20 ވަނަ މަޖިލިސް ހުވާ ކުރުމުގެ ރަސްމިއްޔާތަށް ޕީއެންސީގެ ބައެއް މަޖިލިސް މެންބަރުން މަޖިލިސް އިދާރާއަށް ވަޑައިގަންނަވަނީ (ފައިލް ފޮޓޯ/ ނިޝާން އަލީ، މިހާރު)

ޕީއެންސީ

ދެ ފަނޑިޔާރުން ވަކިކުރާ އިސްލާހާ ޕީއެންސީގެ ބައެއް މެންބަރުން ދެކޮޅު

މެންބަރުން ފާހަގަ ކުރެއްވި ގޮތުގައި މި ބިލަކީ، ޕީއެންސީގެ ޕީޖީގައި މަޝްވަރާ ކުރުމެއް ނެތި ހުށަހެޅި ބިލެއް އަދި މިއީ ސަރުކާރުގެ ތާއީދާއެކު ހުށަހެޅި ބިލެއްތޯ ވެސް ސާފު ކުރަން އެދިފައިވޭ

ސުޕްރީމް ކޯޓުެ ބެންޗުގައި ދެ ފަނޑިޔާރުން ވަކިކުރާ ގޮތަށް ގާނޫނަށް މަޖިލީހަށް ހުށަހެޅި ބިލާމެދު ވެރިކަން ކުރާ މައި ޕާޓީ، ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕް (ޕީޖީ)ގެ ބައެއް މެންބަރުންގެ ދެކޮޅުކަން 'ދައުރު'އަށް އެނގިއްޖެ އެވެ.

ވީ ކިހިނެއް؟ - ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަހަކަށް ބަދަލު ކުރުމަށް ކޯޓުތަކާ ބެހޭ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ހޮޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުއްސަތާރެވެ. ބިލުގައިވާ ގޮތުން މި ބިލަކީ، އޭނާ އަމިއްލަ ހައިސިއްޔަތުން ހުށަހެޅުއްވި ބިލެކެވެ.

ތަފްސީލު - 'ދައުރު'އާ ވާހަކަ ދެއްކެވި ޕީއެންސީގެ ބައެއް މަޖިލިސް މެންބަރުން ވަނީ މި ބިލާ ދެކޮޅަށް ވާހަކަ ދައްކަވައިފަ އެވެ. އަދި ޕީއެންސީގެ ވަޓްސްއެޕް ގްރޫޕުގައި ވެސް ބައެއް މެންބަރުން އެ ބިލާ ދެކޮޅުކަމަށް ވިދާޅުވެ، މެސެޖު ކުރިކަން 'ދައުރު'އަށް އެނގިފައިވެ އެވެ.

ބައެއް މެންބަރުން ކަންބޮޑުވުން ފާޅުކޮށްފައިވަނީ، ޕީއެންސީގެ ޕީޖީގައި މަޝްވަރާ ކުރުމެއްނެތި މިފަދަ ބިލެއް ޕީއެންސީގެ މަޖިލިސް މެންބަރަކު ހުށަހެޅުއްވުމުންނެވެ. އަދި ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ބެންޗުން މިހާރު ބަލަން ފަށާފައިވާ މެންބަރުންގެ ގޮނޑި ގެއްލޭ އިސްލާހު ކުރިމަތީގައި އޮއްވާ ދެ ފަނޑިޔާރަކު ވަކިކުރާ ގޮތަށް ބިލު  ހުށަހެޅުމުން، އެ މެންބަރުން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. އެ މެންބަރުން ދެކެވަޑައިގަންނަވާ ގޮތުގައި އެ މައްސަލަ ކުރިއަށްދަނިކޮށް މިފަދަ ބިލެއް ހުށަހެޅުމަކީ، ރަނގަޅު ކަމެއް ނޫނެވެ.

"އަޅުގަނޑެއް ހަމަ ގައިމު ވެސް އެ ބިލަށް ވޯޓެއް ނުދޭނަން،" 'ދައުރު'އާ މިއަދު ވާހަކަ ދެއްކެވި ޕީއެންސީގެ މަޖިލިސް މެންބަރަކު ވިދާލުވި އެވެ.

މި ބިލަކީ، ސަރުކާރުގެ ބިލެއްތޯ ނުވަތަ ސަރުކާރުގެ ތާއީދާއެކު ހުށަހެޅި ބިލެއްތޯއާމެދު ވެސް ބައެއް ވަޓްސްއެޕް ގްރޫޕޫގައި ސުވާލު އުފައްދާފައިވެ އެވެ. އަދި އެކަން ސާފު ކުރުމަށް ބައެއް މެންބަރުން އެދުނެވެ. އޭގެ އިތުރުން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ވެސް މިފަދަ ގޮތަކަށް އޭރު ސުޕްރީމް ކޯޓުގެ ބެންޗަށް ބަދަލު ގެނައުމަށް މިފަދަ އިސްލާހެއް ގެނައިކަން ބައެއް މެންބަރުން ފާހަގަ ކުރި އެވެ.

މި ބިލާ ގުޅޭ ގޮތުން ޕީއެންސީގެ ޕީޖީ އަދި ސަރުކާރުގެ ސްޓޭންޑް ސާފު ކުރުމަށް މަސައްކަތް ކުރި ނަމަވެސް އަދި ރަސްމީކޮށް ޖަވާބެއް ލިބިފައެއް ނުވެ އެވެ.

ފާހަގަކޮށްލެވޭ ކަމެއް - ޔާމީންގެ ސަރުކާރުގައި ގާނޫނަށް އިސްލާހު ގެނެސްގެން އޭރު ހަތް ފަނޑިޔާރުން ތިބި ސުޕްރީމް ކޯޓުގެ ބެންޗު ފަސް ފަނޑިޔަރުންނަށް ބަދަލު ކުރި އެވެ. އެއާ އެކު އޭރު އެ ކޯޓުގެ އޭރުގެ ފަނޑިޔާރު އަދި މިހާރު އުއްތަމަފަނޑިޔާރު މުއްތަސިމް އަދުނާން އާއި އޭރުގެ އުއްތަމަފަނޑިޔާރު އަހްމަދު ފާއިޒު ހުސައިންގެ މަގާމުން ވަކިކުރި އެވެ. އަލުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކަށް ބަދަލު ކުރީ މިދިޔަ އެމްޑީޕީ ސަރުކާރުގައި އޭރު އޮތް 19 ވަނަ މަޖިލީހުން ގާނޫނު އިސްލާހުކޮށްގެންނެވެ.

ޕީއެންސީ މެންބަރު އަބްދުއްސައްތާރު މި ބިލު މަޖިލީހަށް ހުށަހަޅާފައި މި ވަނީ، ފަނޑިޔާރުން ވަކިކުރުމަށްޓަކައި މައްސަލަތަކެއް މަޖިލީހަށް ހުށަހެޅުމަށް އިއްޔެ ޕީޖީގެ ލީޑާޝިޕުން ކޮމިޓީތަކުގެ މުގައްރިރު/ނައިބުންނާ އެކު ބޭއްވި ބައްދަލުުވުމުގައި އެ މެންބަރުން އެކަމާ ދެކޮޅު ހަދާފައިވަނިކޮށެވެ. އޭގެ އިތުރުން، އިއްޔެ ރައީސް މުހައްމަދު މުއިއްޒު ވަނީ ޖޭއެސްސީގައި އެމަނިކުފާނު އައްޔަން ކުރައްވާފައިވާ އަހްމަދު ސަމީރު ވަކިކޮށް، އެ މަގާމަށް އާ ބޭފުޅަކު ހަމަޖައްސަވާފަ އެވެ.

ކޮމެންޓް (1)

ކޮސް

24 ފެބްރުއަރީ 2025
ދެބޯގެރި ދުއްވަން އުޅޭނެކަމެއްނެތް!!!.މިއީ ސީދާ މުއިއްޒުގެ އޯޑަރަށް ކުރިކަމެއް.
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް