ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ). (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)
ސުޕްރީމް ކޯޓު ފަނޑިޔާރެއްގެ މައްސަލައެއް ޖޭއެސްސީއަކު އަދި ނެތް
ސުޕްރީމް ކޯޓުގެ އެއްވެސް ފަނޑިޔާރެއްގެ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން މި ވަގުތު ބަލަމުން ނުދާކަން އެނގިއްޖެ އެވެ.
ވީ ކިިހިނެއް؟ - އިންތިހާބުވާ ޕާޓީން ވަކިވުމުން ނުވަތަ ވަކިކުރުމުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލުތައް ބާތިލްކުރަން ހުށަހެޅި މައްސަލަ އަންނަ ހޯމަ ދުވަހަށް ތާވަލުކޮށްފައި ވަނިކޮށް ފަނޑިޔާރުންތަކެއް ވަކިކުރަން އުޅޭ ކަމުގެ އަޑު ވަނީ ފެތުރިފަ އެވެ. އެ މައްސަލަ ބަލަނީ ސުޕްރީމް ކޯޓުގެ ފުލް ބެންޗުންނެވެ.
އިދިކޮޅު އެމްޑީޕީން ތުހުމަތުކުރަނީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ވަކިކޮށް، ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި މި ވަގުތު ތިއްބެވި ބޭފުޅުން ސުޕްރީމް ކޯޓު ފަނޑިޔާރު ކަމަށް އައްޔަންކުރަން ވެގެން އުޅޭ ކަމަށެވެ. މަޖިލީހުގެ ކުރީގެ މެންބަރު، ގާނޫނީ ވަކީލު އަލީ ހުސައިން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައަށް އެމްޑީޕީން ތަދައްހުލްވެފައިވެ އެވެ.
ތަފްސީލް - ގާނޫނު އޮންނަ ގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރަކު ވަކިކުރެވޭނީ ޖޭއެސްސީން މައްސަލައެއް ބެލުމަށް ފަހު ވަކިކުރަން ނިންމައި ރައްޔިތުންގެ މަޖިލީހަށް ފޮނުވައިގެންނެވެ.
އެހެންވެ، ޖޭއެސްސީން ސުޕްރީމް ކޯޓުގެ އެއްވެސް ފަނޑިޔާރެއްގެ މައްސަލަ ބަލަމުންދޭތޯ ނުވަތަ ނޫންތޯ ޔަގީންކުރުމަށް 'ދައުރު'ން ކުރި މަސައްކަތުގެ ތެރެއިން އެ ކޮމިޝަނުގައި ތިއްބަވާ ބައެއް މެންބަރުން ވަނީ އެފަދަ މައްސަލައެއް ކޮމިޝަނުގައި އަދި ނެތް ކަމަށް ވިދާޅުވެފަ އެވެ.
އެނގުން މުހިންމު - ޖޭއެސްސީގެ ގަވާއިދު ބުނާ ގޮތުން އެ ކޮމިޝަނުން ހާމަކުރާނީ މައްސަލަތަކުގެ ތެރެއިން ފަނޑިޔާރެއްގެ މައްޗަށް މައްސަލައެއް ސާބިތުވުމުން އެކަންޏެވެ.
އެއީ ފަނޑިޔާރުންގެ ޖަމިއްޔާއިން ލޮބީކުރުމުން 2023 ވަނަ އަހަރު ކޮމިޝަނުން ގަވާއިދަށް ގެނައި ބަދަލެކެވެ. އޭރު ކޮމިޝަނުގެ ރައީސަކީ ތުޅާދޫ ދާއިރާގެ ކުރީގެ މެންބަރު އަދި މިހާރު އެމްޑީޕީގެ ނައިބު ރައީސް ހިސާން ހުސައިނެވެ.
ފާހަގަކޮށްލެވޭ ކަމެއް - މީގެ ކުރިން ވެސް ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުކުރަން ސަރުކާރުން މަސައްކަތްކުރާ ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ތުހުމަތުކުރެއްވުމުން، ބަންޑާރަ ނައިބު އަހުމަދު އުޝާމް ވަނީ އެ ވާހަކަތައް ދޮގުކުރައްވައިފަ އެވެ. ބަންޑާރަ ނައިބުގެ ހައިސިއްޔަތުން އުޝާމް ވެސް ޖޭއެސްސީގައި އިންނަވަ އެވެ.
މި ވަގުތު ސުޕްރީމް ކޯޓުގައި ތިއްބެވި ފަނޑިޔާރުންނަކީ ކުރީ ސަރުކާރުގެ ދުވަސްވަރު މަޖިލީހުން ރުހުން ދީގެން އައްޔަންކޮށްފައިވާ ފަނޑިޔާރުންނެވެ.