މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް ވާހަކަ ދައްކަވަނީ (ފޮޓޯ/ މަޖލިސް)
ގާނޫނުއަސާސީ އިސްލާހު ކުރަނީ މެންބަރުން ގަނެވިއްކުން ހުއްޓުވަން: ނާޒިމް
މަޖިލީހުގެ މެންބަރަކު ނިސްބަތްވެވަޑައިގަންނަވާ ޕާޓީން އެ ބޭފުޅަކު ވަކިކޮށްފި ނަމަ ނުވަތަ އަމިއްލައަށް ވަކިވެވަޑައިގެންފި ނަމަ، އެ ބޭފުޅެއްގެ މެންބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ސަރުކާރުގެ ފަރާތުން މިއަދު މަޖިލީހަށް ހުށަހެޅި އިސްލާހަކީ މެންބަރުން "ގަނެވިއްކުން" ހުއްޓުވާ އިސްލާހެއް ކަމަށް މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މެންބަރުންގެ ގޮނޑި ގެއްލޭނެ ހަތަރު ހާލަތެއް ބަޔާންކޮށް، ސަރުކާރުގެ ފަރާތުން ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު، ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް ހުށަހެޅުއްވި ބިލުގެ ބަހުސް މިއަދު ފަށައި އިބުތިދާއީ ބަހުސް ކުރިއަށް ގެންގޮސް، ބިލު ބަލައިގަނެ، މުޅި މަޖިލީހުގެ ކޮމެޓީން ވެސް ވަނީ ފާސްކޮށްފަ އެވެ. އެ ބިލު ފާސްކުރަން މިއަދު ހަވީރު މަޖިލީހުގެ ޖަލްސާއެއް ބާއްވަން ވެސް މިހާރު ވަނީ އެޖެންޑާ ކޮށްފަ އެވެ.
ބުނީ ކީކޭ؟ - އެ ބިލުގެ އިބްތިދާއީ ބަހުސްގައި މިއަދު ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ މެންބަރުން މަޖިލީހުން ވަކިކުރެވޭނެ ހާލަތްތައް ކަޅާއި ހުދުން ބަޔާންކޮށްފައި އޮންނަން ޖެހޭނެ ކަމަށެވެ. މުހިންމު ވޯޓުތަކުގައި އެންމެ ފަހު ވަގުތު މެންބަރުން ޕާޓީ ބަދަލުކުރެއްވުމުން ބޭނުންވާ ނަތީޖާ މީގެ ކުރިން ނުނެރެވިފައި އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ.
"ވޭތުވެދިޔަ މަޖިލީހުގައި އެންމެ ފަހު ވަގުތުކޮޅު 13 މެންބަރަކު އެ ޕާޓީއާ ވަކިވެގެން އެހެން ޕާޓީއާ ގުޅުނު ތަން ފެނިގެން ދިޔަ. އޭގެ ކުރީ ވެރިކަމުގައި 12 މެންބަރެއްގެ މައްސަލަ ސުޕްރީމް ކޯޓަށް ގޮސް، 12 މެންބަރުން ވަކިކުރި ތަން ވެސް ފެނިގެން ދިޔަ،" ނާޒިމް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ބޭނުންވަނީ އެގޮތަށް ކަންތައްތައް ވާކަށް ނޫން. އަޅުގަނޑުމެން ބޭނުންވަނީ ކަޅާއި ހުދުން މެންބަރުން ވަކިވާނެ ހާލަތްތައް ބަޔާންވެފައި އޮތުން."
އޭނާ ވިދާޅުވީ ޕާޓީއެއްގެ ޓިކެޓުގައި ރައްޔިތުންގެ ގާތަށް ވަޑައިގެން، އިންތިހާބުވެވަޑައިގަތުމުން ޕާޓީ ބަދަލު ކުރުމުގެ ފުރުސަތު އޮވެގެން ނުވާނެ ކަމަށެވެ.
