މަޖިލީހުގެ މެމްބަރުންގެ ގޮނޑިގެއްލޭގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހު ބާތިލުކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައާ ދެކޮޅަށް ބަންޑާރަ ނައިބުގެ އޮފީހުގެ ފަރާތުން ވަކީލު ފާތިމަތު ހަލީމް މިއަދު ކޯޓުގައި ވާހަކަދައްކަވަނީ
އިޖުރާއަތާ އެއްގޮތަށް ގާނޫނު އަސާސީއަށް ގެންނަ ބަދަލުތައް ސުޕްރީމް ކޯޓަކަށް ނުބެލޭނެ: އޭޖީ
އިޖުރާއަތާ އެއްގޮތަށް ގާނޫނު އަސާސީއަށް ގެންނަ ބަދަލުތަކުގެ މައްސަލަތައް އެއްވެސް ކޯޓަކުން ނުބެލޭނެ ކަމަށް އެޓާނީ ޖެނަރަލް (އޭޖީ) އޮފީހުން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - އޭޖީ އޮފީހުން މިގޮތަށް ބުނީ ޕާޓީ ބަދަލުކުރުމުން ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލޭގޮތަށް ގާނޫނު އަސާސީއަށް ގެނެސްފައިވާ އިސްލާހުތައް ބާތިލުކުރަން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައާ ދެކޮޅަށް ކޯޓުގައި ވަކާލާތުކުރަމުންނެވެ.
އެ މައްސަލައަކީ ސުޕްރީމް ކޯޓުގެ އިހުތިސާސް ތެރެއަށް ފެތޭ މައްސަލައަކަށް ނުވާތީ އެ ކޯޓަށް ބެލޭނެ މައްސަލައެއް ނޫން ކަމަށް ބުނެ އޭޖީ އޮފީހުގެ ފަރާތުން ވަނީ އިއުތިރާޒެއް ހުށަހަޅައިފަ އެވެ.
ބުނީ ކީކޭ؟ - ސުޕްރީމް ކޯޓުގައި މިއަދު 11 ޖެހިއިރު ފެށި އެ މައްސަލާގައި އޭޖީ އޮފީހުގެ ވަކީލު ފާތިމަތު ހަލީމް ވިދާޅުވީ އެ މައްސަލަ މަޖިލީހުގެ ކުރީގެ މެމްބަރު އަލީ ހުސެއިންގެ ފަރާތުން ހުށަހަޅާފައިވާ ގޮތަށް ދުސްތޫރީ މައްސަލައެއްގެ ގޮތުގައި އެ ކޯޓުގައި ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.
އޭނާ ވިދާޅުވީ:
-
ގާނޫނު އަސާސީގައި ބަޔާންކުރާ ގޮތުގެ މަތިން ގާނޫނު އަސާސީ އިސްލާހުކުރުމަކީ މަޖިލީހަށް ލިބިދޭ ބާރެއް
-
ގާނޫނު އަސާސީއަށް މަޖިލީހުން ބަދަލު ގެނެސްފައިވަނީ އެ މަޖިލީހުގެ ގަވާއިދުތަކުގެ އިޖުރާއަތުތައް ފުރިހަމަކޮށް އެ މަޖިލީހުގެ 78 މެމްބަރުންގެ ވޯޓުން
-
އަދި ރައީސް މުހައްމަދު މުއިއްޒު ވަނީ އެ ބިލު ދަސްދީގުކުރައްވާފައި
-
އެހެންކަމުން އެ އިސްލާހަކީ ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ އިޖުރާއަތާ އެއްގޮތަށް ގެނެސްފައިވާ އިސްލާހެއް
"މިހާރު ހުށަހެޅިފައިވާ މައްސަލައަކީ ސައްހަ މަގުން، މާނައަކީ އިޖުރާއަތުތައް ފުރިހަމަކޮށްފައި ނިންމާފައި އޮތް ނިންމުމެއް ކަމަށް ވާއިރުގައި އެފަދަ ހާލަތުގައި އެއްވެސް ކޯޓަކަށް ދެނެއް އެ މައްސަލަ ބެލިދާނެ ކަމަކަށް ގަބޫލެއްނުކުރަން،" ވަކީލު ފާތިމަތު ހަލީމް ވިދާޅުވި އެވެ.
މީގެ އިތުރުން އެ މައްސަލައަކީ ގާނޫނު އަސާސީގެ އެހެން މާއްދާތަކާ ތައާރަޒުވާ ކަމަށް ބުނެ ސުވާލު އުފައްދައިގެން ހުށަހަޅާފައިވާ މައްސަލައަކަށްވާ އިރު، އެގޮތަށް ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ސުޕްރީމް ކޯޓަށް މައްސަލައެއް ހުށައެޅޭނެ ކަމަށް ގަބޫލުނުކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭޖީ އޮފީހުގެ ފަރާތުން އެގޮތަށް ފާހަގަކުރާތީ ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުން ގިނަ ސުވާލުތަކެއް ރައްދުކުރި އެވެ. އެގޮތުން އެފަދަ މައްސަލައެއް ސުޕްރީމް ކޯޓަށް ނުބެލޭ ނަމަ ހައްގުތަކަށް އުނިކަން އަންނަ ގޮތަށް މަޖިލީހުން ނިންމާ ނިންމުންތައް ހިފައިގެން ރައްޔިތުން ދާނީ ކޮންތާކަށްތޯ ފަނޑިޔާރުން ސުވާލުކުރެއްވި އެވެ.
ވަކީލު ފާތިމަތު ހަލީމް ވިދާޅުވީ ގާނޫނު އަސާސީއާ ގުޅޭ އިޖުރާއީ މައްސަލަތައް ކޯޓުތަކަށް ބެލުނަސް މައުލޫއީ މައްސަލަތަކުގައި ކޯޓަށް ހުށަހަޅައިގެން ނުބެލޭނެ ކަމަށެވެ.
އޭނާ ވިދާޅުވީ ދުސްތޫރީ މައްސަލަތަކުގެ ތެރެއިން ވެސް ވަކި ހާއްސަ ހާލަތެއްގައި މެނުވީ މައްސަލައެއް ބެލުމުގެ އަސްލީ އިހްތިސާސް ނުލިބޭކަން ކޯޓުތަކުގެ ގާނޫނުން އެނގޭ ކަމަށެވެ. އެހެންކަމުން މިހާރު ކޯޓަށް ހުށަހެޅާފައިވާ އެ މައްސަލައަކީ އެފަދަ އިހްތިސާސްއެއް އެ ކޯޓަށް ލިބޭނެ މައްސަލައެއް ކަމަށް އޭޖީ އޮފީހުން ގަބޫލުނުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެއީ މި މައްސަލައަކީ ގާނޫނެއްގެ ބައެއް ނުވަތަ ގަވާއިދެއް ނުވަތަ ގަވާއިދެއްގެ ބައެއް ގާނޫނު އަސާސީއާ ހިލާފުވެގެން ހުށަހެޅިގެން ކުރިއަށްދާ މައްސަަލައެއް ނޫން. މި މައްސަލައަކީ ކުރިން ވެސް އަޅުގަނޑު ފާހަގަކުރިހެން ގާނޫނު އަސާސީގެ އެއް މާއްދާ އަނެއް މާއްދާ ފުށޫއަރާ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެއް،" އޭޖީ ވަކީލު ފާތިމަތު ހަލީމް ވިދާޅުވި އެވެ.
"މި މައްސަލައަކީ ގާނޫނު އަސާސީގެ 274 ވަނަ މާއްދާގައި ބުނާ ދުސްތޫރީ މައްސަލައިގެ ތައުރީފުގެ ތެރެއަށް ފެތޭ ބާވަތުގެ މައްސަލައެއް ކަމަށް މައްސަލަ ހުށަހަޅާފައިވާ ފޯމަށް ބަލައިލުމުން އެނގޭ،" ފާތިމަތު ހަލީމް ވިދާޅުވި އެވެ.
އެނގުން މުހިންމު - މިއަދު ސުޕްރީމް ކޯޓުގައި ފެށި މި މައްސަލާގައި އަލީ ހުސެއިންގެ ފަރާތުން އެދިފައި އޮތީ:
-
ގާނޫނު އަސާސީގެ 73 ވަނަ މާއްދާއަށް ގެނެސްފައިވާ އިސްލާހު ގާނޫނުއަސާސީގެ 4، 90، އަދި 75 ވަނަ މާއްދާއާ ފުށުއަރާތީ އެ އިސްލާހު ބާތިލުކޮށްދިނުމަށް
-
އެ އިސްލާހު ދެމިއޮތް މުއްދަތުގެ ތެރޭގައި މަޖިލީހުގެ މިހާރުގެ މެމްބަރުންގެ މައްޗަށް އެ އިސްލާހުގެ އެއްވެސް މާއްދާއެއް ނުހިނގާނެ ކަމަށް ކަނޑައަޅައިދިނުމަށް
ކޮމެންޓް (3)
މުހައްމަދު
ސިކުނޑި
ތެފައާސާ.