މަޖިލީހުގެ މެމްބަރުންގެ ގޮނޑިގެއްލޭގޮތަށް ގާނޫނު އަސާސީއަށް ގެނައި އިސްލާހު ބާތިލުކުރަން ސްޕްރީމް ކޯޓަށް ހުށަހެޅި ކުރީގެ މެމްބަރު އަލީ ހުސެއިންގެ ފަރާތުން މަހުފޫޒް ސައީދު މިއަދު ކޯޓުގައި ވާހަކަދައްކަވަނީ
ގޮނޑި ގެއްލޭ އިސްލާހުން މިހާރުގެ މެމްބަރުން ވަކިނުކުރެވޭނެ ގޮތް ހަދައިދޭން އެދިއްޖެ
ޕާޓީން ކަނޑާލުމުން ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުން ހިމެނޭ ގޮތަށް ގާނޫނުއަސާސީއަށް މި ފަހުން ގެނައި ބަދަލުތައް ބާތިލުކޮށްދިނުމާ އެކު، އެ އިސްލާހު މިހާރުގެ މެމްބަރުންގެ މައްޗަށް ނުހިނގާނެ ކަމަށް ނިންމައިދޭން އެ މައްސަލަ ހުށަހެޅުއްވި ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ގާނޫނީ ވަކީލު އަލީ ހުސައިން ސުޕްރީމް ކޯޓުގައި މިއަދު އެދިވަޑައިގެންފި އެވެ.
ވީ ކިހިނެއް؟ - ސަރުކާރުގެ މެޖޯރިޓީ އޮތް ޕީއެންސީން ގާނޫނުއަސާސީއަށް އެ އިސްލާހު ގެނައީ މިދިޔަ ނޮވެމްބަރު މަހު އެވެ. މަޖިލިހަށް ބިލް ވެއްދި ދުވަހު ފާސްކޮށް އަދި ރައީސް މުހައްމަދު މުއިއްޒު ތަސްދީގުކުރެއްވި އިސްލާހުގައި ހިމެނޭ އެންމެ ބޮޑު ބަދަލަކީ ސިޔާސީ ޕާޓީން މެމްބަރަކު ވަކިކުރިޔަސް ގޮނޑި ގެއްލުމެވެ. އެ އިސްލާހުތަކަކީ:
-
ޕާޓީއެއްގެ ޓިކެޓްގައި ވާދަކޮށް އިންތިހާބުވުމަށް ފަހު، އެ މެންބަރަކު ތަމްސީލުކުރާ ސިޔާސީ ޕާޓީން އަމިއްލައަށް ވަކިވުން
-
މެންބަރަކު ތަމްސީލު ކުރާ ސިޔާސީ ޕާޓީ ނޫން އެހެން ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވުން
-
މެންބަރަކު ނިސްބަތްވާ ސިޔާސީ ޕާޓީން ގާނޫނުގައި ބަޔާންކުރާ ގޮތުގެ މަތިން އެ މެންބަރަކު ޕާޓީން ވަކިކުރުން
-
އަމިއްލަ ގޮތުން ވާދަކޮށްގެން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވުމަށް ފަހު، އެ މެންބަރަކު ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި މަޖިލީހުގެ އުމުރުގެ ތެރޭގައި ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވުން
ތަފްސީލް - އެ އިސްލާހުތައް ބާތިލުކުރަން އަލީ ހުސެއިން ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ފުރަތަމަ އަޑުއެހުން މިއަދު 11 ޖެހިއިރު އެ ކޯޓުގައި ވަނީ ފަށައިފަ އެވެ.
މިއަދުގެ އަޑުއެހުމުގައި އަލީ ހުސެއިންގެ ފަރާތުން އެ ކޯޓުގައި އެދުނީ:
-
ގާނޫނު އަސާސީގެ 73 ވަނަ މާއްދާއަށް ގެނެސްފައިވާ އިސްލާހު ގާނޫނުއަސާސީގެ 4، 90، އަދި 75 ވަނަ މާއްދާއާ ފުށުއަރާތީ އެ އިސްލާހު ބާތިލުކޮށްދިނުމަށް
-
އެ އިސްލާހު ދެމިއޮތް މުއްދަތުގެ ތެރޭގައި މަޖިލީހުގެ މިހާރުގެ މެމްބަރުންގެ މައްޗަށް އެ އިސްލާހުގެ އެއްވެސް މާއްދާއެއް ނުހިނގާނެ ކަމަށް ކަނޑައަޅައިދިނުމަށް
ބުނީ ކީކޭ؟ - މިހާރުގެ މެމްބަރުންގެ މައްޗަށް އެ އިސްލާހު ނުހިނގާނެ ގޮތް ހަދައިދޭން އެދޭ ސަަބަބެއް ކަމަށް މައްސަލަ ހުށަހަޅުއްވަމުން އަލީ ހުސެއިންގެ ވަކީލު މަހުފޫޒް ސައީދު ވިދާޅުވީ އެއީ މިހާރުގެ މެމްބަރުން މަގާމަށް ހޮވުމުގެ ފަހުން އައި އިސްލާހަކަށް ވާތީ ކަމަށެވެ. މަހުފޫޒް ވިދާޅުވީ:
-
އެ އިސްލާހު ގެނައި އިރު އެ މެމްބަރަކީ މަޖިލީހަށް ކުރިމަތިލައިގެން ހޮވިފައިވާ މީހަކަށް ވުމުން އޭނާގެ މައްޗަށް އެ އިސްލާހު ހިންގުން އެއީ ކުރެވިގެންވާނެ ކަމެއް ނޫން
-
އޭނާ މަޖިލީހަށް ހޮވައިދޭށޭ ބުނެ ރައްޔިތުން ކުރިމައްޗަށް ދިޔަ އިރު މި އިސްލާހެއް ނެތް
-
އޭނާއަށް ވޯޓުދިން ރައްޔިތުން ވޯޓުދިނީ އޭނާއަކީ އެ ރައްޔިތުން ތަމްސީލުކުރުމަށް ފަސް އަހަރު ދުވަހުގެ މުއްދަތަށް މަޖިލީހުގައި އިންނާނެ މީހާ ކަމަށް ބަލައިގެން
"މި އިސްލާހަކީ އޭނާ ހޮވުނުއިރު ތަސައްވުރު ކުރެވިފައިވާ އިސްލާހެއް ނޫން. އެހެންވީމާ މި ސަބަބަށްޓަކައި އޭނާ މަޖިލީހަށް އިންތިހާބުވީ ފަހުން ގެނައި ބަދަލެއްގެ އަސަރު އޭނާގެ މައްޗަށް ހިނގައިގެން ނުވާނެ،" މަހުފޫޒް ވިދާޅުވި އެވެ.
އެ އިސްލާހު ބާތިލުކޮށްދިނުމަށް އެދެމުން މަހުފޫޒު ވިދާޅުވީ އެ އިސްލާހުގެ ސަބަބުން ރައްޔިތުންނަށް ގާނޫނުއަސާސީން ލިބިދީފައިވާ ބާރު ކުޑަވެފައިވާ ކަމަށެވެ.