ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހްމަދު ނަސީމް(ފައިލް ފޮޓޯ/މަޖިލިސް)

ގޮނޑިގެއްލުވާލާ އިސްލާހު އޮތީ، މެންބަރުންގެ ބާރު ރައީސް އޮފީހުގެ ފިނި ކޮޓަރިއަކަށް ޖަމާ ކުރަން: މީކާއިލް

އަވަސް އަރުވާލައިގެން ގާނޫނުއަސާސީ ބަދަލު ކުރާތީ މީކާއިލް ކަންބޮޑުވުން ފާޅު ކުރެއްވި

ޕާޓީ ބަދަލުކުރާ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީ އިސްލާހުކުރަނީ ރައްޔިތުން ތަމްސީލު ކުރުމުގެ ކުޑަ ކުޑަ ބާރުވެސް އަތުލައި، ރައީސް އޮފީހުގެ ފިނި ކޮޓަރިއަކަށް ޖަމާކުރަން ކަމަށް ގަލޮޅު ދެކުނު ދާއިރާގެ އެމްޑިޕީ މެންބަރު މީކާއިލް އަހްމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މަޖިލިސް މެންބަރަކު ނިސްބަތްވާ ޕާޓީން އެމީހަކު ވަކިކޮށްފި ނަމަ، ނުވަތަ އަމިއްލައަށް ވަކިވެއްޖެ ނަމަ، އެ މީހެއްގެ މެންބަރު ކަމުގެ ގޮނޑި ގެއްލޭ ގޮތަށް ސަރުކާރުގެ ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު، ހުޅުދޫ ދާއިރާގެ މެންބަރު ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް މިއަދުގެ މަޖިލިސް ޖަލްސާއަށް ހުށަހެޅުއްވި ބިލުގެ އިބްތިދާއީ ބަހުސްވެސް މިއަދުގެ ޖަލްސާގައި ފަށާއި، މިހާރު ވަނީ ނިންމާލަފަ އެވެ. އަދި އެ ބިލު މިއަދުން މިއަދަށް ފާސް ކުރުމަށް މިހާރު ވަނީ، މުޅި މަޖިލިސް ކޮމިޓީއަށް ދިރާސާ ކުރަން ފޮނުވާފަ އެވެ.

"ރައްޔިތުންނަށް ނިޔަތް ވަރަށް ސާފު، ރައްޔިތުންނަށް ނިޔަތް ވަރަށް ސާފު. މިއުޅެނީ، ރައްޔިތުންގެ މަންދޫބުންގެ އަތުގައި މި އޮތް ކުޑަ ކުޑަ ބާރުވެސް، ރައްޔިތުންގެ މަބްދޫބުންގެ އަތުގައި ރައްޔިތުން ތަމްސީލު ކުރުމުގެ ކުޑަ ކުޑަ ބާރުވެސް، ރައީސް އޮފީހުގައި އިންނަ ފިނި ކޮޓަރިއަކަށް ޖަމާކުރަން މި ކުރެވޭ މަސައްކަތުގައި އަޅުގަނޑުމެން ދެކޮޅު ހަދަން ޖެހޭ،" މި ބިލުގެ އިބްތިދާއީ ބަހުސްގައި މީކާއިލް ވިދާޅުވި އެވެ.

ތަފްސިލު - ބިލު ބަލައިގަތުމަށް ވޯޓަށް އެހުމުގެ ކުރިން ކުރިއަށް ދިޔަ އިބްތިދާއީ ބަހުސްގައި މީކާއިލް ވިދާޅުވި ގޮތުގައި މެންބަރަކު އިންތިހާބުވާ ޕާޓީ ބަދަލު ކުރުމުން އެ މެންބަރެއްގެ ގޮނޑިގެއްލޭ ގޮތަށް އޮނަން ޖެހޭ އުސޫލަކީ އޭނާވެސް ގަބޫލު ކުރާ އުސޫލެއް ކަމަށެވެ. އެގޮތުން:

  • މީހާ އިންތިހާބުވާ ޕާޓީން އެމީހާ ބަދަލުކުރާނަމަ، އެމީހާގެ ގޮނޑި ގެއްލޭނެ އިޖުރާއަތްތަކެއް، އުސޫލުތަކެއް ހަމަޖެހިފައި އޮންނަން ޖެހޭ ކަމަށް އޭނާ ވަކާލާތު ކުރެއްވި

  • ނަމަވެސް އޭނާގެ ކަންބޮޑުވުމަކީ، އަވަސް އަރުވަލައިގެން ގާނޫނުއަސާސީ ފާސްކުރަން އުޅުން

  • އޭގެ އިތުރުން ހުށަހަޅާފައިވާ އިސްލާހުގައި ޕާޓީން އެ މެންބަރަކު ވަކި ކުރާ ހާލަތުގައިވެސް އެ މެންބަރެއްގެ ގޮނޑި ގެއްލޭ ގޮތަށް އޮތުމުން އެކަމާ އޭނާ ކަންބޮޑުވުން ފާޅު ކުރެއްވި

"އަޅުގަނޑުމެން ފާހަގަކޮށްލަން ޖެހޭ އެންމެ މުހިންމު އެއް ކަމަކީ، އިއްޒަތްތެރި ރައީސް، މި ބަދަލުކޮށްލަނީ މުޅި މި ދިވެހި ދައުލަތުގެ ދުސްތޫރު. ގާނޫނުއަސާސީއަށް މި އިސްލާހު ހުށަހަޅަނީ. ގާނޫނުއަސާސީއަށް އިސްލާހު ހުށަހަޅާއިރު، މިއަދުން މިއަދަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅި، މި ރައްޔިތުންގެ މަޖިލީހުގައި އެޖެންޑާކުރެވި، މި ރައްޔިތުންގެ މަޖިލީހުގައި އެ ބިލުގެ ބަހުސް ކުރެވި، ކޮމިޓީއަށް ފޮނުވައި، 24 ގަޑިރުތެރޭ ރެއާ ދުވާލު މި ރައްޔިތުންގެ މަޖިލިސް މަސައްކަތްކޮށްގެން ގާނޫނުއަސާސީ އިސްލާހުކުރަން މި ތެޅިގަންނަ ސަބަބު، ކެތް ނުލަވައިގެން އުޅޭ ސަބަބު، ރައްޔިތުންނަށް އޮޅުންފިލާން ޖެހޭ،" އޭނާ ވިދާޅުވި އެވެ.

"ރައްޔިތުންނަކީ މޮޔައިން ކަމަށް ދެކިގެން، އަދުގެ ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ކުއްލި ކުއްލިއަަށް މުޅި ދުސްތޫރު، މުޅި ނިޒާމް، މުޅި ގާނޫނުއަސާސީ ބަދަލުކުރަން ހުށަހެޅީމަ އިއްޒަތްތެރި ރައީސް އެކަމާ އަޅުގަނޑުމެންނަށް އެއްބަހެއް ނުވެވޭނެ."

މީކާއިލް ސިފަ ކުރެއްވި ގޮތުގައި މި އިސްލާހަކީ "ނުރައްކާތެރި، ގައިރު ދުސްދޫރީ އަދި ގާނޫނުއަސާސީއާ ހިލާފު" އިސްލާހެކެވެ. އެއާއެކު އެވަގުތު ރިޔާސަތުގައި އިންނެވި މަޖިލިސް ރައީސް އަބްދުރައްހީމްއަށް ނިސްބަތްކޮށް، އޭނާވެސް މި އިސްލާހާ ދެކޮޅު ހެއްދެވުމަށް މީކާއިލް އެދިވަޑައިގެންނެވި އެވެ.

"ތިޔައީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް. މިއަދު ތިއީ، ޕީއެންސީގެ ޗެއާޕާސަންއެއް ނޫން. މިއަދު ތިއީ، މުއިއްޒުގެ އަރިސް ބޭފުޅެއް ނޫން. މިއަދު ތިއީ، މި މިނިވަން މުއައްސާސާ، އިއްޒަތްތެރި ރައީސް، މި ފެން ހިފޭ މިނިވަން މުއައްސަސާގެ އެންމެ އިސް ފަރާތް،" އަބްދުއްރަހީމްއަށް ނިސްބަތްކޮށް އޭނާ ވިދާޅުވި އެވެ.

އެ އިސްލާހުގައި މެންބަރަކު ޕާޓީން ވަކިކުރުމުން ގޮނޑިގެއްލޭ ގޮތަށް އޮތުުމުން، އެކަމާ ކަންބޮޑުވުން ފާޅުކޮށް މީކާއިލް ވިދާޅުވީ:

  • އެފަދަ ހާލަތެއްގައި މެންބަރެއްގެ ގޮނޑި ގެއްލެން ވަނީ، ރައްޔިތުން ގާތު އަހައިގެން، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް އަހައިގެން

  • ބާރުތައް ޖަމާކުރަންވީ ސިޔާސީ ޕާޓީތަކަށް ނޫން، ރައްޔިތުންނަށް. 

  • ތާފާސް ހިސާބުތަކާއި އެކި ރީސާޗުތަކުން އެނގޭ ގޮތުގައި ދިވެހި ރައްޔިތުން ތެރޭ ސިޔާސީ ޕާޓީތަކަށް ކުރާ އިތުބާރު އިންތިހާއަށް ކުޑަ

"ސިޔާސީ ޕާޓީއެއްގެ ލީޑާޝިޕްގައި ތިބޭ މަދު، ހަތަރު ފަސް ބޭފުޅުންނަށް ރައްޔިތުންގެ ތެރެއިން 5،000 މީހުން އިންތިހާބު ކުރާ ރައްޔިތުންގެ މަންދޫބެއް، އެއް ދުވަސް ތެރޭ ވަކިކޮށްލެވޭ ގޮތަށް އޮތް އޮތުން އެއީ ރަގަނޅު ގޮތެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުން ދެކޭނެ ކަމަށް އަޅުގަނޑު ގަބޫލު ކުރަން،"

"ވިސްނާލަން ޖެހޭ ކަމެއް، ޕާޓީގެ އެންމެ އިސްވެރިން ބޭނުންވާ ކޮންމެ ދަނޑިވަޅެއްގައި، ޓޮއް ކިޔާފައި، އިއްޒަތްރި ރައީސް ޓޮއް ކިޔާފައި ވަކިކޮށްލުމުގެ އުސޫލު އެއީ އަޅުގަނޑުމެން ގަބޫލުކުރާ އުސޫލެއް ނޫން."

މިކާއިލްގެ އިތުރުން، މި ބިލަށް ވާހަކަ ދެއްކެވި އެމްޑީޕީއަށް ނިސްބަތް ވެވަޑައިގަންނަވާ އެހެން މެންބަރުންވެސް ވަނީ ޕާޓީއަކުން މެންބަރުން ކަނޑާލާ ހާލަތުގައި ގޮނޑި ގެއްލިގެން ނުވާނެ ކަމަށެވެ. 

ކޮމެންޓް (1)

ތެފައާސާ.

20 ނޮވެމްބަރު 2024
މަޖިލިސް އުވާލާފައި ރައީސް އޮފީހުގެ ވަކި ޑިޕާރޓްމަންޓަކަށް ހަދަން ފެނޭ. ޑިޕާރޓްމަންޓް އޮފް ރަބަރ ސްޓޭޕްމް މަޖިލިސް ކިޔާނީ. ޙަރަދުވެސް ކުޑަވާނެ.
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް