29 މެއި 2024: ސުޕްރީމް ކޯޓު. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)
ގޮނޑި ގެއްލުން ހުއްޓުވުމުގެ ވަގުތީ އަމުރާ ގުޅޭ އަޑުއެހުމެއް މާދަމާ
ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ޕާޓީން ވަކިކޮށް ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލަށް އަމަލުކުރުން ހުއްޓުވުމުގެ ވަގުތީ އަމުރެއް ނެރެދިނުމަށް ހުށަހަޅާފައިވާ މައްސަލައާ ގުޅޭ އަޑުއެހުމެއް ބާއްވަން ސުޕްރީމް ކޯޓުން މާދަމާއަށް ތާވަލުކޮށްފި އެވެ.
ތަފްސީލް - ސުޕްރީމް ކޯޓަށް މި މައްސަލަ ހުށަހެޅުއްވި މަޖިލީހުގެ ކުރީގެ މެންބަރު އަލީ ހުސައިންގެ ވަކީލު މަހުފޫޒު ސައީދު ވިދާޅުވީ މާދަމާ ހެނދުނު 11 ޖަހާއިރު އަޑުއެހުން އޮންނާނެ ކަމުގެ ނޯޓިސް ލިބިފައިވާ ކަމަށެވެ.
އަލީ ހުސައިން އެދިވަޑައިގެންފައިވަނީ ސުޕްރީމް ކޯޓުގައި ހިނގަމުންދާ މައްސަލަ ނިމެންދެން ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެންބަރަކު މަގާމުން ވަކިކުރުމާ ބެހޭ އެއްވެސް އިޖުރާއަތެއް ނުހިންގުމަށް އަމުރެއް ނެރެދިނުމަށެވެ.
ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ
އެނގުން މުހިންމު - ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ވަކިކޮށް ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް ކުޑަކުރާ ގޮތަށް ގާނޫނު ބަދަލުކުރަން ރައްޔިތުންގެ މަޖިލީހަށް ވަނީ ހުށަހަޅާފަ އެވެ.
އެ ބިލާ ދެކޮޅަށް ޕީއެންސީގެ ގިނަ އަދަދެއްގެ މެންބަރުން ފުރަތަމަ ތެދުވި ނަމަވެސް މެންބަރުން ފަހުން އެއްބަސްވީ ސަރުކާރުން އަންގާ ގޮތަކަށް ކުރިއަށް ދިއުމަށެވެ. އޭގެ ފަހުގައި ބިލަށް ތާއީދުކުރުމަށް ޕީއެންސީގެ ލީޑާޝިޕުން މެންބަރުންނަށް އެންގި އެވެ.
ބިލު މަޖިލީހަށް މިއަދު ބަލައިގަނެ ޖުޑިޝަރީ ކޮމިޓީން މިހާރު ވަނީ ފާސްކޮށްފަ އެވެ.
މަޖިލީހަށް ހާޒިރުވެ ވޯޓުގައި ބައެއް މެންބަރުން ބައިވެރިނުވުމުން އެކަމާ ރައީސް މުހައްމަދު މުއިއްޒު ނުރުހުން ފާޅުކުރައްވާފައިވެ އެވެ. އެގޮތުން:
-
ޕާޓީގެ ތުރީލައިން ވިޕަކާ އެއްވެސް މެންބަރަކު އެއްވެސް އިރަކު ހިލާފުވެގެން ނުވާނެ ކަމަށް، މެންބަރުންގެ ވަޓްސްއެޕް ގްރޫޕްގައި ރައީސް ލިޔުއްވި
-
ޕީއެންސީގެ 11 މެންބަރަކު ވޯޓުގައި ބައިވެރިއެއްނުވޭ. އެއިން ނުވަ މެންބަރުން ތިއްބެވީ ރަސްމީ ދަތުރެއްގައި، ދެ މެންބަރުންގެ މައްސަލަ ޕާޓީން ދަނީ ބަލަމުން
-
އޭގެ ފަހުން ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން ވަނީ ޕާލަމެންޓްރީ ގްރޫޕުގެ ވަޓްސްއެޕް ގްރޫޕުން ބޭރުކޮށްފައި؛ އަޒާން މާލޭގައި ހުންނެވި ނަމަވެސް ވޯޓަށް މަޖިލީހަށް ވަޑައެއްނުގަންނަވާ
ގުޅުންހުރި - ސުޕްރީމް ކޯޓުން ބަލާ މައްސަލާގައި ގޮތެއް ނިމެންދެން ފަނޑިޔާރަކާ މެދު ފިޔަވަޅު އެޅުން ހުއްޓުވުމުގެ އަމުރެއް ނެރުމަށް ވެސް އަލީ ހުސެއިން އެދިވަޑައިގެންފައިވެ އެވެ. އެކަމާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން ވަކި ގޮތެއް އަދި ނުނިންމަ އެވެ.