މެންބަރު އަޒާން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ (ފޮޓޯ/މަޖިލިސް)

ސުޕްރީމް ކޯޓު ބިލު ގާނޫނުއަސާސީއާ ހިލާފު؛ މައްސަލަ އޮއްވައި ފަނޑިޔާރުން ނުކެނޑޭނެ: އަޒާން

ޕީއެންސީގެ މެމްބަރު އަޒާން ވިދާޅުވީ އަދިވެސް ހުންނެވީ ސަރުކާރަށް ތާއީދު ކުރައްވާ މެންބަރެއްގެ ގޮތުގައި އައްޑުއަށް ތަރައްގީ ގެނައުމަށް ސަރުކާރާ އެކު މަސައްކަތް ކުރުމަށް ކަމަށް

ސުޕްރީމު ކޯޓުގެ ދެ ފަނޑިޔާރުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރި ބިލު ފާސް ކުރުމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިނުގަތީ އެއީ ގާނޫނުއަސާސީއާ ހިލާފު ބިލެއް ކަމަށް ގަބޫލު ކުރެއްވޭތީ ކަމަށް ހިތަދޫ މެދު ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު އަޒާން މަރުޒޫގު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ވަކި ކުރާ ގޮތަށް ގާނޫނު ބަދަލު ކުރަން ހުށަހެޅި ބިލު ފާސް ކުރުމަށް މިއަދު ނެގި ވޯޓުގައި އަޒާން ބައިވެރިވެވަޑައިނުގަންނަވަ އެވެ.

އަޒާން މިއަދުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެންނެވި ނަމަވެސް، އެ ވޯޓު ނެގުމުގެ ކުރިން އޭނާ ވަނީ ތަޅުމުން ނުކުމެވަޑައިގެންފަ އެވެ. މި ބިލު ބަލައިގަތުމަށް އިއްޔެ މަޖިިިލީހުގައި ނެގި ވޯޓުގައި ވެސް އަޒާން ބައިވެރިވެވަޑައިނުުގަންނަވަ އެވެ. އިއްޔެގެ ޖަލްސާއަށް ވެސް އަޒާން ވަޑައިގެންނެވި އެވެ.  

އެނގުން މުހިއްމު - ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ފުލް ބެންޗުން މެންބަރުންގެ ގޮނޑި ގެއްލޭ އިސްލާހު ބަލަމުންދަނިކޮށް، އެ ކޯޓުގެ ބެންޗު ފަސް ފަނޑިޔާރުންނަށް މަދުކޮށް، ދެ ފަނޑިޔާރުން ގިނަވެގެން 12 ދުވަސް ތެރޭ ވަކިކުރާ ގޮތަށް ކޯޓުތަކާ ބެހޭ ގާނޫނު ބަދަލު ކުރަން ހުށަހެޅި ބިލު ޕީއެންސީގެ 64 މެންބަރުންގެ ވޯޓާ އެކު ވަނީ ފާސްކޮށްފަ އެވެ.

ބުނީ ކީކޭ؟ - ބިލު ފާސްކުރުމަށް ވޯޓު ނުދެއްވި ސަބަބާ ގުޅޭ ގޮތުން އަޒާން މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އޭނާ މަޖިލީހަށް ކުރިމަތިލައްވައިގެން ވެސް ރައްޔިތުންނަށާއި ދާއިރާގެ ރައްޔިތުންނަށް ދެއްވި ޔަގީންކަމަކީ ރައްޔިތުންނާއި ގައުމީ މަސްލަހަތަށް ވުރެ އޭނާ އިސްކުރައްވާނެ އެހެން މަސްލަހަތެއް ނޯންނާނެކަން ކަމަށެވެ.

ކޯޓުތަކާ ބެހޭ ގާނޫނަށް އިސްލާހު ގެނެސް، ސުޕްރީމު ކޯޓުގެ ދެ ފަނޑިޔާރުން މަގާމުން ވަކިކުރެވޭ ގޮތަށް މަޖިލީހަށް ހުށަހެޅި އިސްލާހަށް އޭނާ ތާއީދު ނުކުރަން ނިންމެވީ، އަޒާން ވިދާޅުވި ގޮތުގައި، އޭނާ އިންތިހާބު ކުރި ރައްޔިތުންނާއި ގާނޫނީ ދާއިރާގައި މަސައްކަތް ކުރައްވާ ދައުލަތުގެ ގާނޫނީ ވަކީލުން އަދި ކުރީގެ ފަނޑިޔާރުންނާއި ވަކީލުންނާއި ޝަރުއީ ދާއިރާގެ ހިދުމަތްތެރިން އަދި ވަޒީރުންނާއި ގައުމަށް ގިނަ ދުވަހު ހިދުމަތްކުރެއްވި ބޭފުޅުންގެ މަޝްވަރާއާ އެއްގޮތަށް ކަމަށެވެ.

"އަދި މި ބިލަކީ ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ އާއި ހިލާފު ބިލަކަށްވާތީ، އެފަދަ ބިލަކަށް ތާއީދު ކުރުމަކީ ގާނޫނު އަސާސީގެ 75 ވަނަ މާއްދާއާ ހިލާފު ކަމެއް ކަމުގައި ދެކޭތީ" ކަމަށް އަޒާން ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވެ އެވެ.

އެ ބަޔާނުގައި އިތުރަށް ވިދާޅުވީ، ޝަރުއީ ދާއިރާގައި މަސައްކަތް ކުރައްވާ ފަނޑިޔާރުންގެ ސުލޫކީ މައްސަލައެއް އޮތް ނަމަ، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) މެދުވެރިކޮށް އެ މައްސަލައެއް ބަލައި އެ މައްސަލަ ސާބިތުވާ ނަމަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން ފަނޑިޔާރުން ވަކިކުރެވޭނެ ކަމަށެވެ.

ނަމަވެސް މަޖިލީހުގެ ސުޕަމެޖޯރިޓީ ސަރުކާރަށް އޮއްވައި އެކަން އެގޮތަށް ކުރުމުގެ ބަދަލުގައި އެ މަގު އިހުތިޔާރުނުކޮށް، ކޯޓުތަކާ ބެހޭ ގާނޫނަށް އިސްލާހު ހުށަހަޅައިގެން ދެ ފަނޑިޔާރުން މަގާމުން ވަކިކުރުުމަށް މަޖިލީހުން ނިންމުމަކީ ގާނޫނީ ގޮތުން ދެކޮޅުޖެހޭ ކަމެއް ކަމުގައި ގަބޫލު ނުކުރައްވާ ކަމަށް އަޒާންގެ ބަޔާނުގައި ވިދާޅުވެފައިވެ އެވެ.

"އަމުދުން ސުޕްރީމު ކޯޓުގައި ދުސްތޫރީ މައްސަލައެއް ބަލަމުން ދަނިކޮށް އެ ކޯޓުގެ ދެ ފަނޑިޔާރެއް މަގާމުން ވަކިކުރުމަށް އިސްލާހު ގެނައުމަކީ ރަނގަޅު ކަމެއްގެ ގޮތުގައި ގަބޫލު ނުކުރެވޭ،" އެ ބަޔާނުގައިވެ އެވެ.

މީގެ އިތުރުން، އަޒާން ވިދާޅުވީ އެ ކަމަކީ ހުޅުވާލެވިފައިވާ މިނިވަން ޑިމޮކްރެޓިކް މުޖުތަމައުތަކުގައި އަމަލުކުރާ އުސޫލުތަކާއި ރާއްޖޭން ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކާ ވެސް ބީރައްޓެހި ކަމެއް ކަމަށެވެ. އަދި އެއީ ގާނޫނުއަސާސީއާ ކަނޑައެޅިގެން ހިލާފަށް ކުރާ ކަމަކަށް ވާތީ އެފަދަ ކަމެއްގައި ބައިވެރިވެ، ތާއީދު ނުކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.

އަޒާން ވިދާޅުވީ އަދިވެސް ހުންނެވީ ސަރުކާރަށް ތާއީދު ކުރާ މެންބަރެއްގެ ގޮތުގައި އައްޑުއަށް ތަރައްގީ ގެނައުމަށް ސަރުކާރާ އެކު މަސައްކަތް ކުރުމަށް ކަމަށެވެ.

ސަރުކާރުން އައްޑުއަށް ވެފައިވާ ވައުދުތައް ނުފުއްދޭ ނަމަ ނުވަތަ ދާއިރާގެ ރައްޔިތުންގެ ކަންބޮޑުވުންތައް ހައްލު ނުކުރެވޭ ނަމަ ސަރުކާރާއި މުއައްސަސާތައް ޖަވާބުދާރީ ކުރުވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް (2)

ތެފައާސާ.

26 ފެބްރުއަރީ 2025
ތިޔަ ނެރުއްވި ބަޔާނަށް އައްސަރިބަހާއި ސާބަސް އަރިސްކުރަން. ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ތެރޭގައި، ރާއްޖޭގައި އިންޑިއާގެ 2،000 ސިފައިން އެބަތިބިކަމަށް ބުނެ މަނިކުފާނުގެ ނޫހުގައި ފެތުރި ދޮގު ޚަބަރަށްވެސް މައާފަށް އެދިފައި ބަޔާނެއް ނެރެލުން ކިހިނެތްތޯ؟
3 0

ނަސްމި

26 ފެބްރުއަރީ 2025
މަޖިލީހަށް ފޮނުވީ އިހްތިޔާރު ދީފައި. ރަނގަޅު ތިޔަ ގޮތް. މިނިވަންކަން އޮންނާންވާނެ ވޯޓް ލުމުގައި.
3 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް