ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ޕާޓީއަށް ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލު ބާތިލްކުރަން ހުށަހެޅި މައްސަލައިގެ އަޑުއެހުމުގައި އަލީ ހުސައިން ވާހަކަ ދައްކަވަނީ --

އެއް ދުވަހުން ގާނޫނުއަސާސީ އިސްލާހުކުރުމުން އިޖުރާއަތް ގެންދިޔަ ކަމަކަށް ނުވާނެ: އަލީ ހުސައިން

ގާނޫނުއަސާސީ އިސްލާހުކުރުމުގެ އިޖުރާއަތްތައް ފުރިހަމަކޮށްގެން ރައްޔިތުންގެ މަޖިލީހުން ފާސްކުރާ އިސްލާހުތަކުގެ މައްސަލަ ބެލުމުގެ އިިހުތިސޯސެއް ސުޕްރީމް ކޯޓަށް ނުލިބޭނެ ކަމަށް ބުނެ ދައުލަތުން ނެގި އިޖުރާއީ އިއުތިރާޒަށް އަލީ ވަނީ ޖަވާބު ދެއްވާފައި
18 ފެބްރުއަރީ 2025

ގާނޫނުއަސާސީއަށް ގިނަ އިސްލާހުތަކެއް ގެންނަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ދުވަހު ފާސްކޮށް ތަސްދީގު ކުރުމުން ގާނޫނުއަސާސީ ތަސައްވުރުކުރާ އިޖުރާއަތް ފުރިހަމަވީ ކަމަށް ނުބެލެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިން މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިިހިނެއް؟ - ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮނޑި ގެއްލޭނެ ކަމަށް ގާނޫނުއަސާސީގައި ބަޔާންކުރާ މާއްދާއަށް އިތުރު ހާލަތްތަކެއް އިތުރުކޮށް ޕާޓީން މެންބަރު ވަކިކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގެނައި އިސްލާހުތައް ބާތިލްކުރަން އެދި ސުޕްރީމް ކޯޓަށް އަލީ ހުސައިން ހުށަހެޅުއްވި މައްސަލާގައި މިއަދު އަޑުއެހުމެއް ބޭއްވި އެވެ.

ގާނޫނުއަސާސީގެ 12 ވަނަ ބާބުގައި ބަޔާންކުރާ، ގާނޫނުއަސާސީ އިސްލާހުކުރުމުގެ އިޖުރާއަތްތައް ފުރިހަމަކޮށްގެން ރައްޔިތުންގެ މަޖިލީހުން ފާސްކުރާ އިސްލާހުތަކުގެ މައްސަލަ ބެލުމުގެ އިިހުތިސޯސެއް ސުޕްރީމް ކޯޓަށް ނުލިބޭނެ ކަމަށް ބުނެ ދައުލަތުން އިޖުރާއީ އިއުތިރާޒެއް ނެގި އެވެ.

އިޖުރާއަތް ފުރިހަމަކުރި ކަމަށް ދައުލަތް ތަމްސީލްކުރާ ބަންޑާރަ ނައިބުގެ ވަކީލުން ފާހަގަކުރާ އިރު އެ ގޮތަށް ދެކެންތޯ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރު ވަނީ އަލީ ހުސައިންއާ ސުވާލުކުރައްވައިފަ އެވެ. އިޖުރާއަތް ފުރިހަމަކުރި ކަމަށް ގަބޫލުނުކުރައްވާ ކަމަށް އަލީ ވިދާޅުވީ އެ ސުވާލުގެ ޖަވާބު ދެއްވަމުންނެވެ.

ބުނީ ކީކޭ؟ - "ބަލައި ބެލުމަކުން ފުރިހަމަކުރި ކަމަށް ހީވިޔަސް، އެއް ދުވަހެއްގައި ގާނޫނުއަސާސީއަށް ބޭނުންވާ އިސްލާހެއް ހުށަހަޅައި، ހަމަ އެ ދުވަހު މަޖިލީހުގައި ހިންގަން ޖެހޭ ބިލުގެ ތިން ކިޔުން ހިންގައި، ހަމަ އެ ދުވަހު މަޖިލީހުން ފާސްކޮށް، ހަމަ އެ ދުވަހު ގާތްގަނޑަކަށް ނުވަ ވަރަކަށް ގަޑިއިރުގެ ތެރޭގައި ތަސްދީގު ކުރީމަ އެއީ އިޖުރާއަތް ފުރިހަމަވި ކަމަކަށް ގަބޫލެއް ނުކުރަން. ގާނޫނުއަސާސީގެ މަފުހޫމަށް ބަލާއިރު،" އަލީ ހުސައިން ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ދެ ދައުރެއް ފުރިހަމަކޮށްފައިވާ މެންބަރު އަލީ ވިދާޅުވީ  ކޯޓުތަކަށް ނުބެލޭނެ މައްސަލަތައް ނޫނީ ނުނިންމޭނެ ކަންކަން ވެސް ހުންނާނެ ކަމަށެވެ.

"ސިޔާސީ، އިޖުތިމާއީ، އިގުތިސޯދީ މައްސަލައެއްގައި ގޮތެއް ނިންމުމުގެ އިހުތިސޯސެއް ނޯންނާނެ. ޓެކްސް ނަގާނީ ކިހާ ވަރަކަށްތޯ، މި ކަހަލަ ނިންމުންތަކެއް ނުނިންމޭނެ. އަޅުގަނޑުމެން ހުށަހަޅައިގެން މި އުޅެނީއެއް އެފަދަ މައްސަލައެއް ނޫން. އަޅުގަނޑުމެން މި ކުރަނީ ގާނޫނީ ސުވާލެއް. ދުސްތޫރީ ސުވާލެއް،" އަލީ ވިދާޅުވި އެވެ.

ގާނޫނުއަސާސީއަކީ ރައްޔިތުންގެ ވޯޓަކުން ރާއްޖޭގައި ހިންގާނީ ރިޔާސީ ނިޒާމުގެ ވެރިކަމެއް ކަމަަށް ކަނޑައަޅައި އޭގެ ސިފަތަކާއި އަސާސްތަކުގެ މައްޗަށް އެކުލަވާލާފައިވާ އޮނިގަނޑެއް ކަމަށް އަލީ ހުސައިން ވިދާޅުވި އެވެ.

"ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ އަސާސީ އޮނިގަނޑާ، ރިޔާސީ ނިޒާމުގެ ސިފަތަކާ ވެސް މި އިސްލާހުތައް ފުށުއަރާތޯ ނޫންތޯ ސުވާލަކީ. ދުސްތޫރީ މިފަދަ މައްސަލައެއް އުފެދުނީމައި އަޅުގަނޑުމެން ދެން ދާނެ ވަކި ކޯޓެއް ނޯންނާނެ [ސުޕްރީމް ކޯޓު ފިޔަވައި]. މި ދައްކަނީ ފެން ހިފޭ ވާހަކައެއްތޯ ނޫންތޯ ވެސް ނިންމޭނީ މައްސަލަ ބަލައިގެން،" އަލީ ވިދާޅުވި އެވެ.

"މާދަމާ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފާނެ މި ސުޕްރީމް ކޯޓު އުވާލަން. ދެން ކޮން ތާކަށްތޯ އަޅުގަނޑުމެން ދާނީ؟" ދައުލަތުގެ ނުކުތާއަކީ 'ހަމަޖެހޭ' ނުކުތާއެއް ނޫން ކަމަށް ފާހަގަކުރައްވަމުން އަލީ ހުސައިން ސުވާލު ކުރެއްވި އެވެ.

އެނގުން މުހިންމު - މައްސަލަ ބައްލަވަނީ ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ބެންޗުންނެވެ. ފަނޑިޔާރުން މިއަދު ނިންމެވީ ކޯޓުގެ އިހުތިސޯސާ މެދު ފަހުން ގޮތެއް ނިންމާ ގޮތަށް މައްސަލަ ކުރިއަށް ގެންދިޔުމަށެވެ. އަދި ދައުލަތަށް ޖަވާބު ލިޔުމުން ހުށަހެޅުމަށް 10 ދުވަހުގެ ފުރުސަތެއް ދޭން ނިންމައި މިއަދުގެ އަޑުއެހުން ނިންމައިލި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް