29 ޖެނުއަރީ 2024: ސުޕްރީމް ކޯޓް. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީ އިސްލާހު ކުރި މައްސަލަ: އެމްޑީޕީ އާއި ޑިމޮކްރެޓްސް ތަދައްހުލްވާން ހުއްދަ ދީފި

މި މައްސަލަ ސުޕްރީމް ކޯޓުން ބައްލަވާނީ ހަތް ފަނޑިޔާރުންގެ ފުލް ބެންޗުން، ބެންޗުގެ ރިޔާސަތަކީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސީމް އަދުނާން
30 ޖެނުއަރީ 2025

ޕާޓީން ވަކިވުމުން ނުވަތަ ކަނޑާލުމުން ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުން ހިމެނޭ ގޮތަށް ގާނޫނުއަސާސީއަށް މި ފަހުން ގެނައި ބަދަލުތައް ބާތިލުކުރަން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަށް ތަދައްހުލްވާން އިދިކޮޅު އެމްޑީޕީއާއި ޑިމޮކްރެޓްސްއަށް އެ ކޯޓުން ހުއްދަ ދީފި އެވެ.

ވީކިހިނެއް؟ - ވެރިކަންކުރާ ޕީއެންސީގެ ސުޕަ މެޖޯރިޓީން ފާސްކުރި އިސްލާހުތަކުގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ގާނޫނީ ވަކީލު އަދި މަޖިލީހުގެ ކުރީގެ މެންބަރު އަލީ ހުސައިނެވެ. މިދިޔަ 24 ނޮވެމްބަރުގައި ހުށަހެޅި މައްސަލައަށް ތަދައްހުލްވާން އެމްޑީޕީއާއި ޑިމޮކްރެޓްސްއިން އެދުނީ ވެސް ހަމަ އެ ދުވަހު އެވެ.

ތަފްސީލް - 'ދައުރު'އަށް އެނގިފައިވާ ގޮތުގައި އެމްޑީޕީއާއި ޑިމޮކްރެޓްސްއަށް ވެސް ވަނީ ތަދައްހުލްވުމުގެ ހުއްދަ ދީ، އޭގެ ލިޔެކިޔުންތައް ކޯޓަށް ހުށަހަޅަން ފުރުސަތު ދީފަ އެވެ. އަދި ލިޔެކިޔުންތައް ހުށަަނާޅާ ކަމަށް ވެ އެވެ.

މި މައްސަލަ ސުޕްރީމް ކޯޓުން ބައްލަވާނީ ހަތް ފަނޑިޔާރުންގެ ފުލް ބެންޗުން ކަމަށް ވެސް އެނގިފައިވެ އެވެ. ބެންޗުގެ ރިޔާސަތަކީ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސީމް އަދުނާނެވެ. މައްސަލައިގެ ފުރަތަމަ އަޑުއެހުން ބާއްވާނެ ދުވަހެއް އަދި ޝެޑިއުލްކޮށްފައި ނުވާއިރު، ބައެއް ފަނޑިޔާރުން މި ވަގުތު ޗުއްޓީގައި ތިބި ކަމަށް ވެސް މައުލޫމާތު ލިބެ އެވެ.

ފާހަގަކޮށްލެވޭ - އަލީ ހުސައިން ކޯޓަށް ހުށަހެޅުއްވީ، ރައްޔިތުންގެ މަޖިލީހުން ގާނޫނުއަސާސީ އިސްލާހުކުރީ ގާނޫނުއަސާސީގެ 4، 8، 26، 75 އަދި 90 ވަނަ މާއްދާއާ ހިލާފަށް ކަމަށް ކޯޓުން ކަނޑައަޅައިދިނުމަށެވެ. އެގޮތުން:

  • 4 ވަނަ މާއްދާގައި ބުނަނީ، ދިވެހި ދައުލަތުގެ އެންމެހާ ބާރުތައް ފެށިގެން އަންނަނީ އަދި މި ބާރުތައް ދެމިއޮންނާނީ ރައްޔިތުންގެ ކިބައިގައި

  • 8 ވަނަ މާއްދާގައި ބުނަނީ ދިވެހި ދައުލަތުގެ އެންމެހާ ބާރުތައް ހިންގަންވާނީ ގާނޫނުއަސާސީގައިވާ ގޮތުގެ މަތިން

  • 26 ވަނަ މާއްދާގައި އޮންނަނީ ވޯޓު ދިނުމާއި އިންތިހާބުތަކަށް ކުރިމަތިލުމުގެ ހައްގުތައް

  • 75 ވަނަ މާއްދާގައި އޮންނަނީ މަޖިލީހުގެ މެންބަރު މަސައްކަތުގައި ރިއާޔަތްކުރަން ޖެހޭ ކަންކަން؛ އެގޮތުން، އެއްވެސް ކަހަލަ ޒާތީ މަސްލަހަތެއް އިސްކޮށްގެން ނުވާނެ ކަމަށާއި އިސްކުރަންވާނީ ގައުމީ އަދި ދިވެހިންގެ މަސްލަހަތު

  •  90 ވަނަ މާއްދާގައި ބުނަނީ މަޖިލީހުގެ މެންބަރަކު ތަޅުމާއި ކޮމިޓީގައި ދައްކާ ވާހަކައަކާ ގުޅިގެން ނުވަތަ ވޯޓު ދޭ ގޮތަކާ ގުޅިގެން އެއްވެސް ފިޔަވަޅެއް ނޭޅޭނެ

ފަސްމަންޒަރު - ގާނޫނުއަސާސީއަށް ބަދަލުތަކެއް ގެނައުމަށް މިދިޔަ 20 ނޮވެމްބަރުގައި ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދެވެ.

އެގޮތުން، ހެނދުނު ބިލުގެ ފުރަތަމަ ކިޔުން އިއްވައި އިބްތިދާއީ ބަހުސް ކުރިއަށް ގެންދިއުމަށް ފަހު، މެންދުރުފަހު މުޅި މަޖިލީހުގެ ކޮމިޓީން ބިލުގެ މަސައްކަތް ނިންމައި ފާސްކުރި އެވެ. އެ ދުވަހު ހަވީރު ވަކި ޖަލްސާއެއް ފަށައި ތަޅުމުން ބިލު ފާސްކުރުމަށް ފަހު، އިރުއޮއްސެންވާއިރަށް ރައީސް މުހައްމަދު މުއިއްޒު ބިލު ތަސްދީގު ކުރެއްވި އެވެ.

އެނގުން މުހިންމު - ގާނޫނުއަސާސީއަށް ގެނައި އެންމެ ބޮޑު ބަދަލަކީ މެންބަރުކަން ގެއްލޭ ހަތަރު ހާލަތެއް ބަޔާންކުރުމެވެ. އެއީ:

  • ޕާޓީއެއްގެ ޓިކެޓްގައި ވާދަކުރައްވައި އިންތިހާބުވެވަޑައިގަތުމަށް ފަހު، އެ މެންބަރަކު ތަމްސީލުކުރައްވާ ސިޔާސީ ޕާޓީން އަމިއްލައަށް ވަކިވެވަޑައިގަތުން

  • މެންބަރަކު ތަމްސީލު ކުރައްވާ ސިޔާސީ ޕާޓީ ނޫން އެހެން ސިޔާސީ ޕާޓީއެއްގެ މެންބަރަކަށްވެވަޑައިގަތުން

  • މެންބަރަކު ނިސްބަތްވެވަޑައިގަންނަވާ ސިޔާސީ ޕާޓީން ގާނޫނުގައި ބަޔާންކުރާ ގޮތުގެ މަތިން އެ ބޭފުޅާ ޕާޓީން ވަކިކުރުން

  • އަމިއްލަ ގޮތުން ވާދަކުރައްވައިގެން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެވަޑައިގަތުމަށް ފަހު، އެ މެންބަރަކު ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވެވަޑައިގެންނެވި މަޖިލީހުގެ އުމުރުގެ ތެރޭގައި ސިޔާސީ ޕާޓީއެއްގެ މެންބަރަކަށްވެވަޑައިގަތުން

ދެން ގެނައި އިސްލާހުތަކަކީ:

  • މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަގުލަބިއްޔަތުން ފާސްކޮށްގެން ނޫނީ އަސްކަރީ ބޭނުމަށް ބޭރުގެ ބަޔަކަށް ރާއްޖޭގެ ތަނެއް ދީގެން ނުވާނެ

  • ޖުމްލަ މެންބަރުންގެ އަގުލަބިއްޔަތުން ފާސްކޮށްގެން ނޫނީ އަސްކަރީ ބޭނުމަށް ބޭރުގެ ސިފައިން އެއްވެސް ސިފައެއްގައި ހަރަކާތްތެރިވުމަށް ހުއްދަ ދީގެން ނުވާނެ

  • ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް އިކޮނޮމިކް ސްޕެޝަލް ޒޯނުގެ ސަރަހައްދު ހިމަނައި އެއަށް ބަދަލެއް ގެނެވޭނީ މަޖިލީހުގެ ޖުމުލަ މެންބަރުންގެ 3/4 މެޖޯރިޓީން ފާސްކޮށްގެން

  • ގައުމީ ތަރައްގީގެ ޕްލޭން އެކަށައެޅުން، ރައީސްއަށް ލިބިވަޑައިގަންނަވާ ބާރުތަކުގެ ތެރޭގައި ހިމެނުން

އިތުރު އާޓިކަލް

އިތުރު އާޓިކަލް