"އަޅުގަނޑުމެން އެބަ ޖެހޭ މި ގައުމު މިހާރަށް ވުރެ ރަނގަޅު ހިސާބަކަށް ގެންދާ ކަމަށް ވަންޏާ މަޖިލިސް ތެރޭގައި އިތުބާރާއި ޔަގީންކަން ގާއިމްކުރަން. މަޖިލީހުގެ މެންބަރުންނަކީ ގަނެވިއްކާ ބާޒާރެއްހެން އޮންނަ ތަނެއް ކަމަށް ވަންޏާ އަޅުގަނޑުމެން ގެންނަން މި އުޅޭ ތަރައްގީ ހާސިލެއް ނުކުރެވޭނެ،" ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ:
-
އެ އިސްލާހުން އެއް ދުވަސް ތެރޭ ޕާޓީއަކުން މެންބަރަކު ވަކިކޮށް، ގޮނޑި ގެއްލުވައެއް ނުލެވޭނެ
-
މެންބަރުން ވަކިކުރެވޭނެ ހަމަތަކެއް ގާނޫނުން ގެންނަން ޖެހޭނެ ކަމަށް އޭގައި ބުނެފައިވޭ
-
ގޮނޑި ހުސްވެއްޖެކަން ކަނޑައަޅާނީ ސުޕްރީމް ކޯޓުން؛ އޭގެ ކުރިން ކަންކަން ހިނގާފައިވަނީ ގާނޫނީ ހަމަތަކުގެ މަތިންތޯ ކޯޓުން ކަށަވަރު ކުރާނެ
-
އުފެދޭ ހިޔާލު ތަފާތުވުމެއްގައި ވަކި ނުކުރެވޭނެކަން ވަރަށް ސާފުކޮށް ބަޔާންކޮށްފައި އެބައޮތް
ނާޒިމް ވިދާޅުވި ގޮތުގައި، އެހެން ގައުމުތަކުގައި ވެސް އޮންނަނީ އެގޮތަށް މެންބަރުންނަށް ޕާޓީ ބަދަލު ނުކުރެވޭނެ ގޮތަށެވެ.
"އެންމެ ފުރަތަމަ އިސްލާހުވާން ޖެހޭ އެއް ތަނަކީ މި މަޖިލިސް. މެންބަރުންނަކީ އެއް ޕާޓީން އަނެއް ޕާޓީއަށް ފުންމައިގެން ގޮސް އެ ގޮތަށް އެކި ދުވަހު އެކި ގޮތަށް ވޯޓު ދޭ ބަޔަކަށް ވެއްޖެއްޔާ އަޅުގަނޑުމެންގެ ގާނޫނުތަކާއި އަޅުގަނޑުމެން ފާސްކުރާ ސިޔާސަތުތަކާއި ތަންފީޒުކުރަން ބޭނުންވާ ސިޔާދަތު އެކަށައަޅައި ރައްޔިތުން ބޭނުންވާ ރަނގަޅު ހެޔޮ ވެރިކަމެއް ކޮށްދިނުމަށް ބޭނުންވާ ވަރަށް ބޮޑު ހުރަހަކަށް ވާނެ،" އޭނާ ވިދާޅުވި އެވެ.
"މިއީ ގާނޫނުއަސާސީއަށް ގެންނަން ޖެހޭ އިސްލާހެއް. އަޅުގަނޑުމެން ވެސް ވަކި އުސޫލުތަކަކާއި ހަމަތަކަކާއި އިންތިޒާމެއްގެ ތެރެއިން ރޭވިފައި އޮތް ގޮތަކަށް އަޅުގަނޑުމެންގެ ކަންތައް ކުރިއަށް ގެންދެވޭނީ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މި އިސްލާހު ގާނޫނުއަސާސީއަށް ގެނެސްގެން، އަޅުގަނޑުމެން ވެސް އަޅުގަނޑުމެން މި ތިބެނީ ހަރުދަނާ ގޮތެއްގައިކަން، ފައިސާއަށް ވިކޭނެ ބައެއް ނޫންކަން އަމިއްލައަށް ނިންމައިގެން، އަމިއްލަ ނަފްސަށް އެކަން ގަބޫލުކޮށްދީގެން، އަމިއްލައަށް އިސްލާހުވެގެން."
އޭނާ ވިދާޅުވީ މަޖިލިސް މެންބަރުން އެއްވެސް މީހެއް ނުވަތަ ބައެއްގެ ނުފޫޒުގެ ދަށުވާން ބޭނުންނުވާ ކަމަށެވެ.
ކޮމެންޓް (1)
ސިކުނޑި