ޕީއެންސީގެ ޕީޖީއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ލީޑަރު ފަލާހު ވާހަކަ ދައްކަވަނީ (ފޮޓޯ/ މަޖިލިސް)

ޕީއެންސީ

ފަނޑިޔާރުން ވަކިކުރާ ބިލަށް ޕީއެންސީ މެންބަރުން ތާއީދު ކުރަން އަންގައިފި

ޕާޓީގެ ލީޑާޝިޕުން އެ ނިންމުން ނިންމާފައިވާކަން ޕީޖީ ލީޑަރު ފަލާހު މިރޭ ވަނީ ޕީއެންސީ މެންބަރުންނަށް ދަންނަވާފައި؛ އެހެންވެ، މާދަމާގެ ޖަލްސާގައި މި ބިލު ބަލައިގަތުމަށް ވޯޓު ދެއްވުމަށް ވެސް މެންބަރުންނަށް އަންގާފައިވޭ

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކުރާ ގޮތަށް ގާނޫނު އިސްލާހު ކުރުމަށް މަޖިލީހަށް ހުށަހެޅި ބިލަށް ތާއީދު ކުރުމަށް ވެރިކަން ކުރާ މައި ޕާޓީ، ޕީއެންސީގެ ލީޑާޝިޕް ނިންމާފައިވާ ކަމަށް އެ ޕާޓީގެ ޕާލިމަންޓްރީ ގްރޫޕު (ޕީޖީ)ގެ ލީޑަރު އިބްރާހިމް ފަލާހު މެންބަރުންނަށް މިރޭ އަންގަވައިފި އެވެ. އަދި މި ބިލު ބަލައިގަތުމަށް ޕީއެންސީ މެންބަރުން ވޯޓު ދެއްވުމަށް ފަލާހު ވަނީ އެދިވަޑައިގެންފަ އެވެ.

ވީ ކިހިނެއް؟ - ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް ބަދަލުކޮށް، މިހާރު ތިއްބެވި އެ ކޯޓުުގެ ދެ ފަނޑިޔާރަކު މަގާމުން ވަކި ކުރާ ގޮތަށް ކޯޓުތަކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ހޮޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުއްސައްތާރު މުހައްމަދު މަޖިލީހަށް އިއްޔެ ބިލެއް ހުށަހަޅުއްވާފައިވެ އެވެ.

ސައްތާރު އަމިއްލަ ގޮތުން ހުށަހެޅުއްވި އެ ބިލުގެ ފުރަތަމަ ކިޔުން މިއަދުގެ މަޖިލިސް ޖަލްސާގައި އިއްވާފައިވާއިރު، މާދަމާގެ ޖަލްސާގައި ބިލުގެ މަސައްކަތް ފެށުމަށް ވަނީ ތާވަލްކޮށްފަ އެވެ.

މި ބިލަށް ޕީއެންސީން ތާއީދު ކުރަން ނިންމާފައިވާކަން ފަލާހު ހާމަކުރެއްވީ އެ ޕާޓީގެ ޕީޖީގެ ވަޓްއެސްޕް ގްރޫޕަށް އޭނާ މިރޭ ފޮނުއްވި މެސެޖެއްގަ އެވެ. 

ބުނީ ކީކޭ؟ - "މަޖިލީހަށް ހުށަހަޅާފައިވާ ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހަށް ބަލައިގަނެ، އެ ބިލަށް ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުން ތާއީދު ކުރުމަށް ޕީއެންސީގެ ލީޑާޝީޕުން ނިންމާފައިވާތީ، އިއްޒަތްތެރި ހުރިހާ މެމްބަރުން ވެސް މި ބިލަށް ތާއީދުކޮށްދެއްވައި ބަހުސް މަރުހަލާގައި ވެސް ބިލަށް ތާއީދުކޮށް ވާހަކަ ދެއްކެވުން އެދެން،" ފަލާހު ފޮނުއްވި މެސެޖްގައި އޭނާ ލިޔުއްވާފައިވެ އެވެ.

ފާހަގަކޮަށްލެވޭ ކަމެއް - އެ ބިލަށް ތާއީދު ކުރުމަށް ޕާޓީގެ ލީޑާޝިޕުން ނިންމާފައިވާ ކަމަށް ފަލާހު މިރޭ ހާމަކުރެއްވިއިރު، އެ ބިލާ ގުޅޭ ގޮތުން ޕީއެންސީގެ ޕީޖީ މެންބަރުންގެ މެދުގައި ހިޔާލު ތަފާތުވުންތަކެއް ވަނީ އުފެދިފަ އެވެ. މިކަމާ ގުޅޭ ގޮތުން މިއަދު ޕީޖީން ބޭއްވި ބައްދަލުވުމުގައި ވާހަކަ ދެއްކެވި ގިނަ މެންބަރުން ވަނީ އެ ބިލާ ދެކޮޅަށް ވާހަކަ ދައްކަވާފަ އެވެ. ބިލާ އެއްކޮޅަށް ވާހަކަ ދެއްކެވީ ފަސް މެންބަރުންނެވެ.

ފަލާހުގެ މެސެޖާ ގުޅިގެން 'ދައުރު'އާ މިރޭ ވާހަކަ ދެއްކެވި ޕީއެންސީގެ މަޖިލިސް މެންބަރަކު ވިދާޅުވި ގޮތުގައި:

  • ލީޑާޝިޕުން ނިންމި ކަމަށް ބުނެ ދައްކާ ވާހަކަ ގަބޫލު ކުރަން ދަތި؛ މިއަދު ލީޑާޝިޕްގެ ބައްދަލުވުމެއް ބާއްވާފައެއް ނުވޭ

  • މިއީ ރައީސް އެކަނި ނިންމެވި ނިންމެވުކަށް ވެދާނެ؛ ފަލާހު މެދުވެރިކުރައްވައި މެންބަރުންނަށް މެސެޖް ފޮނުއްވީ ފަހުން ވެސް މިއީ ރައީސް އަންގަވައިގެން ކުރައްވާ ކަމެއް ނޫން ކަމަށް ދެއްކެވުމަށް ކަމަށް ބެލެވޭ

މި ބިލާ ގުޅޭ ގޮތުން ސަރުކާރުން ވެސް ރަސްމީކޮށް އަދި މިހާތަނަށް އެއްޗެއް ބުނެފައެއް ނުވެ އެވެ. އެމްޑީޕީން ތުހުމަތު ކުރާ ގޮތުގައި މި ބިލަކީ ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވުމަށް ހުށަހެޅި ބިލެކެވެ.

ކޮމެންޓް (1)

މޮޔައިންގެ ވެރިކަން

25 ފެބްރުއަރީ 2025
މުހުތާޒް މުހުސިނަށް ސުޕްރީމް ފަނޑިޔާރުކަން ދޭން ހެޔޮ ނުވާނެ! މުއިއްޒު ހައްޔަރުކުރަން އަމުރެއް ނެރެފާނެ
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް