ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއް ކުރިއަށް ދަނީ: ގާނޫނުއަސާސީއަށް ގެނައި އިސްލާހާ މެދު ގޮތެއް ނިންމުން މިހާރު އޮތީ ސުޕްރީމް ކޯޓުގައި (ފޮޓޯ/ މަޖިލިސް)
ދައުލަތުން އުފެއްދީ ސުޕްރީމް ކޯޓުގެ ބާރު ކުޑަވާ ބަހުސެއް
މުހިންމު ނުކުތާތައް
އިޖުރާއަތްތައް ފުރިހަމަކޮށްފި ނަމަ ރައްޔިތުންގެ މަޖިލިހުން ގާނޫނުއަސާސީއަށް ގެންނަ އިސްލާހުތައް ބެލޭނެ ކޯޓެއް ނެތް
ފަނޑިޔާރު ސުއޫދު އާއި ފަނޑިޔާރު ޝުޖޫން ވަނީ ހިޔާލީ މިސާލެއް ނަންގަވާފައި ބައެއް ސުވާލުތައް ކުރައްވާފައި
ދައުލަތުން މަސައްކަތްކުރީ ސުޕްރީމް ކޯޓުގެ ކުރީގެ ނިންމުންތަކުގައި ހުރި ބައެއް ވާހަކަތައް ވިސްނައިދޭން
އިއްޔެ ރާއްޖޭގެ އެންމެ މަތީ ކޯޓުގައި ދައުލަތުގެ ފަރާތުން ތަކުރާރުކޮށް ބުނަމުން ގެންދިޔައީ، ގާނޫނުއަސާސީ އާއި ރައްޔިތުންގެ މަޖިލިހުގެ ގަވާއިދުގައި ކަނޑައަޅާފައިވާ އިޖުރާއަތްތައް ފުރިހަމަކޮށްގެން މަޖިލިހުން ނިންމާ ކަމެއް، ސުޕްރީމް ކޯޓަށް ވެސް ބެލިދާނެ ކަމަށް ގަބޫލުނުކުރާ ކަމަށެވެ. އޭގެ ތެރޭގައި ގާނޫނުއަސާސީއަށް ގެންނަ ބަދަލުތައް ވެސް ހިމެނެ އެވެ.
މިއީ އާ ގާނޫނުއަސާސީ 2008ގައި އުފަންކުރި ފަހުން ސުޕްރީމް ކޯޓުގެ އިހުތިސާސްތައް 'ކުޑަވާ ކަމަށް' ދޭހަވާ ގޮތަށް ދައުލަތުން ވަކާލާތުކުރި ފުރަތަމަ ފަހަރު ކަމަށް ވެދާނެ އެވެ. އެޓާނީ ޖެނެރަލްގެ ވަކީލު ފާތުމަތު ހަލީމްއާ، ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު އައިޝާ ޝުޖޫން ތަކުރާރުކޮށް ސުވާލުކުރެއްވުމުން ވެސް، ދައުލަތުން ދޭން މަސައްކަތްކުރީ އެއް ޖަވާބެކެވެ: ގާނޫނުއަސާސީއަށް ރައްޔިތުންގެ މަޖިލިހުން ގެންނަ އިޖުރާއަތްތައް ފުރިހަމަކޮށްފައިވާ އިސްލާހެއް ސުޕްރީމް ކޯޓަށް ވެސް ބެލޭނެ ކަމަށް ގަބޫލުނުކުރާ ކަމެވެ.
މިދިއަ 20 ނޮވެމްބަރުގައި ރައްޔިތުންގެ މަޖިލިހުން ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބިނާވަނީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ސިޔާސީ ޕާޓީން ވަކިވެއްޖެ ނަމަ/ވަކިކޮށްފި ނަމަ/ ނުވަތަ އެހެން ޕާޓީއަކާ ގުޅިއްޖެ ނަމަ، ގޮނޑި ގެއްލުމުގެ މައްސަލައަށެވެ. މި އިސްލާހު ގެނައީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ ޝަރުތުތައް ހިމެނޭ ގާނޫނުއަސާސީގެ 73 ވަނަ މާއްދާއަށެވެ.
މިހާރުގެ ގާނޫނުއަސާސީއަށް އަމަލްކުރަން ފެށި ފަހުން ދުސްތޫރީ އެތައް މައްސަލައެއް ސުޕްރީމް ކޯޓުން ބަލާފައި އެބަ ހުއްޓެވެ. އޭގެ ތެރޭގައި ބައެއް ގާނޫނުތަކާ ގުޅޭ ގޮތުންނާއި ރައްޔިތުންގެ މަޖިލިހުން ނިންމާފައި ހުރި ބައެއް ކަންކަން ވެސް ހިމެނެ އެވެ. ނަމަވެސް މިއީ ގާނޫނުއަސާސީއަށް ގެނައި އިސްލާހެއް ބާތިލްކުރަން އެ ކޯޓަށް ހުށައެޅި ފުރަތަމަ ފަހަރެވެ.
ރައްޔިތުންގެ މަޖިލިހުން ކުރިން ނިންމާފައި ހުރި ބައެއް ކަންކަމާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން ކުރި ހުކުމްތަކުން ވެސް، ދައުލަތުން އިއްޔެ ނެގި އިޖުރާއީ މައްސަލައަށް ބާރު ލިބޭ ކަމަށް، ފާތުމަތު ހަލީމް ތަކުރާރުކޮށް ވިދާޅުވި އެވެ. އެއްފަހަރަކު އޭނާގެ ވާހަކަ މެދުކަނޑާލައްވަމުން ފަނޑިޔާރު ޝުޖޫން ވިދާޅުވީ މިއީ މިފަދަ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށައެޅި ފުރަތަމަ ފަހަރު ކަމަށެވެ.
ގާނޫނުއަސާސީގައި ސުޕްރީމް ކޯޓަށް ލިބިދީފައިވާ ބާރުތަކުގެ ތެރޭގައި ދުސްތޫރީ މައްސަލަތައް ބެލުން ހިމެނެ އެވެ. ގާނޫނުއަސާސީގެ ބަސްތައް މާނަކުރުން ބަޔާންކުރާ 274 ވަނަ މާއްދާގައި 'ދުސްތޫރީ މައްސަލަ' ކަމަށް ބުނަނީ މިހެންނެވެ:
-
ގާނޫނުއަސާސީގެ މާއްދާއެއް، ނުވަތަ މާއްދާގެ ބައެއް ވިޔަސް މާނަކުރަން ޖެހިއްޖެ ނަމަ އެކަމުގައި ގޮތެއް ކަނޑައެޅުމަށްޓަކައި ބެލޭ މައްސަލަތަކާއި، ގާނޫނެއް ނުވަތަ ގާނޫނެއްގެ ބައެއް، ނުވަތަ ގަވާއިދެއް ނުވަތަ ގަވާއިދެއްގެ ބައެއް ނުވަތަ ދައުލަތުގެ އިދާރާއަކުން ނެރޭ އަމުރެއް ނުވަތަ އެއިން އިދާރާއެއްގެ މުވައްޒަފަކު ކުރާ ކަމެއް ނުވަތަ ނިންމާފައިވާ ނިންމުމެއް ވިޔަސް، ގާނޫނުއަސާސީއާ ހިލާފުވޭތޯ ބަލައި، އެކަމުގައި ގޮތެއް ނިންމާން ޖެހިއްޖެ ކޮންމެ މައްސަލައަކަށެވެ.
ގާނޫނީ ވަކީލު އަދި ރައްޔިތުންގެ މަޖިލިހުގެ ކެންދޫ ދާއިރާގެ މެމްބަރުކަން ދެ ދައުރެއްގައި ކުރެއްވި އަލީ ހުސެއިން ސުޕްރީމް ކޯޓަށް ހުށައަޅުއްވައިގެން އުޅުއްވަނީ މެމްބަރުންގެ ގޮނޑި ގެއްލުމާ ބެހޭ ގޮތުން ގާނޫނުއަސާސީއަށް ގެނައި އިސްލާހެވެ. އޭނާ އެ އިސްލާހު ހުށައެޅުއްވީ ގާނޫނުއަސާސީގެ ތިރީގައި އެވާ މާއްދާތަކަށް ބިނާކޮށެވެ. އެއީ:
-
4 ވަނަ މާއްދާ: ދިވެހި ދައުލަތުގެ އެންމެހާ ބާރުތައް ފެށިގެން އަންނަނީ އަދި މި ބާރުތައް ދެމިއޮންނާނީ ރައްޔިތުންގެ ކިބައިންކަން
-
8 ވަނަ މާއްދާ: ދިވެހި ދައުލަތުގެ އެންމެހާ ބާރުތައް ހިންގަންވާނީ ގާނޫނުއަސާސީގައިވާ ގޮތުގެ މަތިންކަން
-
26 ވަނަ މާއްދާ: ވޯޓު ދިނުމާއި އިންތިހާބުތަކަށް ކުރިމަތިލުމުގެ ހައްގުތައް
-
75 ވަނަ މާއްދާ: މަޖިލީހުގެ މެންބަރު މަސައްކަތުގައި ރިއާޔަތްކުރަން ޖެހޭ ކަންކަން؛ އެގޮތުން، އެއްވެސް ކަހަލަ ޒާތީ މަސްލަހަތެއް އިސްކޮށްގެން ނުވާނެ ކަން. އިސްކުރަންވާނީ ގައުމީ އަދި ދިވެހިންގެ މަސްލަހަތުކަން
-
90 ވަނަ މާއްދާ: މަޖިލީހުގެ މެންބަރަކު ތަޅުމާއި ކޮމިޓީގައި ދައްކާ ވާހަކައަކާ ގުޅިގެން ނުވަތަ ވޯޓު ދޭ ގޮތަކާ ގުޅިގެން އެއްވެސް ފިޔަވަޅެއް ނޭޅޭނެކަން
ދައުލަތުން ގަބޫލުކުރަނީ މިއީ ގާނޫނުއަސާސީގެ މާއްދާތަކެއް ފުށުއަރާތީ އެކަމަށް ބިނާކޮށް ހުށައެޅި މައްސަލައެއް ކަމަށެވެ. އެހެންކަމުން އެއީ ދުސްތޫރީ މައްސަލައަކަށް ނުވާނެ ކަމަށް ފާތުމަތު ހަލީމް ވިދާޅުވި އެވެ. އޭނާގެ ވާހަކަތަކުގައި ގާނޫނުއަސާސީއަށް ގެންނަ އިސްލާހަކީ އާންމު އުސޫލުން މި ބަލާ 'ގާނޫނުތައް' ކަމަށް މާނަނުކުރެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ. އެހެންކަމުން އިޖުރާއަތްތައް ފުރިހަމަކޮށްގެން ގާނޫނުއަސާސީއަށް ގެންނަ އިސްލާހުތައް/ބަދަލުތައް ބަލާނެ ގޮތް ގާނޫނުއަސާސީގައި ކަނޑައަޅާފައި ނުވާ ކަމަށް، ފަނޑިޔާރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން، އެއްފަހަރަކު، އޭނާ ވިދާޅުވި އެވެ.
އެއަށް ޝުޖޫން އާއި ސުއޫދު ތަކުރާރުކޮށް އަދި ހިޔާލީ މިސާލުތަކެއް ބޭނުންކުރައްވައިގެން ސުވާލު ކުރެއްވި އެވެ. ބޭނުމަކީ ދައުލަތުން އެ ގަބޫލުކުރާ ހަމައިން ބަލާ ނަމަ ސުޕްރީމް ކޯޓުގެ އިހުތިސާސް ކުޑަވާނެތީ އާއި އެ ހާލަތުގައި ރައްޔިތުންގެ މަޖިލިހުން ގާނޫނުއަސާސީއަށް ގެންނަ ބަދަލުތައް ދެން ބަލާނީ ދައުލަތުގެ ކޮން ގުނަވަނަކުންތޯ، ދައުލަތުން ދެކޭ ގޮތް ދެނެގަތުމެވެ.
