ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން މަރުޒޫގު މަޖިލިސް ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. (ފޮޓޯ/ މަޖިލިސް)

ފަނޑިޔާރުން ވަކިކުރާ ބިލުގެ ވޯޓުގައި ބައިވެރިނުވާން އަޒާން ތަޅުމުން ނުކުމެއްޖެ

މިއަދުގެ ޖަލްސާއަށް އަޒާން ހާޒިރުވެވަޑައިގެންނެވި ނަމަވެސް، ވޯޓު ގަޑީގައި އޭނާ ވަނީ ތަޅުމުން ނުކުމެވަޑައިގެންފައި

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ވަކި ކުރާ ގޮތަށް ގާނޫނު ބަދަލު ކުރަން ހުށަހެޅި ބިލު ފާސް ކުރުމަށް މިއަދު ނެގި ވޯޓުގައި، ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން މަރުޒޫގު ބައިވެރިވެވަޑައިނުގަންނަވައި އެ ގަޑީގައި ތަޅުމުން ނުކުމެވަޑައިގެންފި އެވެ.

ވީ ކިހިނެއް؟ - ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ފުލް ބެންޗުން މެންބަރުންގެ ގޮނޑި ގެއްލޭ އިސްލާހު ބަލަމުންދަނިކޮށް، އެ ކޯޓުގެ ބެންޗު ފަސް ފަނޑިޔާރުންނަށް މަދުކޮށް، ދެ ފަނޑިޔާރުން ގިނަވެގެން 12 ދުވަސް ތެރޭ ވަކިކުރާ ގޮތަށް ކޯޓުތަކާ ބެހޭ ގާނޫނު ބަދަލު ކުރަން ހުށަހެޅި ބިލު ޕީއެންސީގެ 68 މެންބަރުންގެ ވޯޓާ އެކު ވަނީ ފާސްކޮށްފަ އެވެ.

އަޒާން މިއަދުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެންނެވި ނަމަވެސް، އެ ވޯޓު ނެގުމުގެ ކުރިން އޭނާ ވަނީ ތަޅުމުން ނުކުމެވަޑައިގެންފަ އެވެ.

ތަފްސީލު - މި ބިލު ބަލައިގަތުމަށް އިއްޔެ މަޖިިިލީހުގައި ނެގި ވޯޓުގައި ވެސް އަޒާން ބައިވެރިވެވަޑައިނުުގަންނަވަ އެވެ. އިއްޔެގެ ޖަލްސާއަށް ވެސް އަޒާން ވަޑައިގެންނެވި އެވެ.

އަޒާން ޖަލްސާއަށް ވަޑައިގަތުމަށް ފަހު، މި ދެ ވޯޓުގައި ބައިވެރިވެވަޑައިނުގެންނެވިއިރު، ޕީއެންސީގެ 10 މެންބަރަކު މި ދެ ޖަލްސާއަށް ހާޒިރުވެވަޑައިނުގަންނަވަ އެވެ. އޭގެ ސަބަބެއް އަދި ނޭނގެ އެވެ.

މި ދެ ވޯޓުގައި ވެސް ޕީއެންސީ ޕީޖީން ވަނީ ތްރީލައިން ވިޕެއް ނެރެފަ އެވެ. އެ ވިޕާ އިއްޔެ ވެސް މެންބަރުން ހިލާފުވުމުން ރައީސް މުހައްމަދު މުއިއްޒު ވަނީ އެކަމާ ނުރުހުން ފާޅު ކުރައްވާފަ އެވެ. އެއާ އެކު، ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެފައި ވަނީ ވިޕާ ހިލާފުވި މެންބަރުންނަށް ފިޔަވަޅު އަޅުއްވާނެ ކަމަށެވެ. 

އެއާ އެކު، ޕީއެންސީގެ ވަޓްސްއެޕް ގްރޫޕުން އިއްޔެ އަޒާން ބޭރުކޮށްލާފައިވެ އެވެ.

މި ބިލު ފާސް ކުރުމުގެ ކުރިން ޕީއެންސީ ޕީޖީން ބޭއްވި ބައްދަލުވުމެއްގައި އަޒާން ހިމެނޭހެން ޕީއެންސީގެ ގިނަ މެންބަރުން އެ ބިލާ ދެކޮޅަށް ވާހަކަ ދައްކަވާފައިވެ އެވެ. ނަމަވެެސް ޕާޓީގެ ލީޑާޝިޕުން ނިންމީ ބިލަށް ތާއީދު ކުރުމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް