މެންބަރު ސައުދުﷲ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ (ފައިލް ފޮޓޯ/މަޖިލިސް)

ޕާޓީން ވަކިކުރުމުން ގޮނޑި ގެއްލޭ ގޮތަށް ހަދަން ޕީއެންސީގެ ސައުދުﷲ ދެކޮޅު

ސައުދުﷲއަކީ 18 ވަނަ މަޖިލީހުގައި އޭރު އޮތް ޕީޕީއެމްގެ ސަރުކާރާ ދެކޮޅަށް ނުކުތުމުން ގޮނޑި ގެއްލުވާލި 12 މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މެންބަރެއް

މެންބަރުންގެ ގޮނޑި ގެއްލޭނެ ހަތަރު ހާލަތެއް ބަޔާންކޮށް ގާނޫނުއަސާސީއަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހުގައި ޕާޓީން ވަކިކުރާ މެންބަރެއްގެ ގޮނޑި ވެސް ގެއްލޭނެ ކަމަށް ބަޔާންކޮށްފައި އޮތުމުން ތިނަދޫ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު ސައުދުﷲ ހިލްމީ މިއަދު ކަންބޮޑުވުން ފާޅު ކުރައްވައިފި އެވެ.

ވީ ކިހިނެއް؟ - ސަރުކާރުގެ ފަރާތުން ޕީއެންސީ ޕާލިމަންޓްރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު، ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު (ޝާޑު)، މިއަދުގެ މަޖިލިސް ޖަލްސާއަށް ގާނޫނުއަސާސީއަށް ހުށަހެޅުއްވި އިސްލާހު ބަލައިގަނެ، އަވަސް ކުރުމަށް މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވުމަށް ފަހު، އެ ކޮމިޓީން މިހާރު ވަނީ އެ ބިލު ފާސްކޮށްފަ އެވެ.

އެ ބިލަށް ޖުމްލަކޮށް ތާއީދު ކުރެއްވި ނަމަވެސް، އޭގައި ޕާޓީން ވަކި ކުރާ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް އޮތުމުން އެކަމާ ކަންބޮޑުވުން ފާޅުކުރައްވައި ސައުދުﷲ ވާހަކަ ދެއްކެވީ، ކޮމިޓީ ބައްދަލުވުމުގައި އެ ބިލު ފާސް ކުރަން ވޯޓަށް އެހުމުގެ ކުރިންނެވެ.

ބުނީ ކީކޭ؟ - "އަޅުގަނޑު ހިތާއި ރޫހުން ގަބޫލު ކުރާ އިސްލާހެއް މިއީ. އެހެން ނަމަވެސް އިސްލާހުގައި ޕާޓީން ބޭނުންވީމަ، ޕާޓީން ބޭނުން ވަގުތަކު، މެންބަރު ވަކިކުރެވޭނެ އުސޫލެއް އޮތުން އެއީ އަޅުގަނޑު ވެސް އެހާ ހިތްހަމަޖެހޭ ކަމެއް ނޫން،" 18 ވަނަ މަޖިލީހުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާ ދެކޮޅަށް ނުކުމެވަޑައިގެންނެވުމުގެ ސަބަބުން އޭރު ގޮނޑި ގެއްލުވާލި ޕީޕީއެމްގެ 12 މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ސައުދުﷲ ވިދާޅުވި އެވެ.

"އެހެންވީމަ، އަޅުގަނޑު އުންމީދު ކުރަން ކޮމިޓީ މަރުހަލާގައި އެއަށް ބަދަލުތަކެއް ގެނެވިގެން ރަނގަޅު ގޮތެއް އަންނާނެ ކަމަށް."

ތަފްސީލު - ސައުދުﷲ ގަބޫލު ކުރައްވާ ގޮތުގައި، ޕާޓީން ކަނޑާލާ މެންބަރެއްގެ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅަން ވާނީ ވެސް ހައި ކޯޓުން ނުވަތަ ސުޕްރީމް ކޯޓާ ހަމައިންނެވެ.

