ޕީއެންސީއަށް ނިސްބަތްވާ މަޖިލިސް މެންބަރުންނާއެކު މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޖިލީހުގެ ރައީސް އަދި އެ ޕާޓީގެ ޗެއާޕާސަން އަބްދުއްރަހީމް ވާހަކަ ދައްކަވަނީ (ފޮޓޯ/ މަޖިލިސް)
ރައްޔިތުންގެ ވިންދާ ދުރަށްދާ ނަމަ ދައުރުގެ މެދުތެރެއިން މެންބަރު ވަކިކުރެވެން ޖެހޭ: އަބްދުއްރަހީމް
އިންތިހާބުކުރި ދާއިރާގެ ރައްޔިތުންގެ ވިންދާ ދުރުން މެންބަރުން މަސައްކަތް ކުރައްވާ ނަމަ، ދައުރު ހަމަ ނުވަނީސް މެންބަރު ވަކިކުރެވޭ ގޮތަށް އޮންނަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އިއްޔެ ވިދާޅުވެއްޖެ އެވެ.
ވީކިހިނެއް؟ - ދެވަނަ ޖުމްހޫރިއްޔަތަށް 56 އަހަރު ފުރުމުގެ މުނާސަބަތުގައި، އަބްދުއްރަހީމް 'ޕީއެސްއެމް'އަށް ދެއްވި އިންޓަވިއުއެއްގައި ނިޒާމުގައި ރަނގަޅު ކުރަން ފެންނަ ކަމަށް ދެކިވަޑައިގަންނަވާ ކަންކަމުގެ ވާހަކަ ދެއްކެވި އެވެ.
ބުނީ ކީކޭ؟ - އަބްދުއްރަހީމް ވިދާޅުވީ މުޅި ރައްޔިތުންގެ ވޯޓުން އިންތިހާބުކޮށް ދައުލަތުގެ އެންމެ މަތީ ވެރިޔެއްގެ ގޮތުގައި ހުންނަވާ ރައީސް ދައުރުގެ މެދުތެރެއިން މަޖިލީހުން ވަކިކުރެވޭ ގޮތަށް އޮންނަ އިރު މެންބަރުން ވަކިކުރެވެން ޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
"އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ އެންމެ މަތީ ވެރިމީހާ ވަކިކުރެވޭނެ ފުރުސަތު ފަހިވެފައި އޮވެފައި، އޭގެ ދަށަށް އިންތިހާބުކުރާ މީހުން ވަކިކުރެވޭނެ ފުރުސަތު ފަހިވެފައި ނެތުމަކީ މި ޒާމަނަށް ފައިހަމަވާ ކަމެއް ކަމަކަށް،" ވެރިކަންކުރާ ޕާޓީ އަދި މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް ޕީއެންސީގެ ޗެއާޕާސަނަކަށް ވެސް ހުންނަވާ އަބްދުއްރަހީމް ވިދާޅުވި އެވެ.
"އެ ވަގުތަކާ، އެ ޒަމާނަކާ ފައިހަމަވާ ގޮތަށް ގާނޫނުތައް ޖެހޭނެ ބަދަލުކުރަމުން ދާން،" އެ މަނިކުފާނު ގަބޫލުކުރައްވާ ގޮތުގައި ރައްޔިތުން އިންތިހާބުކުރި ސިޔާސީ ފިކުރު ނުވަތަ ޕާޓީއާ ދެކޮޅަށް މަސައްކަތް ކުރުމަކީ ވެސް މެންބަރު ކަމުން ވަކިވާން ޖެހޭ ކަމެކެވެ. އެއީ މި ފަހަކުން ދެކެމުން އައި ގޮތެއް ނޫން ކަމަށާއި އަބަދުވެސް ގަބޫލުކުރި އުސޫލު ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑު އިންތިހާބުކުރީ ފޮނަދޫ ދާއިރާގެ ރައްޔިތުން. އަޅުގަނޑު އިންތިހާބުކުރި ރައްޔިތުންގެ ވިންދާ ދެކޮޅަށް ނުވަތަ ރައްޔިތުން އިންތިހާބުކުރި ފިކުރާ ދެކޮޅަށް މަސައްކަތް ކުރައްވާފައިވާ ނުވަތަ އެ ނޫން ވެސް ސަބަބަކާ ހުރެގެން ވިޔަސް އެ ރައްޔިތުންނަށް އޮންނަން ވާނެ އަޅުގަނޑު މަގާމުން ދުރުކުރެވޭނެ ފުރުސަތު،" އެ މަނިކުފާނު ވިދާޅުވި އެވެ.
މިހާރު ހިނގަމުންދާ 20 ވަނަ ރައްޔިތުންގެ މަޖިލީހުން ވެރިކަމުގެ ނިޒާމު ފުރިހަމަ ކުރުމަށް ގާނޫނުތަކަށް ގެންނަން ޖެހޭ މިފަދަ ބަދަލުތައް ގެންނަވާނެ ކަމަށް ވެސް އަބްދުއްރަހީމް އިއްޔެ ވިދާޅުވި އެވެ.
"އަޅުގަނޑުމެން 20 ވަނަ ރައްޔިތުންގެ މަޖިލީހުން ދާނީ ޒަމާނާ ފައިހަމަކުރާނެ ގޮތަށް ގާނޫނުތައް ބައްޓަން ކުރަމުން. އިލްމީ ދިރާސާތަކާ ވެސް އެކީ ދެމެހެއްޓެނިވި ގޮތަކަށްކުރިއަށް ދެވޭނެ ގޮތަކަށް އެ ކަން ކުރާނީ." އެ މަނިކުފާނު ވިދާޅުވި އެވެ.
ފާހަގަކޮށްލެވޭ - ދައުރުގެ މެދު ތެރެއިން މަޖިލިސް މެންބަރަށް ރައްޔިތުންގެ އިތުބާރު އޮތް ކަން ބެލޭނެ ނިޒާމެއް ގެނައުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ލެޖިސްލެޓިވް އެޖެންޑާގައި ހިމަނާފައިވާ މަސައްކަތެކެވެ.
ކޮމެންޓް