ހިޔާލީ މިސާލެއް ގެންނަވަމުން ފަނޑިޔާރު ސުއޫދު ވިދާޅުވީ ދިވެހި ދައުލަތުގެ ދީނަކީ އިސްލާމް ދީން ކަމަށް ގާނޫނުއަސާސީގައި ކަނޑައަޅާފައި އޮތް މާއްދާއަށް މަޖިލިހުން ބަދަލު ގެނައީ އެވެ. އެހެން ވެއްޖެ ނަމަ އެކަން ދެން ބަލާނީ ކޮން ތާކުން ހެއްޔެވެ؟
އެއަށް ސީދާ ޖަވާބު ދެއްވުމުގެ ބަދަލުގައި ދައުލަތުގެ ވަކީލް މަސައްކަތްކުރެއްވީ ކުރިން ވެސް ތަކުރާރުކޮށް ދައްކަވަމުން ގެންދެވި ވާހަކަ، ދައުލަތުން ފާހަގަކުރާ ކަމެއް ފާހަގަކުރަނީ ސުޕްރީމް ކޯޓުން ކުރިން ނިންމާފައި ހުރި ނިންމުންތަކެއްގެ މައްޗަށް ކަމަށް، ވިދާޅުވާށެވެ. އެކަމަކު އެހާ ހިސާބުން ފަނޑިޔާރު ސުއޫދު އޭނާގެ ވާހަކަ މެދުކަނޑާލެއްވި އެވެ.
"އަޅުގަނޑުމެންގެ ކުރިމަތީގައި މި އޮތީ ވަރަށް ހުތޫރަތްތެރި އާ މައްސަލައެއް. މީގެ ކުރިން ދިވެހިރާއްޖޭގެ ގާނޫނުއަސާސީއަށް ގެނައި އިސްލާހެއް ބާތިލްކުރަން ދިވެހިރާއްޖޭގެ ކޯޓެއްގެ ކުރިމައްޗަށް އައިސްފައެއް ނެތް. މިއީ އާ މައްސަލައެއް،" ކުރީގެ ނިންމުންތަކުން މިސާލު ދައްކަވަން އުޅުއްވާތީ ސުއޫދު ވިދާޅުވި އެވެ.
"މިހެންވީމާ ވަރަށް ހުތޫރަތްތެރި މައްސަލައެއް ކަމަށް މި ދަންނަވަނީ މި ސަބަަބަށްޓަކައި. އެހެންވީމާ އެއް ދުވަހަކު އިރު އަރާތަނުން ރައްޔިތުންގެ މަޖިލިހުން ދިވެހިރާއްޖޭގެ ދީނަކީ ކްރިސްޓިއަން ދީން ކަމަށް ފާސްކޮށްފިއްޔާ އަޅުގަނޑުމެންގެ [ސުޕްރީމް ކޯޓުގެ] ޖޫރިސްޑިކްޝަން ނެތޭތޯ ތި ވިދާޅުވީ؟"
އެ ސުވާލުގެ ޖަވާބުގައި ފާތުމަތު ނެންގެވީ ގާނޫނުއަސާސީގެ 70 ވަނަ މާއްދާގެ ނ. އެވެ. އޭގައި ބުނަނީ "އިސްލާމް ދީނުގެ އަސްލަކާ ހިލާފުވާ އެއްވެސް ގާނޫނެއް ރަައްޔިތުންގެ މަޖިލިހުން ފާސްކޮށްގެން ނުވާނެ އެވެ"، މިހެންނެވެ.
އެކަމަކު ދައުލަތުން ވިސްނައިދޭން އުޅުނު އެ ވިސްނުން ދެ ފަނޑިޔާރުންނަކަށް ގަބޫލެއްނުކުރެއްވުނެވެ.
"އަނެއް ފަރާތުން [އަލީ ހުސެއިން] ހުށައެޅުއްވީ [ގާނޫނުއަސާސީގެ] ބޭސިކް ސްޓްރަކްޗަރެއްގެ ވާހަކަ. އެހެންވީމާ ބޭސިކް ސްޓްރަކްޗާ ފުނޑާލައިފިއްޔާ، ބޭސިކް ސްޓްރަކްޗާ މުގުރިގެން ހިނގައްޖެ ނަމަ ނުވަތަ އެކަހަލަ އިސްލާހެއް ގެނެސްފިއްޔާ ނާދެވޭނެ ހެއްޔޭ؟ މި ކޯޓުގެ އިހުތިސާސްތަކުގެ ތެރޭގައި [އެކަން] ނުހިމެނެންޏާ ދިވެހި ރައްޔިތުންނަށް ހައްލު ދޭނީ ކާކުކޭ؟ ކޮން ފަަރާތަކުންހޭ؟ ކޮބައިހޭ ފޯރަމަކީ؟" ތަފުސީލުކޮށް ވާހަކަ ދައްކަވަމުން ފަނޑިޔާރު ސުއޫދު ވިދާޅުވި އެވެ.
"ދުސްތޫރީ ކޯޓެއްގައި އެބަ ހުރޭ ދުސްތޫރީ ކޯޓަކަށް ވީތީ އަޅަން ޖެހޭ ފިޔަވަޅުތަކާއި ކުރަން ޖެހޭ ކަންތައްތަކާއި ބަލަން ޖެހޭ މައްސަލަތަކެއް. އެހެންވީމާ އޭގެ ތެރެއިން ތިޔަ ވިދާޅުވީ އަޅުގަނޑުމެންނަށް، މި ކޯޓަށް ޖޫރިސްޑިކްޝަނެއް ނެތޭ، އަޅުގަނޑުމެންގެ ދިވެހި ދައުލަތުގެ ދީނަކީ އިސްލާމް ދީންކަމަށް އޮންނަ މާއްދާ، 10 ވަނަ މާއްދާގެ ފުރަތަަމަ ޖުމްލަ ކަނޑާލައިފިއްޔާ މި ތަނަށް ނާދެވޭނޭ. އެހެންވެގެން މި ދަންނަވަނީ ވަރަށް ހުތޫރަތްތެރި މައްްސަލައެކޭ. އަޅުގަނޑުމެން މިއަދު [އެގޮތަށް] ނިންމައިފިއްޔާ އަބަދުގެ އަބަދަށް މި ކޯޓަށް އެބާރު ނެތިގެން ދާނެ. ދިވެހި ރައްޔިތުންގެ މަސްލަހަތުގައި މިހެއްޔޭ އަޅުގަނޑުމެން މާނަކުރަންވީ [ގޮތަކީ] ގާނޫނުއަސާސީ؟"
މެމްބަރުންގެ ގޮނޑި ގެއްލުމާ ސިޔާސީ ޕާޓީއާ ގުޅުވައިގެން ގެނައި އިސްލާހުތައް ބާތިލްކުރަން މިހާރު ހުށައަަޅާފައި އޮތް މައްސަލާގައި އިއްޔެ، ދައުލަތާއި ފަނޑިޔާރުންނާ ދެމެދު ބަދަލުކުރީ، މީގެ ކުރިން ފެނިފައި ނުވާ ކަހަލަ ބަހުސްތަކެކެވެ. އެ ސުވާލުތަކާއި ދައުލަތުގެ ޖަވާބުތައް ގަޑިއެއްހާ އިރަށް ދެމިގެންދިޔަ އެވެ.
އާންމުކޮށް ގަބޫލުކުރަމުން އަންނަނީ ގާނޫނުއަސާސީގައި ބަޔާންކޮށްފައި ހުންނަ ކަންކަމާ ހިލާފަށް ރައްޔިތުންގެ މަޖިލިހުން ބަދަލެއް ގެނެސްފި ކަމަށް ދެކޭ ނަމަ، ދުސްތޫރީ މައްސަލައެއްގެ ގޮތުގައި އެކަން ސުޕްރީމް ކޯޓަށް ބެލޭނެ ކަމަށެވެ. ނަމަވެސް އިއްޔެ ދައުލަތުން ބަހުސްކުރި ޕޮއިންޓްތަކަށް ބަލާއިރު ރައްޔިތުންގެ މަޖިލިހުން، އިޖުރާއަތްތައް ފުރިހަމަކޮށްގެން، ގާނޫނުއަސާސީއަށް ގެންނަ ބަދަލެއް ބެލުމުގެ ބާރު އެއްވެސް ކޯޓަކަށް ލިބިގެންނެއް ނުވެ އެވެ. ލިބިގެންވާ ނަމަ އެކަން ތަފުސީލުކޮށް ގާނޫނުއަސާސީގައި ހިމަނަން ޖެހޭނެ ކަމަށް ވެސް ދައުލަތުން ގަބޫލުކުރެ އެވެ.
މިއީ މުޅިން އާ ބަހުސެކެވެ. ގާނޫނީ ބައެއް ބޭފުޅުން އިއްޔެ ސޯޝަލް މީޑިއާގައި އެ ބޭފުޅުންގެ ހިޔާލުތައް ފާޅުކުރައްވަން ވެސް ވަނީ ފައްޓަވައިފަ އެވެ.
ކޮމެންޓް (4)
މުހައްމަދު
ތެފައާސާ.
ޙުސައިން
ސިކުނޑި