ރާއްޖޭގެ އެންމެ މަތީ ކޯޓު، ސުޕްރީމް ކޯޓުގެ އިމާރާތް (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު 5 އަށް ބަދަލުކުރަން މަޖިލީހަށް ބިލެއް
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު ފަހަކަށް ބަދަލުކުރަން ކޯޓުތަކުގެ ގާނޫނަށް އިސްލާހެއް ހުށަހަޅައިފި އެވެ.
ވީ ކިހިނެއް؟ - ސުޕްރީމް ކޯޓު އެކުލެވިގެންވާ ގޮތް ބަދަލުކުރަން އެ ގާނޫނަށް މި އިސްލާހު ހުށަހެޅުއްވީ ވެރިކަންކުރާ ޕީއެންސީގެ މެމްބަރު ހޮޅުދޫ ދާއިރާގެ އަބްދުއްސައްތާރު މުހައްމަދު އެވެ. އޭނާ މި ބިލު ހުށަހެޅުއްވީ އަމިއްލަ ގޮތުންނެވެ.
ކޯޓުތަކުގެ ގާނޫނުގެ ފަސް ވަނަ މާއްދާއަށް އޭނާ ހުށަހެޅުއްވި އިސްލާހުގައި ވަނީ:
-
ސުޕްރީމް ކޯޓު އެކުލެވިގެންވާނީ އުއްތަމަފަނޑިޔާރާ އެކު ފަސް ފަނޑިޔާރުންގެ މައްޗަށް؛ މިހާރު ތިއްބަވަނީ ހަތް ފަނޑިޔާރުން
ތަފްސީލް - ސުޕްރީމް ކޯޓުގެ ބެންޗަށް މި ބަދަލު މި ގެންނަނީ އެ ކޯޓުގެ އެއްވެސް ފަނޑިޔާރަކު ބަދަލުކުރަން ނޫޅޭކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް މި ފަހުން ވިދާޅުވެފައި އޮއްވަ އެވެ. އެކަމަކު އެގޮތަށް ވިދާޅުވުމުގެ ފަހުން ސުޕްރީމް ކޯޓުގައި ބަންޑާރަނައިބަށް ވަނީ ނާކާމިޔާބީއެއް ކުރިމަތިވެފަ އެވެ.
ސަރުކާރު ހިންގާ ޕީއެންސީގެ ސުޕަ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލިހުން މިދިއަ ނޮވެމްބަރު މަހު ވަނީ ގާނޫނުއަސާސީއަށް އިސްލާހެއް ހުށައަޅައިފަ އެވެ. އެ އިސްލާހުގައިވާ ގޮތުން ރައްޔިތުންގެ މަޖލިހުގެ މެމްބަރުން ނިސްބަތްވާ ސިޔާސީ ޕާޓީން ވަކިވުން/ ޕާޓީ ބަދަލުކުރުން އަދި ޕާޓީން ވަކިކޮށްފި ނަމަ ގޮނޑި ގެއްލޭނެ އެވެ.
އެ އިސްލާހު ގާނޫނުއަސާސީއާ ހިލާފުވާ ކަމަށް ބުނެ، ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ގާނޫނީ ވަކީލް އަލީ ހުސެއިން ވަނީ ސުޕްރީމް ކޯޓަށް މައްސަލައެއް ހުށައަޅުއްވައިފަ އެވެ. އެ މައްސަލަ ފެށުމާ އެކު ބަންޑާރަނައިބުގެ ފަރާތުން ވަކާލާތުކުރެއްވީ އެއީ ސުޕްރީމް ކޯޓަށް ބެލޭނެ މައްސަލައެއް ނޫން ކަމަށެވެ.
ނަމަވެސް ފަނޑިޔާރުން ނިންމެވީ އެ މައްސަލަ ބެލޭނެ ކަމަށެވެ. އެހެންކަމުން ދެން އޮންނާނީ އަސްލު އެ މައްސަލައިގެ އަޑުއެހުންތައް ފެށުމެވެ.
މާދަމާ ފުރަތަމަ ކިއުން ބާއްވާ ގޮތަށް އެޖެންޑާގައި ހިމަނާފައިވާ ބިލްގައި އޮތީ:
-
ސުޕްރީމް ކޯޓު އެކުލެވިގެންވާނީ އުއްތަމަ ފަނޑިޔާރާ އެކު ފަސް ފަނޑިޔާރުންގެ މައްޗަށް
-
މި މާއްދާގެ ބޭނުމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު މަގާމުން ވަކިކުރެވޭނީ މަގާމަށް ގާބިލު ނޫން ކަމަށް ޖޭއެސްސީއަށް ގަބޫލުކުރެވިގެން މަޖިލީހަށް ހުށަހެޅުމުން ޖަލްސާގައި ބައިވެރިވި މެމްބަރުންގެ ތިންބައިކުޅަ ދެބައިގެ އަގުލަބިއްޔަތުން ފާސްވުމުން
-
މަގާމުން ވަކިކުރަން ޖޭއެސްސީން މަޖިލީހަށް ހުށަހަޅާ ނަންތައް ގާނޫނަށް އަމަލުކުރަން ފަށާތާ ފަސް ދުވަހުގެ ތެރޭގައި ހުށަހަޅަންވާނެ
-
ނަންތައް ހުށަހަޅާތާ ހަތް ދުވަހުގެ ތެެރޭގައި އެ ފަނޑިޔާރުން މަގާމުން ވަކިކުރުމާ މެދު މަޖިލީހުން ގޮތެއް ނިންމަންވާނެ
-
ފަނޑިޔާރުން ވަކިކުރުމާ އެކު ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކުން ކުރަން ޖެހޭ ކަންކަން ހަތް ދުވަހުގެ ތެރޭ ކޮށް ނިންމަންވާނެ
-
ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރެވޭ ފަނޑިޔާރުން ފިޔަވައި ދެން ތިބި ފަނޑިޔާރުންގެ މަގާމު ދެމިއޮންނާނެ
-
ވަކިކުރެވޭ ފަނޑިޔާރުންގެ އިނާޔަތްތަކާއި އިމްތިޔާޒުތައް ޖޭއެސްސީން ކަނޑައަޅާ ގޮތެއްގެ މަތިން ލިބިދޭންވާނެ