ޖޭއެސްސީއަށް މިއަދު އައްޔަން ކުރެއްވި ޔަޒްމީދު މުހައްމަދުއާ މަގާމުގެ ފަތްކޮޅު ރައީސް މުހައްމަދު މުއިއްޒު ހަވާލުކޮށްދެއްވަނީ (ފޮޓޯ/ރައީސް އޮފީސް)

ޖޭއެސްސީގައި އިންނަވާ ރައީސްގެ މެމްބަރު ބަދަލުކުރައްވައިފި

މި މަގާމުގައި ހުންނެވި މުހައްމަދު ސަމީރު ވަކިކުރައްވާ މިއަދު އެ މަގާމަށް އައްޔަންކުރެއްވީ ޕީޕީއެމް/ޕީއެންސީގައި ވަރަށް ހަރަކާތްތެރިކޮށް އުޅުއްވާ ޔަޒްމީދު މުހައްމަދު

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގައި ރައީސްގެ މެމްބަރުގެ ގޮތުގައި އިންނަވާ މެމްބަރު މުހައްމަދު ސަމީރު ވަކިކުރައްވައި އެ މަގާމަށް އާ ބޭފުޅަކު މިއަދު އައްޔަންކުރައްވައިފި އެވެ.

ވީ ކިހިނެއް؟ - ޖޭއެސްސީއަށް ރައީސް އައްޔަންކުރައްވާ މެމްބަރުގެ ގޮތުގައި އަލަށް އައްޔަންކުރެއްވީ ޔަޒްމީދު މުހައްމަދު އެެވެ. އެ މަގާމަށް އޭނާ އައްޔަންކުރެއްވީ މިއަދު މެންދުރުފަހު ރައީސް އޮފީހުގައި އޮތް ރަސްމިޔާތެއްގައި އެވެ. 

ބުނީ ކީކޭ؟ - ރައީސް އޮފީހުން ބުނީ މި ރަސްމިޔާތުގެ ކުރިން ރައީސްގެ މެމްބަރުގެ ގޮތުގައި ޖޭއެސްސީގައި ހުންނެވި ސަމީރު ވަކިކުރައްވާފައިވާ ކަމަށެވެ. އޭނާ ވަކިކުރެއްވި ސަބަބެއް ރައީސް އޮފީހުން ހާމައެއްނުކުރެ އެވެ.

ޔަޒްމީދަކީ ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި މިދިޔަ މަޖިލިސް އިންތިހާބުގައި ވެސް ވާދަކުރެއްވި ބޭފުޅެކެވެ. އޭނާ ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެމްބަރުކަން ވެސް ކުރައްވައިފަ އެވެ.

ފާހަގަކޮށްލެވޭ ކަމެއް - ޖޭއެސްސީގައި އިންނަވާ ރައީސްގެ މެމްބަރު ބަދަލުކުރައްވާފައި މިވަނީ ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުންގެ މައްސަލަތަކެއް ބަލަން އުޅޭ ކަމުގެ އަޑުތަކެއް ފެތުރިފައި ވަނިކޮށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް