މަޖިލީހުގެ މެމްބަރުންގެ ގޮނޑިގެއްލޭގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހު ބާތިލުކުރަން ސްޕްރީމް ކޯޓަށް ހުށަހެޅި މައްސަލައަށް ފަހު ވަކީލުން ސުޕްރީމް ކޯޓޫން ނިކުންނަނީ. (ދައުރު ފޮޓޮ)

ސުޕްރީމް ކޯޓުގެ އިހުތިސޯސާ މެދު ގޮތެއް ނުނިންމައި، ގާނޫނުއަސާސީގެ މައްސަލަ ކުރިއަށް ގެންދަން ނިންމައިފި

ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް އިތުރުކުރި ބައިގެ މައްސަލަ ސުޕްރީމް ކޯޓަށް ބެލުމުގެ އިހުތިސޯސް ނެތް ކަމަށް ދައުލަތުން ހުށަހެޅި އިއުތިރާޒީ ނުކުތާއާ މެދު ގޮތެއް ނުނިންމައި މައްސަލަ ކުރިއަށް ގެންދަން ކޯޓުން ނިންމައިފި
18 ފެބްރުއަރީ 2025
4

ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް އިތުރުކުރި ބައިގެ މައްސަލަ ސުޕްރީމް ކޯޓަށް ބެލުމުގެ އިހުތިސޯސް ނެތް ކަމަށް ދައުލަތުން ހުށަހެޅި އިއުތިރާޒީ ނުކުތާއާ މެދު ގޮތެއް ނުނިންމައި މައްސަލަ ކުރިއަށް ގެންދަން ކޯޓުން ނިންމައިފި އެވެ.

ވީކިހިނެއް؟ - ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލީ ހުސައިން ހުށަހެޅުއްވި މައްސަލައަކީ ސުޕްރީމް ކޯޓަށް ބެލޭނެ މައްސަލައެއް ނޫން ކަމަށް ބުނެ ދައުލަތް ތަމްސީލްކުރާ ބަންޑާރަ ނައިބުގެ އޮފީހުގެ ވަކީލުން އިއްޔެ ވަނީ އިޖުރާއީ އިއުތިރާޒެއް ހުށަހަޅައިފަ އެވެ.

ތަފްސީލް - އިއްޔެ އާއި މިއަދުގެ އަޑުއެހުމުގައި ވެސް މައިގަނޑު ގޮތެއްގައި އޮތް ކަމަކީ ހުރިހާ ހަސްމަކުން އެ އިއުތިރާޒީ ނުކުތާއާ މެދު ވާހަކަ ދެއްކުމާއި ފަނޑިޔާރުން ކުރައްވާ ސުވާލުތަކަށް ދައުލަތުންނާއި މައްސަލަ ހުށަހެޅި ފަރާތުން ޖަވާބު ދިނުމެވެ.

އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަން ފުރުސަތު ދިނުމަށް ފަހު މިއަދު ބައިގަޑިއިރެއްހާ އިރަށް ފަނޑިޔާރުން އަޑުއެހުން މެދު ކަނޑައިލި އެވެ. އެއީ މައްސަލަ ކުރިއަށް ގެންދިއުމާ ގުޅޭ ގޮތުން ފަނޑިޔާރުން ވަކި ގޮތެއް ނިންމެވުމަށެވެ. 

ދެން އަޑުއެހުން ފައްޓަވަމުން ބެންޗުގެ ރިޔާސަތުގައި އިންނެވި އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ވިދާޅުވީ ސުޕްރީމް ކޯޓުގެ އިހުތިސޯސާ މެދު ދައުލަތުން ހުށަހަޅާފައިވާ ނުކުތާއާ މެދު ގޮތެއް ނިންމާނީ މުޅި މައްސަލަ ބެލުމަށް ފަހު ކަމަށެވެ. އަދި މައްސަލަ ކުރިއަށް ގެންދަން ނިންމަވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"ފަނޑިޔާރުން ކުރެއްވި މަޝްވަރާއަށް ފަހު ފަނޑިޔާރުން ނިންމަވާފައި ވަނީ މައްސަލަ ކުރިއަށްގެންދިޔުމަށް އަދި މި މައްސަލާގައި ހުށަހެޅި އިޖުރާއީ އިއުތިރާޒާ މެދު ފަނޑިޔާރުން ދެކޭ ގޮތް މައްސަލަ ނިންްމުމުގައި ހިމެނުމަށް،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

މައުލޫއީ މައްސަލާގައި ދައުލަތުން ފާހަގަކުރަން ބޭނުންވާ ނުކުތާތަކާ އެކު، މައްސަލަ ހުށަހެޅި ފަރާތަށް ރައްދުގައި ދޭނެ ޖަވާބު ލިޔުމުން ހުށަހަޅަން 10 ދުވަހުގެ ފުރުސަތެއް ދޭން ނިންމުމަށް ފަހު މިއަދުގެ އަޑުއެހުން ނިންމައިލި އެވެ. އެއީ ބަންޑާރަ ނައިބުގެ ވަކީލުން ވެސް ޖަވާބު ހުށަހެޅުމަށް އެދުނު މުއްދަތާ އެއް ގޮތަށެވެ.

އެނގުން މުހިންމު - މިއަދު ސުޕްރީމް ކޯޓުގައި ފެށި މި މައްސަލާގައި އަލީ ހުސެއިންގެ ފަރާތުން އެދިފައި އޮތީ:

  • ގާނޫނު އަސާސީގެ 73 ވަނަ މާއްދާއަށް ގެނެސްފައިވާ އިސްލާހު ގާނޫނުއަސާސީގެ 4، 90، އަދި 75 ވަނަ މާއްދާއާ ފުށުއަރާތީ އެ އިސްލާހު ބާތިލުކޮށްދިނުމަށް

  • އެ އިސްލާހު ދެމިއޮތް މުއްދަތުގެ ތެރޭގައި މަޖިލީހުގެ މިހާރުގެ މެމްބަރުންގެ މައްޗަށް އެ އިސްލާހުގެ އެއްވެސް މާއްދާއެއް ނުހިނގާނެ ކަމަށް ކަނޑައަޅައިދިނުމަށް

އަލީ ހުސައިން ކޯޓަށް ހުށަހެޅުއްވީ، ރައްޔިތުންގެ މަޖިލީހުން ގާނޫނުއަސާސީ އިސްލާހުކުރީ ގާނޫނުއަސާސީގެ 4، 8، 26، 75 އަދި 90 ވަނަ މާއްދާއާ ހިލާފަށް ކަމަށް ކޯޓުން ކަނޑައަޅައިދިނުމަށެވެ. އެގޮތުން:

  • 4 ވަނަ މާއްދާގައި ބުނަނީ، ދިވެހި ދައުލަތުގެ އެންމެހާ ބާރުތައް ފެށިގެން އަންނަނީ އަދި މި ބާރުތައް ދެމިއޮންނާނީ ރައްޔިތުންގެ ކިބައިގައި

  • 8 ވަނަ މާއްދާގައި ބުނަނީ ދިވެހި ދައުލަތުގެ އެންމެހާ ބާރުތައް ހިންގަންވާނީ ގާނޫނުއަސާސީގައިވާ ގޮތުގެ މަތިން

  • 26 ވަނަ މާއްދާގައި އޮންނަނީ ވޯޓު ދިނުމާއި އިންތިހާބުތަކަށް ކުރިމަތިލުމުގެ ހައްގުތައް

  • 75 ވަނަ މާއްދާގައި އޮންނަނީ މަޖިލީހުގެ މެންބަރު މަސައްކަތުގައި ރިއާޔަތްކުރަން ޖެހޭ ކަންކަން؛ އެގޮތުން، އެއްވެސް ކަހަލަ ޒާތީ މަސްލަހަތެއް އިސްކޮށްގެން ނުވާނެ ކަމަށާއި އިސްކުރަންވާނީ ގައުމީ އަދި ދިވެހިންގެ މަސްލަހަތު

  •  90 ވަނަ މާއްދާގައި ބުނަނީ މަޖިލީހުގެ މެންބަރަކު ތަޅުމާއި ކޮމިޓީގައި ދައްކާ ވާހަކައަކާ ގުޅިގެން ނުވަތަ ވޯޓު ދޭ ގޮތަކާ ގުޅިގެން އެއްވެސް ފިޔަވަޅެއް ނޭޅޭނެ

ކޮމެންޓް (4)

ތެފައާސާ.

18 ފެބްރުއަރީ 2025
ގާނޫނު އަސާސީގެ 261 ވަނަ މާއްދާގައި ބުނަނީ ގާނޫނު އަސާސީއަށް އިސްލާހެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ހަތަރުބައިކުޅަ ތިންބައިގެ އައުލަބިއްޔަތުން ފާސްކުރާ [[ގާނޫނަކުން]] ކަމަށް. ގާނޫނު އަސާސީގެ 143 ވަނަ މާއްދާގެ (ހ) ގައި ވަރަށް ސަރީހަ އިބާރާތުން އޮތީ، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނެއް ނުވަތަ ގާނޫނަކުން ބައެއްވިޔަސް، ގާނޫނު އަސާސީއާއި ޚިލާފުވޭތޯ ބެލުމާއި އެފަދަ މައްސަލަތަކުގައި ގޮތެއް ނިންމުމުގެ ބާރު ސުޕްރީމް ކޯޓަށް ލިބިގެންވާކަމަށް. މިހާ ސާފުކޮށް އޮތް މައްސަލައެއްގައި ދައުލަތުގެ ބަންޑާރަނައިބު އެހެން ސްޓޭންޑެއް ނަންގަވައިގެން މި ޖަހަންއުޅުނު ސަކަރާތެއް ނުވިސްނުނު.
4 1

އެދުރު

18 ފެބްރުއަރީ 2025
ފުރަތަމަ ކަމަކަށް ތި މައްސަލަ ސްޕްރީމް ކޯޓަށް ބެލޭނެތޯ ނޫނީ ނޫންތޯ ކަނޑަ އަޅާބަލަ. ތިކަމުގައި އެތަށް ދުވަހެއް ހޭދަ ކޮއްފައި ހުކުމް ކުރާއިރު ތިމައްސަލަ ނުބެލޭނެ ކަމަށް ހުކުމް ކޮށްފިއްޔާ އެތަށް ބައެއްގެ ވަގުތުތަށް ބޭކާރުވީ . މެމްބަރުންގެ ޓްރާންސްފާ މާކެޓު ހުއްޓުވުމަށް ފާސްކޮއްފައި އެެއޮތީ ހަމަ އޮންނަންޖެގޭ ޤާނޫނެއް
1 2

ހަސަންފުޅު

18 ފެބްރުއަރީ 2025
އަހަންނަށް ސުޖޫން އުފެއްދި ސުވާލު ވަރަށް ކަމުދޭ. ދައުލަތުގެ ސުޕްރީމް އޮތޯރިޓީއަކީ ގާނޫނު އަސާސީ މަޖިލީހެއް ނޫން. އަދި ސުޕްރީމް ކޯޓެއް ވެސް ނޫން. ޕާޓީއެއްގެ ތިން މެންބަރުންގެ ކޮމެޓީއަކުން ރައްޔިތުން އިންތިހާބު ކުރި މަޖިލިސް މެންބަރެއްގެ ގޮނޑި ގެއްލޭ ގޮތަށް އޮތުމަކީ ގާނޫނު އަސާސީ އޮޅާލުން، ބާރު ކަނޑުވާލުން އެއީ އެންމެ ބޮޑު ގޯސް،
4 1

ސިކުނޑި

18 ފެބްރުއަރީ 2025
މި މައްސަލައަކީ، ބޮޑު ޝަރީޢަތެއް ހިންގަންޖެހޭ ވަރަށްވުރެ މާ ސާފު މައްސަލައެއް! އިންތިޚާބީ މަގާމެއްގައި ހުންނަ މީހަކު ޕާޓީއިން ވަކިވީމާ ގޮނޑި ގެއްލޭގޮތަށް ގާނޫނު އަސާސީގައި ހިމެނުމަކީ ތާކުންތާކު ނުޖެހޭކަމެއް! ގާނޫނު އަސާސީއާއި ގާނޫނު އަދި ގަވައިދުގެ މަފްހޫމު ނޭނގޭ މީހުން ވެރިމަށް އިސްކުރީމާ އުޅޭނީ އަމިއްލަ އެދުމާއިގެން!
4 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް