ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ މަސައްކަތްކުރި 20 ނޮވެމްބަރު 2024ގައި އެމްޑީޕީގެ ސަޕޯޓަރުން މަޖިލިސް ދޮށުގައި އަޑު އުފުލަނީ (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)
މުހިންމު މައްސަލައެއްގެ ތެރެއަށް ސުޕްރީމް ކޯޓު
ރައީސް މުހައްމަދު މުއިއްޒުގެ ބަސްފުޅަކީ މި އެވެ: "މިއީ ހަގީގަތުގައި ގައުމުގެ ހަމަޖެހުން ގާއިމްކުރަން ހަމަ ވަރަށް މުހިންމު ކަމެއް."
ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ސިފަކުރެއްވީ މިހެންނެވެ:
"އަޅުގަނޑުމެން މިއަދު މި ކޮށައިދިނީ މެމްބަރުންގެ ނަޒާހާތްތެރިކަން އިތުރުވާނެ މަގެއް. މެމްބަރުންގެ އިއްޒަތާއި ގަދަރު އުފުލޭނެ މަގެއް."
ކުރީގެ ރައީސް އަބްދުﷲ ޔާމީން ދެކެވަޑައިގަންނަވަނީ މިގޮތަށެވެ: "މާތް ކަލާކޯ، ރައްޔިތުންގެ ވޯޓު ކަށަވަރުކުރަން ތި ކުރިކަމަކީ، ރައްޔިތުންގެ އަތްފައި ބުރި ކުރީ."
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވިސްނުންފުޅަކީ މި އެވެ: "ރައްޔިތުންގެ ލާބަޔާއި މަންފާ އާއި ގައުމީ މަސްލަހަތު އިސްކޮށްގެން މަސައްކަތް ކުރާނީތޯ، ނޫނިއްޔާ ޕާޓީން ބުނާ ގޮތަށް މަސައްކަތް ކުރާނީތޯ. ދެ ގޮތުން ކުރެ އެއް ގޮތެއް އަޅުގަނޑުމެން އިހްތިޔާރު ކުރަން ޖެހޭ."
މި ހުރިހާ ވާހަކައެއްގެ ވެސް އަމާޒަކީ 20 ނޮވެމްބަރުގައި ރައްޔިތުންގެ މަޖިލިހުން ފާސްކުރި ގާނޫނުއަސާސީގެ އިސްލާހެވެ. އެ ދުވަހުން އެދުވަހަށް ހުށައަޅައި، އެ ދުވަހުން އެދުވަހަށް ފާސްކޮށް އަދި އެ ދުވަހުން އެދުވަހަށް ރައީސް މުއިއްޒު ތަސްދީގުކުރެއްވި އެ އިސްލާހާ އެކު، ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް ގާނޫނުއަސާސީން ލިބިދިން ބޮޑު މިނިވަންކަމަކަށް ނިމުން އައީ އެވެ: މެމްބަރުންނަކީ ސިޔާސީ ޕާޓީތަކުގެ 'އަޅުންނަށް ހެދީ' އެވެ.
އެ އިސްލާހު ބުނާ ގޮތުން މެމްބަރުން ނިސްބަތްވާ ސިޔާސީ ޕާޓީއަކުން އަމިއްލައަށް ވަކިވިޔަސް، ވަކިކުރިޔަސް ގޮނޑި ގެއްލޭނެ އެވެ. ރާއްޖޭގެ ވެރިކަން މިހާރު ކުރަމުން އަންނަ ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލިހުން ގާނޫނުއަސާސީއަށް ގެނައި އިސްލާހަކީ، ވަކި ފަރާތަކަށް ނުޖެހޭ ގާނޫނީ އިލްމުވެރިން ގަބޫލުކުރައްވާ ގޮތުގައި، ރައްޔިތުން އިންތިހާބުކުރާ މެމްބަރުންގެ މައްޗަށް ސިޔާސީ ޕާޓީއެއް އިސްކުރުމެވެ. އެއީ ގާނޫނުއަސާސީގައި ރައްޔިތުންގެ މަޖިލިސް ސިފަކޮށްފައި އޮތް ގޮތެއް ނޫނެވެ.
މެމްބަރުންގެ ގޮނޑި ގެއްލޭ ހާލަތްތައް:
-
ޕާޓީއެއްގެ ޓިކެޓްގައި ވާދަކުރައްވައި އިންތިހާބުވެވަޑައިގަތުމަށް ފަހު، އެ މެންބަރަކު ތަމްސީލުކުރައްވާ ސިޔާސީ ޕާޓީން އަމިއްލައަށް ވަކިވެވަޑައިގަތުން
-
މެންބަރަކު ތަމްސީލު ކުރައްވާ ސިޔާސީ ޕާޓީ ނޫން އެހެން ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެވަޑައިގަތުން
-
މެންބަރަކު ނިސްބަތްވެވަޑައިގަންނަވާ ސިޔާސީ ޕާޓީން ގާނޫނުގައި ބަޔާންކުރާ ގޮތުގެ މަތިން އެ ބޭފުޅާ ޕާޓީން ވަކިކުރުން
-
އަމިއްލަ ގޮތުން ވާދަކުރައްވައިގެން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެވަޑައިގަތުމަށް ފަހު، އެ މެންބަރަކު ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެވަޑައިގެންނެވި މަޖިލީހުގެ އުމުރުގެ ތެރޭގައި ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވެވަޑައިގަތުން
ގާނޫނުއަސާސީ އެކުލަވާލި އިރު ރައްޔިތުންގެ މަޖިލިހުގެ ބާބުގައި ސިޔާސީ ޕާޓީއެއްގެ ވާހަކަ ގެނެސްފައެއް ނުވެ އެވެ. އޭގެ ބޭނުމަކީ ވެސް ރައްޔިތުން އިންތިހާބުކުރާ މެމްބަރަކަށް މިނިވަންކަން ދިނުމެވެ. ސިިޔާސީ ޕާޓީތަކުގެ ނަމުގައި އިންތިހާބު ވިޔަސް އޭނާގެ ސިޔާސީ ފިކުރު ބަދަލުކޮށް، އެ ފަހަރަކު ފެންނަ ގޮތަކަށް މަސައްކަތްކުރުމުގެ ބާރު ލިބެ އެވެ.
އެކަމަކު ސިޔާސީ ޕާޓީތަކުން ވެރިކަން ކުރަން ފެށުމާ އެކު މިދިއަ ހުރިހާ ސަރުކާރުތަކުން ވެސް ބޭނުންވީ ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ އެވެ. ބޭނުންވާ ވަރަށް މެޖޯރިޓީ ނުލިބޭ ހާލަތުގައި ނުވަތަ ސަރުކާރުން ބޭނުންނުވާ ގޮތަކަށް މެމްބަރުން މަސައްކަތްކުރަން ފަށައިފި ނަމަ އެ މެމްބަރުން ހުއްޓުވަން، ގާނޫނުއަސާސީއާ ހިލާފަށް ވެސް މަސައްކަތްކޮށްފައި އެބަ ހުއްޓެވެ. އޭގެ މިސާލަކީ ޔާމީންގެ ވެރިކަމުގައި، ސުޕްރީމް ކޯޓުން ކަނޑައެޅި ޝަރުތުތަކަކާ އެކު 10 މެމްބަރެއްގެ ގޮނޑި 'ގެއްލުނު' މައްސަލަ އެވެ.
އެ ދުވަސްވަރު ޕީޕީއެމުން އަމަލްކުރީ ވަރަށް ހުދުމުހުތާރުކޮށެވެ. އެގޮތުން އެއް ފަހަރަކު ރައްޔިތުންގެ މަޖިލިހުގެ އިދާރާއަށް އިދިކޮޅު މެމްބަރުންނަށް ނުވަދެވޭ ގޮތަށް ސިފައިންނާއި ފުލުހުން ލައްވާ މަޖިލިސް ހިސޯރު ވެސް ކުރި އެވެ.
ސިޔާސީ ޕާޓީން ވަކިވެއްޖެ ނަމަ/ވަކިކޮށްފި ނަމަ/އެހެން ޕާޓީއަކާ ގުޅިއްޖެ ނަމަ މެމްބަރުކަމުގެ ގޮނޑި ގެއްލޭނެ އިސްލާހު ގާނޫނުއަސާސީއަށް މި ސަރުކާރުން ގެނައީ، ތަޅުމާއި ކޮމިޓީ މަރުހަލާގައި އެންމެ ދުވަހެއްގެ މަސައްކަތުންނެވެ. މިދިއަ 20 ނޮވެމްބަރުގައި ފާސްކުރި އެ އިސްލާހު ހަމަ އެރޭ ރައީސް މުއިއްޒު ތަސްދީގުކުރެއްވި އެވެ.
މިއަދު ސުޕްރީމް ކޯޓުގައި، އެ އިސްލާހުގެ މައްސަލައިގެ ޝަރީއަތް ފަށާނެ އެވެ. އެ އިސްލާހު ބާތިލްކޮށްދޭން އެންމެ މަތީ ކޯޓަށް މައްސަލަ ވެއްދެވީ ގާނޫނީ ވަކީލު އަދި ކެންދޫ ދާއިރާގެ މެމްބަރުކަން ދެ ދައުރެއްގައި ކުރެއްވި އަލީ ހުސެއިންނެވެ.
އަލީ ހުސެއިންގެ މައްސަލަ ބިނާކުރެއްވީ ގާނޫނުއަސާސީގެ 4، 8، 26، 75 އަދި 90 ވަނަ މާއްދާއަށެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި އެ އިސްލާހު އެ މާއްދާތަކާ ހިލާފުވެ އެވެ. އެ މާއްދާތަކުގައި ބުނަނީ:
-
4 ވަނަ މާއްދާގައި ބުނަނީ، ދިވެހި ދައުލަތުގެ އެންމެހާ ބާރުތައް ފެށިގެން އަންނަނީ އަދި މި ބާރުތައް ދެމިއޮންނާނީ ރައްޔިތުންގެ ކިބައިގައި
-
8 ވަނަ މާއްދާގައި ބުނަނީ ދިވެހި ދައުލަތުގެ އެންމެހާ ބާރުތައް ހިންގަންވާނީ ގާނޫނުއަސާސީގައިވާ ގޮތުގެ މަތިން ކަމަށް
-
26 ވަނަ މާއްދާގައި އޮންނަނީ ވޯޓު ދިނުމާއި އިންތިހާބުތަކަށް ކުރިމަތިލުމުގެ ހައްގުތައް
-
75 ވަނަ މާއްދާގައި ބުނަނީ މަޖިލީހުގެ މެންބަރު މަސައްކަތުގައި ރިއާޔަތްކުރަން ޖެހޭ ކަންކަން؛ އެގޮތުން، އެއްވެސް ކަހަލަ ޒާތީ މަސްލަހަތެއް އިސްކޮށްގެން ނުވާނެ ކަމަށާއި އިސްކުރަންވާނީ ގައުމީ އަދި ދިވެހިންގެ މަސްލަހަތު
-
90 ވަނަ މާއްދާގައި ބުނަނީ މަޖިލީހުގެ މެންބަރަކު ތަޅުމާއި ކޮމިޓީގައި ދައްކާ ވާހަކައަކާ ގުޅިގެން ނުވަތަ ވޯޓު ދޭ ގޮތަކާ ގުޅިގެން އެއްވެސް ފިޔަވަޅެއް ނޭޅޭނެ
އާ ގާނޫނުއަސާސީ ޑްރާފްޓްކުރި ކޮމިޓީގެ މުގައްރިރު އަދި ރައްޔިތުންގެ މަޖިލިހުގެ މާލޭގެ ކުރީގެ މެމްބަރު އިބްރާހިމް އިސްމާއިލް (އިބްރާ) ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލިހުގެ ބާބުގައި ސިޔާސީ ޕާޓީތަކުގެ ވާހަކަ ނުގެނައީ 'ނުގެންނަން ވެގެން' ނެވެ. ސިޔާސީ ޕާޓީއެއްގެ ވިސްނުމަށް ވުރެ އެ މެމްބަރެއްގެ ބޮލުގައި އެޅޭ ޒިންމާތައް މާ ބޮޑުކަމުންނެވެ.
"ކޮންމެ މެމްބަރަކީ އޭނާ ކުރާ ކޮންމެ ކަމެއްގައި، ނިންމުމެއްގައި، މުޅި ރާއްޖޭގެ ލާބަޔާއި މަންފާއަށް ވިސްނައިގެން ކަންތައް ކުރަން ޖެހޭ މީހެއް. އެޔަކު ނޯންނާނެ ޕާޓީއެއް ތަމްސީލްކުރާ ވާހަކައެއް. އެޔަކު ނޯންނާނެ ސަރުކާރަށް ތާއީދުކުރާ ވާހަކައެއް، ސަރުކާރާ ދެކޮޅު ވާހަކައެއް ވެސް،" ކުރިން 'ދައުރު'އަށް ދެއްވި އިންޓަވިއުއެއްގައި އިބްރާހިމް އިސްމާއިލް ވިދާޅުވި އެވެ.
"ވެގެން އުޅޭ ގޮތަކީ ރައްޔިތުންގެ މަޖިލިހުގެ ތެރެއަށް އެވަރަށް ވަންނަން ނުޖެހޭ އެއްޗެއް ވަދެގެން މި އުޅެނީ. ޕާޓީ އެއީ މައްސަލައަކީ."
އެކަމަކު ސިޔާސީ ގޮތުން ބަލާއިރު ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަކީ 'މިނިވަން' ބަޔަކަށް ވާން ސިޔާސީ ޕާޓީތަކުން އަބަދުވެސް ބޭނުންވަނީ އިދިކޮޅުގައި އޮންނަ އިރު އެވެ. ސަރުކާރު ހިންގާ ޕާޓީން އަބަދުވެސް އުޅެނީ މެމްބަރުންނަކީ ރައީސް ބޭނުންފުޅުވާ ކޮންމެ ކަމެއް، ކޮންމެ ވަގުތެއްގައި ވެސް ކުރާ ބަޔަކަށް ހަދާށެވެ. ރައީސަށް އޮންނަނީ ކޮންމެ ވަގުތަކު ވެސް މެމްބަރުންތަކެއް ވަކިވެގެން އިދިކޮޅާ ގުޅިދާނެކަމުގެ ބިރެވެ. އޭރުން ރައީސް ނުވަތަ ރައީސްގެ އެންމެ އަރިސް ބޭފުޅުންގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގައި، ވަކިކުރަން ފުރުސަތު ލިބުމުގެ ބިރެވެ.
ގާނޫނުއަސާސީގެ އިސްލާހުގެ މައްސަލައާ ބެހޭ ކަވަރޭޖް
ޔާމީން ހުދުމުހުތާރުވީ ވެސް އެ ސަބަބާ ހެދި އެވެ. އޭރު ޕީޕީއެމްގައި ނެތް މެޖޯރިޓީއެއް މިއަދު ރައީސް މުއިއްޒަށް އެބަ އޮތެވެ. އޭގެ ބޭނުން ހިއްޕަވައިގެން އެމަނިކާނު ކަންތައް ކުރައްވަމުން އެ ގެންދަވަނީ ވެސް އެ ބިރު އޮތުމުންނެވެ.
ރައީސްގެ ނަޒަރުގައި އެ އިސްލާހުގެ މަގުސަދަކީ ގައުމުގެ ހަމަޖެހުމެވެ.
"ގައުމުގެ ހަމަޖެހުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރުން އެއް ޕާޓީން އަނެއް ޕާޓީއަށް ބަދަލުވުން ނުވަތަ ޕާޓީން ވަކިވުން ނޫނީ ގާނޫނުގައިވާ ގޮތުގެ މަތިން ޕާޓީން ވަކިކުުރުން، މިފަދަ އެއްވެސް ހާލަތެއްގައި ޕާޓީން މަޖިލީހުގެ މެންބަރުކަން ގެއްލުން އެ މާއްދާ އެންޓި ޑިފެކްޝަން ގާނޫނު އަސާސީގައި ހިމެނުން،" އެ އިސްލާހު ތަސްދީގުކުރެއްވުމަށް ފަހު 20 ނޮވެމްބަރު ދުވަހުގެ ރޭ ދަންވަރު އާންމުކުރެއްވި ވީޑިއޯ މެސެޖެއްގައި ރައީސް މުއިއްޒު ވިދާޅުވި އެވެ.
"މިއީ ހަގީގަތުގައި ގައުމުގެ ހަމަޖެހުން ގާއިމްކުރަން ހަމަ ވަރަށް މުހިންމު ކަމެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލިސް މެންބަރުން މި ކަނޑައެޅުއްވީ."
އެ އިސްލާހު މިހާރު އެ އޮތީ ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ކުރިފުޅުމަތީގަ އެވެ. ސުޕްރީމް ކޯޓުގެ ނިންމުން ވާނީ ފަހުގެ ނިންމުމަށެވެ. ގާނޫނުއަސާސީގެ ފަސް މާއްދާއަކާ މެދު ފަނޑިޔާރުން ދެކެވަޑައިގަންނަވާ ގޮތަކާއި ގާނޫނުއަސާސީގެ އެ އިސްލާހު ރަނގަޅުތޯ ނުވަތަ ނޫންތޯ ކަނޑައަޅުއްވާނެ އެވެ.
ކޮމެންޓް (2)
އެދުރު
އެދުރު