ގާނޫނުއަސާސީގެ ރޫހު ދެނެގަންނަން އަޅުގަނޑު ބައްދަލުކުރީ އިބްރާހިމް އިސްމާއިލްއާ
މުހިންމު ނުކުތާތައް
ގާނޫނުއަސާސީގައި ސިޔާސީ ޕާޓީތަކުގެ ވާހަކަ ނުލީ ހަމަ ނުލާންވެގެން ކަމަށް އޭނާ ވިދާޅުވި
ސިޔާސީ ޕާޓީއަކީ ޖަމިއްޔާ/ޖަމާއަތް ފަދަ އެއް ފިކުރެއްގެ ބަޔަކު ހިންގާ ވަކި ހަރަކާތެއް
މެމްބަރުން ގޯހެއް ހަދައިފި ނަމަ އެއަށް އަދަބު ދިނުން އޮންނަނީ ދެން އަންނަ އިންތިހާބެއްގައި ރައްޔިތުންގެ އަތްމަތީގައި
ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ސިޔާސީ ޕާޓީތަކުގެ އަނދަގޮނޑީއަށް ލައި މި އޮތީ ނިމިފަ އެވެ. އެކަމަކު ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލިހުން، ރައީސް މުހައްމަދު މުއިއްޒު ބޭނުންފުޅުވި ގޮތަށް، ރައްޔިތުންގެ ބާރު ދޫކޮށްލެއްވުމަކީ ގާނޫނުއަސާސީގެ އަސްލު ރޫހު ހެއްޔެވެ؟
މި ސުވާލުގެ ޖަވާބު ހޯދަން އަޅުގަނޑު ބޭނުންވީ އިބްރާހިމް އިސްމާއިލް (އިބްރާ)އަށް އަޅުގަނޑުގެ 'މޫސާ ލަތީފް' ޕޮޑްކާސްޓަށް ދައުވަތު އަރުވާށެވެ. އޭނާއަކީ މިހާރު ސިޔާސީ ބޭފުޅެއް ނޫނެވެ. އެކަމަކު އޭނާއަށް ވުރެ ބޮޑަށް ގާނޫނުއަސާސީގެ މާއްދާތަކާއި އެ މާއްދާތަކުގެ ރޫހު ދެނެވަޑައިގަންނަވާ ބޭފުޅުން މަދުވާނެ އެވެ. ގާނޫނުއަސާސީގެ ޑްރާފްޓިން ކޮމިޓީގެ މުގައްރިރުގެ ހައިސިއްޔަތުން އޭނާ ކުރެއްވި މަސައްކަތް ބޮޑެވެ. އޭރު އެއީ ރައްޔިތުންގެ މަޖިލިހާއި ހާއްސަ މަޖިލިހުގައި ވެރިރަށް ތަމްސީލްކުރެއްވި އެއް މެމްބަރެވެ.
އިބްރާހިމް އިސްމާއިލަކީ ތައުލީމީ ބޭފުޅެކެވެ. މައުލޫމާތު މުއްސަނދި އަދި އަބަދުވެސް މައުލޫމާތު ހޯއްދަވަމުން ގެންދަވާ ބޭފުޅެކެވެ. އޭނާގެ ހަނދާނުން ދުވަހަކު ވެސް ފިލައިގެން ނުދާނީ ގާނޫނުއަސާސީއަށް ކުރި ދަތުރުގެ ތަޖުރިބާތަކެވެ. ޖަލުގައި ވެސް އޮންނެވި އެވެ. ގޭ ބަންދުގައި ވެސް އެތައް ދުވަހެއް ހޭދަކުރެއްވި އެވެ. ދަރިންނާއި އަނބިކަނބަލުންނަށް ދެއްވަން ޖެހޭ ވަގުތު ނުދެއްވުނީ، އަމިއްލަ ބަހުން ނަމަ، 'މި ގައުމާއި އަންނަން އޮތް ޖީލްތަކަށް ވެވުނު ގުރުބާނީގަ' އެވެ.
އެފަދަ ބޭފުޅަކަށް ގާނޫނުއަސާސީގެ މައިގަނޑު ރޫހު މަރުވެދާނެ ފަދަ ބަދަލުތައް ގަބޫލެއްނުކުރެއްވޭނެ އެވެ. އެ ވާހަކަ ދައްކަވާނެ އެވެ. އެކަމާ ދެކޮޅަށް އަޑު ވެސް އުފުއްލަވާނެ އެވެ. ކުރެއްވެން ހުރި ކަމެއްވިއްޔާ ކުރައްވާނެ ވެސް މެ އެވެ.
ސިޔާސީ ޕާޓީއަށް މަސްއޫލިއްޔަތުތަކެއް ނުދިނީ ނުދޭން ވެގެން
ކޮންމެ ރައީސަކު ވެސް ބޭނުންފުޅުވަނީ ރައްޔިތުންގެ މަޖިލިހުގެ ސުޕަ މެޖޯރިޓީ ހޯއްދަވާށެވެ. އެއީ ހަމައެކަނި ވެރިކަން ހިންގަން ފަސޭހައަކަށް ނޫނެވެ. ރައީސްގެ ބާރުތައް ފުޅާކުރުމަކީ ވެސް އެއް މަގުސަދެވެ. މިދިއަ ބުދަދުވަހު ގެނައި އިސްލާހާ އެކު ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް އޭގެ ކުރިން އޮތް މިނިވަންކަން ނެތުނީ އެވެ. މިހާރު މަޖިލިހުގެ މެމްބަރުން މަސައްކަތްކުރަން ޖެހޭނީ ނިސްބަތްވާ ޕާޓީން އަންގާ ގޮތަކަށެވެ. އެނޫން ގޮތަކަށް އުޅެފި ނަމަ މެމްބަރުކަމުން ވަކިކުރުމުގެ ބާރު ސިޔާސީ ޕާޓީތަކަށް ލިބެ އެވެ.
އެކަމަކު ގައުމު ހިންގުމުގެ އެއްވެސް ހައިސިއްޔަތެއް ސިޔާސީ ޕާޓީތަކަށް ގާނޫނުއަސާސީގައި ދީފައެއް ނުވެ އެވެ. ސިޔާސީ ޕާޓީތަކުގެ ވާހަކަ ފުރަތަމަ ވެސް އަންނަނީ 30 ވަނަ މާއްދާގެ ހ. ގަ އެވެ. އެއީ ޖަމިއްޔާ/ޖަމާއަތްތައް ހިންގުމުގެ މިނިވަންކަން ދީފައި އޮތް ބައިގައި 'ސިޔާސީ ޕާޓީ' ގެނައުމުންނެވެ.
އިބްރާހިމް އިސްމާއިލް ވިދާޅުވި ގޮތުގައި އެ މާއްދާގައި ސިޔާސީ ޕާޓީ ވަކިން ޖަހާފައި އޮތީ މާޒީގެ ތަޖުރިބާއާ އެކުގަ އެވެ. އޭގެ ތަފުސީލަކީ މި އެވެ: ކުރީގެ ރައީސް މުހައްމަދު ނަޝީދު މާލޭގެ މެމްބަރަކަށް ހުންނެވި އިރު 2001ގައި ސިޔާސީ ޕާޓީ އުފެއްދުމުގެ ހައްގު ހޯއްދަވަން މަޖިލިހަށް ހުށައެޅުއްވި އެވެ. އޭރު އޮތް 'ނޫ ގާނޫނުއަސާސީ'ގައި ވެސް ޖަމިއްޔާ ހެދުމުގެ މިނިވަންކަން ލިބެ އެވެ. އެ ގާނޫނުއަސާސީގެ 27 ވަނަ މާއްދާގައި ބުނަނީ:
-
ޖަމާއަތްތަކާއި ޖަމިއްޔާތައް ހެދުމަކީ، ދިވެހިރާއްޖޭގެ އަމިއްލަ ވެރިކަން ދެމެހެއްޓުމާއި އާންމު މަސްލަހަތު ހިފެހެއްޓުމަށްޓަކައި ގާނޫނު މަނާނުކުރާހާ ހިނދަކު، މިނިވަންކަން ލިބިގެންވާ ކަމެކެވެ.
ސިޔާސީ ޕާޓީ އުފެއްދުން މަނާކުރާ އެއްވެސް ގާނޫނެއް އޭރު ވެސް ނެތެވެ. ނަމަވެސް އޭރުގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު ރައްޔިތުންގެ މަޖިލިހުގައި ވެސް (އޭރު މުނައްވަރަކީ އައްޑު އަތޮޅު ތަމްސީލުކުރައްވާ މެމްބަރު ވެސް މެ އެވެ.) އަދި ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ކެބިނެޓަށް ވެސް ލަފާދެއްވީ ސިޔާސީ ޕާޓީ އުފައްދަން ގާނޫނުއަސާސީން ތަން ނުދޭ ކަމަށެވެ. އެހެންކަމުން އެ ފަހަރު އެމްޑީޕީ އުފެއްދޭ ގޮތެއް ނުވި އެވެ.
ހައިރާންނުވާށެވެ! އޭގެ ހަތަރު އަހަރު ފަހުން ސިޔާސީ ޕާޓީ އުފައްދަން 2005ގައި ސަރުކާރުން ހުއްދަ ދިނީ ވެސް ހަމަ އެ ގާނޫނުއަސާސީގެ ދަށުންނެވެ. އެކަމަކު އޭރު 2001އާ ހިލާފަށް މައުމޫންގެ ސަރުކަރާ ދެކޮޅަށް ރައްޔިތުން މަގުމައްޗަށް ނުކުންނަން ފަށައިފި އެވެ. އިސްލާހީ ފިޔަވަޅުތަކަށް ޕްރެޝަރު އޮތީ ބޮޑުވެފަ އެވެ. އެހެންކަމުން އޭރުގެ އެޓާނީ ޖެނެރަލް ޑރ. ހަސަން ސައީދުގެ ލަފަޔަކަށް ވީ ނޫ ގާނޫނުއަސާސީގެ ދަށުން ވެސް ސިޔާސީ ޕާޓީ އުފެއްދޭނެ ކަމެވެ.
އިބްރާހިމް އިސްމާއިލް ވިދާޅުވި ގޮތުގައި ގާނޫނުއަސާސީ ޑްރާފްޓް ކުރަމުން ދިޔަ އިރު ޖަމިއްޔާ/ޖަމާއަތްތައް ހެދުމުގެ މިނިވަންކަމުގެ މާއްދާއަށް ސިޔާސީ ޕާޓީގެ ބައި ވަކިން ހިމެނީ، ކުރީގެ އެ ތަޖުރިބާއަށް ބައްލަވާފަ އެވެ.
"ތ. އަތޮޅު މެމްބަރު ހަސަން އަފީފް ވިދާޅުވީ އޭގައި ލިޔަންވާނޭ ކަނޑައެޅިގެން ސިޔާސީ ޕާޓީއޭ. ސިޔާސީ ޕާޓީ ހެދުމުގެ ހައްގު ވަކިން ލިއެފައި ބާއްވަންވާނޭ. އެހެންނޫނީ އަނެއްކާވެސް ކިޔައިފާނެއޭ އުހު މި މާއްދާ އޮތް ގޮތަކުން ސިޔާސީ ޕާޓީއެއް ނުހެދޭނޭ. އެހެންވެ ސިޔާސީ ޕާޓީއަކީ ހެދޭ އެއްޗެއްކަން ގާނޫނުއަސާސީގައި ވަކިން ލިއެފައި އެ އޮތީ ވެސް،" ތަފްސީލް ދެއްވަމުން އިބްރާހިމް އިސްމާއިލް ވިދާޅުވި އެވެ.
ގާނޫނުއަސާސީގައި ސިޔާސީ ޕާޓީތަކުގެ ވާހަކަ ދެން އަންނަނީ ވަކި މަގާމުތަކަކަށް މީހުން އައްޔަންކުރާ އިރު ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ނުވެވޭނެ ކަމަށް ކަނޑައަޅާފައި އޮންނަ ތަންތަނާއި އިލެކްޝަންސް ކޮމިޝަންގެ ޒިންމާތަކުގެ ތެރޭގައި 'ސިޔާސީ ޕާޓީތައް ރަޖިސްޓްރީކުރުމާއި ސިޔާސީ ޕާޓީތަކާ ގުޅޭ ގޮތުން އިލެކްޝަންސް ކޮމިޝަނުން ކުރަން ޖެހޭނެ ކަމަށް ގާނޫނުން ކަނޑައަޅާފައިވާ ކަންކަން ކުރުމު'ގެ ބައިގަ އެވެ.
"އެހެން ނޫނީ ސިޔާސީ ޕާޓީއެއްގެ ވާހަކަ ވެސް ގާނޫނުއަސާސީގައި ނޯންނާނެ،" އިބްރާހިމް އިސްމާއިލް ވިދާޅުވި އެވެ.
"ދެން އެހެންވިއްޔާ ކީކުރަންތޯ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ ވާހަކަ ކިޔާއިރު ސިޔާސީ ޕާޓީއަކަށް ހަވާލާދޭންވީ؟ ނޫނީ ރައީސުލްޖުމްހޫރިއްޔާގެ މގާމުގެ ވާހަކަ ލިޔާއިރު ސިޔާސީ ޕާޓީއަކަށް ހަވާލާދޭންވީ ކީއްކުރަންތޯ؟ ބޭކާރު ކަމެއް ނޫންތޯ؟ އޭގެ އިތުރުން އޮޅުންބޮޅުން ނުކުންނާނެ ނޫންތޯ؟ އެހެންވެ ގަސްދުގައި ނުލާ އޮތް އެއްޗެއް. ލާން ނުޖެހޭ އެއްޗެއް. އޮންނަން ޖެހޭ އެއްޗެއް ނޫން."
އެކަމަކު މިއަދު ސިޔާސީ ޕާޓީތަކުގެ އަނދަގޮނޑީގައި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ހައްޔަރުވީ އެވެ. ގާނޫނުއަސާސީއަށް ގެނައި އެ އިސްލާހުގެ ސަބަބުން ގާނޫނުއަސާސީގެ އަސްލު ބާރު ކެނޑުނީ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.
އިބްރާހިމް އިސްމާއިލް ވިދާޅުވި ގޮތުގައި މެމްބަރުންގެ ބާރު ކަނޑުވާލުމަކީ ރައްޔިތުންގެ ބާރު ކަނޑުވާލުމެވެ. ރާއްޖޭގެ ހުރިހާ ބާރެއް އުފެދިގެން އަންނަނީ، ގާނޫނުއަސާސީ އޮތް ގޮތުން، ރައްޔިތުންގެ މަޖިލިހުގެ ތެރެއިންނެވެ. އެއީ ވެސް ގައުމުގެ ހުރިހާ ކަމެއްގައި ރައްޔިތުން ބާރުވެރިކުރަން ކަނޑައެޅި ކަނޑައެޅުމެއް ކަމަށް، ވިދާޅުވި އެވެ.
"އަޅުގަނޑަށް ސިފަވަނީ ގާނޫނުއަސާސީ ކަފުންކޮށްފައި ވަލުލުން. ދިވެހިރާއްޖޭގެ ގާނޫނުއަސާސީ ނައްތާލީ. އިފެކްޓިވްލީ ކުރި ކަމަކީ އެއީ. އޭގެ ނަތީޖާއަކީ އެއީ. ގާނޫނުއަސާސީ ނެތުނީ،" އިބްރާހިމް އިސްމާއިލް ވިދާޅުވި އެވެ.
ސިޔާސީ ޕާޓީއަކީ ގާނޫނުއަސާސީގައި އެއްވެސް މަސްއޫލިއްޔަތެއް ކަނޑައަޅާފައި ނެތް 'ގުނަވަނެކެ'ވެ. އެއީ އެހެން ވެސް ދާއިރާތަކުން ޖަމިއްޔާ/ޖަމާއަތްތައް ހަދައިގެން މަސައްކަތްކުރެވޭ ބީދައިން ސިޔާސީ އެއްފިކުރެއްގެ ބަޔަކު ސިޔާސީ ގޮތުން ހިންގާ ޖަމިއްޔާ ނުވަތަ ޖަމާއަތެކެވެ. އެއީ ރައްޔިތުންގެ މެމްބަރުންގެ މިނިވަންކަމަށް އަރައިގަނެވޭނެ ފަދަ ބާރު ހުރި ޝަހުސެއް ކަމަކަށް، ގާނޫނުއަސާސީ ނުބުނެ އެވެ.
ސިޔާސީ ޕާޓީ: ސިއްރުން ކުރަމުން އައި ކަމެއް ރަސްމީކޮށްލުން
ސިޔާސީ ޕާޓީ ރަޖިސްޓްރީކޮށްގެން ހިންގަން ޖެހެނީ، އިބްރާހިމް އިސްމާއިލް ވިދާޅުވި ގޮތުގައި، އަޑިއަޑިން ސިޔާސީ ކަންކަން ކުރުން ހުއްޓުވާށެވެ. ގްރީކްގެ ފިލޯސަފަރު ޕްލޭޓޯ ބުނެފައި އޮތް ގޮތަށް 'ކޮންމެ އިންސާނަކީ ވެސް ސިޔާސީ މީހެއް' ކަމަށް ވިދާޅުވި އެވެ. ރާއްޖޭގައި ސިޔާސީ ޕާޓީ ރަޖިސްޓްރީނުކުރާ އިރު ވެސް ސިޔާސީ އެކި ފިކުރުތައް ގްރޫޕެއްގެ ގޮތުގައި ހިނގަމުން އައިކަން ފަހުގެ މިސާލެއްގެ ގޮތުން އޭނާ ނެންގެވި އެވެ. ކުރީގެ ރައީސް މައުމޫންގެ ވެރިކަމުންނެވެ.
މިއީ ވަކި ބޭފުޅަކަށް ފާޑުކިއުމުގެ ވާހަކައެއް ނޫނެވެ. ހަމައެކަނި ހަގީގީ މިސާލެއްގެ ގޮތުން އިބްރާހިމް އިސްމާއިލް ގެންނެވި ތަންކޮޅެކެވެ. މައުމޫންގެ ކެބިނެޓްގައި ސިޔާސީ ވިސްނުން ތަފާތު ދެ ބޭފުޅަކަށް އޭނާ ދެއްކެވީ ބާރުގަދަ ދެ މިނިސްޓަރުން ކަމަށްވާ އިލްޔާސް އިބްރާހިމް އާއި އަލްމަރުހޫމް އަބްދުﷲ ހަމީދެވެ. އިލްޔާސްއަކީ މައުމޫންގެ ޅިޔަނެވެ. ހަމީދަކީ އެއްބަނޑު އެއްބަފާ ކޮއްކޯފުޅެވެ.
ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އަންނަ އިރު ދެ ބޭފުޅުން ވެސް އެ ބޭފުޅުންނަށް ކޮންޓްރޯލްކުރެވޭ މެމްބަރުން ހޮވަން އިސްކަން ދެއްވަ އެވެ. އެކަމަކު އެއީ އަޑިއަޑިން ކުރައްވާ ކަމެކެވެ.
އެ "ސިޔާސީ ޕާޓީތަކުގެ ކޮންގްރެސް ހިނގާނީ ރޭގަނޑު ދަންވަރު ކޮންމެވެސް އެއްގެއެއްގެ ބަދިގޭގައި. އެކަމަކު އެކަން ހިނގައެއް ނޫންތޯ. ކޮންމެ އިންތިހާބެއް ކައިރިވާއިރަށް އިލްޔާސް އިބްރާހިމަށް ތާއީދުކުރާ މީހުން އެއްވެގެން ކޮންމެވެސް ކެންޑިޑޭޓުންތަކަކަށް ތާއީދުކުރުމާއި އަބްދުﷲ ހަމީދުގެ އަރިހުގައި ތިބި ބަޔަކު [އެމީހުން ބޭނުންވާ ބަޔަކަށް] ތާއީދުކުރުން. އެ ހިނގާނީ ވަގުވަގަށް، ސިއްރުސިއްރުން، ވައިއަޑުން. އެކަަމަކު ސިޔާސީ ޕާޓީ [ރަޖިސްޓްރީމާ] ސިއްރުން ކުރާ ކަމެއް ހުރެގެން ނުވާނެ."
"ދަންނަވަން މި އުޅޭ ވާހަކައަކީ ސިޔާސީ ޕާޓީއަކީ އިންސާނީ ތަބީއަތުގައި އޮތް ކަމެކޭ. ސިޔާސީ ގޮތުން ބާރުވެރިކަން ހޯދަން އެކުވާ ބައެއް އެއީ ސިޔާސީ ޕާޓީ ނޫންތޯ. ތަނެއްގައި ނަން ބޯޑު ޖަހާފައި އޮތުމާއި ނެތުމާ [އެކު ވެސް] އެކަން ހިނގާނެ. ކޮންމެ އިންސާނަކީ ސިޔާސީ މީހެކޭ. އެއާ ނުލައެއް އިންޖުތިމާއީ ގުޅުމެއް ނުހިނގާނެ."
އެކަމަކު ސިޔާސީ ޕާޓީއަކީ ގާނޫނުއަސާސީގައި އެއްވެސް ބާރެއް ލިބިފައިވާ ހަރަކާތެއް ނޫނެވެ. އެހެންކަމުން ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ ގޮނޑި ގެއްލުމާއި ސިޔާސީ ޕާޓީތަކާ ގުޅުވައިގެން ގާނޫނުއަސާސީ އިސްލާހުކުރުމަކީ، އިބްރާހިމް އިސްމާއިލް ވިދާޅުވި ގޮތުގައި، ގާނޫނުއަސާސީގެ ބާރު ކަނޑުވާލުމެވެ.
ރައީސް މުއިއްޒުގެ ބާރު އޮތް މަޖިލިހުން ކުއްލިއަކަށް ގާނޫނުއަސާސީއަށް އެ ބަދަލު ގެނައުމުގެ އެއް ސަބަބަކީ އެމަނިކުފާނާ ދެކޮޅަށް މެމްބަރުން ނުކުންނަވާފާނެކަމުގެ ބިރެވެ. ނުވަތަ މުއްސަނދިންގެ ނުފޫޒުގައި ޕާޓީ ބަދަލުކޮށް، ޕީއެންސީއަށް މެޖޯރިޓީ ގެއްލުމުގެ ބިރެވެ.
ގާނޫނުއަސާސީ ޑްރާފްޓްކުރި އިރު ވެސް މެމްބަރުން ޖަވާބުދާރީކުރުވުމުގެ ބަހުސްތައް ކުރިއަށް ދިޔަ އެވެ. ބޭރުގެ ތަޖުރިބާކާރުން ވެސް އެވާހަކަތަކަށް ލަފާ ދެއްވި އެވެ. އިބްރާހިމް އިސްމާއިލް ވިދާޅުވި ގޮތުގައި ގާނޫނުއަސާސީ ޑްރާފްޓްކުރުމުގެ މަސައްކަތަށް އެހީތެރިވެދެއްވި ބޭރުގެ ޕްރޮފެސަރަކު ވިދާޅުވީ ޑިމޮކްރަސީއެއްގައި ރައްޔިތުންގެ މަޖިލިހުން ބޭނުންވާ ކަމެއް ކުރާނެ ކަމަށެވެ. އެ މެމްބަރުން ޒިންމާދާރުކުރުވާނީ ދެން އަންނަ އިންތިހާބުގައި ރައްޔިތުން ކަމަށް އޭނާ ވިދާޅުވި ވިދާޅުވުން އިބްރާހިމް އިސްމާއިލްގެ ހަނދާނުގައި މިހަރު ވެސް އެބަ ހުއްޓެވެ.
ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ހޮވަނީ ކޮންމެ ދާއިރާއެއްގެ ރައްޔިތުންނެވެ. އެ މީހުން ގޯސްކޮށް އަމަލްކޮށްފި ނަމަ އެއަށް ދެން އަންނަ އިންތިހާބުގައި ޖަވާބުދާރީކުރުވާނީ ވެސް އެ ރައްޔިތުންނެވެ.
އެހެންވީމާ "އަނެއްކާވެސް ބާރު މި އޮތީ ކޮން ތާކުތޯ؟ ރައްޔިތުންގެ އަތުގައި،" އިބްރާހިމް އިސްމާއިލް ވިދާޅުވި އެވެ.
ގާނޫނުއަސާސީގެ ރޫހަކީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް މިނިވަންކަމާ އެކު މަސައްކަތްކުރުމެވެ. އެއީ ވަކި ޕާޓީއެއްގެ މަސްލަހަތު، ވަކި ވެރިއެއްގެ ވެރިކަން ދިފާއުކުރުމެއް ނޫނެވެ. ގާނޫނުއަސާސީ ދިފާއުކުރުމެވެ.
"ކޮންމެ މެމްބަރަކީ އޭނާ ކުރާ ކޮންމެ ކަމެއްގައި، ނިންމުމެއްގައި، މުޅި ރާއްޖޭގެ ލާބަޔާއި މަންފާއަށް ވިސްނައިގެން ކަންތައް ކުރަން ޖެހޭ މީހެއް. އެޔަކު ނޯންނާނެ ޕާޓީއެއް ތަމްސީލްކުރާ ވާހަކައެއް. އެޔަކު ނޯންނާނެ ސަރުކާރަށް ތާއީދުކުރާ ވާހަކައެއް، ސަރުކާރާ ދެކޮޅު ވާހަކައެއް ވެސް،" އިބްރާހިމް އިސްމާއިލް ވިދާޅުވި އެވެ.
"ވެގެން އުޅޭ ގޮތަކީ ރައްޔިތުންގެ މަޖިލިހުގެ ތެރެއަށް އެވަރަށް ވަންނަން ނުޖެހޭ އެއްޗެއް ވަދެގެން މި އުޅެނީ. ޕާޓީ އެއީ މައްސަލައަކީ."
އެކަމަކު މިއަދު މި އޮތީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަކީ ސިޔާސީ ޕާޓީތަކުގެ އަޅުންނަށް ވެފަ އެވެ. ސިޔާސީ ޕާޓީން ބުނާ ކަމެއް ނޫން ކަމެއް އެ މީހުންނަށް ކުރެވޭކަށް ނެތެވެ. މެމްބަރުންގެ މިނިވަންކަން އަމިއްލައަށް ދޫކޮށްލީ އެވެ.
އެކަމަކު އިބްރާހިމް އިސްމާއިލް ވިދާޅުވި ގޮތުގައި މެމްބަރުން އެ ދޫކޮށްލީ އެ މީހުންގެ އަތުގައި އޮތް ބާރެއް ވެސް ނޫނެވެ.
"އެއީ ރައްޔިތުންގެ ބާރު. އެއީ ވަރަށް ބޮޑު ހިޔާނާތެކޭ އެވީ. ރައްޔިތުން ހަވާލުކުރީ އެމީހުންނަށް މަސްއޫލިއްޔަތެއް. އެ މީހުން ގޮސް ރައްޔިތުންގެ ކަރުގައި މި ހިފީ. ރައްޔިތުންގެ ބާރު ދޫކޮށްލީ. ވެރިކަމުގެ ފަރާތަށް ނުވަތަ ޕާޓީގެ ފަރާތަށް،" އޭނާ ވިދާޅުވި އެވެ.
ގާނޫނުއަސާސީން އަސްލު ފެންނަނީ ބާރެއް ނެތް، ނިކަމެތި ރައްޔިތުންގެ މަޖިލިހެއް ނޫނެވެ. އެއާ ހިލާފަށް އެއީ ވަރަށް ވަރުގަދަ، އެހާމެ ބާރުގަދަ، މަސްއޫލިއްޔަތުތައް ގިނަ ޝަހުސެކެވެ.
ކޮމެންޓް (5)
މަހެވެނީ
ސިކުނޑި
އަލީ
ހާހާ
ބަދީޢު