"އެއީ މެންބަރަކު މަޖިލީހަށް އަންނަނީ ވެސް މެންބަރު ވެސް އަދި މެންބަރުގެ ފަރާތުން މަސައްކަތްތަކެއްކޮށް، ވަރަށް ގިނަ ހަރަދުތަކެއް ކޮށްގެން. އެހެންވީމަ، ޕާޓީން ބޭނުންވިހާ ވަގުތަކު، އެ ބޭނުންވި ގޮތަކަށް ވަކި ކުރުމުގެ އިހްތިޔާރު އޮތުމުގެ ސަބަބުން އެއީ އެންމެ ހަމަޖެހޭ ކަމެއް ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" ސައުދުﷲ ވިދާޅުވި އެވެ.

ގާނޫނުއަސާސީގެ އިސްލާހު ދިރާސާ ކުރި މުޅި މަޖިލީހުގެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ސައުދުﷲ ވާހަކަ ދައްކަވަނީ (ފޮޓޯ/ މަޖިލިސް)

ޕާޓީއެއްގެ ޓިކެޓްގައި ވާދަކުރައްވައި އެ މެންބަރު އެހެން ޕާޓީއަކާ ގުޅިވަޑައިގެންފި ނަމަ ނުވަތަ އަމިއްލައަށް އެ މެންބަރަކު ޕާޓީން ވަކިއްވެވަޑައިގެންފި ނަމަ ގޮނޑި ގެއްލެން ވާނެ ކަމަށް ގަބޫލުކުރައްވައި އެ ކަމަށް އޭނާ ވަކާލާތު ކުރެއްވި އެވެ.

އިދިކޮޅު އެމްޑީޕީގެ މެންބަރުން މި އިސްލާހާ ދެކޮޅު ހައްދަވަމުންގެންދަވާތީވެ، އެ ޕާޓީއަށް ފާޑުވިދާޅު ވެސް އޭނާ ވާހަކަ ދެއްކެވި އެވެ.

އޭގެ އިތުރުން، މި ބިލުގައި އިގްތިސާދީ ސަރަހައްދު ކަނޑައެޅުމާ ގުޅޭ ގޮތުން އަދި ރައްޔިތުންގެ ހިޔާލު ހޯދުމާ ގުޅޭ މާއްދާއަށް ހުށަހަޅާފައިވާ އިސްލާހުތަކަށް ވެސް އޭނާ ތާއީދުކުރެއްވި އެވެ.

ފާހަގަކޮށްލެވޭ ކަމެއް - ޕާޓީން ވަކިކުރާ މެންބަރެއްގެ ގޮނޑި ގެއްލުމާ ދެކޮޅަށް ސައުދުﷲ ވާހަކަ ދެއްކެވި ނަމަވެސް، ކޮމިޓީން ބިލު ފާސްކޮށްފައިވަނީ އެ ބިލުގެ އެ މާއްދާއަށް އެއްވެސް ބަދަލެއް ނުގެނެސް ސަރުކާރުން ހުށަހަޅާފައިވާ ގޮތަށެވެ.

މިއަދު ހަވީރު 5:30ގައި ބާއްވާ މަޖިލީހުގެ ޖަލްސާއަށް މި ބިލު ވަނީ އެޖެންޑާކޮށްފަ އެވެ. އެ ޖަލްސާގައި ޕީއެންސީ މެންބަރުން މި ބިލަށް އިތުރު އިސްލާހެއް ނުވަތަ އިސްލާހުތަކެއް ހުށަހެޅުމަށް މަޝްވަރާ ކުރައްވަމުން ގެންދަވާކަން ވަނީ އެނގިފަ އެވެ. 

މިހާ އަވަސް އަރުވާލައިގެން އެއް ދުވަސް ތެރޭ ގާނޫނުއަސާސީ އިސްލާހުކުރަން އުޅޭތީ އެމްޑީޕީން ވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެމްޑީޕީން ދެކޮޅު ހަދަމުންދާ އެއް ކަމަކީ، ސައުދުﷲ ވެސް ވާހަކަ ދެއްކެވި ގޮތަށް ޕާޓީން ވަކިކުރާ މެންބަރުންގެ ވެސް ގޮނޑި ގެއްލޭ ގޮތަށް ބިލުގައި އޮތުމުންނެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް