މީގެ ކުރިން ބޭއްވި ޖަލްސާއެއްގައި ޔާމީން ވާހަކަ ދައްކަވަނީ (ދައުރު ފައިލް ފޮޓޯ/ ހުސައިން ސުނޭން)

ގާނޫނުއަސާސީ އިސްލާހު ކުރީ ހުދުމުހުތާރު ވެރިކަމެއް ކުރަން: ޔާމީން

ގާނޫނުއަސާސީއަށް ގެނައި އިސްލާހު ޔާމީން ސިފަ ކުރެއްވީ. 'ޑިމޮކްރަސީ ކޮރު ކޮށްލި' އިސްލާހެއްގެ ގޮތުގައި

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލު ކުރުމުން އަދި ޕާޓީން ކަނޑާލުމުން އެ މެންބަރެއްގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހަކީ، ހުދުމުހުތާރު ވެރިކަމެއް ކުރުމަށް ގެނައި އިސްލާހެއް ކަމަށް އިދިކޮޅު ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ރޭ ޕީއެންއެފް އޮފީހުގައި ބޭއްވި ޖަލްސާގައި ޔާމީން މިގޮތަށް ވިދާޅުވީ ގާނޫނުއަސާސީއަށް ގެނައި އިސްލާހު ދިފާއުކޮށް، މަޖިލީހުގެ ރައީސް އަބްދުއްރަހީމް ދެއްކެވި ވާހަކައަކަށް ރައްދު ދެއްވަ އެވެ. ޖަލްސާގެ ތެރެއިން އަބްުދުއްރަހީމްގެ ވާހަކަ ގެންނެވީ، ޕީއެންއެފްގެ އެކްޓިވިސްޓެކެވެ.

ތަފްސީލު - އެ އެކްޓިސްޓުގެ ވާހަކައިގައި ގާނޫނުއަސަސީއަށް ގެނައި އިސްލާހަކީ، ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ލީ ވޯޓު ކަށަވަރުވެގެން ދިޔަ އިސްލާހެއްގެ ގޮތުގައި އަބްދުއްރަހީމް ވިދާޅުވެފައިވާ ކަމަށް ފާހަގަކުރި އެވެ. އެ ވަހާކައަށް ރައްދު ދެއްވައި، ޔާމީން ވިދާޅުވީ:

  • ގާނޫނުއަސާސީގައި ރައްޔިތުންގެ މަޖިލީހުގެ އެންމެ އިސް ދައުރަކަށް އޮންނާނީ ސަރުކާރު ޖަވާބުދާރީކުރުވުން

  • ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް ސަރުކާރަށް ވެސް އަދި ޖުޑީޝަރީއަށް ވެސް ނުކުރެވޭނެ؛ އެކަން ކުރެވޭނީ މަޖިލީހުން

"އިހަށް ދުވަހު [ގާނޫނުއަސާސީއަށް] ގެނައި އިސްލާހަކީ ރައްޔިތުންގެ ވޯޓު ކަށަވަރު ކުރަން ގެނައި އިސްލާހެއް ކަމަށް [އަބްދުއްރަހީމް] ބުނީ. މާތް ކަލާކޯ، ރައްޔިތުންގެ ވޯޓު ކަށަވަރުކުރަން ތި ކުރިކަމަކީ، ރައްޔިތުންގެ އަތްފައި ބުރި ކުރީ. ރައްޔިތުންގެ މަންދޫބުންގެ އަގައިގައި މަލަން އެޅީ. އެއީ ތި ކުރި ކަމަކީ. ލަދު ހުތުރު ކަންތައް ތި ކުރީ. ހުދުމުހުތާރު ވެރިކަމެއް ގާއިމް ތިޔަ ކުރީ. ދިވެހި ރާއްޖެ ދުވަހަކު ނުދާހާ ހިސާބަށް ފަހަތަށް މި ދިޔައީ،" 2013 އިން 2018 އަށް ވެރިކަން ކުރެއްވީ ހުދުމުހުތާރުކޮށް އެތައް ބައެއް ހައްގުތައް ގެއްލޭ ގޮތަށް ކަމަށް  އިދިކޮޅުން އޭރު ކުރި ތުހުމަމަތު އަމާޒުވާ ޔާމީން ރޭ ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ ރާއްޖެއަށް ޒިޔާރަތް ކުރާ އެކަކު ވެސް މި ގައުމަކީ މިހާރު "ޑީމޮކްރެޓިކް ގައުމެކޭ ނުބުނާނެ" ކަމަށެވެ. އަދި

"ރާއްޖޭގެ ގާނޫނުއަސާސީއަށް ތިޔަ ގެނެވުނު އިސްލާހަކީ މިއޮތްހާ ޒަމާނު ކުރި މަސައްކަތް އެތައް ހާސް މޭލެއް ފަހަތަށް [ފޮނުވާލީ]. އެހެންވީމާ ތިޔައީ ފަހުވެރުވެރިވާންވީ ކަމެއް ނޫން. ތިޔައީ ލަދުވެތި ކަމެއް. ޑިމޮކްރަސީ ކަނު ކޮށްލީ. ޑިމޮކްރަސީގެ އަތްފައި ބަޅުކޮށްލީ ތިޔަ،" ޔާމީން ވިދާޅުވި އެވެ.

"އެއީ [ރައީސް] މުއިއްޒު ތިޔަ ކުރެއްވި ކަމަކީ. ސުލްތާނެއްގެ ލަގަބު ހޯއްދަވަން ކުރެއްވި މައްސަކަތެއް ތިޔަ ކުރެއްވީ. އެއްގޮތަކަށް ވެސް ތިޔައީ ރައްޔިތުންގެ އަތްމައްޗަށް ރައްޔިތުންގެ ބާރު ލިބުމެއް ނޫން. ރައްޔިތުންގެ ބާރުގައި ކޮޅުފައިން ޖަހާފައި، ރައްޔިތުން ހަގީގަތުގައި ވެސް ވާ ކޮށްލީ [ނުވަތަ] ޕެރަލައިޒްކޮށްލީ." ކުރީގެ ރައީސް ވިދާޅުވި އެވެ.

އެއާ އެކު ޔާމީން ވިދާޅުވީ ގާނޫނު ދަންނަ އެންމެން ވެސް އެ އިސްލާހު ތަރުޖަމާ ކުރާނީ އެމަނިކުފާނު އެ ވިދާޅުވާ ގޮތަށް ކަމަށެވެ. އަދި އެ އިސްލާހަށް ތާއީދުކޮށް ވާހަކަ ދައްކަވަނީ، ގާނޫނުއަސާސީގައި އޮތް އެއްޗެއް ނޭނގޭ މީހުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ސަރުކާރަށް ބަހުގެ ހަމަލާތައް ދެއްވަމުން ޔާމީން ވަނީ ޕީއެންސީއަށް ތުހުމަތުތަކެއް ވެސް ކުރައްވާފަ އެވެ. އެގޮތުން ވިދާޅުވީ:

  • މިވަގުތު ފައިސާ އޮވެފައި އެތައް ހާސް ބަޔަކަށް ވަޒީފާ ދެވޭތީ ވަކި ވަކި އިންތިހާބުތައް 15 ނުވަތަ 14 ވޯޓުން ކާމިޔާބު ކުރެވިދާނެ؛ އެކަމަކު އެއީ ސަރުކާރަށް އޮތް ހަގީގީ ތާއީދެއް ނޫން

  • މީހުންނަށް ނޭނގި ޕީއެންސީއަށް މެންބަރުން ވެސް ދަނީ އިތުރު ކުރަމުން؛ އަދި ޕީޕީއެމް އުވާލައި، އެ ޕާޓީގައި ތިބި މެންބަރުން ވެސް ޕީއެންސީއަށް ވަގަށް ދަނީ ވައްދަމުން

"[އެކަމަކު] ޖަވާބުދާރީ ކުރުވޭނެ ގޮތެއް ނެތް. ހީފުޅުވަނީތޯ އެ ބޭފުޅުންނަށް ލިބޭނެ ވޯޓު ކަމަށް، ނުލިބޭނެ އެ ވޯޓެއް. އެއީ އެ ބޭފުޅުންނަށް ލިބޭ ވޯޓެއް ނޫން." ޔާމީން ވިދާޅުވި އެވެ.

ކޮމެންޓް (4)

މޭސާ

31 ޑިސެމްބަރު 2024
@ވިލް އެއީ ޒިންމާދާރު އިދިކޮޅު ލީޑަރެއް! އެމްޑީޕީ އެތިބެނީ ހަދާނެގޮތެއް ނޭނގިފައި! ޔާމީނުގެ ސަޕޯޓަރުން އާޓިފިޝަލް ބީޗު ފުރާލާނެ ދުވަހެއް މިވެރިކަމުގައި ދިވެހީން ދެކޭނެ! މިކޮމެންޓް ސޭވް ކޮއްލާފަ ބައިންދާތީ!
0 0

ހަބޭސާ

31 ޑިސެމްބަރު 2024
@ވިލް އެއީ ޒިންމާދާރު އިދިކޮޅު ލީޑަރެއް! އެމްޑީޕީ އެތިބެނީ ހަދާނެގޮތެއް ނޭނގިފައި! ޔާމީނުގެ ސަޕޯޓަރުން އާޓިފިޝަލް ބީޗު ފުރާލާނެ ދުވަހެއް މިވެރިކަމުގައި ދިވެހީން ދެކޭނެ! މިކޮމެންޓް ސޭވް ކޮއްލާފަ ބައިންދާތީ!
0 0

ވިލް

30 ޑިސެމްބަރު 2024
ޔާމީނު ހަމަ މޮޔަވެއްޖެ..ހުންނަ ހަސަދަވެރިކަން
0 1

ސިކުނޑި

30 ޑިސެމްބަރު 2024
@ވިލް އެއީ ޒިންމާދާރު އިދިކޮޅު ލީޑަރެއް! އެމްޑީޕީ އެތިބެނީ ހަދާނެގޮތެއް ނޭނގިފައި! ޔާމީނުގެ ސަޕޯޓަރުން އާޓިފިޝަލް ބީޗު ފުރާލާނެ ދުވަހެއް މިވެރިކަމުގައި ދިވެހީން ދެކޭނެ! މިކޮމެންޓް ސޭވް ކޮއްލާފަ ބައިންދާތީ!
1 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް