީ ބައެއް ފަރާތްތަކުން އެ ބުނާ 200 ނޯޓިކަލް މޭލެއް، ރާއްޖޭގެ އުތުރުން ވެސް އަދި ދެކުނުން ވެސް ރާއްޖޭގެ އީއީޒެޑްގައި ނުހިމެނެ އެވެ. އެއީ ހިޔާލީ ވާހަކައެކެވެ.

ކޮމެންޓް (6)

ކުމުންދޫ

30 އޮކްޓޯބަރު 2022
ވަރަށް ސަޅި އާޓިކަލްއެއް މީ. ފުށުއެރީމަ ޖެހޭނީ އެއްވަރަށް ބަހަން
2 2

އުއްޗު

30 އޮކްޓޯބަރު 2022
@ކުމުންދޫ މިއޮތީ ސަރުކާރުން ފައިސާ ދީގެން ލިޔެލާފައިވާ އެއްފަރާތައް ބުރަ އަދި ވަކި ގޮތަކަށް ރައްޔިތުންގެ ވިސްނުން ބައްޓަން ކުރަން ޖަހާފައިވާ މަޅިއެއް
0 0

ފޯއްޅަވައި

30 އޮކްޓޯބަރު 2022
“ ގައުމީ އެންމެ މަތީ މަސްލަހަތު ހިމެނޭ ކަމެއް، އދ.ގެ އެހެން ވޯޓުތަކާ ވަރަށް ބޮޑަށް ތަފާތުކަން ސަރުކާރަށް 'ވިސްނުނު' ނަމަ ކަނޑުގެ އިން ވަކިކުރުމުގެ މި މައްސަލަ ރާއްޖޭގައި އެހާ ހޫނުވީސްތޯ، 'ދައުރު'އާ ވާހަކަ ދެއްކެވި ބައެއް މާހިރުން ވެސް ސުވާލު އުފެއްދެވި އެވެ. ނުވަތަ އެ މައްސަލައިގެ ބާވަތުން ސަރުކާރުން ތަފުސީލީ މައުލޫމާތު ކުރިއާލައި ދިން ނަމަ، ޝައްކުތައް ކުޑަވުން ވެސް ކައިރި އެވެ.” މޫސާ ބުނަންތޯއެވެ. ނޫސްވެރިކަމުގެ ޕްރޮފެޝެނަލް މިންގަނޑުން 5 ކާފު ހަމަކޮށްގެން އެއްޗެއް ތިޔަ ލިޔެވުނީ، ދައުރު ނޫހުން މުޅިގައުމުގައި ފިތުނައިގެ ހުޅުރޯކޯށް، ގައުމު އަނދައި ހުލިވިފަހުންނެވެ. ދިވެހި ބަހުން ބުނާނަމަ އައްސި އަރައިގަނެގެން ތިޔަނޫހުން ދުވާލަކު އެތައް އާޓިކަލެއް އެމައުލޫގައި ލިޔަމުން ދިޔައީ އިދިކޮޅު ސިޔާސީ މީހުން ދެއްކި ވާހަކަތަކަކީ ހަގީގަތް ކަމަށް ރައްޔިތުންނަށް ގަބޫލުކުރެވޭ ގޮތަށެވެ. ސަރުކާރުން ދޮގުހަދަނީކަމަށް ވިސްނައިދޭ މޭރުމުންނެވެ. އިންޑިއާމީހުންގެ ނުފޫޒުން ސަރުކާރުގެ ވިސްނުން ބަދަލުކުރީކަމަށް ދޭހަވާ މޭރުމުންނެވެ. އަޅުގަނޑަށް ވިސްނޭގޮތުގައި މޫސަގެ މިލިޔުމަކީ ރޯކުރި އަލިފާނުން އަނދައި އަޅިއަށްވެދިޔަތަނުގެ ކައްފާރާއެއްކަމަށް ހީވެއެވެ. އުއްމީދަކީ މި މައްސަލަޔަކީ މޫސައާއި ހިރިގާގެ ޓީމަށްވެސް ލިބުނު ފިލާވަޅަކަށް ވުމެވެ. މިކޮމެންޓް ޕަބްލިޝް ނުކުރިކަމުގައި ވިއަސް، މޫސައާއި އެކުވެރި ހިރިގާ މި ކިޔާލައިފިއްޔާ އަޅުގަނޑުގެ މަގުސަދު ހާސިލްވީއެވެ.
2 0

އަބޫސައްޔާހު

30 އޮކްޓޯބަރު 2022
ނޫސްވެރިންނަށް ކިހިނެއްބާ މިވަނީ، ސަރުކާރުގެ ޕްރެޝަރު މާ ބޮޑު ވީމަ އަނެއް ކޮޅަށް ބަދަލު ކޮށްލައެވެ. ހެރިޓޭޖްގެ ނާޖިހްވެސް ފުރަތަމަ ދެއްކި ވާހަކަ ފަހުން ބަދަލުކޮށްލިއެވެ. މާކުރިންވެސް އިނގޭ މީ ވިކޭ މީހުންކަން ގައުމަށް ހެޔޮއެދޭ މީހުން ވަރަށް މަދެވެ.
7 1

ދިވެހިބަސް

30 އޮކްޓޯބަރު 2022
@އަބޫސައްޔާހު އިނގޭ އަދި އެނގުމެއްނޫނެވެ.
0 0

ބަންޑާތައިން

30 އޮކްޓޯބަރު 2022
ނުލިބޭ. ލިބެން އޮތްތަންކޮޅުން ހޯދާކަށްވެސް މިހާރަކު ނޫޅޭ. އެހެނެއްނު އެކިޔަނީ ބަންޑާރައިންތަ.
5 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް