އެމްޑީޕީން މިރޭ ބޭއްވި 'ގާނުނުއަސާސީގެ ދިފާއުގައި' ޖަލްސާގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަ ދައްކަވަނީ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ސަރުކާރުން ދެން އަޅާނެ ފިޔަވަޅަކީ ސުޕްރީމް ކޯޓުގެ ބެންޗު ބަދަލު ކުރުން: ސޯލިހު

ކުރީގެ ރައީސް ވިދާޅުވީ ކުރިއަށް އޮތީ ރައްޔިތުންނަށް ބަނަ، އަނިޔާވެރި ދުވަސްތަކެއް ކަމަށާއި އެމްޑީޕީން ނުކުމެ ތިބީ އެ އަނިޔާވެރިކަމުން ރައްޔިތުން ސަލާމަތްކުރަން ކަމަށް
10 ޑިސެމްބަރު 2024
3

މިހާރު އޮތް ޕީއެންސީ ސަރުކާރުން ދެން އަޅާނެ ފިޔަވަޅަކީ ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުކުރުން ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެެއް؟ - އިދިކޮޅު އެމްޑީޕީން މިހާރު ކުރިއަށް ގެންދާ 'ގާނޫނުއަސާސީގެ ދިފާއުގައި' ޖަލްސާގައި ވާހަކަ ދައްކަވަމުން ސޯލިހު ވަނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އަމާޒުކޮށް ސަރުކާރުން ގާނޫނުއަސާސީއަށް ގެނައި ބަދަލަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

އެމްޑީޕީން 'ގާނޫނުއަސާސީގެ ދިފާއުގައި' ނަމުގައި މިރޭ ބޭއްވި ޖަލްސާ. (ފޮޓޯ/އެމްޑީޕީ)

ބުނީ ކީކޭ؟ - ސޯލިހު ވިދާޅުވީ މަޖިލީހުގެ މެންބަރުން އަމަލު ކުރަންވާނީ ގައުމުގެ މަސްލަހަތާއި ރައްޔިތުންގެ ލާބަޔާއި މަންފާއަށް އިސްކަންދީގެން ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކަމަށެވެ. އަދި އެއްވެސް މެންބަރަކު ނުވަތަ އެ މެންބަރެއްގެ ހާއްސަ ގުޅުމެއް އޮންނަ މީހެއްގެ ޒާތީ މަސްލަހަތެއް ކުރިއެރުވުމަށް މަގާމުގެ ބޭނުން ކޮށްގެން ނުވާނެ ކަމަށް ވެސް ބަޔާންކޮށްފައިވާ ކަމަށާއި ނަމަވެސް ގާނޫނުއަސާސީއަށް ގެނައި ބަދަލާއެކު މެންބަރުންނަށް އެގޮތަށް މަސައްކަތް ނުކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިތަނުން ކޮންމެވެސް އެއް މާއްދާއަކަށް ގާނޫނުއަސާސީގައި އޮވެވޭނީ. ރައްޔިތުންގެ ލާބަޔާއި މަންފާ އާއި ގައުމީ މަސްލަހަތު އިސްކޮށްގެން މަސައްކަތް ކުރާނީތޯ، ނޫނިއްޔާ ޕާޓީން ބުނާ ގޮތަށް މަސައްކަތް ކުރާނީތޯ. ދެ ގޮތުން ކުރެ އެއް ގޮތެއް އަޅުގަނޑުމެން އިހްތިޔާރު ކުރަންޖެހޭ،" ސޯލިހު ވިދާޅުވި އެވެ.

"މި ދެ މާއްދާއަށް އެއް ތަނެއްގައި އޮވެވިދާނެ ކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ. އަޅުގަނޑު ހިތުން ސުޕްރީމް ކޯޓުން މިޔާ ދޭތެރޭގައި ރަނގަޅު ނިންމުމެއް، ރައްޔިތުންގެ ބާރުވެރިކަމުގައި އޮންނާނެ ގޮތަކަށް، ސުޕްރީމް ކޯޓުން ނިންމާނެ ކަމަށް އަޅުގަނޑު އުންމީދުކުރަނީ،" ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލް ކުރަން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަށް އިޝާރާތްކުރައްވައި އެމަނިކުފާނު ވިދާޅުވި އެވެ.

އެމްޑީޕީން މިރޭ ބޭއްވި ޖަލްސާއަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަޑައިގެން ޕާޓީގެ މެންބަރުންނާ ސަލާމްކުރައްވަނީ (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

ސޯލިހު ވިދާޅުވީ ސަރުކާރުން ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުކުރާނެ ކަމަށެވެ.

"ދެން އަޅުގަނޑުމެންނަށް ފެނިގެންދާނެ، މި ސަރުކާރުން ދެން އަޅާނެ ފިޔަވަޅަކީ ސުޕްރީމް ކޯޓުގެ ބެންޗު ބަދަލު ކުރުން. އެކަން ނުކޮށެއް ހުއްޓައެއް ނުލާނެ، ހަގީގަތުގައި މި ސަރުކާރުގެ ސިފަ ފެނިގެންދާނީ އޭރުން،" އެމަނިކުފާނު ވިދާޅުވި އެވެ.

އެމްޑީޕީން 'ގާނޫނުއަސާސީގެ ދިފާއުގައި' ނަމުގައި މިރޭ ބޭއްވި ޖަލްސާގައި މެމްބަރުން ބައިވެރިވަނީ. (ފޮޓޯ/އެމްޑީޕީ)

ސޯލިހު ވަނީ މި ސަރުކާރުން މިނިވަން މުއައްސަސާތަކުގެ ބާރު މުށުތެރެއަށް ޖަމާކޮށް ރައްޔިތުންގެ މަޖިލިސް ހިސޯރުކޮށް ބެންކުގެ ތެރެއަށް "އަތްބާނައި" އަދި ކޯޓުތަކުގެ މިނިވަންކަން ނަގާލާފައިވާ ކަމަށް ތުހުމަތު ކުރައްވާފަ އެވެ.

"ދެން އެގޮތަށް، ބޭނުންފުޅުވާ ގޮތަށް، ހުދުމުހުތާރު ވެރިކަމެއް މި ރާއްޖޭގައި ކުރާތަން ތިބޭފުޅުންނަށް ފެނިގެންދާނެ،" އެމަނިކުފާނު ވިދާޅުވި އެވެ.

އެމްޑީޕީން މިރޭ ބޭއްވި 'ގާނުނުއަސާސީގެ ދިފާއުގައި' ޖަލްސާގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަ ދައްކަވަނީ (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ސޯލިހު އިތުރަށް ވިދާޅުވީ:

  • ކުރިއަށް އޮތީ ރައްޔިތުންނަށް ބަނަ، އަނިޔާވެރި ދުވަސްތަކެއް ކަމަށާއި އެމްޑީޕީން ނުކުމެ ތިބީ އެ އަނިޔާވެރިކަމުން ރައްޔިތުން ސަލާމަތްކުރަން ކަމަށް

  • ރައްޔިތުންގެ ހައްގުތައް މި ސަރުކާރުން ނިގުޅައިގަންނަމުންދާ ކަމަށާއި އެ ހައްގުތައް އެ ޕާޓީން އަނބުރާ ހޯދައިދޭނެ ކަމަށް

އެމްޑީޕީން 'ގާނޫނުއަސާސީގެ ދިފާއުގައި' ނަމުގައި މިރޭ ބޭއްވި ޖަލްސާ. (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)
އެމްޑީޕީން 'ގާނޫނުއަސާސީގެ ދިފާއުގައި' ނަމުގައި މިރޭ ބޭއްވި ޖަލްސާ. (ފޮޓޯ/އެމްޑީޕީ)

ގުޅުންހުރި - އެމްޑީޕީން މި ޖަލްސާ ފެށުމުގެ ކުރިން ގައުމީ މަޖިލީހުގެ ބައްދަލުވުމެއްގައި ވަނީ މެންބަރުންގެ ގޮނޑި ގެއްލުވާލާ އިސްލާހު ބާތިލް ކުރަން ގޮވާލާ ޕެޓިޝަނެއް ފާސްކޮށް، ޕީއެންސީގެ މެންބަރަކަށް އެފަދަ ހާލަތެއް ކުރިމަތިވެއްޖެ ނަމަ އެ މެންބަަރަކަށް ބައި-އިލެކްޝަންގައި އެމްޑީޕީން ކެމްޕެއިން ކޮށްދިނުމަށް އެއްބަސްވެ ގަރާރެއް ފާސްކޮށްފަ އެވެ.

ކޮމެންޓް (3)

ފަރޭ

11 ޑިސެމްބަރު 2024
މިދިޔަ ދައުރުގައި މުޅި ސްޕްރީމް ކޯޓު ރިއްފަތާ ހިސާން ބޭޏުންވާ ބަޔަކަށް ދީފަ ކީކޭތަ މިކިޔަނީ
3 0

އަޅި އަލޯީ

11 ޑިސެމްބަރު 2024
ދެލޯ ފުޅާ ކަލޯ އެއްމެ ފަހުންވެސް ސުޕާމެޖޯރިތީ ހޯދައިގެން ބެންޗް ބަދަލުކުރީ!
4 0

ސަހަރޯއި

10 ޑިސެމްބަރު 2024
އެކަންކުރިމީހުންތަ އެހެން އެކިޔަނީ
4 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް