ޕީއެންސީ ޕީޖީ ގުރޫޕުގެ ބައްދަލުވުމެއްގެ ތެރެއިން

ޕީއެންސީ

ފަނޑިޔާރުން ވަކިކުރާ ބިލާ އެއްކޮޅަށް ވާހަކަ ދެއްކެވީ ޕީއެންސީގެ 5 މެންބަރުން

ޕީއެންސީގެ ޕީޖީގެ ރޫހު ހުރީ ބިލާ ދެކޮޅަށް؛ އެކަމަކު ސަރުކާރުން އަންގާ ގޮތަކަށް އަމަލު ކުރަން ގިނަ މެންބަރުން ވޯޓު ދެއްވި

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކުރާ ގޮތަށް ގާނޫނު އިސްލާހު ކުރުމަށް މަޖިލީހަށް ހުށަހެޅި ބިލާ މެދު ވެރިކަން ކުރާ ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕް (ޕީޖީ)ގެ ކުއްލި ބައްދަލުވުމެއް މިއަދު ބާއްވައިފި އެވެ.

މި ބައްދަލުވުމުގައި 75 މެންބަރުންގެ މައްޗަށް އެކުލެވޭ ޕީޖީ ގްރޫޕުގެ ގިނަ އަދަދެއްގެ މެންބަރުން އެ ބިލާ ދެކޮޅަށް ވާހަކަ ދެއްކެވިއިރު، ބިލާ އެއްކޮޅަށް ވާހަކަ ދެއްކެވީ ފަސް މެންބަރުންކަން 'ދައުރު'އަށް ވަނީ އެނގިފަ އެވެ.

ވީ ކިހިނެއް؟ - ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް ބަދަލުކޮށް، މިހާރު ތިއްބެވި އެ ކޯޓުުގެ ދެ ފަނޑިޔާރަކު މަގާމުން ވަކި ކުރާ ގޮތަށް ހޮޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުއްސައްތާރު މުހައްމަދު މަޖިލީހަށް އިއްޔެ ބިލެއް ހުށަހަޅުއްވާފައިވެ އެވެ. މިއަދުގެ މަޖިލިސް ޖަލްސާގައި މި ބިލުގެ ފުރަތަމަ ކިޔުން އިއްވާފައިވާއިރު، މި ބިލާ ގުޅޭ ގޮތުން ޕީއެންސީގެ ޕީޖީގެ މެންބަރުންގެ މެދުގައި ވަރަށް ބޮޑަށް ހިޔާލު ތަފާތުވުންތަކެއް ވަނީ އުފެދިފަ އެވެ.

އެހެންވެ، މެންބަރުންގެ ހިޔާލު ހުރި ގޮތް ބެލުމަށް ޕީއެންސީގެ ޕީޖީ ގްރޫޕުން މިއަދު މެންދުރުގެ ވަގުތެއްގައި މަޖިލިސް އިދާރާގައި ބައްދަލުވުމެއް ބާއްވާފައިވެ އެވެ.

ތަފްސީލު - އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ބައެއް މެންބަރުން 'ދައުރު'އަށް ވިދާޅުވި ގޮތުގައި، ހިޔާލު ފާޅު ކުރެއްވި ގިނަ މެންބަރުން ވަނީ ބިލާ ދެކޮޅަށް ވާހަކަ ދައްކަވާފަ އެވެ.

"ހަތަރު ވަރަކަށް މެންބަރުން އެއްކޮޅަށް ވާހަކަ ދެއްކެވީ. ދެން ހުސް ބިލު މި ދަނޑިވަޅުގައި ބަލައިގަންނަން ނުފެންނަ ކަމަށް މެންބަރުން ވަކާލާތު ކުރެއްވީ،" އޭނާ ވިދާޅުވި އެވެ.

މި ބިލާ އެއްކޮޅަށް ވާހަކަ ދެއްކެވި މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ:

  • ޕީޖީ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު

  • ޕީޖީގެ ނައިބު ލީޑަރު، ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު

  • ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދު

  • ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހްމަދު އައިފާން

  • ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ

"ފަލާހު ވަރަށް ބޮޑަށް މަސައްކަތް ކުރެއްވި މި ބިލު ފާސް ކުރަން ޖެހޭކަން މެންބަރުންނަށް ވިސްނުވައިދެއްވުމަށް. އެކަމަކު ވާހަކަ ދެއްކެވި ހުރިހާ މެންބަރުން ކަހަލަ ގޮތަކަށް ދެކޮޅު ހައްދަވަމުން ގެންދެވި،" ނަން ނުޖަހާ ގޮތަށް ވާހަކަ ދެއްކެވި އެހެން މެންބަރަކު ވިދާޅުވި އެވެ.

ޕީއެންސީ ޕީޖީ ގުރޫޕުގެ ބައްދަލުވުމެއްގެ ތެރެއިން

މަޖިލިސް މެންބަރަކު އޭނާ ނިސްބަތްވާ ޕާޓީން އަމިއްލައަށް ވަކިވެއްޖެ ނަމަ، އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ ނުވަތަ ޕާޓީން އެ މެންބަރަކު ކަނޑާލައިފި ނަމަ، އެ މެންބަރެއްގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނޫއަސާސީއަށް މިދިޔަ އަހަރު ފަހުކޮޅު އިސްލާހު ގެނެސްފައިވެ އެވެ. އެ އިސްލާހު ބާތިލު ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ކުރިއަށް ގެންދިޔުމަށް އެ ކޯޓުން މިދިޔަ ހަފްތާގައި ވަނީ ނިންމާފަ އެވެ.

ޕީއެންސީގެ މެންބަރުންގެ މައިގަނޑު ކަންބޮޑުވުމަކީ، ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ބެންޗުން އެ މައްސަލަ ބަލަމުންދަނިކޮށް، އެ ފަނޑިޔާރުން ވަކިކުރެވޭ ގޮތަަށް މި ބިލު ހުށަހެޅުމެވެ. ޕީއެންސީގެ މެންބަރުން ފާހަގަ ކުރައްވާ ގޮތުގައި، އެ މައްސަލަ ހިނގަމުންދަނިކޮށް އެ ކޯޓުގެ ބެންޗާ ކުޅުމަކީ ކޮށްގެންވާނެ ކަމެއް ނޫނެވެ. އަދި ބައިނަލްއަގުވާމީ މުޖްތަމައުން ވެސް މިކަން ކައިރިން ބަލައި މިއީ ސަރުކާރުން ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުން ކަމަށް އިދިކޮޅުން ދައްކާ ވާހަކައަށް ބާރުދިނުން ކަމަށް ފާހަގަކޮށްފައިވެ އެވެ.

ބިލުގައިވާ ގޮތުން، ބިލު ފާސްވެ ތަސްދީގު ކުރާތާ ފަސް ދުވަސް ތެރޭ ވަކިކުރާ ދެ ފަނޑިޔާރުންގެ ނަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން މަޖިލީހަށް ފޮނުވަން ޖެހެ އެވެ. އެހެންކަމުން، ބިލު ފާސްވެއްޖެ ނަމަ، އެ މައްސަލައިގެ ހުކުމެއް އައުމުގެ ކުރިން ދެ ފަނޑިޔާރުން މަގާމުން ވަކިކުރުމުގެ ފުރުސަތު ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހަށް ލިބިގެންދާނެ އެވެ.

މިއަދުގެ ޕީއެންސީ ޕީޖީ ގްރޫޕުގައި ގިނަ އަދަދެއްގެ މެންބަރުން ދެކޮޅަށް ވާހަކަ ދެއްކެވުމުން ރިޔާސަތުގައި އިންނެވި ޕީޖީ ލީޑަރު ފަލާހު ވޯޓަށް އެއްސެވި އެވެ. ނަމަވެސް އެ ވޯޓު ނަގާފައިވަނީ، މި ބިލަށް މެންބަރުންގެ ތާއީދު އޮތް ގޮތް ބެލުމަކަށް ނޫނެވެ. ބައެއް މެންބަރުން ވިދާޅުވި ގޮތުގައި، ފަލާހު ވޯޓަށް އެހި ގޮތުން އެ ހުށަހެޅުމާ ދެކޮޅަށް ވޯޓު ދިނުމަށް ބައެއް މެންބަރުން ފަސް ޖެހުނީ އެވެ.

"ފަހު ވަގުތު ފަލާހު ވޯޓަށް އެއްސެވީ، ސަރުކާރުން ބުނެފިއްޔާ އެގޮތަކަށް އަމަލު ކުރަން މެންބަރުން އެއްބަސްތޯ. ފަލާހު ވިދާޅުވީ، ސަރުކާރުގެ ނިންމުމަކީ ބިލު ބޭރުކޮށްލަން ކަމަށް ވެސް ވެދާނެ ކަމަށް. ގިނަ މެންބަރުން ސަރުކާރުން އަންގާ ގޮތަށް އަމަލު ކުރަން އެބަސްވި. އެކަމަކު ގިނަ މެންބަރުންގެ ރޫހު ހުރީ މި ބިލާ ދެކޮޅަށް،" ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރަކު ނަން ނުޖަހާ ގޮތަށް ވިދާޅުވި އެވެ.

މި ބައްދަލުވުމާ ގުޅިގެން ފަލާހުގެ ކޮމެންޓެއް ހޯދާލުމަށް އޭނާއަށް ގުޅުމުން ފޯނަށް ޖާވާބު ނުދެއްވާތީ އޭނާގެ ބަހެއް އަދި ނުލިބެ އެވެ.

މި ބިލާ ގުޅޭ ގޮތުން ސަރުކާރުން އަދި ރަސްމީކޮށް އެއްވެސް ވާހަކައެއް ދައްކާފައެއް ނުވެ އެވެ. މިކަމާ ގުޅޭ ގޮތުން ބަންޑާރަނައިބު އަހަމްދު އުޝާމްގެ ބަހެއް ހޯދާލުމަށް މަސައްކަތް ކުރި ނަަމަވެސް އޭނާގެ ކޮމެންޓެއް އަދި ލިބިފައެއް ނުވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް