މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ. (ފޮޓޯ/ރައްޔިތުންގެ މަޖިލިސް)

މިގޮތަށް ފަނޑިޔާރުން ވަކިކުރުމުގެ އިންސާފުވެރިކަމާ މެދު ސުވާލު އުފެދޭ: ކައުންސެލް ޖެނެރަލް

މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ކޮމިޓީއަށް ދެއްވި ލަފާގައި ވަނީ ފާސްކުރާ ބިލާ ގުޅިގެން ފަނޑިޔާރުންތަކެއް ގާބިލް ނޫން ކަމަށް ކަނޑައަޅަންޖެހޭ ފަދަ ހާލަތެއް ޖޭއެސްސީގެ މައްޗަށް މެދުވެރިވާނެކަމާއި ފަނޑިޔާރުންނަށް ޖަވާބުދާރީވުމުގެ ހައްގު ވެސް ނުލިބިދާނެކަން ފާހަގަކުރައްވާފައި
26 ފެބްރުއަރީ 2025
1

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ވަކިކުރާ ގޮތަށް ކޯޓުތަކުގެ ގާނޫނު ބަދަލުކުރަން ހުށަހަޅާފައިވާ ބިލު މިހާރު އޮތް ގޮތުން، ވަކިކުރާ ފަނޑިޔާރުންނަށް ޖަވާބުދާރީވުމުގެ ފުރުސަތު ނުލިބޭނެތީ އާއި ފަނޑިޔާރުން ވަކިކުރަން މެދުވެރިވާން އޮތް ހާލަތު މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ގާނޫނީ ސުވާލުތަކެއް އުފައްދަވައި، ކޮމިޓީއަށް ލަފާ ދެއްވައިފި އެވެ.

ވީކިހިނެއް؟ - މިއަދު ހަވީރު ޖުޑީޝަރީ ކޮމިޓީން ވަނީ އެ ބިލު ފާސްކޮށްފަ އެވެ. ދެން ކައުންސެލް ޖެނެރަލްއަށް ބިލާ ގުޅޭ ގޮތުން ހިޔާލު ދެއްވުމަށް ފޮނުވުމުން، ގިނަ ސުވާލުތަކެއް އުފައްދަވާފައިވާތީ މިރޭ އަލުން ކޮމިޓީއަށް މެންބަރުން އެއްކުރި އެވެ.

ތަފްސީލް - ފިލްޒާ ކޮމިޓީއަށް ފޮނުއްވާފައިވާ 'ކޮމެންޓްސް'ގައި ވަނީ ބިލުގެ ނަތީޖާއާ މެދު ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

އޭނާ ވިދާޅުވިގޮތުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދަށް ބަދަލު ގެންނަ ގާނޫނަކަށް ތަބާވުމަށްޓަކައި، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އޭގެ ކުރިން އެ ފަނޑިޔާރެއްގެ ގާބިލްކަމާ މެދު މަޖިލީހުގައި ސުވާލު އުފައްދާފައިވާ ފަނޑިޔާރުންތަކެއް ގާބިލް ނޫން ކަމަށް ކަނޑައަޅަންޖެހޭ ފަދަ ހާލަތެއް ޖޭއެސްސީގެ މައްޗަށް އުފެދި، "އެ ފަނޑިޔާރުން މަގާމުން ވަކިކުރުމަކީ އިންސާފުވެރި ގޮތެއްކަމާ މެދު ސުވާލު އުފެދެއެވެ."

ފަނޑިޔާރުންނަށް ޖަވާބުދާރީވުމާއި ދިފާއުވުމުގެ ހައްގު ނުލިބުން އެކަށީގެންވާކަން ވެސް ފިލްޒާ ފާހަގަކުރެއްވި އެވެ.

"ދިވެހިރާއްޖޭގެ ކޯޓުތަކުން ކޮށްފައިވާ ހުކުމްތަކަށް ބަލާއިރު ދައުލަތަށް ހިދުމަތްކުރާ، ދައުލަތުން އުޖޫރަ ލިބޭ މީހަކު ވިޔަސް އެ މީހަކާ ދޭތެރޭ ތުހުމަތެއްކޮށް އެ ކަމަކީ އެ މީހަކަށް އެ ކަމުގެ އަސަރުކުރާނެ ކަމެއް ނަމަ އެ ކަމެއް އެ މީހަކަށް އަންގައި އެކަމާ ގުޅޭ ގޮތުން އެ މީހަކަށް ޖަވާބުދާރީވެ ދިފާއުވުމުގެ ހައްގު ލިބެންވާނެ އެވެ،" ކައުންސެލް ޖެނެރަލް ފޮނުއްވި ލަފާގައި އެވެ.

ކޮމިޓީން ގިނަ ވަގުތުތަކެއް ވަންދެން އެކަމާ ގުޅޭ ގޮތުން މަޝްވަރާކުރީ ނުރަސްމީކޮށެވެ. ލައިވް ފީޑުން އަޑު ކަނޑާލާތީ އެ މަޝްވަރާތައް ސާފެއް ނުވެ އެވެ. މަޝްވަރާތަކަށް ފަހު ކޮމިޓީން ފާސްކުރީ ބިލަށް ބަދަލެއް ނުގެނެސް ފާސްކުރުމަށެވެ.

އެނގުން މުހިންމު - ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ވަކިކުރާ ގޮތަށް ގާނޫނަށް ބަދަލު ގެނައުމުގެ މަސައްކަތް މަޖިލީހުގެ ތެރެއިން މި ފެށީ، ޕާޓީން ވަކިކުރުމުން މަޖިލީހުގެ ގޮނޑިގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލުގެ މައްސަލަ ކުރިއަށް ގެންދަން އެ ކޯޓުން ނިންމާފައި ވަނިކޮށެވެ.

ސުޕްރީމް ކޯޓުގައި އެ މައްސަލަ ބައްލަވަނީ ހަތް ފަނޑިޔާރުންގެ ފުލް ބެންޗުންނެވެ. އެ މައްސަލަ ނިމެންދެން ފަނޑިޔާރުން ވަކިކުރުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށާއި، މެންބަރުންގެ ގޮނޑި ގެއްލުވައިލުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް ވަނީ އެދިފަ އެވެ. އެކަމާ ގުޅޭ އަޑުއެހުމެއް މާދަމާ ހެނދުނު 11 ޖަހާއިރަށް ވަނީ ތާވަލުކޮށްފަ އެވެ.

ކޮމެންޓް (1)

ކޮސް

26 ފެބްރުއަރީ 2025
ރައީސުލް ޖުމުހޫރިއްޔާ މ . މުއިއްޒައަކީ ޑިމޮކުރަސީ ފައްކާކުރަމުންދާ ޤައުމެއްގައި ހުންނަވަން ނާޤާބިލު ބޭފުޅެއްކަން އަމިއްލަފުޅަށް މިއޮއްދައްކަވަނީ. މިކަމުގައި ރައްޔިތުންތިބި ގޮތްބަލަން މުޅިރާއްޖޭގައި ބަޚުޘެއް ބޭއްވުމަށް ރާއްޖެ.ޓީ.ވީ ގައި އެދެން.
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް