އެމްޑީޕީގެ ގައުމީ މަޖިލީހުން މިރޭ ފާސްކުރި ޕެޓިޝަންގައި ސޮއިކުރަނީ (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

އެމްޑީޕީ

ގޮނޑި ގެއްލުވާލާ އިސްލާހު ބާތިލުކުރަން ގޮވާލައި އެމްޑީޕީން ޕެޓިޝަނެއް

އެމްޑީޕީން ބުނީ މެންބަރުކަން ގެއްލޭ ގޮތަށް ގާނޫނުއަސާސީ އިސްލާހުކޮށްފައިވަނީ އޭގެ އޮނިގަނޑާ ހިލާފަށް، ރައްޔިތުންގެ ބާރު ކެނޑޭ ގޮތަށް ކަމަށް

ރައްޔިތުންގެ މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭނެ ހާލަތްތައް ބަޔާންކޮށް ސަރުކާރުގެ ފަރާތުން ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލުކުރުމަށް ގޮވާލައި އެމްޑީޕީގެ ގައުމީ މަޖިލީހުން ޕެޓިޝަނެއް މިރޭ ފާސްކޮށްފި އެވެ.

ވީ ކިހިނެއް؟ - އެ ޕެޓިޝަން ފާސްކޮށްފައިވަނީ، ގާނޫނުއަސާސީއަށް ގެނައި އިސްލާހުތަކާ ދެކޮޅު ހެދުމުގެ ގޮތުން މިރޭ ކާނިވާ ސަރަހައްދުގައި ބާއްވާ 'ގާނޫނުއަސާސީގެ ދިފާއުގައި ރައްޔިތުން'ގެ ޖަލްސާގެ ކުރިން އެ ތަނުގައި ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމުގަ އެވެ. 

ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގެ ޑިފެންސް މިނިސްޓަރު އަދި އެ ޕާޓީގެ ގަލޮޅު އުތުރު ދާއިރާގެ ރައީސް މާރިޔާ އަހުމަދު ދިދީ ހުށަހެޅުއްވި މި ޕެޓިޝަން ފާސްކޮށްފައި ވަނީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި 89 މެންބަރުންގެ އިއްތިފާގުންނެވެ.

ތަފްސީލު - ޕެޓިޝަން ހުށަހަޅުއްވަމުން މާރިޔާ ވިދާޅުވީ ދައުލަތުގެ ތިން ބާރުގެ ތެރެއިން ރައްޔިތުންގެ މަޖިލީހަށް މެންބަރުން އިންތިހާބުކޮށް، ދައުލަތް ހިންގުމުގެ އިޖުރާއަތުގައި ބައިވެރިވުމަކީ ގާނޫނުއަސާސީން ރައްޔިތުންނަށް ލިބިގެންވާ ބާރެއް ކަމަށެވެ. ގާނޫނުއަސާސީގެ ހަތަރުވަނަ މާއްދާގައި، ދައުލަތުގެ އެންމެހާ ބާރުތައް ފެށިގެން އަންނަނީ އަދި އެ ބާރުތައް ދެމިއޮންނާނީ ވެސް ރައްޔިތުންގެ ކިބައިންކަން ބަޔާންކޮށްފައިވާކަން މާރިޔާ ފާހަގަކުރެއްވި އެވެ.

އޭގެ އިތުރުން މާރިޔާ ވިދާޅުވީ:

  • ރާއްޖޭގެ ވެރިކަން ހިންގުމަށް ރައްޔިތުން އެއްބަސްވެފައި އޮތީ ރިޔާސީ ނިޒާމަކަށް ކަމަށްވެފައި ގާނޫނުއަސާސީ އެކުލަވާލާފައި އޮތީ ވެސް ރައްޔިތުންގެ ނިންމުމާ އެއްގޮތަށް ރިޔާސީ ނިޒާމަކުން ވެރިކަން ހިންގުމަށް ކަމަށް 

  • ރައްޔިތުންގެ ހިޔާލު ހޯދުމެއް ނެތި ގާނޫނުއަސާސީއަށް މި ގެނައީ ވެރިކަމުގެ ނިޒާމު މަސްހުނި ނިޒާމަކަށް ބަދަލުވެ، ރައްޔިތުން ނިންމި ނިންމުން ރޫޅިގެންދާ ފަދަ ބަދަލެއް

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މިރޭގެ ބައްދަލުވުމުގައި މާރިޔާ ޕެޓިޝަން ހުށަހަޅުއްވަނީ (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

ގާނޫނުއަސާސީއަށް ގެނައި އިސްލާހުގައި މެންބަރުންގެ ގޮނޑި ގެއްލޭނެ ހަތަރު ހާލަތެއް ބަޔާންކޮށްފައިވެ އެވެ. އެއީ:

  • މެންބަރު ނިސްބަތްވާ ޕާޓީން އޭނާ އަމިއްލައަށް ވަކިވުން

  • އެހެން ޕާޓީއަކަށް ސޮއިކުުރުން

  • ޕާޓީން އޭނާ ވަކިކުރުން

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މަސައްކަތުގެ އަސާސް ބިނާކުރަން ޖެހެނީ މުޅި ގައުމުގެ މަސްލަތަށްކަމަށް ގާނޫނުއަސާސީގެ 75 ވަނަ މާއްދާގައި ބަޔާންކޮށްފައިވާކަން ފާހަގަކުރައްވައި، މާރިޔާ ވިދާޅުވީ، މެންބަރު ނިސްބަތްވާ ޕާޓީން ބޭނުންވާ ގޮތަަށް އަމަލު ކުރަން މަޖުބޫރު ކުރުމަކީ އެ މާއްދާއާ ހިލާފު ކަމެއް ކަމަށެވެ. އޭގެ އިތުރުން އޭނާ ފާހަގަކުރެއްވި ގޮތުގައި:

  • ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު އެ މަޖިލީހުގައި ދެއްކި ވާހަކައެއްގެ ސަބަބުން ނުވަތަ ވޯޓު ދިން ގޮތެއްގެ ސަބަބުން އެ މެންބަރެއްގެ މައްޗަށް އެއްވެސް ތަހުގީގެއް ހިންގައިގެން ނުވާނޭ ކަމަށް ގާނޫނުއަސާސީގެ 90 ވަނަ މާއްދާގައި ބަޔާންކޮށްފައިވޭ

  • މެންބަރު ވޯޓު ދޭ ގޮތެއްގެ ސަބަބުން ނުވަތަ ދައްކާ ވާހަކައެއްގެ ސަބަބުން މެންބަރުކަން ގެއްލޭ ގޮތަށް ގާނޫނުއަސާސީ ބަދަލުކުރުމަކީ ގާނޫނުއަސާސީގެ އަސާސީ އޮނިގަނޑާ ވެސް ހިލާފު ކަމެއް

"ރައްޔިތުންގެ ރުހުމެއް ނެތި ގާނޫނުއަސާސީއަށް މި ގެނައި ބަދަލު ބާތިލުކުރުމަށާއި، ރައްޔިތުންގެ ބާރުވެރިކަން ނިގުޅިގެން ހިނގައިދާނޭ ފަދަ ހަމަ އެއްވެސް ކަމެއް ނުކުރުމަށް، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 4 ވަނަ މާއްދާއިން އައުދާނަކަމާއި ބާރުވެރިކަން ލިބި ތިބި ރައްޔިތުންގެ ހައިސިއްޔަތުން ރައްޔިތުންގެ މަންދޫބުންނަށާއި ދިވެހިރާއްޖޭގެ ވެރިކަން ހިންގުމަށް ދިވެހި ރައްޔިތުން މަތިކޮށްފައިވާ ރައްޔިތުންގެ ހާދިމު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް އަންގައި އަމުރުކުރަމެވެ،" އެ ޕެޓިޝަން ނިންމާލަމުން ބުނެފައިވެ އެވެ. 

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މިރޭގެ ބައްދަލުވުމުގައި ފާސްކުރި ގަރާރާ ގުޅޭ

އިތުރު އާޓިކަލް

އިތުރު އާޓިކަލް